ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ހުށަހަޅާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މިއަދު އެ ދެ ބޭފުޅުންނަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުންނުދޭން އެމްޑީޕީން ނިންމުމާ އެކު މަޖިލީހުގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން މިދިޔަ އާދިއްތަ ދުވަހު ސަރުކާރު ކޯލިޝަނުން ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފައެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއާއި އެމްއެންޕީގެ މެންބަރުންނާ އެކު ޖުމުލަ 23 މެންބަރުން ވަނީ އެ މައްސަލައިގައި ސޮއިކުރައްވައިފައެވެ.
މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއު މިއަދު 'ސަން'އަށް ވިދާޅުވީ މަޖިލީހުގެ ރައިސް އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މި މަހު 19 ވަނަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މަޖިލީހުގެރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް ފޮނުވިއިރު، މި ހިނގާ 19 ވަނަ މަޖިލީހުގެ ފަހު ދައުރު ފައްޓާ ޖަލްސާ މާދަމާ އޮންނާނެއެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާނެއެވެ.
ޕީޕީއެމް/ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ވަޒީރުންނަށް ރުހުންދޭން ނިންމައި ކޮމިޓީން ފުރަތަމަ އެ މައްސަލަ ތަޅުމަށް ފޮނުވުމަށް އަނބުރާ ކޮމިޓީއަށް ފޮނުވައިލަން އަސްލަމް ނިންމެވީ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.
އެހެންވެ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލައިގައި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން، އެމްޑީއޭއާއި އެމްއެންޕީގެ މެންބަރުން އަދި އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވަނީ ސޮއިކުރައްވައިފައެވެ.
މި ހިނގާ 19 ވަނަ މަޖިލީހުގައި ފުރަތަމަ މަޖިލީހުގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ކުރިން އެމްޑީޕީން ހުށަހެޅިއެވެ. އެ ފަހަރު، އެމްޑީޕީން އެ މައްސަލަ ހުށަހެޅުމާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަޖިލީސް ހުއްޓުވާފައި އޮތެވެ.
އެކަމަކު، މަޖިލީސް ހުއްޓުވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުން ނަޝީދު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މަޖިލީހުގެ ރައީސަކަށް އަސްލަމް އިންތިޚާބުކުރީ ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.