އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2008 ވަނަ އަހަރު، ވަޒީރުންނަށް ރުހުންނުދީ އޭރު އިދިކޮޅުގައި އޮތް ޑީއާރުޕީން ގަދަ ދެއްކިއެވެ. ރުހުން ހޯދަން ފޮނުއްވި 12 ވަޒީރުންގެ ހަތް ވަޒީރަކަށް ރުހުމެއް ނުލިބުނެވެ. ވަޒީރުންނަށް ރުހުން ނުދިނުމުން އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ނިންމެވީ ރުހުން ލިބުނަސް ނުލިބުނަސް އެ ވަޒީރުންނަށް މަގާމުގައި ދެމިތިއްބެވޭނެ ކަމަށެވެ.
ނަޝީދުގެ އެ ނިންމެވުމާއެކު ނިޒާމަށް ލޮޅުން އެރިއެވެ. ގާނޫނު އަސާސީގައި ސާފުކޮށް އެނގެން އޮތް ކަމަކީ، ރައީސް އައްޔަންކުރައްވާ ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައި އޮތް ބަޔަކަށް ވާންޖެހޭ ކަމެވެ. މައްސަލަ ބޮޑުވެ، ދެ ބާރުން ތަޅައި ފޮޅަން ފެށުމުން، ދުސްތޫރީ ނިޒާމު ހަމައަކަށް އަޅުވަން ސުޕްރީމް ކޯޓަށް ދިޔައީއެވެ.
މައްސަލަ ބެއްލެވި ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އިއްތިފާގުން، ނޮވެމްބަރު 28، 2010 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، މަޖިލީހުގެ ރުހުން ނެތި ވަޒީރުންގެ މަޖިލީހުގައި ދެމިތިބެވޭނެ އެއްވެސް ހާލަތެއް ނެތް ކަމަށެވެ.
އެ ހިސާބުން ނުކުންނަވައިފައި، ނަޝީދު ދެން ވަޒީރުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުން ލައްވައި، އެއް ފަހަރައި އިސްތިއުފާގެ ސިޓީ ލިޔުއްވިއެވެ.
މަސައްކަތްޕުޅު ކުރެއްވީ އަމިއްލަފުޅު ސަރުކާރު ހުއްޓުމަކަށް ގެންނަން ކަމުގައި ސިފަކުރެވިދާނެއެވެ. އެކަމަކު، މުޅި ސަރުކާރު އެކީގައި އިސްތިއުފާ ދީގެން ވެސް، އެ ނޫން މަގެއް ނުފެނުނެވެ. ޖެހިވަޑައިގަތީ ހަމަ މަޖިލީހުގެ ރުހުން ހޯދާށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީގެ މެންބަރުން އިހުތިޖަޖުކުރަނީ -- ފޮޓޯ/ ރޮޒެއިންާ ޓުވީޓާ
އޭގެ ފަހުން ދެން އުފެދުނު ހުރިހާ ސަރުކާރެއްގެ ހުރިހާ ވަޒީރުންނަށް ވެސް މަޖިލީހުގެ ރުހުން ލިބުނެވެ.
