ކުރަން ޖެހޭ ކަންކަން ނުކޮށް, ސިޔާސީ ސަކަރާތުގައި؟

އޭސީސީގެ ރައީސާއި ބައެއް މެންބަރުން: އެ ކޮމިޝަނަށް ފާޑު ކިޔުން ވަރަށް ބޮޑު -- ފޮޓޯ/ އޭސީސީ

ދުވަސްވީ ބައެއް މީހުން އެތަނަށް ކިޔަނީ ކޮރަޕްޝަން ބޯޑެވެ. ފަހުން އާ ގާނޫނުއަސާސީއާއެކު އެތަން ކޮމިޝަނަކަށް ބަދަލު ކުރި ފަހުން ކޮރަޕްޝަން ކޮމިޝަނޭ ވެސް ކިޔައި އުޅެއެވެ. އެތަނުގެ ނަން ކިޔާއިރު ކުރިއަށް "އެންޓި" ނުލަނީ ގަސްތުގައި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. ހަމަ ގައިމުވެސް މިހާތަނަށް އެ ކޮމިޝަނުން އަމަލު ކުރަމުން އަންނަ ގޮތުން ތަނުގެ ނަމުގެ ކުރިއަށް "އެންޓި" ލާން ޖެހޭތޯ ނުވަތަ ނޫންތޯ މިއީ ކޮށްލަން މުހިންމު ސުވާލެކެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގަން ދައުލަތުން ކުރަނީ ބޮޑު ހޭދައެކެވެ. އެގޮތުން 2023 ވަނަ އަހަރު އެ ކޮމިޝަނަށް 50 މިލިއަން ރުފިޔާ ހޭދަ ކުރިއެވެ. މިދިޔަ 2024 ވަނަ އަހަރު 47 މިލިއަން ހަރަދު ކުރިއިރު މިއަހަރަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތީ ދީފައެވެ. މިއީ ލިބޭ އެއްޗަކުން ހަރަދު ފޫނުބެއްދިގެން އުޅޭ މި ރާއްޖެއަށް ބޮޑު ހޭދައެކެވެ.

ދެން ސުވާލަކީ ނަތީޖާ ކިހިނެއްތޯއެވެ؟

އޭސީސީއަކީ ނަތީޖާ ނުނެރެވޭ ތަނެއްގެ ހެއްކަކަށް ހަމަ އެންމެ މިސާލަކުން ފުދެއެވެ. އެއީ އެ މުއައްސަސާ ހިންގަން 50 މިލިއަން ރުފިޔާ ހޭދަ ކުރި 2023 ވަނަ އަހަރު ދައުލަތަށް އަނބުރާ ހޯދަން އެ ކޮމިޝަނުން އެންގި 50،370،521 މިލިއަން ރުފިޔާގެ ތެރެއިން އެ އަހަރު ހޯދުނީ އެންމެ 234,531 ރުފިޔާ ކަމަށް ހަމަ އޭސީސީން ބުނާތީއެވެ. މިއީ އާދައިގެ ހިސާބެއް ޖެހި ނަމަވެސް ދެކޮޅު ނުޖެހޭ ކަމެއްކަން އެނގެއެވެ. ފަންސާސް މިލިއަން ހަރަދު ކޮށްގެން ދެ ލައްކަ ހޯދަން ކީއްކުރާ މުއައްސަސާއެއްތޯއެވެ؟

އޭސީސީގެ ރައީސާއި މެންބަރުން: އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލާ މައްސަލައިގެ ތަފުސީލު ދޭން ދެކޮޅު ހަދައިފައި -- ފޮޓޯ/ އޭސީސީ

ހަމަ އެހެންމެ ކޮރަޕްޝަންގެ އަމަލުތައް ހައްދުން ނެއްޓިގެންގޮސް ފާޅުގައި އެ ޖަރީމާ ހިންގާ ވަރާއި އެކަން ނުހުއްޓުވޭ ކަމީ ވެސް އޭސީސީ ފެއިލްވެފައި އޮތްކަން ހާމަވާ ސަބަބެކެވެ. ފާޅުގައި ކޮރަޕްޝަން ހިންގައި އަދަބެއް ނުލިބި އެ އުޅެވެނީ އެ މުއައްސަސާ ފަންކްޝަން ނުކުރާތީއެވެ.

