ދަރިފުޅަށް ވެދިން އެހީއާއެކު ވިދުވައިލީ އައިޝާގެ ހުނަރު

އައިޝާ ބައިވެރިވި އެގްޒިބިޝަނަކުން އޭނާ އަށް ލިބުނު އިމާޖިން ޕިކާސޯ އެވޯޑް ހަވާލުކުރަނީ --

ސްކޫލު ދައުރުގައި ތިމާގެ ކިބައިން ފެންނަ ހުނަރުވެރިކަމާއި ފަންނުވެރިކަމަކީ އެއް ބަޔަކަށް ވަގުތީ ލިބޭ ވަގުތީ އެއްޗެކެވެ. ދިރިއުޅުމައިގެން ކުރިއަށްދާވަރަކަށް އެ ހުނަރުތަކަށް ހިރަފުސް ބުރައި، ފޮރުވެނީއެވެ. ދެން އެ އުންމީދުތައް ކުރެވެނީ ތިމާގެ ދަރީންގެ ކިބައިންނެވެ. އެ ދަރީންގެ ކިބައިގައި އެ ކަން އަށަގަންނުވަން މަންމައާއި ބައްޕަ ނުކޮށްދޭ ކަމެއް ނޯވެއެވެ.

އެކަމަކު، ޒުވާން ބެލެނިވެރިޔާ އާއިޝަތު ސަޖުނާއަށް އޭނާގެ ކިބައިގައި ހުރި އާޓުގެ ހުނަރަށް ދިރުން ލިބުނީ އޭނާގެ ދަރިފުޅަށް ވެދިން އެހީތެރިކަމާއެކު އުފެދުނު ޝައުގުވެރިކަމާއެކުގައެވެ. އެގޮތުން، މީގެ ހައެއްކަ އަހަރުކުރިން އަމީނިއްޔާ ސްކޫލުގައި އޮތް "އަމީނީ އުފާ" އާޓް ފެއާގައި އަންހެން ދަރިފުޅު ބައިވެރިކުރުވަން ތައްޔާރުވަމުން ދިޔައިރު، އެއީ ކުރީގެ ދަރިވަރުންނަށް ވެސް އޮތް ފުރުސަތެއްކަން އޭނާއަށް އެނގުނެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު، އާޓްގެލެރީގައި އައިޝާގެ މަސައްކަތެއް ބައްލަވައިލައްވަނީ --

އެ ފުރުސަތު އޮތުމާއެކު އައިޝާގެ ދަރިފުޅާއި ފިރިމީހާ ހަސަން ޚަލީލުގެ ފަރާތުން ވެސް ބައިވެރިވާން އައީ ހިތްވަރު ދެމުންނެވެ.

"ހަޒްބެންޑް ވެސް ދަރިފުޅު ވެސް ބުނެފި ބައިވެރިވާން ރަނގަޅުވާނޭ. އެހެންވީމާ އެގޮތުން [ފެށުނީ]،" އައިޝާ ކިޔައިދިނެވެ.

އެ އާޓް ފެއާގައި ވެސް އައިޝާ ބައިވެރިކުރީ ވަނައަކަށް ދޫނުކުރާވަރުގެ އާދައިގެ މަސައްކަތެއް ނޫނެވެ. އެ ފެއާގައި އޭނާ ބައިވެރިކުރީ އަމީނިއްޔާގެ ފެށުމާއި، އެ ސްކޫލުގެ އެކި ކަންކަން ރަމްޒުކޮށްދޭ ބަސްބަސް ހިމެނޭހެން، ކުރީގެ ރައީސް މުޙައްްމަދު އަމީނުގެ މޫނުފުޅު ފެންނަ ކޮލާޖެކެވެ.

ކަޅާއި ހުދުން، އަނދިރިން އައްޔަށް، ކުދިކުދި ކަރުދާސްކޮޅުތަކުން މަންޒަރު ސިފަކޮށްދެވޭނީ އެ މަންޒަރު ގެންނާނެ ވިސްނުމާއި ހުނަރު ހަމަ ޔަގީނުން ވެސް ހުރުމުންނެވެ.

އަމީނީ އުފާ އާޓްފެއާއަށް އައިޝާ ހެދި ކޮލާޖު --

އެންމެ ފުރަތަމަ ބައިވެރިވި ފެއާގައި ބައިވެރިކުރި އައިޝާގެ އެންމެ ފުރަތަމަ މަސައްކަތަށް މުޅި މުބާރާތުގެ އެއްވަަނަ ވަނީ ލިބިފައެވެ.

"އަމީނީ އުފާގައި ހެދި އަމީން ދީދީގެ ކޮލާޖަށް މުޅި މުބާރާތުން އެއްވަނަ އައިޝާއަށް ލިބުނު. ދެން ހަމަ ދަރިފުޅަށް ވެސް އެ މުބާރާތުން ލިބުނު ވަނަ. އެހެންވީމާ ވަރަށް އުފާވި ދުވަހެއް އެއީ،" އައިޝާ ބުންޏެވެ.

އަމީނީ އުފާ އާޓްފެއާއިން ލިބުނު ކާމިޔާބީން އެޅުނު ބިންގަލާއެކު އެތައް މަސައްކަތްތަކެއްކޮށް، ގިނަ އެގްޒިބިޝަންތަކެއްގައި އައިޝާ ވަނީ ބައިވެރިވެފައެވެ. އެއީ ހަަމައެކަނި ކޮލާޖުތަކެއް ނޫނެވެ. ސްކަލްޕްޗާ މަސައްކަތް ވެސް ހިމެނެއެވެ. ކޮންމެ އެގްޒިބިޝަނަކުން ވެސް ފެންނަނީ ތަފާތު، މޮޅު، ބޮޑެތި މަސައްކަތްތަކެވެ.

