އެމްޑީޕީން ކުރި މުޒާހަރާއަކާ ގުޅިގެން މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ރާއީއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އަންނަ ހޮނިހިރު ދުވަހު ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
އެ ދެ މީހުން ފުލުހަށް ހާޒިރުކުރަން ޗިޓު ފޮނުވާފައިވާ ކަން މޫކޭ ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން، ފުލުހަށް ހާޒިރުވާން އެންގި ޗިޓުގައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ, ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކުގައި އެއްވެ، އަޑުގަދަކޮށް، މުޒާހަރާކުރި ކަމަށެވެ.

މޫސާ އަލިމަނިކު (މޫކޭ): އޭނާ ޕޮލިހަށް ހާޒިރުވާން ވަނީ ޗިޓު ފޮނުވާފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
އެކަން ކުރީ އާންމު ދަތުރުފަތުރު ކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ކަމަށާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ޗިޓުގައިވެއެވެ. އަދި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް އެ ޗިޓުގައި ވަނީ ބުނެފައެވެ.
އެހެންވެ، އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 14:00އަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގާފައި ވަނީ އެ މައްސަލަގައި ދެމީހުންގެ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ޗިޓުގައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގެ ތެރެއިން ދެމީހަކު ހައްޔަރު ވެސް ކުރިއެވެ. އެރޭ ހައްޔަރުކުރީ އެ ޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީން ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. ނަމަވެސް، ގައްބަރޭއާއި ޝަޒީން ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.
އެމްޑީޕީން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގައި ގޮވާލަމުންދަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން މުރާޖާކުރި ގޮތާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ އިސް ވެރިންގެ އިސްތިއުފާއަށް ގޮވާލަމުންދެއެވެ.