ދޭހާ އަތްވަކާއި ވެހޭހާ ވާރެއަކަށް ބެލުމެއް ނެތި، ރެއާއި ދުވާލުގެ އެތައް ވަގުތެއް ހޭދަކުރަންޖެހެއެވެ. ކަނޑު ގަދަޔަސް އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް ދަތުރުތައް ކުރަން ޖެހެނީ ހަވާލުކުރެވިފައިވާ ބުރަ ބޮޑު މަސްއޫލިއްޔަތުގެ ސަބަބުންނެވެ. ނިތްކުރިން ހިއްލާފައިވާ ދާތިކިތައް ފޮހެލުމަށް ފަހު ވިދާޅުވީ ހަމަ އެންމެ ޖުމުލައެކެވެ.
"އަންހެނަކަށް ވެގެން ވަކި ނުކުރެވޭނެ ކަމެއް ނޫން މިއީ،"
މިއީ ދ. އަތޮޅާ ހަވާލުވެ ހުންނެވި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ޝިއުނާގެ ވާހަކައެވެ. ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވަމުންދާތާ ގާތްގަނޑަކަށް 18 ވަރަކަށް އަހަރުވެފައިވާ ހިތްވަރުގަދަ ކަނބަލެއްގެ ވާހަކައެވެ.
އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ބޭސިކް ޓްރެއިނިން ނިންމަވައި، ޕެޓްރޯލް އޮފިސަރެއްގެ ގޮތުގައާއި، ޑިއުޓީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި އެ ނޫން ވެސް ފުލުހުންގެ ގިނަ ޑިޕާޓްމަންޓްތަކެއްގައި މަސައްކަތް ކުރައްވައި އޭނާ ވަނީ ގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވައިފައެވެ. އެއަށްފަހު މިހާރު އޭނާ ދެމިއެހުންނެވީ އަތޮޅު ކޮމާންޑަރެއްގެ ބުރަ ބޮޑު ޒިންމާ އުފުއްލެވުމުގައެވެ.

ޝިއުނާ، ދ. އަތޮޅު ރިނބުދޫއަށް ކުރެއްވި ދަތުރުގައި -- ސަން ފޮޓޯ
15 ވަރަކަށް ދަތުރުކުރަން ނުޖެހޭ ހަފުތާއެއް މަދުވާނެ
ފުލުހުން ގާއިމުވެ ތިބި ފަސް ރަށަކާއި ފުލުހުން ގާއިމުވެފައި ނެތް އެއް ރަށާއެކު ޖުމްލަ ހަ ރަށް އޭނާ ބަލަހައްޓަވަން ޖެހިވަޑައިގަންނަވައެވެ. އަދި ދ. އަތޮޅަކީ ގިނަ ރިސޯޓުތަކެއް އޮތް އަތޮޅަކަށް ވެފައި ނުވަ ރިސޯޓެއްގެ ކަންކަން ވެސް މޮނިޓާކުރުމަކީ އަތޮޅު ކޮމާންޑަރުގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ ބުރަ ބޮޑު މަސްއޫލިއްޔަތެކެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި އެ ހަ ރަށުގެ ސްޓެޓިސްޓިކްސް ލިބުމާއެކު ރަށަކަށް ފަހު ރަށެއްގައި ކުރެވުނު މަސައްކަތްތައް އޭނާ އަބަދުވެސް ބައްލަވަންޖެހެއެވެ. އަދި އެއަށްފަހު އެ ރަށެއްގެ އިންޗާޖަކަށް ހުންނަ އޮފިސަރަކަށް ދޭން ޖެހޭ އިރުޝާދުތައް އޭނާ ދެއްވައެވެ. ހަމަ އެގޮތަށް ރިސޯޓުތަކުގެ އެކިއެކި ކަންކަމާ ގުޅޭގޮތުންނާއި ހިންގާ ޕްރޮގްރާމްތަކާ ގުޅިގެން އެ ތަންތަނަށް ވެސް ދަތުރުތައް ކުރައްވަން ޖެހިވަޑައިގަންނަވައެވެ.
