ޑރ. މުއިއްޒު ފަރުވާ ދޭން އޮތީ މާޔޫސީ ހިތްތަކެއް!

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ސަން ފޮޓޯ

އެތައް ބަޔަކު ބޯހިޔާވަހިކަމެއް ނެތިގެން ކައިވެނި ނުކުރެވިފައެވެ. އަނެއް ބަޔަކު އާމްދަނީ ދެކޮޅު ނުޖެހޭތީ ދަރިންނަށް އަޅާ ނުލެވި، މަސައްކަތް ކުރަން މަޖުބޫރު ވެފައެވެ. ދެން ތިބި ބަޔަކު ކިތަންމެ ބޭނުން ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން ކުދިން ނުހޯދިފައެވެ. އުމުރުން ދުވަސްވީ މާމައިން، "މެއިޑުން" ގެ ގޮތުގައެވެ. ލިބޭހާ ލާރިއެއް ކުއްޔަށް ދައްކައި އަނެއް ބަޔަކު ގޮތް ހުސްވެފައެވެ. މަސްތުވުމާއި އެހެން ކުށްތައް ޒުވާނުންގެ މެދުގައި އިތުރު ވަނީ ރޮކެޓް ސްޕީޑުގައެވެ. ހައްލު ކުރަން ޖެހޭ މައްސަލަތަކުގެ ލިސްޓް ކޮޅުން ލާކަށް ނެތެވެ.

މިއީ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރު އަދި އާބާދީގައި ހަތަރު ލައްކަ މީހުން ހަމަ ނުވާ މި ކުޑަކުޑަ ދިވެހި ރާއްޖޭގެ ހާލަތެވެ. ދުނިޔޭގެ ފެންވަރުގެ އަގު ބޮޑު ރިސޯޓްތައް މި ގައުމުގައި އެބަ ހިންގައެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންނާއި މަޝްހޫރު މީހުން މަސައްކަތު ވަރުބަލިކަން ފިލުވައި މާމުއި ހަނދުގެ އިޝްކީ ލައްޒަތު ލިބިގަންނަނީ މި ގައުމުގައެވެ. ނަމަވެސް މި ގައުމުގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން އަންނަނީ އުފާ މަދު، މާޔޫސީ، ދަތިކަމުގައެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ސަން ފޮޓޯ/ މާހިލް

ދެހާސް ހަތަރު ވަނަ އަހަރު ރާއްޖޭގައި އަމަލު ކުރަން ފެށި އާ ގާނޫނު އަސާސީއާއެކު، ކުޑަ ކާފު، ބޮޑު ކާފުގެ ޒަމާންނިމި ވެރިއަކަށް އިންތިޚާބު ކުރަނީ ގިނަ ރައްޔިތުންނަށް ފެންނަ މީހެކެވެ. ބިރެއްނެތި ރައްޔިތުންނަށް ވޯޓްލައި ވެރިއަކު ހޮވެން ފެށިފަހުން ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޑރ. މުޙައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިވަނީ ވެރިކަން ކުރައްވައިފައެވެ. ހަގީގަތަކީ ސައްހަ ވޯޓަކުން ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ލިބުނު ފަހުން ގައުމަށް ހެޔޮ ބަދަލުތަކެއް އައިސް ކުރިން ގައުމު ތަރައްގީ ކުރަމުން އައި ފިނިހަކަ ދުވެއްޔަށް ވުރެން ތަރައްގީގެ ދުވެލި އަވަސް ވެއްޖެއެވެ. ނަމަވެސް އަދިވެސް އެންމެ ބޭނުން ވަރެއް ނުވެއެވެ. ހިންގުމުގެ ދާއިރާއާއި މަތީ ތައުލީމުގެ ގޮތުން ގާބިލު ޑރ. މުޙައްމަދު މުއިއްޒު މިއަދު ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު އެ މަނިކުފާނަށް އޮތީ ބުރަ ދުވަސް ތަކެކެވެ. ކުރިމަތީ އޮތީ ބޮޑު އިމްތިހާނެކެވެ.

މުއިއްޒު އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ އެއްކަމަކީ ސިޔާސީ މީހުންނަށް ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން ހޯއްދެވުމެވެ. ކޮރަޕްޝަނާއި ނާއިންސާފާއި އަނިޔާވެރިކަމާއި އަމިއްލަ އެދުން އިސްކުރުން ފަދަ އެތައް ސަބަބުތަކަކާހުރެ ސިޔާސީ މީހުންނަށް ގިނަ ދިވެހިން އިތުބާރެއް ނުކުރެއެވެ. ވާ ވައުދުތައް ގަބޫލެއް ނުކުރެއެވެ. އެހެންކަމުން މިކަން ބަދަލު ކުރުމަކީ މުއިއްޒަށް އޮތް އެންމެ ބޮޑު އެއް މަސައްކަތެވެ. އެކަން ކުރެއްވޭނީ ވައުދުތައް ފުއްދައި ހިންގުމުގެ ނިޒާމު ހަރުދަނާ ކުރައްވައިގެންނެވެ. ގާތް މީހުންނާއި ފިކުރަށް ބެލުމުގެ ބަދަލުގައި ގާބިލް މީހުންނަށް މަގާމުތައް ދީގެންނެވެ. ކޮރަޕްޝަންގެ ހުރިހާ އަމަލުތަކަކަށް ނޫނެކޭ ބުނެގެންނެވެ.

މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހު ކުރި ރޭ އެމަނިކުފާން ވަނީ ކެމްޕެއިންގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމެނޭ ފޮތެއް ނެރުއްވާފައެވެ. އެއީ ވެވަޑައިގެންނެވި ވައުދުތަކަށް ނުފިއްލެވުމުގެ މަގުސަދުގައެވެ.

https://sun.mv/184384

މުއިއްޒު ވިދާޅުވާގޮތުގައި ވެރިކަމަށް ވަޑައިގަތީ ހޮވިވަޑައިގަތުމުން ރައްޔިތުންނާ ފިއްލަވާކަށް ނޫނެވެ. ވެލެއްވި ވައުދުފުޅުތައް އަކުރުން އަކުރަށް ނޫން ނަމަ އެއަށް ވުރެ ވެސް ފުރިހަމައަށް ފުއްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޕޯޑިއަމްގައި ދެއްކި ކޮންމެ ވާހަކައެއް، ރައްޔިތުންނާ މުޚާތަބުކޮށް ދެންނެވި ކޮންމެ ލަފުޒެއް، އެ ލަފުޒެއް ދެންނެވީ އެ ވާހަކައެއް ދެއްކީ އެ ކަމެއް ހަގީގަތުގައި ވެސް އެ ދެއްކި ގޮތަށް، އެ ދެންނެވި ގޮތަކަށް ކުރުމުގެ ފުރިހަމަ އަޒުމާއި އެކީގައޭ. އެ ނިޔަތުގައޭ،" މުއިއްޒު ވިދާޅުވިއެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ގައުމަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާއި ގައުމަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުން ހިމެނެއެވެ. ހަމައެހެންމެ އިގްތިސާދީ ގޮތުން ހަމައިސްކޮޅަށް ތެދުވުމަށް އިންޑަސްޓްރީތައް ފުޅާ ކުރެއްވުން ހިމެނެއެވެ. ޒުވާނުންގެ ހާލަތު ބަދަލުކޮށް ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރިތައް ކުރުމަށް ފަހި ފުރުސަތުތަކެއް ދިނުން ހިމެނެއެވެ. ދީނީ އަގީދާއާއި ގައުމީ ލޯބި އިތުރު ކުރުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ.

ވިލިމާލެއަށް މިއަދު ޑރ. މުއިއްޒު ވަޑައިގަތް އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ: ޕީޕީއެމް

ފުރަތަމަ 100 ދުވަހުގެ ޕްލޭނަށް ބަލާއިރު ވެސް އުއްމީދީ ވައުދުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައި ދެއްވުމާއި އަންހެނުން ވިޔަފާރި ފަށަން 100 މިލިއަން ރުފިޔާގެ ލޯން ސްކީމް ތައާރަފުކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ ދެކުނުން ކަނޑުގެ ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން އިސްތިއުނާފު ކުރުމާއި އަތޮޅުތެރޭ ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފުލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ ކުލި ކުޑަކޮށްދިނުން ހިމެނެއެވެ.

ގައުމަށް ބޭނުންވަނީ އިހުލާސްތެރިއެއް

ވަސީލަތް މަދުކަމަށް ބުނުމާއި ގައުމު ކުޑަ ކަމަށް ބުނުމާއި އާބާދީ މާ މަދު ކަމަށް ބުނުންފަދަ ބަހަނާތަކަކީ ކަމެއް ކުރަން ބޭނުން ނުވާނަމަ ދެއްކޭނެ ވާހަކަތަކެވެ. ނަމަވެސް ހަގީގަތަކީ ދިގުރާސްތާ ޕްލޭނެއްގެ ދަށުން ރާވައިގެން ކަންކަން ކުރާނަމަ ކާމިޔާބު ވާނެ ކަމެވެ. ދުނިޔޭގެ ގައުމުތަކުން މި މިސާލު ފެނެއެވެ.

