މަޖިލިސް ރައީސްކަމަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމްގެ ނަން ރައީސް ހުށަހަޅުއްވައިފި

ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހުމަދު ނާޒިމާއި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަޙީމް އަބްދުﷲ --

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަން ހުށަހަޅަން ޕީއެންސީން ފާސްކޮށްފިއެވެ.

މިހާރު މުލިއާގޭގައި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ސަރުކާރު ހިންގާ ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެމްބަރުންނާއެކު ކުރިއަށްދާ ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ދެ ބޭފުޅުންގެ ނަން ހުށަހަޅުއްވައިފައެވެ. އެ ދެ ބޭފުޅުންގެ ނަން މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ހުށަހަޅަން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ވިހިވަނަ މަޖިލީހުގެ ރައީސްކަން ކުރައްވާނެ ކަމަށް އެންމެ ގިނަ މީހުން މީގެ ކުރިން ވެސް ގަބޫލުކޮށްގެން ތިބީ އަބްދުއްރަޙީމް ކަމަށެވެ. އޭނާ ފޮނަދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން ވެސް މަޖިލީސް ރައީސްކަމަށް މަސައްކަތްކުރައްވާ ކަމަށް ތުހުމަތުތަކެއް އޮތީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން މީގެ ކުރިން އަބްދުއްރަހީމް ވިދާޅުވަމުން އައީ ގޮތް ނިންމަވާނީ ރައީސް މުއިއްޒު ކަމަށާއި އޭނާގެ އެއްވެސް އަމިއްލަ އެދުމެއް މަޖިލީސް ރައީސްކަން ހޯދަން ނެތް ކަމަށެވެ. އަދި އަމިއްލައަށް މަޖިލީސް ރައީސްކަމަށް ޝައުގުވެރިވެއޭ ވިދާޅުނުވާނެ ކަމަށާއި އެކަން ބޭނުންވެގެން މަސައްކަތެއް ވެސް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމަކީ މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ތަޖުރިބާކާރު މެންބަރެކެވެ. އެ މަޖިލީހުގައި ވެސް ދިއްގަރު ދާއިރާ ތަމްސީލުކުރެއްވި ނާޒިމަށް ގޮނޑި ގެއްލުނީ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.

ވިހި ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 74އަށް އަރާނެއެވެ. އެއީ މަޖިލިސް އިންތިޚާބަށް ފަހު ޕީއެންސީއާ ގުޅިވަޑައިގަތް ހަތް މެންބަރުން ވެސް ލައިގެންނެވެ.

ވިހިވަނަ މަޖިލީސް ހުވާކުރުން އަންނަ އަންގާރަ ދުވަހު އޮންނާނެއެވެ. ހުވާ ކުރުމަށް ފަހު، ބާއްވާ އެންމެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ސިއްރު ވޯޓެއް ނެގުމެވެ.

comment ކޮމެންޓް