އޭސީސީއަށް ނަތީޖާ ނުނެރެވިގެން އުޅެނީ ހަމައެކަނި އެ މުއައްސަސާގެ ހުރި މައްސަލައަކުން އެކަނި ކަމަށް ނުވެދާނެއެވެ. ނަމަވެސް އެތަނުގެ ވެރިންނަށް މިއޮތްހާ ޒަމާނުގައި ތިއްބެވި ބޭފުޅުންނާއި މިހާރު ތިއްބެވި ބޭފުޅުންގެ އަމަލުތަކަށް ބަލާއިރު ދެކޮޅު ނުޖެހޭ ކަންކަން ވަރަށް ގިނައެވެ. ގިނަ ފަހަރަށް ގާނޫނީ ޒިންމާ އަދާ ކުރުމުގެ ބަދަލުގައި މަސައްކަތް ކުރައްވަނީ އަމިއްލަ ވަޒީފާގެ ހިމާޔަތުގައޭ ބުނެވޭނެ އެތައް ފުރުސަތެއް އެބައޮތެވެ.

މިހާރުވެސް އެ ވަނީ ވަންނަން ނުވާނެ ކަމަކަށް؟

މިހާރު މި ހިނގައިގެން އުޅޭ ކަންތަކަށް އެކަނި ބަލާލިޔަސް ޝައްކުގެ ނަޒަރަކުން ބެލޭނެ އެތައް ކަމެއް އެބައޮތެވެ. ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ނިންމައި ސަރުކާރުން ގާނޫނުއަސާސީ އިސްލާހު ކުރީ މެންބަރުން "ބަންނަން" ކަން ޔަގީނެވެ. އެކަން އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަތެވެ. ދެން ބަންޑާރަ ނައިބުގެ ފަރާތުން އެ ކޯޓުގައި ވަކާލާތު ކުރީ އެއީ ސުޕްރީމް ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ މައްސަލަ ބެލޭނެ ކަމަށެވެ. އެއާއެކު ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމުގެ މަސައްކަތް ފެށުނެވެ.

މިއީ އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު ކުރެވޭ ބޮޑު މައްސަލައެކެވެ. މި ކަމަށް ސަރުކާރުން އެންމެ ބޮޑަށް ބޭނުން ކުރާ ނުވަތަ ގުރުބާން ކުރާ އެއް މުއައްސަސާއަކީ އޭސީސީ ކަމަށް ތުހުމަތު ކުރެވި އެ ކޮމިޝަނަށް އެތައް ފާޑު ކިޔުމެއް މިވަނީ އަމާޒުވެފައެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ, ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި ހުސްނުއް ސުއޫދު ކުއްލި ގޮތަކަށް, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކޮށްފައި ވަނީ އޭސީސީއިން ބަލަން ފެށި މައްސަލައަކާ ގުޅިގެންނެވެ. ސަރުކާރުން ވަރަށް ބޭނުންވެފައިވާ ކަމެއްގެ ތެރެއަށް ކުއްލިއަކަށް އޭސީސީ ވަދެ, ސަރުކާރުން ބޭނުންވާ ގޮތަށް ނުފޫޒު ފޯރުވުމަށް މަގުފަހި ކޮށްދެނީ ކަމަށް ތުހުމަތު ކުރެވެއެވެ.

https://www.sun.mv/203533

ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިގޮތުގައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އޭސީސީން, ޖޭއެސްސީއަށް ސިޓީއެއް ފޮނުވީ އެފަދަ ތަހުގީގެއް ނުފަށަނީސް، އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މަގާމު ދިފާއު ކުރުމުގެ ބޭނުމުގައެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، ޖޭއެސްސީއަށް ފޮނުވި ސިޓީގައި ޝާމިލް ހިމަނުއްވާފައިވަނީ ދޮގު މައުލޫމާތެވެ. އަދި އޭނާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ ސިޓީ ފޮނުވީ ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން ކަމަށް އަޒްމިރަލްދާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ބަންޑާރަނައިބު އަޙްމަދު އުޝާމް ބޭނުންވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިޔުމަށް ކަމަށްވާތީ އާއި އޭސީސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މީހެއް ކަމަށް ބަޔާންކޮށް މިފަހުން ގާނޫނަށް އިސްލާހު ގެނެސްފައިވާތީ، އަމިއްލަ މަގާމު ދިފާއު ކުރުމުގެ މަސްލަހަތު ވެސް ޝާމިލް އިސްކުރި ކަމަށް އަޒްމިރަލްދާ ތުހުމަތު ކުރެއްވިއެވެ. އެހެންވެ، ޝާމިލް އަމަލުކޮށްފައިވަނީ ތިމާއަށް އަދި މަންފާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށްވާތީ، ޖިނާއީ ކުށުގެ އެ އަމަލު ތަހުގީގުކޮށްދިނުމަށް އޭސީސީގައި އަޒްމިރަލްދާ އެދިވަޑައިގަތެވެ.

