މަޝްވަރާ ކުރީ ރައްޔިތުންގެ ކުރިމަގާ ގުޅޭ ގޮތުން: ޑިމޮކްރެޓްސް

އެމްޑީޕީއާއި ޑިމޮކްރެޓްސް މަޝްވަރާގައި: ތަފުސީލެއް ނުދޭ -- ފޮޓޯ/ ޑިމޮކްރެޓްސް

އެމްޑީޕީން ވަކިވެ، އެ ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރި މެންބަރުންތަކެއް އުފެއްދި ދަ ޑިމޮކްރެޓްސްއިން އިއްޔެ އެމްޑީޕީއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ރިޔާސީ ޕްރައިމަރީގެ ތެރޭ މިދިޔަ 2023 ވަނަ އަހަރުގެ ކުރީކޮޅު އެމްޑީޕީ ފަޅައިގެން ގޮސް، އޭރު އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުންތަކެއް ވަނީ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ރަޖިސްޓްރީކޮށްފައެވެ.

އެމްޑީޕީއާއި ޑިމޮކްރެޓުންގެ އިސް ބޭފުޅުން ބައްދަލުކުރާ ފޮޓޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި އެ ބައްދަލުވުމުގައި ތިއްބެވީ،

  • އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
  • އެމްޑީޕީގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު
  • މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ
  • ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް
  • ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު
  • ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެންބަރު އިލްޔާސް ލަބީބު
  • މަޑަލެވި ދާއިރާގެ ޑިމޮކްރެޓްސް މެންބަރު ހުސައިން ފިރުޝާން

އެ ބައްދަލުވުމާ ގުޅޭ ގޮތުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ސުވާލުކުރުމުން ބައްދަލުވުމާ ގުޅޭ އެއްވެސް ތަފުސީލެއް ނުދެއްވައެވެ. ޑިމޮކްރެޓްސްއާ ސުވާލުކުރުމުން ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ ގޮތުން ސީދާ މައުލޫމާތެއް ނުދެއެވެ.

އެކަމަކު، އާޒިމް މިއަދު 'ސަން'އަށް ވިދާޅުވީ، އެ ޕާޓިން އަބަދު ވެސް ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތައް ކުރާ ކަމަށެވެ. އިއްޔެގެ ބައްދަލުވުމަކީ ވެސް އެގޮތަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރާއްޖޭގެ ރައްޔިތުންނަށް ދިމާވެދާނެ ނުރަނގަޅު ކަމަކަށްޓަކައި. އަބަދު ވެސް ރައްޔިތުންގެ ކުރިމަގުގެ ވާހަކަ އަޅުގަނޑުމެން އާންމުކޮށް ދައްކާނީ،" އާޒިމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީން ވަކިވާން ނިންމީ އެ ޕާޓީން އާޒިމަށް ފިޔަވަޅު އަޅައި ޕާޓީން ވަކިކުރި ހިސާބުންނެވެ. އެއަށް ފަހު، ނިމުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ފަރާތުން އިލްޔާސް ލަބީބު ވާދަ ވެސް ކުރެއްވިއެވެ. އެކަމަކު، ދެވަނަ ބުރަކަށް ނުދެއެވެ.

ދެވަނަ ބުރުގައި ޑިމޮކްރެޓުން ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާށެވެ.

ދެ ޕާޓީން ވެސް މިހާރު ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު، އިއްޔެ ޑިމޮކްރެޓުން ވަނީ އެ ޕާޓީގެ ޕްރައިމަރީ ބާއްވާ ތާރީޚު އެމްޑީޕީއާ އެއް ދުވަހަކަށް ބަދަލުކޮށްފައެވެ. ދެ ޕާޓީގެ ޕްރައިމަރީ ވެސް އޮންނާނީ އަންނަ މަހުގެ ތިނެއްގައެވެ.

އެކަމަކު، ދެ ޕާޓީ އެއްކޮށް މަޖިލިސް އިންތިޚާބުގައި ވާދަނުކުރާނެ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް