ސަރުކާރަށް މި ގެންނަނީ ކޮންހާ ބަދަލެއް؟ ލޮޅުމެއް ނާރާނެ

ރައީސް މުއިއްޒު: އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށް ބަދަލުތަކެއް ގެންނަވަމުން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުތަކުގެ ސިޔާސީ ބާރުވެރިކަމުގެ ބިންގަލަކީ އަބަދު ވެސް ރައްޔިތުންގެ މަޖިލީހެވެ. ރާއްޖޭގައި އާ ގާނޫނުއަސާސީގެ ދަށުން އުފެދުނު ކޮންމެ ވެރިކަމެއް ވެސް 'ހިނގައިގަންނަނީ' މަޖިލީސް އިންތިޚާބު ނިމުނީމައެވެ. ކޮންމެ ފަހަރަކު ވެސް އެ އިންތިޚާބަށް ފަހުގައި ފޯމޭޝަނަށް ކުދިކުދި ބަދަލުތައް ގެނެއެވެ. ބައެއް ފަހަރު ބޮޑެތި ބަދަލުތައް ވެސް ގެނެއެވެ.

މި ފަހަރު ވެސް މަޖިލީސް ލިބި، ސަރުކާރުގެ ބާރުވެރިކަން ޔަގީންވީމާ ބައެއް މަގާމުތަކުގައި އަންނަނީ ކުޅެމުންނެވެ. ބައެއް ބޭފުޅުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރައްވައިފައެވެ.

ފުރަތަމަ ފެނުނީ މިފްކޯގެ ސީއީއޯކަމުގައި ހުންނެވި މުހައްމަދު ސަމާހު ރަޝީދު މަގާމުން ވަކިކޮށްފި ކަމަށް އަންގާރަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ކުރި ޓުވީޓެކެވެ. އޭގެ ފަހުން، އެ ރޭ އަޑުއިވުނީ ރާއްްޖެ އިޝްތިހާރުކުރާ އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމުގައި ހުންނެވި މި ސަރުކާރުގެ ޓްރޭޑް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހްގެ ދަރިކަނބަލުން އާއިޝާ ނޫރައިން ޖަނާހް އިސްތިއުފާ ދެއްވި ޚަބަރެވެ.

ނޫރައިންގެ އިސްތިއުފާއަށް 24 ގަޑިއިރު ވެސް ނުވަނީސް، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) މަގާމުން ވަކިކުރީ އިއްޔެއެވެ. އެ އަޑު ނުކެނޑެނީސް ސަމާހު އަނެއްކާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރައްވައިފިއެވެ.

https://sun.mv/192302

އޭގެ ފަހުން ހައުސިން ޑިވޮލޮޕްމަންޓު ކޯޕްރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމުގައި ހުންނެވި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވެސް ވަނީ އެ މަގާމުން ދުރުކޮށްފައެވެ.

އޭރު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ތިއްބެވި ބައެއް ބޭފުޅުން ސަސްޕެންޑު ވެސް ކޮށްފިއެވެ. އެ ބަދަލުތަކާ ގުޅޭ މާ ބޮޑު ތަފުސީލުތަކެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކުރި ކަމަށް ބުނަނީ، 'ސުލޫކީ' މައްސަލަތަކެއްގައެވެ. ތަފުސީލެއް އެހިޔަސް ނުދެއެވެ.

ބަދަލު އަންނަނީ މަގާމަށް، ދުރެއް ނުކުރާނެ

ސަރުކާރަށް ގެންނަ ބަދަލުތަކާ ގުޅޭ މާ ގިނަ ތަފުސީލުތަކެއް ސަރުކާރުގެ ކޮންމެކޮންމެ ބޭފުޅަކަށް ވެސް އެނގިވަޑައެއް ނުގަންނަވައެވެ. އެއީ، ސިޔާސީ މަގާމުތަކަކީ އަދި މިނިސްޓަރުކަމާއި ކުންފުނީތަކުގެ އިސްވެރިންނަކީ ވެސް ރައީސް އައްޔަންކުރައްވާ ބޭފުޅުން ވީމައެވެ. އެ ނިންމެވުންތައް ނިންމަވަނީ ރައީސެވެ.

