ސިޔާސީ މަގާމުތަކުގެ އަދަދު ލިމިޓު ކުރަން އިސްލާހު ހުށަހަޅަނީ

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ދެ ޕާޓީން ވަނީ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން އެއްބަސްވެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ސަރުކާރުން، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް އިސްލާހުތަކެއް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

އެ ދެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ސަރުކާރު ޒިންމާދާރު ކުރުވަން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަން އެއްބަސްވެފައިވާކަން އިއުލާންކޮށްފައެވެ.

އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަތީފު ވިދާޅުވީ، ދެ ޕާޓީން ބޭއްވި މަޝްވަރާތަކުގެ ތެރެއިން، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެ ޕާޓީގެ ވެސް ކަންބޮޑުވުން އޮތް އެއް ކަމަކީ މި ސަރުކާރު އައުމާއެކު ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ އަދަދު އިންތިހާއަށް އިތުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޚާއްޞަކޮށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އަދި އެ ފެންވަރުގެ ބޭފުޅުންގެ ނަމުގައި އިތުރުކުރައްވަމުން އެ ގެންދަވާ އަދަދުތަކަކީ ރާއްޖޭގެ އިގުތިސާދަށް ބަލާއިރު އެއީކީ އަޅިގަނޑުމެންނަށް މައްސަލައެއްގެ ގޮތުގައި ފެންނަ ވަރަށް ބޮޑު މައްސަލައެއް،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ގާނޫނު އަސާސީއަށް ގެންނަ ބަދަލަކާއި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ކަމަށްވަންޏާ އެ ބަދަލު ގެނެސްގެންވެސް، އަދަދު ލިމިޓުކުރަން ނިންމާފައިވާ ކަމަށް ޙަސަން ވިދާޅުވިއެވެ. އެ އިސްލާހާއެކު، ކޮންމެ ސަރުކާރެއްގައި ވެސް ސިޔާސީ މަގާމުތަކުން އަދަދު ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަވްވެޑައިގަންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް: އެ ޕާޓީއާއި ޑިމޮކްރެޓްސްއިން ވަނީ މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރަން ހުށަހަޅަން ނިންމައިފަ -- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން، މިހާރު ގާނޫނު އަސާސީގައި އޮތް ގޮތުން މަޖިލިސް މެންބަރުންގެ އަދަދު އެ ދެ ޕާޓީން އެއްވެސް ވަރަކަށް ބޭނުންނުވާ މިންވަރަކަށް އިތުރުވަމުންދާ ކަމަށް ޚަސަން ވިދާޅުވިއެވެ. އެހެންވެ، އެ އަަދަދު އެއްވަރެއްގައި ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް ވެސް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ މާނައަކީ ވަކި އަދަދެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓިފައި އޮތުން. ރައްޔިތުން އިތުރުވާ މިންވަރަށް ބަލާފައި 5،000 ރައްޔިތުންނަށް ގޮނޑިއެއް އިތުރުވާ އުސޫލުގެ ބަދަލުގައި މި ދެންނެވި ގޮތަށް އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގާނޫނު އަސާސީއަށް ގެންނަ އިސްލާހުން ބަދަލު ގެނައުން،" ޙަސަން ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި މިހާތަނަށް ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ 150އަށް ވުރެ އިތުރުވެފައެވެ. އޭގެ ސަބަބުން، އިދިކޮޅާއި އާންމު ރައްޔިތުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ރައީސްގެ ސަަރުކާރުގައި ސިޔާސީ މަގާމުތައް 700އަށް ވުރެ އިތުރު ނުކުރުމަށް އެ މަނިކުފާނު ނިންމަވާފައިވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުލް ޚަލީލު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދިޔުމުން، ޚަރަދުވެސް އިތުރުވާތީ، މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ވެސް މަޖިލީހަށް ބިލްތައް ހުށަހަޅާފައިވެއެވެ. ނަމަވެސް، ކޮންމެ ފަހަރަކު ވެސް އެ ބިލްތައް ވަނީ ބޭރުކޮށްލައިފައެވެ.

މަޖިލިސް މެންބަރުންގެ އަދަދު 17 ވަނަ މަޖިލީހުގައި 77ގައި އޮތްއިރު، 18 ވަނަ މަޖިލީހުގައި 85 މެންބަރުންނަށް އިތުރުވިއެވެ. އަދި، މި ހިނގާ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު ދެން ފެށޭ މަޖިލިސް ދައުރުގައި 93 މެންބަރުން ތިއްބަވާނެއެވެ.

މަޖިލީހުގެ މި ދައުރު 65 މެންބަރުންނާއެކު، ސުޕަމެޖޯރިޓީއަކުން ފެށި އެމްޑީޕީގެ މެންބަރުންގެ އަދަދު މިދިޔަ އަހަރުވަނީ 42އަށް ދަށްވެފައެވެ. އެއީ، ޕާޓީ ތެރޭގައި އުފެދުނު ދެބަސްވުންތަކާ ގުޅިގެން ބައެއް މެންބަރުން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފެއްދެވުމުންނެވެ. އެ ޕާޓީ ތަމްސީލުކުރާ 13 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.

އެ ދެ ޕާޓީގެ އެކުގައި މަސައްކަތްކުރާނަމަ، އެ ކޯލިޝަންގައި 55 މެންބަރުން ތިއްބަވާނެއެވެ.

comment ކޮމެންޓް