މަޖިލީހަށް ސަރުކާރު ހުއްޓުވިދާނެތަ؟
އޭގެ އަހަރުތަކެއް ފަހުން އިއްޔެ ވެސް އޮތީ އެ ސަކަރާތެވެ. ރުހުންނުދީ އެތައް ދުވަހެއް ލަސްކޮށްފައި ދައުރު ނިމެންދަނިކޮށް އިއްޔެ ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް އެޖެންޑާކޮށްފައެވެ. ވޯޓަށް އެހުމުގެ ޖަލްސާ ފަށަން ކުޑައިރުކޮޅަކަށް ވެފައި އޮއްވައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ހަތަރު ވަޒީރަކަށް ރުހުންނުދޭން ފާސްކޮށްފައެވެ. އެއީ:
- އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު - މުހައްމަދު ސައީދު
- އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ބޯހިޔާވަހިކަމާ ބެހޭ ވަޒީރު - ޑރ. އަލީ ހައިދަރު
- ބަންޑާރަނައިބު - އަހުމަދު އުޝާމް

އެމްޑީޕީން ރުހުންނުދޭން ފާސްކުރި ވަޒީރުން --
މެޖޯރިޓީ ޕާޓީން އެ ހަތަރު ބޭފުޅުންނަށް ރުހުން ނެތް ކަމަށް ނިންމުމާއެކު ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ޖަލްސާ ހުއްޓުވައިލުމުގެ މަސައްކަތް ފައްޓަވައިފައެވެ. މަސައްކަތް ކުރެއްވީ ޖަލްސާ ކުރިއަށް ގެންދިޔަ ނުދޭށެވެ. ޖަލްސާ ފަށަންވީ ވަގުތުގައި ރިޔާސަތު ހިސޯރު ކުރައްވައިގެން އިންނެވީ ވެސް މި ފަހުން އެމްޑީޕީ ދޫކޮށް، ސަރުކާރު ހިންގާ ކޯލިޝަނާ ގުޅިވަޑައިގެން މެންބަރެކެވެ.
ހަޅޭކާއި ދުންމާރީގެ އަޑު ދެން ކަނޑައިގެން ނުދެއެވެ. ގާނޫނު ހަދާ މަޖިލީހުގެ ތަޅުން ތެރޭގައި މާރާމާރީ ވެސް ހިންގިއެވެ. ކަރަށް ފައިން އަރައި، އެކަކު އަނެކަކަށް ބިރުދައްކައި ވެސް ހެދިއެވެ. އިދިކޮޅު މެންބަރުން މަސައްކަތް ކުރީ ޖަލްސާ ކުރިއަށް ގެންދާށެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ މަގުސަދަކަށް ވެފައި އޮތީ އެ ޖަލްސާ ހުއްޓުވައިލުމެވެ.
"މިއީ ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި ކަމެއް އެމްޑީޕީން ކޮށްގެން މި އުޅެނީ. އެއީ ރައީސް ފޮނުވާ ފުރަތަމަ ކެބިނެޓަށް ރުހުން ނުދިނުމަކީ މިހާތަނަށް ކޮށްފައި އޮތް ކަމެއް ނޫން،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، އޭނާގެ ޚިޔާލު ފާޅުކުރެއްވިއެވެ.
އޭނާ ދެކެވަޑައިގެން ގޮތުގައި ވަޒީރުންނަށް މަޖިލީހުން ރުހުންދިނުމަކީ 'ރަމުޒީ' ކަމެކެވެ. ރައީސް އައްޔަންކުރެއްވީމާ އެ ބޭފުޅުންނަށް ރުހުންދިނުމަކީ ކޮންމެހެން މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ޕީއެންސީގެ ޖަލްސާއެއްގައި ރައީސް މުއިއްޒު އަދި އަދުރޭ -- ފޮޓޯ/ އެލީޒް
ހަގީގަތުގައި ސަރުކާރަށް ރައީސް އައްޔަންކުރައްވާ ވަޒީރުންނަކީ ރައީސާ އެކު ދައުލަތް ހިންގުމުގެ އެންމެ އިސްވެރިންނެވެ. އެ ބޭފުޅުންނަކީ ރައީސް އިޚުތިޔާރުކުރައްވާ ބޭފުޅުންނެވެ. އެހެންވެ، ސަރުކާރަށް އައްޔަންކުރައްވާ ބޭފުޅުންނަކީ ކަމަށް ގާބިލު، އެކަށޭނަ ބޭފުޅުންތޯ ޔަގީންކުރުމުގެ ޒިންމާ، ގާނޫނު އަސާސީން މަތިކޮށްފައި އޮންނަނީ މަޖިލީހާއެވެ.
އެކަމަކު، ސުވާލަކީ ވަޒީރުންނަށް ރުހުންދިނުމަކީ ރަމްޒީ ކަމެއް ނަމަ، އެއީ ކޮންމެހެން ކުރަން މަޖުބޫރު ކަމެއްގެ ގޮތުގައި ގާނޫނު އަސާސީގައި ލިޔެފައި އޮންނަނީ ކީއްވެތޯއެވެ.
"މަޖިލީހުން ރުހުންދިނުމާއި ނުދިނުމަކީ މަޖިލީހުގެ ބާރެއް. ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެެއްގެ ސިފަތައް އެއީ. ޗެކް އެންޑް ބެލެންސް ހިނގާގޮތް އެއީ. މަޖިލީސް އަމަލުުކުރަނީ ދުސްތޫރީ ގޮތުން ރަނގަޅަށް. ނޭނގިގެން އުޅެނީ މިއަދު ސަރުކާރަށް،" ފުންނާބު އުސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދުގެ ރައުޔަކީ މި މައްސަލައިގައި މިއެވެ.
އޭނާ އެ ވިދާޅުވަނީ ވަޒީރުންނަށް ރުހުންނުދީ، މުޅި ސަރުކާރު ހުއްޓުވައިލުމުގެ ބާރު ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައި އޮތް ކަމަށެވެ. އެއީ، ގޯހެކެވެ. އެއީ، އެކަން އޮތް ގޮތެއް ވެސް ނޫނެވެ.

ސުޕްރީމް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުރިން 2010 ވަނަ އަހަރު ނަޝީދު ސަރުކާރުގައި ދިމާވި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ހަ ފަނޑިޔާރުންނާ ޚިލާފު ރައުޔެއް ނެރުއްވީ މިހާރުގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާނެވެ. އެ މައްސަލައިގައި އޭރު މުއުތަސިމް އަދުނާންގެ ރައުރުގައި މުހިއްމު ނުކުތާތަކެއް ފާހަގަކޮށްފައި ހުއްޓެވެ.
އެ މަނިކުފާނު އޭރު ފާހަގަކުރެއްވި އެއް ނުކުތާއަކީ، ވަޒީރުންނަށް ރުހުންދޭން ފޮނުވަން ޖެހޭނީ އައްޔަންކުރުމަށް ފަހުގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތުމެވެ. އައްޔަންކުރެވި، ވަޒީރުކަމުގެ ހުވައިކޮށް، މަގާމުގެ ޒިންމާތަކާ ހަވާލުވުމަށް ފަހުގައެވެ. އެކަމަކު، އެ ވަޒީރުންނަށް ރުހުން ނުލިބޭ ހާލަތުގައި ދެން އަމަލުކުރަންވީ ގޮތެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނެތެވެ. އެކަން ބަޔާންކުރީ އޭރު 2010 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމުގައެވެ.
މުއުތަސިމްގެ ރައުރުގައި އޭރު ފާހަގަކުރައްވާފައިވަނީ:
- ރުހުން ނުދޭ ވަޒީރުންނަށް މަގާމުގައި ދެމި ނުތިބެވޭގޮތަށް ގާނޫނު މާނަ ކުރާނަމަ، އޭގެ މާނައަކީ ރައީސަށް އެންމެ ފުރިހަމަ ގޮތެއްގައި ވެރިކަން ހިންގަން ނުފެއްޓޭ ގޮތްވުން
- މަޖިލީހަށް، ވެރިކަން ހިންގުމުގެ ބާރަށް ހުރަސްއަޅައި ވެރިކަން ނުކުރެވޭގޮތަށް ހެދުން އެއީ ތިން ބާރު ވަކިވެފައި އޮންނަ ގާނޫނު އަސާސީގެ ރޫޚު ކަމުގައި ނުބެލެވޭ
- ވަޒީރުންނަށް ރުހުން ހޯދަން ބޭނުންވާ އަޣުލަބިއްޔަތާއި ވަޒީރުން ވަކިކުރަން ބޭނުންވާ އަޣުލަބިއްޔަތު ތަފާތުކޮށްފައި އޮތުން. [ވަޒީރުން ވަކިކުރަން ރުހުން ނުދޭން ނިންމޭ އަދަދަށް ވުރެ ގިނަ މެންބަރުން ބޭނުންވޭ]
- ވަޒީރަކު މަގާމުން ދުރުކުރުން މެންބަރުންގެ ޖުމުލަ އަދަދުގެ އަޣުލަބިއްޔަތު ބޭނުންވާއިރު، ވަޒީރުންނަށް ރުހުންނުދޭން ފާސްކުރަން ވޯޓަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތަށް ނިންމޭނަމަ އެއީ އެއް ކަމެއް ކުރަން ދެ ގޮތަކަށް ކަންކުރަން ގާނޫނު އަސާސީގައި ބުނުން. އެ ގޮތަށް ގާނޫނު އަސާސީ މާނައެއް ނުކުރެވޭނެ
އެހެންވެ، ވަޒީރަކު އައްޔަންވާނީ، މަޖިލީހުން ރުހުން ލިބޭ ހިސާބުން ނޫންކަން ގާނޫނު އަސާސީން ސާފުވެއެވެ. ނޫންނަމަ، ރުހުން ލިބުމުގެ ކުރީގައި ހުވައިކުރުމުގެ މާނައެއް ނެތެވެ.
ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކަށް އިންތިޚާބުކުރި ސަރުކާރަށް، ރައީސް އައްޔަންކުރެއްވި ވަޒީރުންނަށް ރުހުންނުދިނުމަކީ އެމްޑީޕީއަށް އޮތް ހައްގެއް ނޫނެވެ. އެއީ، އެ ޕާޓީއަށް އޮތް ފުރުސަތެއް ނޫނެވެ. ގާނޫނު އަސާސީގެ ރޫހަށް ބަލައިނަމަ، އެއީ މަޖިލީހަށް އޮތް ބާރެއް ވެސް ނޫނެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަޒީރުންނަށް ރުހުން ނުލިބޭނަމަ، ސަރުކާރުގައި ނުތިބެވޭނެ ކަމަށް ބުނި ނަމަވެސް ރުހުން ނުދެވޭ ހާލަތްތަކެއް ވެސް ބަޔާންކޮށްފައި އޮވެއެވެ. އެއީ، ގާނޫނު އަސާސީގައި ވަޒީރުންގެ ޝަރުތުތަކުގެ ގޮތުގައި ބަޔާންކުރާ އަސާސީ ޝަރުތުތަކެވެ. އެ ޝަރުތުތައް ފުރިހަމަވާ ކަމަށް ފުރަތަމަ މަރުހަލާގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދައިކުރާ މިންވަރު ބަލައި ކޮމިޓީން އޮތީ ނިންމައިފައެވެ.
އެ މަރުހަލާގެ ފަހުގައި ކުއްލިއަކަށް، މިހާރު ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް އެމްޑީޕީއަކަށް ނުދެއްކެއެވެ.
މި މަރުހަލާގައި ރައްޔިތުން އިންތިޚާބުކުރި ސަރުކާރަށް ހުރަސްއެޅުމަކީ އެމްޑީޕީއަށް އޮތް ގޮތެއް ނޫނެވެ. އެއީ ޑިމޮކްރަސީގެ ރޫހާ ޚިލާފު ކަމެކެވެ. ވަޒީރުންނަށް ރުހުންނުދެވޭނެ ހާލަތްތައް އެބަހުއްޓެވެ. އެއީ، ސިޔާސީ ގޮތުން ސަރުކާރުގައި ހިފަހައްޓަން ދެއްކޭނެ ގަދައެއް ނޫނެވެ.
އެމްޑީޕީން އެ ޖަހަނީ ސިޔާސީ މަރުފައްޔެކެވެ. އެހެނެއް އަދި ސަރުކާރަށް ހުރަހެއް ނޭޅޭނެއެވެ.