ރުހުން ނުދިން ވަޒީރުންނަށް ދައުވަތު ދީފައިވާތީ، ޑިމޮކްރެޓްސްއިން ވެސް ޖަލްސާ ބޮއިކޮޓް

އެމްޑީޕީއާއި ޑިމޮކްރެޓްސް މަޝްވަރާގައި: ދެ ޕާޓީން ވަނީ މާދަމާގެ މަޖިލިސް ޖަލްސާ ބޮއިކޮޓް ކުރަން ނިންމައިފަ -- ފޮޓޯ/ ޑިމޮކްރެޓްސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، އިދިކޮޅު އެމްޑީޕީއާއެކު ދަ ޑިމޮކްރެޓްސްއިން ވެސް ބޮއިކޮޓް ކުރަން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމާފައިވާކަން ހާމަކުރި ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް މިހާތަނަށް ނުދެއެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައިވަނީ، އެ ޕާޓީން ޖަލްސާ ބޮއިކޮޓް ކުރަނީ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އެ މަގާމުގެ ހައިސިއްޔަތުން އެ ޖަލްސާއަށް ވަޑައިގަތުމަށް ދައުވަތު ދީފައިވާތީ ކަމަށެވެ.

އެއީ ގާނޫނުއަސާސީއާ ޚިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ސަރުކާރުގެ ޣައިރު ގާނޫނީ އެފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ކަމަށާއި އެހެންވެ، މާދަމާގެ ޖަލްސާގައި ބައިވެރިނުވާން ނިންމީ ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުންގެ އަދަދު 56އަށް އަރައެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން، ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މެންބަރުންގެ 25 ޕަސެންޓެވެ. އަދި ކޮންމެ ޖަލްސާއެއް ވެސް ފަށަން ވާނީ އެ އަދަދަށް މެންބަރުން ހަމަވުމުންނެވެ.

މިދިޔަ މަހު އެމްޑީޕީން ވަނީ މަޖިލިސް މެންބަރުންގެ އަދަދާ ގުޅޭ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ. އެގޮތުން އެއްވެސް ދާއިރާއެއްގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއެއް ނުލައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް އިސްލާހުވަނީ ގެނެސްފައެވެ.

އެހެންވެ، މި ސަރުކާރުން މަގާމުތައް ލިބުނު މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ވަނީ87އިން 80އަށް ދަށްވެފައެވެ. އޭގެ 25 ޕަސެންޓަށް ވާނީ 20 މެންބަރުންނެވެ.

ރައީސްގެ ކެބިނެޓަށް ރުހުން ދިނުމަށް މިދިޔަ ހޯމަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި ވޯޓަށް އެހުމުން ރުހުން ލިބިފައި ނުވަނީ، ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރަށެވެ.

ނަމަވެސް، ހަމަ އެ ޖަލްސާ ބޭއްވި ދުވަހު ރައީސް ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވައިފައެވެ.

އެކަމާ ނުރުހުން ފާޅުކޮށް، އެމްޑީޕީން ވަނީ މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން އައްޔަން ކުރެވޭނެ ކަމާ މެދު ގާނޫނީ ލަފައެއް ހޯދާނެ ކަމަށް ބުނެފައެވެ. އަދި އެ މައްސަލައިގައި، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފަޔަކީ ރުހުން ނުދިން ވަޒީރުންގެ ނަންތައް އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެމްޑީޕީން ޕީޖީން ވަނީ ރައީސް އަޒުލުކުރުމަށް ނިންމައި، އަންނަ މެއި މަހު މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން އެ މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ބުނެފައެވެ.

https://sun.mv/188280

ވަޒީރުންނަށް ރުހުން ނުދިން މައްސަލައިގައި ވެރިކަން ކުރާ ކޯލިޝަނުން ވެސް ނުރުހުން ފާޅުކޮށް، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައިގެ ނޯޓިސް މިއަދު އެ ދެ ބޭފުޅުންނަށް ވަނީ ފޮނުވައިފައެވެ.

comment ކޮމެންޓް