މި ބޮޑު ތުހުމަތާ ގުޅިގެން ޝާމިލް ވެސް އަދި އޭސީސީން ވެސް ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.

ޒިންމާ އަދާނުކޮށް އަމިއްލަ މަގާމުގެ ދިފާއުގައި އެކަނި މަސައްކަތް ކުރާ ކަމުގެ ތުހުމަތު އޭސީސީގެ މައްޗަށް ކުރެވެނީ މިއަދު އެކަންޏެއް ނޫނެވެ. މިއީ ޒަމާންވީ މައްސަލައެކެވެ. ސަރުކާރުތަކުން ބޮޑެތި ވައްކަންތައް ފާޅުގައި ހިންގާއިރު އެކަން ހުއްޓުވަން ޖެހޭ އޭސީސީ އޮންނަނީ ގަދަ ނިދީގައެވެ. ކުރަން ޖެހޭ ވަރާ ގާތަށް ވެސް މަސައްކަތެއް ނުކުރެއެވެ. ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިންގިއިރު ވެސް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފެނަކަ މެދުވެރިކޮށް އެތައް ކޮރަޕްޝަނެއް ހިންގިއިރު ވެސް ހަމަ ތިބީއެވެ.

ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކޮށް, މަދު ބައެއްގެ މަންފާއަށް ހުސްކޮށްލާއިރު ވެސް ހަމަ ބޮޑު މުސާރަ ނަގައިގެން ތިބެނީއެވެ. އޭސީސީ ކިރިޔާ ވެސް އެކްޓިވް ވާނީ އޭރަކު އޮންނަ ވެރިކަމެއް ނިމޭ ދުވަސްކޮޅުގައެވެ. މަހާނަ މައްޗަށް މަޑި ޖަހާ އުސޫލުންނެވެ. އަނެއްކާ ވެސް ދެން އަންނަ ސަރުކާރެއްގެ ދަށުގައި ހަމަ ގަދަ ނިދީގައި ތިބެނީއެވެ.

މި މޮޑެލް ވެސް ގޯސް!

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިދިޔަ ޖެނުއަރީ މަހު "ސަން"އަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ އޭސީސީ އޮތީ އެންމެ ރަނގަޅު މޮޑެލްގެ ގޮތުގައި ކަމަށް މިހާރު ގަބޫލުނުކުރެއްވޭ ކަމަށާއި، މައްސަލައަކީ ނިންމުންތައް ނިންމުމުގައި ފަސްޖެހުން ކަމަށެވެ.

އޭސީސީގެ މެންބަރުންނަކީ މެރިޓް އުސޫލުން ބަލައި ވަރަށް 'ކޮލިފައިޑް' ރަނގަޅު ބޭފުޅުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް މަސައްކަތުން އެ ނަތީޖާ ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

https://www.sun.mv/201755

"މިއީ މައްސަލައަކީ. ހަމަ މީހުންގެ މައްސަލަ މި މައްސަލައަކީ. ނިންމުންތައް ނިންމަން ނުކެރެނީ. ނޫނީ ފަސްޖެހެވެނީ. ނޫނީ އެބޭފުޅުންގެ ގާބިލުކަން ނެތީ. މިބޭފުޅުން [އޭސީސީން] މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނަމަ މިކަންކަން ވެފަ [މައްސަލަތައް ބެލިފަ] ހުންނަންވާނީ،" ނާޒިމް ވިދާޅުވިއެވެ.

އޭސީސީ މިހާރު ހިންގާ ނިޒާމުގައި ވެސް ދެކޮޅު ނުޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ނިޒާމު އޮތީ ސިޔާސީ މީހުންގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވޭ ގޮތަށެވެ. އޭރަކު އޮންނަ ސަރުކާރަކުން ނުވަތަ މަޖިލީހުގެ މެޖޯރިޓީއަކުން ނުރުހިއްޖެ ކޮންމެ ހާލަތެއްގައި މަގާމު ގެއްލުވާލެވެއެވެ. އަދި މި ސަރުކާރުން މިހާރު ނިންމާފައިވަނީ އެފަދަ ކޮމިޝަންތަކުގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅާނީ ވެސް ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މި ނޫން ވެސް ނުފޫޒު ފޯރުވޭނެ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން 2014 ވަނަ އަހަރު ހެދި އެސެސްމަންޓެއްގައި އޭސީސީއަށް މާލީ މިނިވަންކަން ނެތްކަން ފާހަގަކޮށްފައިވާއިރު، އެ އިދާރާގެ ބަޖެޓް ކޮންޓްރޯލްކުރަނީ އެގްޒެކެޓިވް ބްރާންޗުން ކަމަށް ބުނެފައިވެއެވެ. މި ބަރޯސާވުމުގެ ސަބަބުން އޭސީސީއަށް ސިޔާސީ ނުފޫޒުފޯރުވުމުގެ ފުރުސަތު ބޮޑުވެ، އޭސީސީގެ އިންސާފުވެރިކަމަށް ބުރޫ އަރާނެ ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

ހަމަ ޔޫއެންއޯޑީސީގެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީސީގެ އިންވެސްޓިގޭޓަރުންނަށް، ފުލުހުންނަށް ގާނޫނުން ލިބިދީފައިވާ ފަދަ ބާރުތަކާ އެއްވަރުގެ ބާރުތަކެއް ލިބިފައި ނުވާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އެއީ ހައްޔަރުކުރުން ނުވަތަ ބަލައި ފާސްކުރުން ފަދަ ބާރުތަކެވެ. މި ލިމިޓޭޝަންގެ ސަބަބުން އޭސީސީއަށް ފުޅާ ދާއިރާއެއްގައި ތަހުގީގެއް ހިންގުމުގެ ގާބިލުކަމަށް ހުރަސް އެޅޭ ކަމަށް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

"ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކަށް ބަލާއިރު ތަހުގީގު ކުރުމުގެ އިތުރުން ދައުވާ އުފުލުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަންތަކަށް އޮވޭ. ރާއްޖޭގައި އެ ބާރެއް ނެތް. ދައުވާ ކުރަން އެދެން މި ޖެހެނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އަރިހުން. އުންސުރޭ ނުވަތަ އެހެން ވެސް އެއްޗެއް ހަމަ ނުވާ ކަމަށް ބުނެ މައްސަލަ ހުއްޓުވުމުގެ ބާރު އެހެން ފަރާތަކަށް އެބައޮތް. މިއީ ވެސް ބޮޑު ގޮންޖެހުމެއް," އޭސީސީގައި ކުރިން އިސް މަގާމެއް ފުރުއްވި ބޭފުޅަކު ވިދާޅުވިއެވެ.

އޭސީސީއަށް ވެސް ދެއްކޭނެ ވާހަކަ ހުރެދާނެއެވެ. ނަމަވެސް ހަގީގަތުގައި ކަމެއް ނުވެގެން އުޅެނީ އިހުލާސްތެރި ކަމެއް އެތަން ހިންގަވަން ތިބޭ ވެރިންގެ ނެތުމުން ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ. ކޮރަޕްޝަން އިތުރުވެ, ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ފަތުއަޑު ކިޔާފައި ކުރިއަށް ދާއިރު އެކޮމިޝަންގެ ވެރިން އެ އުޅުއްވަނީ ސިޔާސީ ކަންކަމުގައޭ ތުހުމަތު ކުރެވެނީ އެހެންވެއެވެ.

މި ރިޕޯޓަށް އޭސީސީގެ ރައީސްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މި ގައުމުގެ ތަރައްގީއަށް އޮތް ހުރަހަކަށް ކޮރަޕްޝަން ވެފައިވާއިރު އަދި އެކަން ހުއްޓުވުމަށް ދައުލަތުން އެތައް ބޮޑު ހޭދައެއް ކުރާއިރު ނަތީޖާ ހަމަ ސުމެކެވެ. އެކަން ކުރަން އޮތް މުއައްސަސާއަށް އެކަމެއް ނުވެއެވެ. އެތަނުގެ ވެރިން ގިނައިން އުޅުއްވާ ކަމަށް ބެލެވެނީ ޒިންމާ އަދާ ކުރެއްވުމަށް ވުރެން އަމިއްލަ މަގާމުގެ ދިފާއުގައެވެ. "އެންޓި" ބޭނުން ނުކޮށް ކޮރަޕްޝަން ކޮމިޝަނޭ ބުނަނީ އެހެންވެ ކަމަށް ވެދާނެއެވެ.

comment ކޮމެންޓް