އަދި ރަށްރަށުގައި ހިންގާ ހަރަކާތްތަކާއި، އެ ރަށެއްގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ދަތުރުތައް ކުރައްވަންޖެހޭއިރު އޭގެ އިތުރުން ބާއްވާ ބައްދަލުވުންތަކާއި އެހެނިހެން ކަންތައްތަކުގައި މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ވެސް ދަތުރުކުރައްވަން ޖެހެއެވެ.
"ޖުމްލަ ގޮތެއްގަ ހަފުތާއެއްގެ މަތިން ބަލާކަމަށް ވަނީނަމަ 15 ދަތުރުވަރު ކުރަން ނުޖެހޭ ހަފުތާއެއް މަދުވާނެ. ބައެއް ފަހަރަށް އެއަށް ވުރެ ވެސް ތަންކޮޅެއް ގިނަވެދާނެ އެކްޓިވް ދުވަސްވަރެއްގަ،" ޝިއުނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްމީ މީޓިންތައް އެކިއެކި މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތައް އަދި އޮފީސްތަކާއެކު އޭނާ ބާއްވަވައެވެ. ހަ ރަށެއް ބަލަހައްޓަވާއިރު ދެ ތިން މީޓިންއެއް ނުބާއްވާ ދުވަހެއް މަދުވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ އޭނާގެ ދަރިފުޅާއެކު ހަވީރުގެ ވަގުތު -- ސަން ފޮޓޯ
ބިޒީ ޝެޑިއުލެއް؛ ނަމަވެސް ދަރިފުޅަށް ވަގުތު ހުސްކުރޭ
މީގެ ކުރިން މާލޭގައި މަސައްކަތްކުރެއްވިއިރު ދަރިފުޅަށް ދެވުނު ވަގުތާއި އަޅާބަލާއިރު އެހާ ވަރަށް މިހާރު ދަރިފުޅަށް ވަގުތު ނުދެވޭކަން ޝިއުނާ ފާހަގަކުރެއްވިއެވެ. މިއީ މިއަދު ބުރަކޮށް މަސައްކަތްކުރާ ކޮންމެ މައެއްގެ ވެސް ހިތުގެ އުދާހެކެވެ. ނަމަވެސް އާއިލާއާ ދުރުގައި މަސައްކަތް ކުރައްވާ ޝިއުނާ، އޭނާގެ ބިޒީ ޝެޑިއުލުން ކޮންމެވެސް ވަގުތުކޮޅެއް ދަރިފުޅަށް ހުސް ކުރައްވަނީ ރޭވުންތެރިކަމާއެކުއެވެ.
"ކުރިން ހުރި ސަޕޯޓް ސިސްޓަމެއް ނެތް. ނަމަވެސް އެންމެ ފުރިހަމައަށް ދަރިފުޅުގެ ޒިންމާ އަދާކުރަން މަސައްކަތްކުރަން އަޅުގަނޑު އަބަދުވެސް،" ޝިއުނާ ވިދާޅުވިއެވެ.
އުމުރުން 10 އަހަރުގެ ފިރިހެން ދަރިފުޅުގެ ޝަކުވާތައް މަދުން ނަމަވެސް އަދިވެސް އޭނާ އަޑުއައްސަވަން ޖެހެއެވެ. ނަމަވެސް ބޮޑުވަމުންދާ ވަރަކަށް ދަރިފުޅަށް ވެސް މަންމަގެ މަސައްކަތް އަންޑަސްޓޭންޑްވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
އެ ދެމައިން ދިރިއުޅެމުން އަންނަނީ އެ އަތޮޅު ވެރިކަންކުރާ ރަށް ކަމަށްވާ ކުޑަހުވަދޫގައެވެ. ކޮންމެ ދުވަހަކު ވެސް މެންދުރު ދަރިފުޅު ސްކޫލް ނިމޭ ވަގުތު ކުޑަހުވަދޫގައި ހުރެއްޖެނަމަ އަބަދުވެސް ދަރިފުޅު ސްކޫލަށް ބަލާ ދުރުވަނީ ޝިއުނާއެވެ.
