ސިޔާސީ ގޮތުން ހިންދެމިލާނެ ފުރުސަތެއް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަކަށް ލިބިވަޑައެއް ނުގަންނަވައެވެ. ވެރިކަމަށް ވަޑައިގެންނެވީއިރު ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އޮތީ އިދިކޮޅުގައެވެ. އެ ކަމަށް ވިސްނުން ބައްޓަންކުރައްވަނިކޮށް، ވެރިކަމަށް ހަފުތާއެއް ނުވަނީސް އިދިކޮޅު ލީޑަރަކަށް ވެވަޑައިގަތީ އެ މަނިކުފާނުގެ ލީޑަރުގެ ގޮތުގައި އެހާތަނަށް ހުންނެވި ބޭފުޅާއެވެ.
މި ވެރިކަމަށް މިވީ ފަސް މަސް ދުވަހު ރައީސް މުޅިންހެން އުޅުއްވަން ޖެހިވަޑައިގަތީ ސިޔާސީ ހަލަބޮލިކަމުން ނެއްޓޭށެވެ. ސިޔާސީ ދަންތުރަތަކުން ސަލާމަތްވެވަޑައިގަންނަވާށެވެ.
ކުއްލިގޮތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިދިކޮޅަށް ވަޑައިގެން، ވެރިކަމުގެ ކުރީކޮޅު މި ސަރުކާރަށް ދެނީ ވަރަށް ބޮޑު ސިޔާސީ ޕްރެޝަރެކެވެ. އެ މަނިކުފާނު ވިދާޅުވާ ބަސްފުޅުތަކަށް މި ސަރުކާރުގެ ވެރިން ފުލުފުލުގައި ދެއްވަމުންގެންދަވާ ރައްދުތަކުން އެކަން ވަރަށް ބޮޑަށް ސާފުވެއެވެ.
ހައިކޯޓުގެ ހުކުމާ އެކު ޔާމީން މިނިވަންވެވަޑައިގަތުމަކީ ވެސް ސިޔާސީ ގޮތުން ސަރުކާރަށް ދަތިވާނެ ކަމެކެވެ. އެ މަނިކުފާނު އެ ގެންދަވަނީ ފުލް ގިއަރުގައި ސަރުކާރާ ދެކޮޅަށް ކެމްޕޭން ކުރައްވަމުންނެވެ. ގިނަ ހާލަތްތަކުގައި އެމްޑީޕީން އެ އޮންނަނީ ޔާމީނަށް ބެކަޕެއް ދީގެންނެވެ. އެއީ، މި ސަރުކާރަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.
ޔާމީން އެ ހުންނެވީ މި ސަރުކާރު ބަލިކޮށްލާފައި، ސިޔާސީ ބާރުވެރިކަމަށް އެނބުރި ވަޑައިގަންނަވަން ފެންބޮއައިގެންފައެވެ.
ސިޔާސީ ބާރުވެރިކަމުގެ ބިންގަލަކީ މަޖިލީސް
މި ސަރުކާރަށް ސިޔާސީ މާ ބޮޑު ބާރުވެރިކަމެއް އަދިއަކު ނެތެވެ. ސަރުކާރު ތިން ވަޒީރަކަށް ރުހުންނުލިބިފައި އޮތުން އެއީ އެ ކަމުގެ ހެއްކެކެވެ. ސަރުކާރުގެ ސިޔާސީ ބާރުވެރިކަމާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ގުޅިފައި އޮންނަނީ މަޖިލީހުގެ މެޖޯރިޓީއެވެ. މެޖޯރިޓީ ބޮޑުވި ވަރަށް ސަރުކާރުގެ ސިޔާސީ ބާރުވެރިކަން ބޮޑުވާނެއެވެ.
މި ސަރުކާރަށް އޮތް ގޮންޖެހުމަކީ އެއީއެވެ. މަޖިލީސް އިންތިޚާބުގެ ކުރީގައި ޕާޓީ ދެކަފިވެފައި އޮތުމެވެ.
މަލްޓި ޕާޓީ ނިޒާމު ގެނައި ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާޓީއެއްގެ އެތެރޭ މައްސަލަތައް ފެންމަތިވާން ފެށީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައެވެ. އޭރު އެ ޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އޭރުގެ ރައީސް ޔާމީނާ ދެ ބޭފުޅުންގެ ހިޔާލުތަފާތުވުންތައް ބޮޑުވެ، ޕާޓީ ދެކަފިވިއެވެ. އެކަމަކު، އޭރު ވެރިކަމުގައި ހުންނެވި ޔާމީން އެހާ ބޮޑަށް ސިޔާސީގޮތުން ވަރުގަދަވުމުގެ ސިއްރުތަކެއްވެއެވެ.
