ގައުމިއްޔަތުގެ ނަމުގައި ފިތުނައާއި ނަފުރަތަށް ޖާގަ ދީގެން ނުވާނެ: ޝާހިދު

އަބްދުﷲ ޝާހިދު: އޭނާ ވިދާޅުވީ ގައުމިއްޔަތުގެ ނަމުގައި ފިތުނައާއި ނަފުރަތަށް ފުރުސަތު ދީގެން ނުވާނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމިއްޔަތުގެ ނަމުގައި ވިޔަސް ދިވެހީންގެ މެދުގައި ބައިބައިވުން އުފައްދައި، ފިތުނައާއި ނަފުރަތު ފަތުރަން ޖާގަ ދީގެން ނުވާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ދިވެހި ގައުމިއްޔަތު ބިނާވެފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް ކަމަށެވެ. ދިވެހީންނަކީ އެއް ދީނެއްގައި ތިބި، އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ދުނިޔޭގެ މަދުބަޔަކަށް ނޫނީ ލިބިފައިނުވާ މަތިވެރި ނަސީބެއް،" މިދިޔަ ފަސް އަހަރު ޚާރިޖީ ވަޒީރުކަން ކުރެއްވި ޝާހިދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގައުމިއްޔަތުގެ ނަމުގައިވިޔަސް ދިވެހީންގެ މެދުގައި ބައިބައިވުން އުފައްދައި، ފިތުނައާއި ނަފުރަތު ފެތުރުމަށް ޖާގަ ދެވިގެންނުވާނެ ކަމަށާއި އެކަންވެގެންދާނީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި ކަމަށެވެ.

ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރި ދުވަހެވެ. އެއީ، ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ އެއްވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމެވެ.

މުހައްމަދު ތަކުރުފާނު ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ބޮޑުތަކުރުފާނުގެ ނަންފުޅުންނެވެ.

ގައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ފާހަގަކުރައްވަން ފެއްޓެވީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރެވުނީ ރަބީއުލްއައްވަލް 1، 1365 ގައެވެ.

comment ކޮމެންޓް