އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުން ވަކިކޮށްފި

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު: އޭނާ ވަނީ މަގާމުން ވަކިކޮށްފައި -- ސަން ފޮޓޯ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ވެސް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

ފާތިމަތު އެމްއެމްޕީއާރުސީގެ އެމްޑީކަމުން ވަކިކުރިކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފައެވެ. މި މައްސަލައިގައި މިހާތަނަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބަހެއް ލިބިފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފާތިމަތު ތައުފީގު އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައެވެ.

އިއްޔެ ނޫރައިން އިސްތިއުފާ ދިނުމާ އެކު ބައެއް މީޑިއާތަކުން ވަނީ ފާތިމަތާއި ނޫރައިންއާ ދެމެދު މައްސަލަތަކެއް ޖެހުނު ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އަދި، އޭގެ ކުރިން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ނޫރައިންއާ ދެމެދު މައްސަލަތަކެއް ޖެހުނު ކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުތަކެއް އަމާޒުކުރިއެވެ.

އެކަމަކު، އޭރު މިނިސްޓަރު ފައިސަލް ވަނީ އެ ކަންކަން ދޮގު ކުރައްވައިފައެވެ.

ރޭ ނޫރައިން މަގާމުން އިސްތިއުފާ ދިން ސަބަބެއް ވެސް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ޕީސީބީން ބުނީ، ހަމައެކަނި އޭނާ އިސްތިއުފާ ދިން ވާހަކައެވެ. އޭގެ ކުރިން މިދިޔަ އޭޕްރީލް މަހު އެމްއެމްޕީއާރުސީގެ ބޯޑުގައި މަޓީ ތަމްސީލުކުރައްވާ ބޯޑު ޑިރެކްޓަރުގެ ރާފިލް މުހައްމަދު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު ވެސް އިއްޔެ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އެއަށް ފަހުގައި އޭނާ މިއަދު އައްޔަންކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

comment ކޮމެންޓް