ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުނީ އާދިއްތަ ދުވަހުގެ ރޭގައެވެ. އެއަށްފަހު އޭނާއަށް އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ވަނީ މަރުވެފައެވެ.
އަތުހަރުގެ މަރާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގައިވަނީ، އެ ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރި ގޮތަށް އިޝާރާތްކޮށްފައެވެ.
އަތުހަރުގެ މަރާ ގުޅޭ މައުލޫމާތު ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުން ރޭ ހިއްސާކުރީ ޓީވީތަކާއި އޮންލައިންކޮށް ނުދައްކައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެމްޑީޕީން ބުނީ އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަން ޖެހޭނީ ފުލުހުންގެ ޚިދުމަތުން ކަމަށްވާއިރު އެކަމުގައި މިހާތަނަށް ވެސް އެ އިދާރާއިން ކަންވީ ގޮތް ހިއްސާކޮށްފައި ނުވުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ފުލުހުންގެ ބަދަލުގައި އިހުސާން އެ ހާދިސާގެ މައުލޫމާތު ހިއްސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފުލުހުންނާ ގާނޫނު މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
"ވީމާ މި މައްސަލައިގެ ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ނޫސްވެރިންގެ ބައްދަލުވުމެއް ވީ އެންމެ އަވަހަށް ބޭއްވުމަށް މި ޕާޓީން ގޮވާލަމެވެ." އެ ބަޔާނުގައިވެއެވެ.
ހަމައެއާއެކު، ފުލުހުންގެ ގާނޫނުގައި އެ ޚިދުމަތް ހިންގާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ގާނޫނަށް ބެލުމެއް ނެތި އިހުސާން ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމަށް އެމްޑީޕީން ތުހުމަތުކުރިއެވެ. އަދި ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އަމަލު ކުރާ ކަމަށާއި އެއީ ގާނޫނަށްވުރެ މަތީގައި ފުލުހުން ހަރަކާތްތެރިވުމުގެ ސަގާފަތެއް އިއާދަކުރެވުމުގެ ފުރުސަތު ފަހިވާ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.
"މިގޮތަށް އަމަލުކުރުމުގެ ބަދަލުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ޒަމާނީ އަދި ޕްރޮފެޝަނަލް ފުލުހުންގެ ޚިދުމަތެއް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މި ޕާޓީން ސަރުކާރަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައިވެއެވެ.
އެމްޑީޕީން ވަނީ، އަތުހަރު ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތް ފާހަގަކުރާ ކަމަށާއި ނަމަވެސް، އެ ހާލަތުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތެއްގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށް ސުވާލު އުފެދިފައިވާ ކަމަށް ބުނެފައެވެ. އަދި ފުލުހުންގެ ތެރޭގައި މިފަދަ ކަންކަން ތަހުގީގުކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަން ތަހުގީގު ނުކުރާނެ ކަމަށް އިހުސާން ވިދާޅުވެފައިވުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް އަސަރުކުރާ ކަމެއް ކަމަށާއި އެއީ ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުމަށް ފުލުހުންނަށް ދެވޭ ހިތްވަރެއް ކަމަށް އެ ޕާޓީން ބުންޏެވެ.
މީގެ އިތުރުން، އަތުހަރުގެ މަރާ ގުޅޭ ގޮތުން މިހާތަނަށް ނޫސްވެރިންނާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން، އޭނާގެ ހަރަކާތެއް ނެތްކަން އޮފިސަރުންނަށް ފާހަގަކުރެވުނީ 28 މިނިޓު ފަހުންކަމަށް އެނގޭއިރު އެކަމުގައި އިހުމާލުތަކެއް އޮތް ކަމަށް އެ މައުލޫމާތުތަކަށް ބެލުމުން އެމްޑީޕީއަށް ގަބޫލުކުރެވޭ ކަމަށް ބަޔާނުގައިވެއެވެ.
އެ ޕާޓީން ވަނީ، އަތުހަރު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔުމަށް ފަހު އޭނާގެ އާއިލާއަށް ދޭން ޖެހޭ އެންމެ ފުރިހަމަ މައުލޫމާތު ދީފައި ނުވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިފަދަ ބޮޑު ކަމެއް ހިނގައިދިޔުމުން ބަންދުގައި ހުރި މީހާއާ ގުޅޭ މައުލޫމާތު އާއިލާއާ ހިއްސާކުރަން ޖެހޭނެ ކަމަށް މި ޕާޓީން ގަބޫލު ކުރަމެވެ." ބަޔާނުގައިވެއެވެ.
އެހެންވެ، އަތުހަރު މަރުވުމުގައި އިހުމާލެއް އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު އެކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެ ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް އެ ޕާޓީން ގޮވާލިއެވެ.
އަތުހަރު މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމުގެ މަސައްކަތް ފަށާއިފައިވާ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ އިތުރުން ފުލުހުންގެ ތެރޭގައި ވެސް އަންނަނީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަހުގީގެއް ހިންގަމުންނެވެ.