ކަމުގެ ގޮތުން ނަން ނުޖަހާން ޝަރުތުކޮށް ވާހަކަދެއްކި ޕީއެންސީގެ އާ ޕީޖީ ގްރޫޕުގެ އިސް ބޭފުޅަކު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އަދިވެސް އިތުރު 'ބަދަލުތަކެއް' ސަރުކާރަށް އަންނާނެ ކަމަށެވެ. ކުޑަ ބޮޑުމިން އަދި ވިދާޅުވާކަށް އޭނާއަށް އެނގިވަޑައެއް ނުގަންނަވައެވެ. ބައެއް ބަދަލުތައް އޭނާއަށް ވެސް ޔަގީނެއް ނުވެއެވެ.

ރައީސް މުއިއްޒު، ޕީއެންސީގެ ހިނގާލުމެއްގައި: ރައީސް ވަނީ ބައެއް މަގާމުތަކަށް ބަދަލުގެންނަވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

"ކޮންމެހެން ގެންނަންޖެހިފައި ހުރި ބައެއް ބަދަލުތައް ގެންނާނެ ދެއްތޯ އިންތިޚާބު ނިމުނީމާ،" ސަރުކާރުގެ މަގާމެއްގައި ހުންނެވި އެހެން ބޭފުޅަކު މާ ބޮޑު ތަފުސީލެއް އެނގިވަޑައިނުގަންނަވާ ކަމަށް ހައްދަވާފައި ވިދާޅުވިއެވެ.

އެކަމަކު، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އިއްތިފާގުވީ އެއް ކަމަކަށެވެ.

އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މަގާމުތަކަށް ބަދަލުތަކެއް ގެންނެވި ނަމަވެސް ރައީސް މުއިއްޒު އެއްވެސް ބޭފުޅަކު 'ދުރު' ކޮށެއް ނުލާނެއެވެ. ސަމާހަށް ސްޓޭޓް މިނިސްޓަރުކަން ދިން ފަދައިން ދެން ވަކިކުރާ ބޭފުޅުންނަށް ވެސް މަގާމެއް ދެއްވާނެ ކަމަށް އެ ބޭފުޅުން 'އުންމީދު' ކުރައްވައެވެ.

"މަގާމުތަކަށް ބަދަލު ގެންނަވާފާނެ، އެކަމަކު ޚާއްސަކޮށް މިހާ ކުރީއްސުރެ ދެވަނަ ދައުރަކަށް ވިސްނަވާއިރުގައި ރައީސް އެނިމީސް ކްރިއޭޓް ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ، ބަދަލު ގެންނަވާނެ އެކަމަކު ދުރުވިޔަ ދެއްވާނެ ކަމަށް ގަބޫލުކުރަން ދަތި،" ސިޔާސީ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅަކު މިހާރު ހުންނެވި މަގާމުގެ ގޮތުން ނަން ނުޖަހާން ޝަރުތުކޮށް ވިދާޅުވިއެވެ.

https://sun.mv/192299

މިހާރު ރައީސް ގެންނަވަމުންދާ ބަދަލުތަކާ އެކު، އިތުރު 'ބޮޑެތި' ބަދަލުތަކެއް ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު ދާއިރާގެ ބޭފުޅުންގެ މެދުގައި ނުތަނަވަސްކަން ބޮޑު ކަމަށާއި އެ ދާއިރާގެ މަގާމުތަކަށް 'ލޮޅުމެއް' އަރާފާނެ ކަމަށް އެކިއެކި ސަރުކާރު ނޫން މަސްދަރުތަކުން ތުހުމަތުކުރެއެވެ.

އެކަމަކު، ސަރުކާރުގެ ތެރެއިން އެ ކަމުގައި އެއްވެސް ރަސްމީ ވެސް އަދި ނުރަސްމީ ވެސް ބަހެއް ނެތެވެ. އެހެންވެ، ރައީސް ދެން ގެންނަވާނީ އެ ބަދަލޭ މި ބަދަލޭ ބުނާކަށް ނޭނގެއެވެ. ނުވެސް އެނގޭނެއެވެ.

މިއީ އަބަދު ވެސް ވާކަމެއް، ލޮޅުމެއް ނާރާނެ

ސިޔާސީ ދާއިރާގެ ކަންކަމާ ވިސްނާލީމާ ކޮންމެ ސަރުކާރަކުން ވެސް މި ބަދަލު ފެނެއެވެ. ޚާއްސަކޮށް، މަޖިލީސް އިންތިޚާބުގެ ހަޅައަށް ފަހުގައި ސިޔާސީ ބާރުވެރިކަމުގެ ބިންގާ އެޅޭ ގޮތަކުން ސަރުކާރަށް އޭގެ އަސަރު ފޯރައެވެ.

https://sun.mv/191053

"ވާގޮތަކީ ދިވެހި ނިޒާމު އޮންނަ ގޮތުން މަޖިލީސް ލިބިގެން ނޫނީ ސަރުކާރެއް ވަރުގަދައެއް ނުވޭ. އެހެންވީމާ ފުރަތަމަ ސަރުކާރު އެކުލަވައިލާއިރު، ވިސްނުމުގައި އޮންނާނީ ހަމައެކަނި މަޖިލީސް އިންތިޚާބު،" ސިޔާސީ ދާއިރާގެ ތަޖުރިބާކާރަކު އޭނާގެ ހިޔާލު ހިއްސާކުރެއްވިއެވެ.

