ފޮނުވާލީ އިންޑިއާގެ 76 ސިފައިން، އެ އަދަދަށް މަދަނީން ގެނެސްފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން އަނބުރާ ފޮނުވާލީ އިންޑިއާގެ 76 ސިފައިން ކަމަށާއި އެ މީހުންގެ ބަދަލުގައި، އެ އަދަދަށް މަދަނީން މިހާރު ގެނެސްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އިއްޔެގެ ކުރިން ފޮނުވާލަން ދެ ގައުމުގެ މެދުގައި ވަނީ އެއްބަސްވުމެއްވެފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިން ތިބީ ހަނިމާދުއާއި ކައްދު އާއި ގަމުގައި ކަމަށެވެ. އެގޮތުން ހަތެއް މާޗުގައި އާއި ނުވައެއް މާޗުގައި ގަމުން 26 ސިފައިންނާއި އޭޕްރިލް މަހުގެ ހަތަކާއި ނުވައެއްގައި ހަނިމާދުއިން 25 ސިފައިން ފޭބި ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު އެންމެ ފަހު ސިފައިންގެ ބެޗު ފޭބީ ކައްދުއިން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަންގާރަ ދުވަހު ފޭބި 12 ސިފައިންނާއި ބުރާސްފަތި ދުވަހު ފޭބި 13 ސިފައިން ކަމަށް ޒަމީރު ވިދާޅުވިއެވެ.

"މި މީހުންގެ ބަދަލުގައި ސިވިލިއަނުން މިހާރު އެ ތިބީ ކޮންމެ މީހަކަށް މީހަކު އައިސް، މެއިންޓެއިންކޮށް ބަލަހައްޓަން. އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިކަމަށް ގެނެސްފައި މިތިބީ މިކަމަށް ބޭނުންވާ އަދަދަށް މީހުން ކުރީގައިވެސް،" ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި ރާއްޖޭގައި ތިބި ކަމަށް މިހާތަނަށް ލިޔެކިޔުންތަކުން ފެންނަން އޮތީ އިންޑިއާގެ 89 ސިފައިންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެކަމުގެ ރިޔާސީ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފައެވެ.

comment ކޮމެންޓް