އަޒްމިރަލްދާގެ ތުހުމަތު: ފިރިމީހާގެ މައްސަލަ ބޭނުންކޮށްގެން ސަރުކާރުން އުޅެނީ ނުފޫޒު ފޯރުވަން

ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިމީހާ ހައްޔަރުކުރި މައްސަލައެއް ބޭނުންކޮށްގެން، ސަރުކާރުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް، ސަސްޕެންޝަނުގައި ހުންނެވި އަޒްމިރަލްދާގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފިއެވެ.

ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑުކުރީ މިދިޔަ ބުދަ ދުވަހެވެ.

އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ބަލާ ޖޭއެސްސީން ބުނެފައިވާ ގޮތުގައި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

އެ ބޭފުޅުން ސަސްޕެންޑުކުރިއިރު، ސޯޝަލް މީޑިއާގައިވަނީ، އަޒްމިރަލްދާ ސަސްޕެންޑުކުރީ އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުން ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވެފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން އިސްމާއީލް ލަތީފް އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މަސާޖު ކުރާ ތަނެއްގައި، އެ ޚިދުމަތް ހޯދަން ހުއްޓާ ފުލުހުން ވަދެ އެ ތަނުގައި ތިބި އެންމެން ހައްޔަރުކުރިއިރު އޭނާ ވެސް ހައްޔަރުކުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާ އެއްވެސް ކުށެއް ކުރިކަން ނުދެކޭ ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ބުނި ކަމަށާއި ފަނޑިޔާރު އަޒްމިރަލްދާ އެ މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަޒްމިރަލްދާގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނުގައިވަނީ، ޑރ. އިސްމާއީލްގެ ބަންދުން ދޫކުރުވުމަށް އޭނާ އެއްވެސް ފަނޑިޔާރަކަށް ގުޅައި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވައިފައި ނުވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅުވައި އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ފަރާތްތަކަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތްކޮށްފައިވާ ކަމަށް ގާނޫނީ ޓީމުން ތުހުމަތުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މިދިޔަ ބުރާސްފަތު ދުވަހު އޭސީސީއަށް އަޒްމިރަލްދާ މައްސަލައެއް ހުށަހެޅުއްވި ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އޭސީސީން އަންގާރަ ދުވަހު ފަނޑިޔާރަށް ދީފައިވާ ޖަވާބަކީ، އެ 'ޝަކުވާގައި ބަޔާންކޮށްފައި ކަންކަމުގެ ތެރޭގައި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައި ދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ފާހަގަކުރެވިފައިނުވާ" ކަމަށާއި އެ މައްސަލައިން ކޮރަޕްޝަނުގެ ކުށެއް ފާހަގަނުކުރެވޭތީ މައްސަލަ ރަޖިސްޓްރީ ނުކުރަން ނިންމައިފައިވާކަން ކަމަށް ގާނޫނީ ޓީމުން ބުންޏެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން އަޒްމިރަލްދާގެ މައްޗަށް ހަގީގަތާ ޚިލާފު ދޮގު ތުހުމަތުތަކެއްކޮށް، ސަސްޕެންޑުކޮށް، ދައުލަތުގެ އެކި މުއައްސަސާތަކުން އިޖުރާއަތުތަކެއް ހިންގަމުންދާއިރު އެކަމާ ގުޅިގެން މުއައްސަސާތަކަށް އޭނާ ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެއްވެސް މުއައްސަސާއަކުން އެ މުއައްސާސާގެ ގާނޫނީ ޒިންމާ އަދާނުކުރާ ކަމަށް އަޒްމިރަލްދާގެ ފަރާތުން ބުނެފައިވެއެވެ. އަދި އޭސީސީން ބަލަމުންދާ މައްސަލައިގެ މައުލޫމާތު ހޯދުމަށް އެ ކޮމިޝަނަށް ލިޔުމުން ހުށަހެޅުމުން ވެސް މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށް ބަޔާނުގައިވެެއެވެ.

"އެހެންކަމުން އަސާސެއް އޮތް ތަހުގީގެއް އެ ކޮމިޝަނުން ކުރައްވާ ކަމާމެދު ސުވާލު އުފެދެއެވެ." ގާނޫނީ ޓީމުން ބުންޏެވެ.

އެހެންވެ، ފަނޑިޔާރަށް އެ މައްސަލަތަކުގައި އިންސާފު ހޯދަން ހުރަސްއެޅިފައިވާ ކަމަށް ބުނެ، އެ މައްސަލަތަކުގައި މުއައްސަސާއަތަކާއި ދައުލަތް ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން ގާނޫނުގެ ވެރިކަމަށް ރުޖޫއަވެ، ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރުމަށް ބަޔާނުގައިވެއެވެ.

އަޒްމިރަލްދާ އެ ތުހުމަތުތައް ކުރެއްވިއިރު، ހުސްނުއްސުއޫދު ވެސް ފަނޑިޔާރުން އިސްތިއުފާ ދެއްވީ ސަރުކާރާއި ކޮމިޝަންތަކުގައި އިސް ބޭފުޅުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރައްވަމުންނެވެ.

https://sun.mv/203312

ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ، ސަރުކާރުން މަސައްކަތް ކުރަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ހުށަހަޅައިފައިވާ މައްސަލަ ސަރުކާރުން ބޭނުންވާ ގޮތަކަށް ނިންމަން ބާރު ފޯރުވަން ކަމަށެވެ. އެގޮތުން ނުފޫޒު ފޯރުވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އޭސީސީއާއި ޖޭއެސްސީގެ ރައީސުން ކަމަށް ވިދާޅުވެފައެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ވެސް، ސުޕްރީމް ކޯޓުގެ މުޅި ބެންޗުން ބަލަމުން ދިޔަ އެ މައްސަލައިގެ ވަގުތީ އަމުރެއް ނެރުމަށް ވެސް ބުދަ ދުވަހު 11:00އަށް ތާވަލުކޮށްފައި ވަނިކޮށް، އެ އަޑުއެހުން ބޭއްވުމުގެ ކުރިންނެވެ.

މީގެ އިތުރުން ހަމަ އެ ދުވަހު ހެނދުނު މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރުމަށް ބިލެއް ވެސް ފާސްކޮށްފައެވެ. ދެ ދުވަހުގެ މަސައްކަތުން އެ ބިލް ފާސްކޮށް ރައީސަށް ފޮނުވި ނަމަވެސް އެ މަނިކުފާނު މިހާތަނަށް ވެސް ބިލް ތަސްދީގު ނުކުރައްވައެވެ.

comment ކޮމެންޓް