"އަޅުގަނޑު ވަރަށް ބަލަން ދަރިފުޅު ސްކޫލުން ބަލާދެވޭތޯ. ދަރިފުޅު ބަލާ ގޮސް އޭނަ އެ ގެންނަ ގަޑީގަ އޭނަ ވަރަށް ދައްކާނެ ވާހަކަތައް އަޅުގަނޑުގެ ކައިރީގަ. ސްކޫލްގެ ކަންކަމާއި އެ ދުވަހެއް ދިޔަ ގޮތް. ދެން އޭނަ ސްކޫލުން ގެއަށް ގެންގޮސް ފެންވަރާ ހަދާލީމަ މެންދުރު އޭނަ މިސްކިތަށް ލާފަ، އޭގެ ކުރިން އޭނަ ލަންޗް ނަގަން ބޭނުން ދުވަހަކު ލަންޗްގެ ކަންކަން އެރޭންޖްކޮށްދީފަ، އަޅުގަނޑު އަނެއްކާވެސް އެނބުރި އަންނާނީ މަސައްކަތަށް،" ޝިއުނާ ކިޔައިދެއްވިއެވެ.
އެއީ އެވަގުތު ބިޒީ ނޫންނަމަ އޭނާ ކަންކުރައްވާ ގޮތެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ ހަވީރު 17:00ގައި އޭނާ އެއްކޮށް ހުސްވަނީ ދަރިފުޅާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ނިޔަތުގައެވެ. އެ ގަޑިއަށް ޚާއްސަކޮށް މަސައްކަތް ނިންމާލަނީ ގެއަށް ގޮސް އަސުރު ނަމާދު ކުރުމަށްފަހު ދަރިފުޅާއެކު ބޭރަށް ގޮސްލުމަށެވެ.
"ކުޑަމީހާ ވަރަށް އިންތިޒާރުކުރާނެ. ހަވީރު ގަޑީގައި މަންމި އަންނާނެ ކަމަށް އޭނަ ބަލާނި. ދުވާލު ގަޑީގައި ގިނަ ދުވަސް ދުވަހު އެއްކޮށް ނުފެނި ދާނި. ދެން އެ ގަޑީގައި އަޅުގަނޑު އަބަދުވެސް ގޮސް ބަލާލަން ކުޑަމީހާ އެންމެ ބޭނުންވަނީ ކޮން ކަމެއްތޯ،" ޝިއުނާ ވިދާޅުވިއެވެ.
ބައެއް ދުވަސްދުވަހު ބައިސްކަލު ދުއްވާލަން ބޭނުންވެދާނެއެވެ. އަނެއްބައި ދުވަސް ދުވަހު ހަވާބޯޑު ދުއްވާލަން ދާން ބޭނުންވެދާނެއެވެ. އަދި ބައެއް ދުވަސް ދުވަހު އައިސްކްރީމް ބޯލަން ވެސް ދާހިތްވެދާނެއެވެ. އެހެންކަމުން އެ ދުވަހެއްގައި ދަރިފުޅު ބޭނުންކަމެއް ކުރުމަށް އޭނާ އެ ގަޑި ހުސް ކުރައްވައެވެ. އެއަށްފަހު ގެއަށް ގޮސް ދަރިފުޅުގެ ކިޔެވުމުގެ ކަންކަމުގައި އެހީތެރިވެދެއްވައި، ނިންދެވުމަށްފަހު އޭނާގެ ބިޒީ ޝެޑިއުލަށް އެނބުރި ދުރުވެއެވެ.

