ސިޔާސީ ޕާޓީތައް ތަސައްރަފު ފުދިއްޖެ، ދައުލަތުން ދޭ އެހީ ކަނޑަންޖެހޭ: އާތިފް

ސިޔާސީ ޕާޓީތައް މިހާރު ތަސައްރަފު ފުދިއްޖެ ކަމަށާއި، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ޓަކައި ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ޖެހިފައިވާ ކަމަށް އިގުތިސާދު ދިރާސާ ކުރައްވާ އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ޓޯކިން އިކޮނޮމީ ޕްރޮގްރާމްގައި އާތިފް ވިދާޅުވީ، ފާއިތުވި 15 އަހަރު ތެރޭ ސިޔާސީ ޕާޓީތަކަށް 382.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށެވެ.

އެ ފައިސާ ދޫކުރަން ފެށިއިރު ސިޔާސީ ޕާޓީތައް ރާއްޖޭގެ މާހައުލަށް އާ ނަމަވެސް، މިހާރު ސިޔާސީ ޕާޓީތައް ހެޔޮ އެދޭ ފަރާތްތަކުންނާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން ދޭ ޗަންދާއިން ހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ބަދަލެއް ގެނައުމުން ބަޖެޓުން މިލިއަނުން ފައިސާ ސަލާމަތްކުރެވޭނެ ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ އެމްބަސީތަކުން ވެސް ޚަރަދުތައް ސަލާމަތް ކުރެވެން އޮތް ކަން އާތިފް ފާހަގަކުރެއްވިއެވެ.

ފާއިތުވި އަހަރުތަކުގައި ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާ ފައިސާ: ޚަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ޖެހޭ ކަމަށް އާތިފް ވިދާޅުވި --

މިއަހަރުގެ ބަޖެޓުގައި 20 އެމްބަސީއެއް ހިންގުމަށްޓަކައި 334 މިލިއަން ރުފިޔާ ހިމަނައިފައިވާއިރު، ރާއްޖެ މިހާރު އޮތް ހާލަތުގެ ގޮތުން އެ ހުރިހާ އެމްބަސީއެއް ހިންގަން ޖެހޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ގިނަ ގައުމުތަކުގައި އެމްބަސީތައް ހުންނައިރު އޭގެ ތެރެއިން ނުވަ އެމްބަސީއެއް ބަންދުކޮށް، ބާކީ އެމްބަސީތަކުން 50 ޕަސެންޓު ޚަރަދު ކުޑަކުރި ނަމަވެސް 197 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އާތިފް ވިދާޅުވިއެވެ.

"އެއީ ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކުގެ ހަތް މަހުގެ ހިންގުމުގެ ޚަރަދު، އެހެންވީމަ ސޭވިންސްއަށް އަޅުގަނޑުމެން ސޭވިންސްތަކެއް ހޯދަން ކަރަންޓު އެކްސްޕެންޑިޗާ އެހާ ބޮޑު އިރުގައި ސޭވިންތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާއިރުގައި މިއީ އަޅުގަނޑުމެންނަށް ވިސްނިދާނެ ކަންތައްތަކެއް،" އޭނާ ވިދާޅުވިއެވެ.

އެފަދަ ބަދަލުތަކުން މުސްތަގުބަލުގައި އިގުތިސާދު ހެޔޮ އަސަރު ކުރި ނަމަވެސް މިހާރު ޚަރަދު ސަލާމަތް ކުރެވެން އޮތީ މުސާރައާއި ސަބްސިޑީ ފަދަ ކަންތައްތަކަށް ކަނޑައަޅާ ރިކަރަންޓު ޚަރަދު ކުޑަކޮށްގެން ކަމަށް އާތިފް ވިދާޅުވިއެވެ.

"ޚަރަދުތަކެއް ސަލާމަތްކުރުމަށްޓަކައި ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅުތަކުގައި ބޮޑުކޮށް ފެންނަން މި އޮންނަނީ މުސާރައާއި ބޭސްފަރުވާއަށް ޓަކައި، އާސަންދަ އެކަނި ކިޔައިފައި ދޫކޮށްލުމަކީ މިއަދު އެންމެ ރަނގަޅު ވާހަކައެއްނޫން، އަޅުގަނޑުމެންނަށް އެނގޭ މެޑިކަލް އިންޝުއަރެންސް ގޮތުގައި އާމްދަނީން އާސަންދައިގެ އިތުރަށް ބައިވަރު މެޑިކަލް އިންޝުއަރެންސްތަކެއް އެބަ ހިނގާ،" އޭނާ ވިދާޅުވިއެވެ.

"މިގޮތުން މިހިނގީ ބައެއް ޚަރަދުތައް، އެސްއޯއީތަކަށް ސަރުކާރުން މިކުރައްވާ ޚަރަދުތަކަށް މި އެއްޗެހިތައް މަދުކޮށްލައިފިއްޔާ އަޅުގަނޑުމެންގެ ޚަބަރުތައް ސަލާމަތްކުރެވި އާމްދަނީ އަތުޖެހޭ ހަމަޔަށް އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް ގަބޫލުކުރަނީ."

ސިޔާސީ ޕާޓީގެ ގާނޫނުގެ 35ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ "ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށް" ކަމަށެވެ. އެ ގޮތުން ސިޔާސީ ޕާޓީތަކަށް ދޫކުރެވޭ ފައިސާ، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް އެ ގާނޫނުގައި އޮންނަނީ ކަނޑައަޅާފައެވެ.

https://sun.mv/193339

އެ ގާނޫނުގެ ދަށުން މިއަހަރު ހަ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބެޖެޓުން 44 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

comment ކޮމެންޓް