"އެކަމަކު، މަޖިލީސް ލިބިއްޖެއްޔާ، ޚާއްސަކޮށް ސަރުކާރަށް ބޮޑުކޮށް ލިބުނީމާ ދެން އަސްލު ރައީސަކަށް ހުންނަވާ ބޭފުޅާ ބޭނުންފުޅުވާ ގޮތްގޮތަށް މުޅި އެތި ބަދަލުކޮށްލާނެ. އެމްޑީޕީގެ ދެ ސަރުކާރުގައި ވެސް، ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ވެސް ހަމަ މި ބަދަލުތައް އައިތަން އަހަރެން ދުށިން،"

މިއީ މި ސަރުކާރުގައި އަލަށް ގެންނަ ބަދަލުތަކެއް ގޮތުގައި ބުނެވޭކަށް ނެތެވެ. މީގެ ކުރީގައި 21 ދުވަސް ނުވަނީސް ކޯލިޝަން ވެސް ރޫޅައިލާފައި އެބަހުއްޓެވެ. އަހަރު ނުވަނީސް ބައިވެރިން ދުރުކޮށްފައި އެ މީހުންނަށް އެޅި ބައިތައް އަލުން އަތުލި މަންޒަރު ވެސް ފެނުނެވެ. އެއީ، އެއިން ކޮންމެ ފަހަރަކު ވެސް ސިޔާސީ ކުޅިބައި އެތުރޭ ގޮތުން، ގެންނަ ބަދަލުތަކެކެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ސަރުކާރަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ސިޔާސީ ބޭބޭފުޅުން ގަބޫލުކުރައްވާ -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ފަހަރު މި ސަރުކާރަށް ވެސް މި އަންނަނީ އެ ބަދަލެވެ. މި ބަދަލުގެ އޮއިވަރުގައި ޖެހޭނީ ކިތައް ބޭފުޅުން ކަމެއް އަދި ނޭނގެއެވެ. އެކަމަކު، މި ބަދަލު އަންނާނެއެވެ. ފޯމޭޝަން ބަދަލުކުރާނެއެވެ.

"ރައީސަށް އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް އެއީ ހަގީގަތުގައި އިންޑިވިޖުއަލީ މާ ބޮޑު ތާއީދެއް އޮތް ބޭބޭފުޅުން ނުވަތަ ކޯލިޝަން ސްލޮޓްތައް އިސް ސަފުގައި ނެތުން. އެހެންވީމާ، މަގާމުތަކަށް އަންނަ ބަދަލުތަކާ އެކު ސަރުކާރަށް އެއްވެސް ލޮޅުމެއް އަރާފާނެ ކަމަކަށް ހަމަ ނުވިސްނޭ،" ކުރިން ވެސް ވާހަކަދެއްކި ސިޔާސީ ދާއިރާގެ ބޭފުޅާ ގަބޫލުކުރައްވައެވެ.

މަޖިލީހުގެ 'ފުލް ކޮންޓްރޯލް' އެ އޮތީ ރައީސްގެ އަތްޕުޅުގައެވެ. ސަރުކާރުގެ މަގާމުތަކަށް ގެންނަ ބަދަލަކުން، ސަރުކާރުގެ ތެރެއިން ނުކުމެގެން ގޮސް 'ގަދަ ދައްކާނެ' ބޭފުޅަކު ނުފެނެއެވެ. ކުރީގައި ގޮތަށް ކޯލިޝަން ސްލޮޓްތަކެއް ވެސް މި ވެރިކަމުގައި ނެތެވެ. އެހެންވެ، މި ބަދަލުތައް ރައީސް ބޭނުންފުޅުވާ ގޮތަށް ގެންނަވާކަށް ހުރަހެއް ވެސް ނެތެވެ. ގެންނަވައިގެން ސަރުކާރަށް 'ލޮޅުމެއް' އަރާތީ ވެސް ނުފެނެއެވެ.

comment ކޮމެންޓް