އެއް ކަމަކަށް މަޖިލީހުގެ ކޮންޓްރޯލެއް ނުގެއްލެއެވެ. ދެވަނަ ކަމަކަށް ވެރިކަމަށް އޮތީ އަހަރުތަކެއްވެފައެވެ.
ސަރުކާރު ހިންދެމިލައި، މަޝްރޫއުތައް ފަށަައި، ރައްޔިތުންނަށް ވެރިކަމުގެ ކުލަވަރު ދައްކާލެވެންދެން ސިޔާސީ ހަނގުރާމައެއް ނުކުރައްވައެވެ. މައުމޫނާ ދެބެއިންގެ ކޯޅުން ފެށުނީ މަޖިލީސް އިންތިޚާބު ވެސް ނިމުނު ފަހުންނެވެ. އޭރު، ސަރުކާރު އޮތީ ބޮޑުވެ، ފައްކާވެ، ހަނގުރާމައަށް ދޮންވެފައެވެ.
ޖެހިގެން އައި އެމްޑީޕީގެ ވެރިކަމުގައި ވެސް ކަންވީ އެ މަގުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔަނިންނެވެ. ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހި، ސިޔާސީ ކޯޅުންގަނޑު ފެށޭނެކަން ދުރުން ބަލަން ތިބި މީހުންނަށް މާ ކުރިން އެނގެއެވެ. އެކަން އޮތީ ހާމައަށް ފެންނާށެވެ.
އެ ފަހަރު ވެސް ނަޝީދަށް ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ ޞާލިޙަށް ލިބިވަޑައިގެން ވަގުތެވެ. ދެ ބޭފުޅުންގެ ސިޔާސީ އަރައިރުމުގެ ކުރީގައި ވެރިކަން ވަރުގަދަވެ، މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދައި، ރައްޔިތުންނަށް ވެރިކަމުގެ ކުލަވަރު ދައްކާލަން ހަތަރު އަހަރެއްހާ ދުވަސް ލިބިވަޑައިގެންނެވިއެވެ. ދެ ބޭފުޅުން ހަނގުރާމަ އިއުލާނުކުރެއްވީއިރުގައި ޞާލިޙް ހުންނެވީ ސިޔާސީ ގޮތުން މާ ބޮޑަށް ވެސް ބާރުވެރިކަމުގައެވެ.
މި ފަހަރު، ވެރިކަމަށް ހަފުތާއެއް ނުވަނީސް އިދިކޮޅަށް ވަޑައިގެން ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރައްވަން ޔާމީނަށް ޖެހިވަޑައިގަތީ އެ ސިޔާސީ ތޮބީއަތަށް ބަލާފައެވެ.
ސިޔާސީ ގޮތުން މިހާރު ރައީސް މުއިއްޒާއި ޔާމީން އެ ކުރައްވާ ހަނގުރާމަ، ގޮސް ނިމޭ ހިސާބަކީ މަޖިލީހެވެ.
ރައީސް މުއިއްޒުގެ ސިޔާސީ ކުރިމަގުގައި ރެނދު އަޅުވައިލަން ޔާމީނަށް އެންމެ މުހިއްމީ ސަރުކާރަށް މަޖިލީސް ލިބުނަ ނުދިނުމެވެ. ޖަލު ހުކުމުން މިނިވަންވެވަޑައިގެންނެވިގޮތަށް ފުލްގިއަރުގައި ސިޔާސީ ގޮތުން ސަރުކާރު ބަލިކުރުމުގައި އެ އުޅުއްވަނީ އެ ނޫން އިތުރު ސަބަބެއް އޮވެގެނެއް ނޫނެވެ. ޔާމީންގެ ސިޔާސީ މުސްތަގުބަލު ބިނާވާނީ ސަރުކާރަށް މަޖިލީސް ގެއްލުމާއެވެ. އެ މަނިކުފާނުގެ އާ ޕާޓީއަށް މަޖިލީސް ގޮނޑިއެއް ލިބުމާއި ނުލިބުމަކަށް ނޫނެވެ.
