ވަކި ޕާޓީއެއްގެ ބަޔަކަށް ވީތީ މަސައްކަތްކުރަނީ ޤައުމުގެ މިނިވަންކަން ނަގާލުމަށް ކަމަށް ބުނެ ލޭބަލްކުރުން ހުއްޓާލަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި 'ރާއްޖެ ޓީވީ'ގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް އަދި ނިމިދިޔަ ސަރުކާރުގެ ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ، މިނިވަން ދުވަހު ކުރަންވީ ކަމަކީ ނަފުރަތު އުފެއްދުމާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލުން ކަމަށެވެ.
އަދި، މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ނަފުރަތު އުފެއްދުން ހުއްޓާލަން ގޮވާލައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ނަފުރަތުގެ ސިޔާސަތުތައް، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ސިޔާސަތުތައް. ރައްޔިތުން ވަކި ގޮތަކަށް ސިޔާސީ ގޮތުން ލޭބަލްކުރުމުގެ ސިޔާސަތުތައް ހުއްޓާލަންވީ. ޤައުމީ ކަންތައްތައްތަކުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވެން ޖެހޭނެ،" ޝާހިދު ވިދާޅުވިއެވެ.
އެންމެންގެ މަގުސަދަކީ އިސްލާމް ދީން ޙިމާޔަތްކޮށް، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުންކަން އެއީ އެންމެންނަށް އެއްބަސްވެވެން ޖެހޭކަންކަން ކަމަށް ޝާހިދު ވަނީ ފާހަގަކުރައްވައިފައެވެ. އަދި، މި ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ވިސްނުންތަކާ ދެކޮޅަށް ޝައުގުވެރިވެގެން އުޅޭ ޕާޓީއެއް ވެސް ނެތް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ މިނިވަންކަމަކީ ބައިބައިވެގެން ހިފެހެއްޓޭނެ އެއްޗެއް ނޫން ކަމަށާއި މިނިވަންކަމަކީ އެންމެން އެކަތިގަނޑަކަށް ވެގެން ހިފެހެއްޓޭނެ އެއްޗެއް ކަމުގައެވެ.
މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީން ވަނީ މިނިވަންކަމުގައި ދިފާއުގައި ކަމަށް ބުނެ 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. އަދި، އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ ކަމަށާއި އެ މީހުން ތިބީ ހަތިޔާރާ އެކުގައި ކަމަށް ވެސް އޭރު އިދިކޮޅުން ތުހުމަތުކުރިއެވެ.
ވެރިކަން ބަދަލުވުމަށް ފަހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައިފައެވެ.
އެމްޑީޕީން މިނިވަންކަން ނަގާލަން މަސައްކަތްކުރާ ކަމަށް ޕީޕީއެމް/ޕީއެންސީން އަބަދު ވެސް ތުހުމަތުކުރެއެވެ. އެކަމަކު، އެމްޑީޕީން އެ ކަންކަން ދޮގުކުރެއެވެ.