އިންޑިއާ ސިފައިން ކަމަށް ބުނެ ދައުރުކުރަނީ ލަންކާ ސިފައިންގެ ވީޑިއޯއެއް: އެމްއެންޑީއެފް

އިންޑިއާ ސިފައިން ރާއްޖޭގައި ޔުނީފޯމުގައި ހަރަކާތްތެރިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރާ ވީޑިއޯގެ ސްކްރީން ޝޮޓެއް--

އިންޑިއާ ސިފައިން ކަމަށް ބުނެ ދައުރު ކުރަނީ ލަންކާ ސިފަިންގެ ވީޑިއޯއެއް ކަމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

ރާއްޖެއިން އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލި ކަމަށް ސަރުކާރުން ބުނެފައި އޮއްވައި، އިންޑިއާގެ ސިފައިން ހަރަކާތްތެރިވާ ކަމަށް ބުނެ ވީޑިއޯއެއް އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އިންޑިއާ ސިފައިން ފޮނުވައިނުލާ ކަމަށް ބުނެ ވެސް ނުރުހުން އަމާޒުކޮށްފައެވެ.

އެ ކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދަޅުވީ، ދައުރުކުރާ ވީޑިއޯއިން ފެންނަނީ އިންޑިއާ ސިފައިން ނޫން ކަމަށެވެ. އެއީ، ލަންކާ ސިފައިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ސިފައިންނަކީ ދިވެހި އަސްކަރިއްޔާއާއި ލަންކާގެ އަސްކަރިއްޔާ ގުޅިގެން އައްޑޫ ސިޓީ ފޭދޫގައި ކުރިއަށްގެންދާ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ތަމުރީނަކަށް ރާއްޖެ ޒިޔާރަތްކުރި ސިފައިންތަކެކެވެ.

ވީޑިއޯއިން ފެންނަ ސިފައިންނަކީ ލަންކާގެ ޓްރެއިނިން އިންސްޓްރަކްޓަރުންކަން އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/191771

ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރުތަކާއި އެއާކްރާފްޓުތައް އޮޕަރޭޓްކުރުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމުގެ ކަންބޮޑުވުން އެންމެ ބޮޑަށް ބޮޑުވީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވުމުން، އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނާ ގުޅިގެންނެވެ.

އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅެވެ.

އެ ވައުދުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާގެ 76 ސިފައިން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ. ސިފައިންގެ ބަދަލުގައި، އެ ގައުމުގެ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމަށް ގެނައި މަދަނީން ރާއްޖެއިން ފައިބާން އެއްބަސްވެފައިވަނީ 2026ގައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް