ރޯދަމަހުގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ނުކުރައްވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)އެވެ. އެ ކުއްލި މައްސަލައިގައިވަނީ ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިސްލާހެއް ގެނެސްފައިވަނީ އެ މަހުގައި އިންތިޚާބުތައް ބޭއްވުމުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ފާސްކޮށް، ގާނޫނު ތަސްދީގުކުރަން ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެކަމަކު، މިހާތަނަށް އެ ބިލް ތަސްދީގުކޮށްފައެއް ނުވެއެވެ.
ރައީސް ޑރ. މުއިއްޒު މި ބިލް ތަސްދީގު ނުކުރައްވައި ހިފަހައްޓަވައިގެން ހުންނެވުމާއި، އިންތިޚާބު ބާއްވާނެ ރަސްމީ ތާރީހާ މެދު "އޮޅުންބޮޅުން އަރާ ފަދަ" ހާލަތެއްގައި ރައްޔިތުން ތިބެން ޖެހުމުގެ ކަންބޮޑުވުން ކުއްލި މައްސަލައިގައި ވަނީ ފާޅުކޮށްފައެވެ.
ބިލް ފާސްކުރީ ސަރުކާރު މެންބަރުންގެ ވެސް ތާއީދާއެކުކަން ފާހަގަކޮށް، މައްސަލައިގައި ވަނީ ބިލް ތަސްދީގުނުކުރާ ނަމަ އެކަމުގެ ގެއްލުން ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު: އިންތިޚާބު ލަސްކުރާ ބިލް ތަސްދީގު ނުކުރާތީ މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި -- ފޮޓޯ/ ރައީސް އޮފީސް
އެ ބިލް ތަސްދީގުނުކުރައްވައި، މަޖިލީސް އިންތިޚާބު އޮންނާނީ މާޗު 17ގައި ކަމަށް ރައީސް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި ވައްޑޭގެ މައްސަލައިގައި ވަނީ އެއީ އަމިއްލަ މަސްލަހަތަށް ކުރާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވައިފައެވެ.
މި މަައްސަލަ މަޖިލީހަށް މިއަދު ބަލައިގަންނަން ފެންނަ ކަމަށް 23 މެންބަރަކު ވޯޓު ދެއްވި އިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ރޯދަމަހުގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑިޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެެވެ. ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލީހުގެ އިންތިޚާބު ބާއްވާ ގޮތަށް އެ ގާނޫނަށް ގެނައި އިސްލާހު ފާސްކުރީ ފެބްރުއަރީ 11ގައި 46 މެންބަރުންގެ ވޯޓުންނެވެ.