އެއާއެކު ފާހަގަކޮށްލެވޭ އިތުރު ކާމިޔާބީތަކުގެ ތެރޭ، ''ތްރޫ ދި އައިޒް އޮފް ޕިކާސޯ'' އެގްޒިބިޝަނުގައި އައިޝާ ބައިވެރިކުރުވި، ބޮކި ހަރު، ނުވަތަ ލޭމްޕު "ބީފާނު"އަށް ލިބުނު އެމާޖިން ޕިކާސޯ އެވޯޑު ހިމެނެއެވެ.

ދިވެހިވަންތަ އަންހެނެއް ސިފަވާހެން އައިޝާ ތައްޔާރުކުރި މޮޑެލް --

ދިވެހިވަންތަ ފަރުމާއާއި ކުލަތައް ރަމްޒުވާހެން ތައްޔާރުކުރި އެ ސްޓޭންޑަކީ ވެސް ބޮޑު މަސައްކަތެކެެވެ.

"ބައިވަރު ކުދިން ބައިވެރިވެގެން އައިޝާ ހަދާފައި އިން ފިގާއަށް ވަނައެއް ލިބުނީމާ އެއީ ދެން ވަރަށް ހިތްހަމަޖެހުނު ދުވަހެއް،" އައިޝާ ބުންޏެވެ.

މި ހުނަރުގެ ބޭނުން އޭނާ ހިފަނީ އަމިއްލަ ދަރިންނަށާއި މައިންބަފައިންނަށް ވެސް ފައިދާ ކުރާނެހެންނެވެ. އެގޮތުން، އައިޝާގެ ބައްޕަ ހިންގާ ސުވެނިއާ ވިޔަފާރިއަށް، އެކި ފަރުމާގެ ހިތްގައިމު ކުދިކުދި މަސްމަހާއި، ރާއްޖޭގެ ކުރެހުން ފެންނަ ކުދިކުދި މަންޒަރުތައް ވެސް އޭނާ އަންނަނީ ހަދައިދެމުންނެވެ.

"އަސްލު އާޓްގެ މަސައްކަތަކީ އަޅުގަނޑު ހޮބީއެއްގެ ގޮތުން ކުރާ ކަމަކަށް ވާތީވެ، އެހާ ގިނަ އޯޑަރުތަކެއް ނުނަގަން،"

އައިޝާއާއި އޭނާގެ ދެ ކުދީން --

އޭނާގެ ހުނަރުވެރި މަސައްކަތްތަކަށް ލިބުނު ވަނަތަކާއެކު، އައިޝާ ބުނި ގޮތުގައި އޭނާގެ ފިރިމީހާ ހަސަންގެ ފަރާތުން ލިބޭ ހިތްވަރަކީ މި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދަން ލިބޭ އެންމެ ބޮޑު ހިތްވަރެވެ. މަސައްކަތަށް ބޭނުންވާ ލަފައެއް ދޭން ކަމުގައިވީ ނަމަވެސް، ބޭނުންވާ ތަކެތި ހޯދުމުގައި ވެސް އެންމެ ގާތުގައި ހުންނަނީ ފިރިމީހާ ހަަސަނެވެ.

"އައިޝާ ނުލައި ގޮސް ވެސް ހަސަނަށް މިހާރު އެނގޭނެ ގަންނަންވީ އެއްޗިއްސާ ކަންކަން. އެގޮތުން ވަރަށް ފަސޭހަ. ހަމަ ޕުޝްކުރާނެ،"

ދެ ދަރިންގެ ފަރާތުން ލިބޭ ޚިޔާލުތަކަކީ ވެސް އައިޝާއަށް ލިބޭ ހިތްވަރެކެވެ. އައިޝާ ބުނި ގޮތުގައި މަސައްކަތެއް ކުރާނަމަ އެ ދެ ކުދިން ތިބޭނީ އެންމެ ގާތުގައެވެ.

އައިޝާ ތައްޔާރުކުރި އާޓެއް --

އެއާއެކު އައިޝާގެ ވިސްނުމަކީ މި މަސައްކަތުގައި ދެމިހުރެ އޭނާގެ ހުނަރުވެރިކަމާއި މަސައްކަތްތައް އެންމެންނަށް ވެސް ހާމަކޮށްދިނުމެވެ. އެގޮތުން، މިކްސްޑް މީޑިއާ އާޓިސްޓެއްގެ ގޮތުގައި އައިޝާ މަސައްކަތް ކުރަމުން އަންނަތާ މިހާރު ހައެއްކަ އަހަރުވެއްޖެއެވެ.

އޭނާ ބުނި ގޮތުގައި މި ތަޖުރިބާގެ ބޭނުން ހިފައި، މި ކަން ކުރަން ބޭނުންވާ ކުދީންނަށް ކްލާސްތައް ނަގައިދިނުމަކީ ވެސް އޭނާ މުސްތަގުބަލުގައި ކުރަން ބޭނުންވާ ކަމެކެވެ.

އައިޝާގެ މި ހުނަރުވެރިކަމަކީ ޒުވާން ބެެލެނިވެރިންނަށް ހިތްވަރެކެވެ. ދިރިއުޅުމައިގެން ކުރިއަށްދިޔަ ނަމަވެސް އަމިއްލަ ހުނަރުވެރިކަން ކުރިއެރުވިދާނެކަމުގެ ފުރިހަމަ މިސާލެކެވެ.

comment ކޮމެންޓް