ސަރުކާރު ސްކީމުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުދޭކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ސަރުކާރު އެހީގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުދޭތީ ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި -- ފޮޓޯ/ މަޖިލިސް

ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާނުކޮށްނުދޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

އެ ކުއްލި މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުގެ ތަޅުމުން ބަލައިގަތުމަށް ނެގި ވޯޓުގައި 59 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.

އެ މައްސަލާގައި ބުނެފައި ވަނީ، ސްޓޫޑެންޓް ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ ފައިސާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޖަމާކޮށް ނުދިނުމުގެ ސަބަބުން އެ ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ.

އެގޮތުން ކޯސް ފީ ނުދެއްކިފައި ދަރިވަރުން އެބަތިބި ކަމަށާއި، އެކަމާ ގުޅިގެން އެ ދަރިވަރުންނަށް ކޮލެޖް/ ޔުނިވަސިޓީތަކުން އިންޒާރުދީ 'ބްލެކްލިސްޓް' ކުރާ ހިސާބަށް މައްސަލަ ގޯސްވެފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ.

ހަމައެއާއެކު ބައެއް ދަރިވަރުންނަށް ދިރިއުޅޭ ތަނަށް ކުލި ނުދެއްކިފައި ތިބި ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.

އެ ކުދިން ދިރިއުޅޭ ތަން ހުސްކުރަން އަންގައި، އެ ކުދިން މަގުމަތިވުމުގެ ބިރު އޮތްއިރު، އަދި އާއިލާއާ ދުރުގައި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާއިރު، އެކުދިން ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ވެސް ނުކުރެވި އެކި ފަރާތްތަކަށް އެހީއަށް އެދި ސަލާމްޖަހަން ޖެހޭ ހާލަތަށް ބައެއް ކުދިންނާއި އެ ކުދިންގެ އާއިލާއިން ގޮސްފައިވޭ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ނާޒިލް ތުހުމަތުކުރެއްވި ގޮތުގައި މި ސަރުކާރުން 'ދައުލަތުގެ ތިޖޫރި ހުސްކުރަނީ ސަރުކާރުގެ ވެރިންނަށް ގެކޮޅުތަކާއި އޮފީސްތައް ޒީނަތްތެރިކުރަން' ކަމަށެވެ.

އަދި ޑޮލަރު ޚަރަދުކޮށް، ބޮޑެތި ވަފުދުތައް ހަދައިގެން ރާއްޖޭން ބޭރަށް ދަތުރުކުރުމަށާއި ސިޔާސީ މުވައްޒަފުން "ފައުޖުފައުޖަށް" އައްޔަންކޮށް އެ މީހުންނަށް މުސާރަ ދިނުމަށް ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

މަތީ ތައުލީމަކީ މި ސަރުކާރުން އެންމެ ބޮޑު އެއް އިސްކަމެއް ދޭ އެއް ދާއިރާއެވެ.

ރައީސް މުއިއްޒު ވަނީ ސްކޮލަޝިޕަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޮލަޝިޕް ދޭން ނިންމަވައިފައިކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ.

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވީ 1,015 ދަރިވަރުން ކަމަށާއި އެ ހުރިހާ ދަރިވަރުންނަށް ލޯނު ދީފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 11 ގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް