އިންތިޚާބު ފަސްނުކުރާނަމަ އީސީގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަމުން އިންޒާރެއް

މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމް: އިންތިޚާބު ފަސްނުކުރާނަމަ އީސީގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަމުން އިންޒާރު އޭނާ ދެއްވި -- ސަން ފޮޓޯ: އިންފިނިންޓް މޮމެންޓްސް/ މޫސާ ނަދީމް

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އަންނަ ރޯދަމަސް ތެރޭ ބާއްވާ އިންތިޚާބު ފަސްނުކުރާނަމަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަމުގެ އިންޒާރު، މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން މިއަދު ދީފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ އެ ޕާޓީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ރޯދަމަހު އިންތިޚާބު ބާއްވާ ގޮތަށް ކުރިއަށްދާނަމަ އެ ޕާޓީން އަމަލުކުރާނެ ގޮތަކާ މެދު ވަރަށް ފުންކޮށް ވިސްނާ ކަމަށެވެ.

ރޯދަމަހު އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެއް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށް ތަސްދީގުކުރަން ފޮނުވާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ބިލު ތަސްދީގު ކުރަން އޮންނަ މުއްދަތު އަންނަ ހަފުތާގެ ބުދަ ދުވަހަށް ހަމަވާނެ ކަމަށެވެ.

"އެ ހިސާބުން ތަސްދީގު ނުކުރައްވާ ދެން މަޖިލީހަށް ފޮނުއްވައިފިއްޔާ ޕީޖީ ލީޑަރު ވިދާޅުވި ގޮތަށް އަޅުގަނޑުމެންގެ ވިސްނުމަކީ އަދި އެއަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން އެ ގާނޫނު ހަމަ އެގޮތަށް ފާސްކުރުން،" ސަލީމް ވިދާޅުވިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ޕާޓީން ވަނީ މަޖިލީހަށް އެންޓި-ޑިފެކްޝަން ބިލެއް ހުށަހަޅާފައި -- ސަން ފޮޓޯ/ އިންފިނިންޓް މޮމެންޓްސް/ މޫސާ ނަދީމް

އެއަށްފަހު ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލް ތަސްދީގު ނުކުރައްވާނަމަ އެމްޑީޕީން ބަލާނީ އީސީގެ ވިސްނުން އޮތް ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެ ފަހަރަކަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވަކި ގޮތަކަށް ކަންކުރަން ފާސްކުރީމައި އެއީ ނެތް ކަމެއް ކަމަށް ހަދާފައި އީސީން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ކުރިއަށްގެންދާ ނަމަ އެކަމުން ދޭހަވަނީ ރައްޔިތުންގެ ބާރު ކެނޑުނީ ކަމަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ ބޭނުންވާ ގޮތް ނޫން ގޮތަކަށް އަމަލުކުރާން ޖެހޭ އެއްވެސް މުއައްސަސާއެއް އޮވެގެން ނުވާނެ ކަމަށާއި ރައްޔިތުންގެ ރޫހާ ދެކޮޅަށް ގައުމުގައި އެއްވެސް ކަމެއް ހިނގަން އެމްޑީޕީން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެެހެންވީމަ ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައި އޮތް ގާނޫނަކަށް އަދި ގެޒެޓެނުކުރައްވައޭ ވިދާޅުވެ، ތަސްދީގު ނުކުރައްވައޭ ވިދާޅުވެ، އެއީ ނެތް ކަމެއް ކަމަށް ހައްދަވާފައި މިހާރު ކަނޑައަޅާފައި އޮތް ރޯދަމަހުގެ ތާރީޚުގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްވަޑައިގަންނަވާ ކަމުގައިވަނީ ނަމަ ދެން އަޅުގަނޑުމެންނަށް ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން،" ސަލީމް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު މާޗު 17އަށް ތާވަލުކޮށްފައިވާއިރު، އެ ދުވަސް ދީމާވަނީ ރޯދަމަހުގެ ހަތް ވަނަ ދުވަހާއެވެ.

ރޯދަމަހު އިންތިޚާބު ބޭއްވުމުން ވޯޓުގައި ބައިވެރިވާން މީހުންނަށް އުނދަގޫ ވާނެ ކަމަށް ބުނެ މަޖިލީހުން މިމަހުގެ 11ގައި ފާސްކުރި އިސްލާހުގައިވާ ގޮތުގެ މަތީން މަޖިލިސް އިންތިޚާބު ބޭއްވޭނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުންނެވެ.

https://sun.mv/188943

ރައީސް އެ ބިލް ތަސްދީގު ނުކުރައްވާތީ، މަޖިލީހުގައި އެމްޑީޕީއާއެކު މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްއިން އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

comment ކޮމެންޓް