ކަސިޔާރު ފިކުރީ ރާޅުތަކުން ހިތްތައް ސަލާމަތްކުރަންޖެހޭ: ރައީސް

ކަސިޔާރު ފިކުރީ ރާޅުތަކުން ޖީލުތަކުގެ ހިތްތަކާއި ވިސްނުން ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ބެލެނިވެރިންނާއި މުދައްރިސުންނާއި އެންމެހައި ރައްޔިތުންނަށް ނަސޭހަތްތެރިވެއްޖެއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހީންނަކީ އަބަދު ވެސް މިނިވަންކަމުގެ ބަތަލުން ކަމަށެވެ. ދިވެހީންގެ ތަބީއަތަކީ ވެސް މިނިވަންކަން މަތީ ދެމިތިބުންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ މުޅި ސިޔާސަތު ބިނާކުރަނީ އެ އަސާސުގެ މައްޗަށް ކަމަށެވެ.

"ގައުމުގެ ބިނާކުރަން އާ ހިތްވަރެއް ނެރެންވީ ދުވަސް މިއީ. އާ ރޫހެއް ނެރެންވީ ދުވަސް މިއީ،" ވާހަކަފުޅު ފައްޓަވަމުން ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ރާއްޖޭގެ މިނިވަންކަމުގެ ތާރީޚާއި މިނިވަންކަން ދެމިއޮތުމުގެ ސިއްރާއި މިނިވަންކަމަށް ކުރި ޖިހާދާއި މިނިވަންކަމަށް ގައުމިއްޔަތުގެ މުހިންމު ކަމާއި ގައުމިއްޔަތު ރައްކާކުރުމަށް މި ސަރުކާރުންދޭ އަހައްމިއްޔަތުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅުދައްކަވައިފައެވެ.

ރައީސް މުއިއްޒު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި: ވިދާޅުވީ ކަސިޔާރު ފިކުރީ ރާޅުތަކުން ހިތްތައް ސަލާމަތްކުރަންޖެހޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

"ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. މި ކަމުގައި ތިޔައިން ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންސާނާ އެ މީހެއްގެ އުފަން ފަސްގަނޑަށްޓަކައި ފުރާނަ ދެނީ އެ ފަސްގަނޑުން ވެސް އެ މީހާ ދިފާއުކޮށްދޭ ނަމަ ކަމަށެވެ. ދިވެހި ކާބަފައިން އެ މީހުންގެ ކަނޑުފަޅުތައް ހިމާޔަތްކުރީ އެ ސަބަބަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އަމިއްލަވަންތަކަން ދިފާއު ނުކުރެވޭނަމަ ގައުމެއް ދިފާއެއް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ގައުމެއް ދިފާއުކުރުމުގައި އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއުކުރަންޖެހޭނެ ކަމަށެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"ކަމެއް ވީމާ ނޫންތޯ ދިވެހީންނަކީ މާތް ބައެއް ކަމަށް އިބްނު ބަޠޫޠާ ލިޔުއްވާފައި އެ އޮތީ؟ ކަމެއް ވީމާ ނޫންތޯ ދިވެހީންގެ ގަހަކުން ވެއްޓޭ މޭވާއެއް ވެސް އެ މީހުންގެ ހުއްދަ ނުހޯދައި ނުނެގުމަށް ބޭރުގެ ބައެއް ނިޔަމިން އެ މީހުންގެ އޮޑިފަހަރުގެ ފަޅުވެރީނަށް އަންގާފައި އެ އޮތީ،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިޢާދަކުރަން ބޭނުންވަނީ އެ ދިވެހީންގެ އެ ހުރި މާތް ސިފަތައް. އެ އަޚުލާގު،"

ގައުމަށް ވަފާތެރި ދަރީން ބިނާކުރުމަށްޓަކާ މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭ ކަމަށާއި އަދި ދިވެހީންގެ މަސްކަނޑާއި ފަސްގަނޑާ އިހުއްސުރެ ގުޅިފައިވާ ގޮތަށް އަންނަން އޮތްތާނގައި ވެސް ގުޅިފައި އޮންނަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް