ވަޒީރުންނަށް ރުހުން ނުދިނީ އެކްޓިވިސްޓުން ހިތްހަމަޖައްސަން: ސަލީމް

ޕީޕީއެމް، ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެމްޑީޕީން ވަޒީރުންނަށް ރުހުން ނުދިނީ އެކްޓިވިސްޓުން ހިތްހަމަޖައްސަން ކަމަށް އެ ކޯލިޝަނުން ބުނި --- ފޮޓޯ/ މަޖިލިސް

އިދިކޮޅި އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ތިން ވަޒީރަކަށް ރުހުން ނުދިނީ އެ ޕާޓީގެ އެކްޓިވިސްޓުން ހިތްހަމަޖައްސަން ކަމަށް، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ރުހުން ދީފައި ނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

އެ ވޯޓާ ގުޅިގެން ޕީޕީއެމް، ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލީމް ވިދާޅުވީ އެ ތިން ވަޒީރުންނަކީ އެ ދާއިރާތަކުން އެންމެ ގާބިލު، މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅުން ކަމަށެވެ. އަދި އެ ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް އެމްޑީޕީއަށް ނުދެއްކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން ޝަހީމަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ އޭނާއަކީ އިސްލާމީ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ހުންނެވި، ގައުމުގެ އެންމެ ފުންނާބު އުސް އެއް ބޭފުޅާ ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ ތެރެއިން ބަންޑާރަ ނައިބު، ބަންޑާރަ ނައިބަކީ ކުރީގެ ބަންޑާރަ ނައިބުގެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ތަޖުރިބާކާރު ބޭފުޅެއް، އިލްމީ ބޭފުޅެއް. ބޭރުކޮށްލީ. ސަބަބެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ހައިދަރަށް ރުހުން ނުދިނީ، ކުރީ ސަރުކާރުގެ ބޯހިޔާވަކަމުގެ މަޝްރޫއުގެ ދަށުން ދޭން ނިންމި ގޯއްޗާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަތަކާ ގުޅިގެންކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ވަޒީރު އެ ވާހަކަ އަނބުރާ ގެންދެވި ކަމަށެވެ. އަދި އެ ގޯތިތަކުގެ ރަޖިސްޓްރީ މިހާރު ހަވާލުކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، ހައިދަރަށް ވެސް ރުހުން ނުދޭންވީ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ތިން ވަޒީރުންނަށް ވެސް ރުހުން ނުދިނުން ގުޅިފައި ވަނީ އެމްޑީޕީ އެކްޓިވިސްޓުން ރުއްސުމާ ކަމަށް ސަލީމް ތުހުމަތު ކުރެއްވިއެވެ.

"އެ ބޭފުޅުންގެ އެކްޓިވިސްޓުން ހަަމަޖެއްސުމަށް ޓަކައި ނޫނީ މަޖިލިސް އިންތިޚާބަށް އެމީހުން ހީކުރާ ގޮތުގައި އެމީހުންނަށް މަގުފަހިވަނީ ކޮންމެވެސް ބަޔަކު މީގެ ތެރެއިން ދުއްވާލީމައި ކޮންމެވެސް އެމީހުންނަށް ވޯޓުދޭން ތިބޭ ބަޔަކު ހިތްހަމަޖެހޭނެ،" ސަލީމް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުންދޭން ވޯޓު ދެއްވީ 30 މެންބަރުންނެވެ.

އުޝާމް ބަންޑާރަނައިބު ކަމަށް އައްޔަންކުރަން ރުހުންދޭން ވޯޓު ދީފައިވަނީ 24 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން ބާކީ 44 މެންބަރުން ވޯޓު ދިނީ އުޝާމަށް ރުހުން ނުދިނުމަށެވެ.

ހައިދަރަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 46 މެންބަރުން ވަނީ އޭނާއަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ރުހުންދޭން ވޯޓު ދެއްވީ 26 މެންބަރުންނެވެ.

އެ ތިން ވަޒީރުން ފިޔަވައި ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުންދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުންނުދޭން ވިޕެއް ނެރުމާއެކު ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައިފައެވެ. އެކަމަކު، ޖަލްސާއަށް ހުރަސްއަޅާނަމަ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް ރުހުންނުދޭނެ ކަމަށް ބުނުމުން، ފަހުން ވަނީ ވޯޓަށް އެހުމުގެ ފުރުސަތު ދީފައެވެ.

މީގެ އިތުރުން، މިހާރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 23 މެންބަރުންގެ ސޮޔާއެކު އިއްޔެ ޕީޕީއެމް/ޕީއެންސީން ވަނީ ހުށަހަޅައިފައެވެ. އަދި، މިއަދު އިދިކޮޅު އެމްޑީޕީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރަން ސޮއިހަމަކޮށްފައެވެ.

comment ކޮމެންޓް