ވަރުބަލިކަމެއް ނެތި ރައީސް މުއިއްޒު ވެސް އެހާ ވަރުގަދައަށް ކެމްޕޭން ކުރައްވަނީ އެ ބޭނުމުގައެވެ. ސިޔާސީ ގޮތުން ސަރުކާރަށް ހިންދެމިލެވެން އޮތީ މަޖިލީސް ހޯދައިގެންނެވެ. މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ ނަމަ، ރައީސްގެ ސިޔާސީ ކުރިމަގަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.
އެ ކަމަށް ބާރުދެވޭނެ އެންމެ ބޮޑު އެއް ހެއްކަކީ ވެރިކަމުގެ ކުރީކޮޅު ވެރިކަމަށް ވަޑައިގެންނެވި އިއްތިހާދު ރޫޅާލައި، މަޖިލީހުގެ މެޖޯރިޓީއެއް ނުހޯދުނު، އެމްޑީޕީގެ ފުރަތަމަ ވެރިކަމެވެ. ފެބްރުއަރީ 7، 2012 ގައި ވެރިކަން ވެއްޓުމާ ހަމައަށް ކަމަކަށް ފަހު ކަމެއް ބޮޑުވަމުން، އުފެދެމުން އައުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު ސަބަބަކީ މަޖިލީހުގެ މެޖޯރިޓީ ގެއްލި، ވެރިކަމަށް ވަޑައިގެންނެވީއިރު ކައިރީގައި ތިއްބެވި ބޭފުޅުން ކެނޑިނޭޅި ދެމުންގެންދިޔަ ސިޔާސީ ޕްރެޝަރެވެ.
މެޖޯރިޓީއާ އެކު މި ވެރިކަން މާ ބާރުގަދަވާނެ
ވެރިކަމުގެ ފަހުކޮޅު ނަޝީދާ ހަނގުރާމަކުރައްވަން ޖެހިވަޑައިގަތުމުގެ ނަތީޖާއަކަށްވީ ޞާލިޙަށް ދެވަނަ ދައުރެއް ނުހޯދުމެވެ. ހަމަ އެގޮތަށް، ޔާމީން ވެސް ސިޔާސީ ހަނގުރާމަތައް ކުރައްވަން ޖެހިވަޑައިގަތީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަންވީ ދުވަސްވަރެވެ.
އެ ދެ ބޭފުޅުންނަށް ވެސް ޕާޓީގެ ކޮންޓްރޯލް ލިބިވަޑައިގެން ނަމަވެސް ދެވަނަ ދައުރެއްގެ ހުވަފެން ބީވިއެވެ.
މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، މި ވެރިކަން މާ ބާރުގަދަވާނެ ސަބަބަކީ އެއީއެވެ. ރައީސް މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލް ލިބިވަޑައިގެންފި ނަމަ، އެ ކޮންޓްރޯލް ފަސް އަހަރު ބަދަލެއް ނެތި ދެމިއޮންނާނެއެވެ. އިތުރަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ އާ ހަނގުރާމައެއް ނޯންނާނެއެވެ. އެ ބާރުވެރިކަމުގައި ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވަން އެހެން އެއްވެސް ރައީސަކަށް ލިބިވަޑައިނުގަތް މިންވަރަށް ވަގުތު ލިބޭނެއެވެ.
މި ސަރުކާރުގެ ކުރިމަގަށް، ވަކިން ހާއްސަކޮށް ރައީސް މުއިއްޒުގެ ސިޔާސީ ކުރިމަގާއި މަޖިލީސް އިންތިޚާބާ ވައްކެއް ނުކުރެވޭނެއެވެ. އާދިއްތަ ދުވަހުގެ އިންތިޚާބަކީ ރައީސަށް މޮޅުވުން މަޖުބޫރު ސިޔާސީ ހަނގުރާމައެކެވެ.
މޮޅުވެއްޖެ ނަމަ، މަލްޓި ޕާޓީ ނިޒާމު ގެނައި ފަހުން އުފެދުނު އެންމެ ބާރުގަދަ ވެރިކަމަށް މި ވެރިކަންވުން ގާތެވެ. ނާކާމިޔާބުވެއްޖެ ނަމަ، އެ މަނިކުފާނަށް އޭގެ ދިމާ އިދިކޮޅު ކުރިމަތިވުން އެއަށްވުރެ މާ ގާތެވެ. ރައީސް މުއިއްޒުގެ ސިޔާސީ ކުރިމަގު ބިނާކުރާނީ އާދިއްތަ ދުވަހު ނަގާ ވޯޓުންނެވެ. ގޮތް ކިޔާނީ ރައްޔިތުންނެވެ.