އެމްޑީޕީއާއި ޑިމޮކްރެޓުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެއްޖެ

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ދެ ޕާޓީން ވަނީ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން އެއްބަސްވެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ދެ ޕާޓީން ގުޅިގެން ކުރަން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން މިއަދު އެއްބަސްވެއްޖެއެވެ.

ޗަޕްމާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އިގުތިސާދީ ކަންކަމާއި އެ ނޫން ވެސް ކަންކަމުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވަން ދެ ޕާޓީ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރީޖަންތެރޭގައި މައްސަލަތަކެއް އުފެދި ގޮސް، މި ރީޖަންގެ ސްޓެބިލިޓީއާއި ސެކިއުރިޓީއަށް އަސަރުކުރާނެ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންވެގެން ދާތަން ފެނުމަކީ، އަދި އެއްވެސް ވިސްނުމެއް ނެތް ގޮތުގައި އެ ކަންތައްތައް ބައްޓަންވެގެންދާތަން ފެނުމަކީ އަޅުގަނޑުމެންނަށް ވަރަށް ކަންބޮޑުވުން ހުރި ކަމެއް،" އޭނާ ވިދާޅުވިއެވެ.

ބޭރުގެ ގައުމުތަކުގައި ވެސް ހަނގުރާމަތައް ކުރަމުން އަންނަކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުން ގެއްލޭ ފަދަ ކަންކަން މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އެހެންވެ، އެފަދަ ކަންބޮޑުވުންތައް ހުރުމުގެ ސަބަބުން، ދެ ޕާޓީން ގުޅިގެން މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަން އެއްބަސްވީ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/187832

"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި ދަ ޑިމޮކްރެޓްސް މިކަންކަމުގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ނިންމީ މި ކަންކަން މޮނިޓާކޮށް، އަޅުގަނޑުމެން ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުމާއި ހަންމަތަކުރުމާއި އެއާ އެއްކޮށް ގައުމުގެ މުސްތަގުބަލާއި ޑިމޮކްރެޓިކް މުސްތަގުބަލު ރަނގަޅުކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސްގެ ތެރެއިން ކުރުމަށް، މަޖިލިސްގެ ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް،" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދަޅުވީ، ސަރުކާރު ޖަވާބުދާރީކުރުވަން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނެ އަދަދާއި މަޖިލިސް މެންބަރުންގެ އަދަދު ލިމިޓުކުރަން ހުށަހަޅާނެ ކަމަށެވެ.

ދެ ޕާޓީން ވަނީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ވެސް އިއްޔެ ހުށަހަޅައިފައެވެ.

https://sun.mv/187775

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ 42 މެންބަރުން ތިއްބަވާއިރު ޑިމޮކްރެޓްސްގެ 13 މެންބަރުން ތިއްބަވައެވެ. ދެ ޕާޓީގެ އެކުގައި މަސައްކަތްކުރާނަމަ، އެ ކޯލިޝަންގައި 55 މެންބަރުން ތިއްބަވާނެއެވެ.

އެމްޑީޕީގައި އެކަނި ވެސް ކުރިން އެ އަދަދަށް މެންބަރުން ތިއްބެވިއެވެ. އެކަމަކު، ކުއްލި ގޮތަކަށް އެ ޕާޓީގެ 13 މެންބަރަކު ވަނީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން ވެސް އިތުރު މެންބަރަކު ގުޅުމާ އެކު ޕީއެންސީގައި މިހާރު 16 މެންބަރުން ތިއްބަވައެވެ.

އެމްޑީޕީއާއި ޑިމޮކްރެޓުން އެކުގައި މަސައްކަތް ކުރަން އެއްބަސްވެފައިވާއިރު ޑިމޮކްރެޓްސްއަކީ މިދިޔަ އަހަރު އެމްޑީޕީ ދޫކޮށްލި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރި ބޭފުޅުން އުފެއްދެވި ޕާޓީއެކެވެ. ރިޔާސީ ޕްރައިމަރީއަށް ފަހުގައި ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރި މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލައި ޑިމޮކްރެޓްސް އުފައްދައިފައެވެ.

ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެކަމަކު، ދެވަނަ ބުރަކަށް ނުދިއުމުން އެ ޕާޓީން ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާށެވެ.

comment ކޮމެންޓް