ޝިއުނާ، ވޮލީ ކުޅެއްވުމުގައި -- ސަން ފޮޓޯ
ދުޅަހެޔޮކަމަށް އިސްކަންދޭއިރު އެގަޑި ވެސް މަސައްކަތާ ވަނީ ގުޅުވާލާފައި
ދަރިފުޅު ނިންދެވުމަށްފަހު މަސައްކަތަށް އެނބުރި ވަޑައިގަތުމާ ދޭތެރޭ ކަސްރަތެއްގެ ގޮތުން ގަޑިއެއްހާއިރަށް ކުޅެލެއްވުމަށް އޭނާ ޚާއްސަ އިސްކަމެއް ދެއްވައެވެ. ބައެއް ރޭރޭ ވޮލީ ކުޅުއްވަން ދުރުވާއިރު އަނެއްބައި ރޭރޭ ފުޓްސަލް ކުޅުއްވައެވެ. އަދި ބައެއް ފަހަރަށް ދުވެލަން ވެސް ވަޑައިގަންނަވައެވެ.
އެކަމުގައި ހޭދަކުރާ ގަޑިއެއްހާއިރަކީ ވެސް ޝިއުނާގެ މަސައްކަތުގެ އެއްބައެވެ. އެގަޑީގައި އެކި މީހުންނާ ވާހަކަދައްކަވައި ރަނގަޅު ގުޅުމެއް ކޮމިއުނިޓީއާއެކު ބޭއްވުމަށް އޭނާ މަސައްކަތް ކުރައްވައެވެ.
"ޓާގެޓްކުރަނީ އެއްކަމަށް ވުރެ އެކި ކަންކަމަށް ގޮސްލަން. އެއީ ވަރަށް އުފާވާ ވަގުތުކޮޅެއް. އެ ވަގުތުގައި ވަރަށް ބައިވަރު މައުލޫމާތުތަކެއް ލިބޭނެ. ފުލުހުން 24 ގަޑިއިރު މަސައްކަތްކުރި ގޮތާ، ރަށުތެރެއިން އަޅުގަނޑުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަމެއް ހުރިނަމަ ކުޅެން ދާއިރު އެކި ކުދިން ބުނާނެ،"
"ބުނާނެ މޭމްއޭ، މިވެނިކަމެއް ފާހަގަވިއޭ. ބާރުބާރަށް ސައިކަލު މިވެނި ގަޑިއެއްގަ ދުއްވިއޭ މިވެނި މަގެއްގަ. އެކަހަލަ މައުލޫމާތުތައް ލިބޭނެ،" ޝިއުނާ ވިދާޅުވިއެވެ.
ކުޅެ ނިންމަވާލެއްވުމަށް ފަހު ގިނަ ރޭރޭ އެނބުރި އޭނާ މަސައްކަތަށް ވަޑައިގަންނަވައެވެ. ޚާއްސަކޮށް އެ ދުވަހެއްގެ ޓާގެޓް ހާސިލުނުވާނަމަ ރޭގަނޑުގެ ހަމަހިމޭން ވަގުތުތަކުގައި އޭނާ ބައެއް މަސައްކަތްތައް ނިދުމުގެ ކުރިން ނިންމަވާލައްވައެވެ.

ދ. އަތޮޅުގެ ފުލުހުންނާއެކު ޝިއުނާ، މީޓިންއެއްގައި --
އިސްކަންދެނީ ތަހުޒީބީ މުޖުތަމައުއަށް އަހުލުވެރި މުވައްޒަފުންތަކެއް ބިނާކުރުމަށް
އަބަދުވެސް އޭނާގެ ބެލުމުގެ ދަށުން މަސައްކަތްކުރާ އޮފިސަރުން ކުރާ މަސައްކަތް ބައްލަވައި މޮނީޓާ ކުރައްވައި، އެ މީހުންނާއި ވާހަކަ ދައްކަވައި ހެއްދެވުމަކީ ޝިއުނާގެ އާދައެކެވެ. ޚާއްސަކޮށް އަތޮޅަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުތައް އަވަހަށް ނިންމައި، އެ މައްސަލަތައް ހުށަހެޅި ފަރާތްތަކަށް އަޕްޑޭޓު ދިނުން އެއީ ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ.
"އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ ވަރަށް ބޮޑަށް ރޭވިގެން. އަޅުގަނޑުމެންގެ ސްޓްރެޓިޖިކް ޕްލޭނާ އެއްގޮތަށް އެކްޝަން ޕްލޭނެއް ހެދި، އެކްޓިވިޓީ ކަލަންޑަރުތަކެއް ހެދި، ކޮންމެ ދުވަހެއްގެ ކޮންމެ މަހެއްގެ ކޮންމެ ރަށެއްގަ އެ ޓައިމްލައިންގަ ކުރާނީ ކޮން މަސައްކަތެއްކަން ރޭވިގެން ލިޔެވިގެން،" ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް މުވައްޒަފުންނަށް ދެއްވާ ނަސޭހަތަކީ ނަފްސު ތަރައްގީކޮށް މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށެވެ. ފުލުހުންނަކީ ރައްޔިތުންނާ ނުހަނު ގާތުން މަސައްކަތްކުރާ ބަޔަކަށްވުމާއެކު، އެކަމުގެ ފައިދާ ކޮމިއުނިޓީއަށް ވެސް އޭރުން ކުރާނެ ކަމަށް އަބަދުވެސް ނަސޭހަތް ދެއްވައެވެ. އޭގެ އިތުރުން އޮފިސަރުން ތާޒާކުރުމުގެ ޕްރޮގްރާމްތައް ހިންގައި، މުޖުތަމައުއަށް އަންނަ ބަދަލުތަކާއެކު ވެސް ލެވަލް ދަށްނުވެ، މަސައްކަތްކުރެވޭނެ ފެންވަރަށް އޮފިސަރުންގެ ޕަފޯމަންސް ބެހެއްޓުމަށް އޭނާ ޚާއްސަ އިސްކަމެއްދެއްވައެވެ.

ޝިއުނާ 'ސަން' އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ
ބޮޑު ޗެލެންޖެއް، އެކަމަކު އަންހެނަކަށް ވީތީ ނުވާނެ ކަމެއް ނޫން
އަންހެނަކަށް ވީތީ އަތޮޅު ކޮމާންޑަރެއްގެ ބުރަ ބޮޑު މަސްއޫލިއްޔަތު އުފުލުމަށް ހުރި ގޮންޖެހުމަކީ ކޮބައިތޯ ސުވާލުކުރުމުން ޝިއުނާގެ ޖަވާބު ވަރަށް ސާފެވެ. އެއީ އަންހެނަކަށް ވީތީއޭ ކިޔާފައި ވަކި އެކަން ކުރުމަކަށް ގޮންޖެހުމެއް ނެތް ކަމަށެވެ.
"މި މަސައްކަތަކީ ވަރަށް ބުރަ ބޮޑު މަސްއޫލިއްޔަތެއް. އެހެންވީމަ ވަރަށް ބައިވަރު ޗެލެންޖަސްތައް ހުރޭ. ވަރަށް ގިނަ ވަގުތު ދީ، ކިތަންމެ ކަނޑު ގަދަޔަސް ދަތުރުތައް ކުރަންޖެހޭ ކަމެއް. މީގަ ބޭނުންވަނީ ކެރުމާ ހިތްވަރު. އަންހެނަކަށް ވެގެން ވަކި ނުކުރެވޭނެ ކަމެއް ނޫން،" ޝިއުނާ ވިދާޅުވިއެވެ.
އެއްވެސް އިރަކު ނުވާނެއޭ ހިތަކަށް ނާރާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
ކިތަންމެ ބުރަ ބޮޑު މަސްއޫލިއްޔަތެއް އަދާކުރެއްވި ނަމަވެސް ޝިއުނާގެ ވާހަކައިން ދައްކުވައިދެނީ އަމިއްލަ ޒިންމާތަކަށް ވެސް ވަގުތު ހުސްކުރެވިދާނެކަމެވެ. ވަގުތު މެނޭޖުކޮށް، ދިރިއުޅުން ބައްޓަންކުރެވިދާނެކަމެވެ. ބޭނުންވަނީ ހިތްވަރެކެވެ.