މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެގެން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނު ވިދާޅުވީ މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެގެން ކަމަށް -- ސަން ފޮޓޯ

ރާއްޖެއަށް 'ކޮޅު ނެތް ކޮޅުގެ' މިނިވަންކަމެއް ދެމެހެއްޓެން އޮތީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަބަދު ވެސް ދަރަނީގެ ކަންކަމުގައި ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު އެފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނު ވަނީ އެ ޕޯސްޓުގައި ވެސް ބޭރުގެ ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ކޮޅު ނެތް ކޮޅުގެ މިނިވަން ކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނީން ސަލާމަތްވެ ތިބެގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދަރަންޏާ ނުލާ އުޅުމުން ސަރުކާރުން މިހާރު ރައްޔިތުންނަށް ދެމުން އަންނަ އެތައް ޚިދުމަތަކުން މަހްރޫމުވާނެ ކަމަށެވެ. އެކަމަކު، ބުއްދިވެރިކަން އިސްކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ، ޚަރަދު ކުޑަކުރުން ނޫން އިތުރު ގޮތެއް ދެން ނެތް ކަމަށް ވޯލްޑް ބޭންކުން ވެސް ވަނީ ބުނެފައެވެ.

ރާއްޖެއިން އަބަދު ވެސް ލިބޭ އާމްދަނީއަށް ވުރެ މާ ގިނައިން ޚަރަދުކުރެއެވެ. އެ ފައިސާ ހޯދަނީ އެތެރެއިންނާއި ބޭރުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. މާލީ ނަންބަރުތަކަށް ބަލާއިރު މިހާރު ވެސް ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 100 އިންސައްތައަށް ވުރެ މަތީގައެވެ.

https://sun.mv/194727

އެކަމަކު، އެ އަދަދުތައް ދަށްކޮށް، 2028 ވަނަ އަހަރު އަރަނި ބަޖެޓެއް ހުށަހެޅުމަކީ ސަރުކާރުގެ އަމާޒެކެވެ.

މާލީ ވަޒީރު މުޙައްމަދު ޝަފީގު ވިދާޅުވި ގޮތުގައި ސަރުކާރުން އަންނަނީ މި އަހަރު ފެށުނީއްސުރެ އިގުތިސާދީ އަދި މާލީ އިސްލާހީ ފިޔަވަޅުތައް އަޅަމުންނެވެ. ނަތީޖާއެއްގެ ގޮތުން 2.5 ބިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/193772

ސަރުކާރުން ވަނީ ޚަރަދުތައް ކުޑަކުރާނެ ކަމަށް ބުނެފައެވެ. އަދި، ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް މަދުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެކަމަކު، މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

އެމްޑީޕީ ތެރޭ އުފެދުނު ސިޔާސީ ހަލަބޮލިކަމަށް ފަހު މިދިޔަ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަފުޅު ސިޔާސީ ޕާޓީއެއް ވެސް ނަޝީދު އުފެއްދެވިއެވެ. އެކަމަކު، އެ ޕާޓީއަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

އެއަށް ފަހުގައި ނަޝީދު ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެންކަން އިއުލާނުކުރެއްވީ ޑިސެމްބަރު 12، 2023 ގައެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން އެ މަނިކުފާނު ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ.

comment ކޮމެންޓް