ސަރުކާރު މަސް ކުންފުނި މިފްކޯގެ ސީއީއޯގެ މަގާމުން އިއްޔެ ވަކިކުރި އަހުމަދު ސަމާހު ރަޝީދު، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަން ކޮށްފިއެވެ.
މިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ.
ސަމާހު މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރީ އިއްޔެއެވެ. އިއްޔެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިފްކޯގެ ސީއީއޯ ކަމުންނާއި ބޯޑުގެ ޑިރެކްޓަރު ކަމުން އިއްޔެ އިން ފެށިގެން ސަމާހު ވަކިކޮށްފައިވާ ކަމަށެވެ.
އޭނާ މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައިނުވެއެވެ.
ސަމާހު ވަގުތީ ގޮތުން މަގާމުން އެކަހެރިކުރީ މިދިޔަ މާޗު މަހުގެ 18ވަނަ ދުވަހުއެވެ. އެކަން އިއުލާނުކޮށް ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަމާހާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށް ޓަކައި 14 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ސަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމި ކަމަށެވެ.
ނަމަވެސް، ޕީބީސީން ފަހުން އެ މުއްދަތު އިތުރުކުރިއެވެ. އެއަށްފަހު އޭނާގެ ސަސްޕެންޝަން އުވާލައި އެކަން ލިޔުމުން އެންގީ މިދިޔަ މަހުގެ 23ގައެވެ. ސަމާހު ސަސްޕެންޝަނުގައި ހުރުމުގެ ސަބަބުން ކުންފުނީ ދުވަހުން ދުވަހަށް ހިންގުމަށް މިފްކޯގައި އުފެއްދި އިންޓެރިމް ކޮމިޓީ އެ ދުވަހު އުވާލައިފައެވެ.
ޕީސީބީން މިފްކޯގެ ސީއީއޯ ސަމާހަށް ކުރާ ތުހުމަތުތަކާ ގުޅޭ ސިޓީއެއް މީގެ ކުރިން ވަނީ މީސްމީޑިއާގައި ލީކް ވެސް ކޮށްލައިފައެވެ. އެ ސިޓީގައި ޕީސީބީން ވަނީ މައިގަނޑު 12 ތުހުމަތެއް އަމާޒުކޮށްފައެވެ. އެގޮތުން، އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.
ސަމާހު ސަސްޕެންޑު ކުރި މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ވެސް ނިންމިއެވެ.
މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރުމަށް ފަހު ވަކިކުރި ބައެއް މުވައްޒަފުން ވަނީ އެހެން މަގާމުތަކަށް އައްޔަން ކޮށްފައެވެ.