ސިންގަޕޫރުގެ ތަރައްގީގެ ބާނީ، ލީ ކުއާން ޔޫ އެ ގައުމުގައި ވެރިކަން ކުރެއްވީ 31 އަހަރެވެ. އެ މުއްދަތެއްގައި އޭނާ ވަނީ މަދިރި އުފެދޭ ޗަސް ބިމެއްގެ ގޮތުގައި އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު އޮތް ސިންގަޕޫރު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފައިނޭންޝަލް ސެންޓަރަށް ހައްދަވައިފައެވެ. ގުދުރަތީ ވަސީލަތްމަދު ސިންގަޕޫރަށް މިހާ ހިސާބަށް އާދެވުނީ ވެރިއަކަށް ހުންނެވި ބޭފުޅާ އިހުލާސްތެރިވުމުންނެވެ.

https://sun.mv/180753

ދުބާއީގެ ތަރައްގީގެ ބާނީ، ޝެއިހް ރާޝިދު ބިން ސައީދު އަލް މަކްތޫމް، އެ ގައުމުގެ ވެރިކަން ކުރެއްވީ 32 އަހަރުއެވެ. ހަމައެކަނި ތެލަށް ބަރޯސާވެގެން ގައުމު ހިންގަވަން އެ ބޭފުޅާ ބޭނުމެއް ނުވިއެވެ. އެހެންވެ މުޅި އިގްތިސާދު ހުޅުވާލީއެވެ. ޓޫރިޒަމާއި ބިނާ ކުރުންފަދަ ކަންކަމަށް އިންވެސްޓް ކުރިއެވެ. މިއަދު ދުބާއީ އެ ދެކޭ ތަރައްގީގެ ސިއްރަކީ އިގްތިސާދު އެކި ދާއިރާތަކަށް ފުޅާ ކުރުމެވެ.

ސިންގަޕޫރާއި ދުބާއީގެ ތަރައްގީއަށް ލިބުނު އެންމެ ބޮޑު އެއް ފުރުސަތަކީ އެ ގައުމުތަކުގައި އޮތް ސިޔާސީ ހަމަޖެހުމެވެ. މިއަދު ރާއްޖެއަކު އެކަމެއް ނެތެވެ. ނަމަވެސް ރައީސް މައުމޫނަށް އެ ފުރުސަތު ލިބިލެއްވިއެވެ. ހުރިހާ ބާރުތަކެއް އެއްކުރައްވައިގެން މައުމޫން ދިގު 30 އަހަރު ވެރިކަން ކުރެއްވިއިރު ބޭނުން ބަދަލެއް، ގާނޫނުތަކަށް ވެސް ރައްޔިތުންނަށް ވެސް ގެނައުމުގެ ފުރިހަމަ ބާރު އޮތެވެ. ނަމަވެސް އިގްތިސާދީ ގޮތުން ގައުމު އެހެން ހަރުފަތަކަށް ގެންދިއުމުގެ ބަދަލުގައި އެވެރިކަމުން އިސްކަން ދިނީ ގިނަ ދުވަހު އެ މަނިކުފާނަށް ވެރިކަމުގައި ހުންނެވޭ ގޮތަށް ކަންކަން ކުރުމަށެވެ. މިއަދު ރާއްޖެ މިއޮތް ހާލަތުގެ ހަގީގީ ސަބަބަކީ އެއީއެވެ.

ރައީސް ނަޝީދު ވެރިކަމާ ހަވާލުވުމާ ހަމައަށް ދިވެހީންނަށް ވިސްނިފައި އޮތީ ހިލޭ ބޭސްފަރުވާއާއި އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސް މިގައުމަށް ނުދެވޭނެ ކަމަށެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވުމާހަމައަށް ދިވެހީންނަށް ވިސްނިފައި އޮތީ މި ގައުމުގައި 10 ބުރިއަށް ވުރެން އިސްކޮށް އިމާރާތް ނުކުރެވޭނެ ކަމެވެ. އަދި ބްރިޖާއި ބޮޑެތި އިމާރާތްތައް ރާއްޖޭގައި ނޭޅޭނެ ކަމެވެ. ރައީސް ޞާލިޙް ވެރިކަމާ ހަވާލުވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ދިވެހީންނަށް ހިލޭ ޑިގްރީއާ ހަމައަށް ކިޔަވައި ބާރު ސްޕީޑުގެ ފެރީތަކުގައި ދަތުރު ކުރެވޭނެ ކަމަށް ގަބޫލުކުރާ ދިވެހިން މަދެވެ. އެއީ މީގެ ކުރިން މިއީ ވަސީލަތް މަދު ގައުމެއްކަން ރައްޔިތުންނަށް ވިސްނައި ދީފައިވާތީއެވެ.

މުއިއްޒު: ވެރިކަމަށް ވަޑައިގަތީ ރަނގަޅު މަގަކުން

ދިވެހި ރާއްޖޭގެ އެންމެ އިސް މަގާމަށް މުއިއްޒު ވަޑައިގެންނެވީ ވަރަށް ޝައުގުވެރި މަގަކުންނެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ހުރަސް ކުރެއްވުމަށް ފަހުގައެވެ.

މުޅި ދުނިޔޭގެ ފެކްޓްރީގެ ގޮތުގައި މަޝްހޫރުވެފައިވާ ވަރުގަދަ އިގްތިސާދެއް ކަމަށްވާ ޗައިނާގައި އެ ގައުމުގެ ވެރިޔާގެ މަގާމަށް އާދެވެނީ ވަކި މަގާމުތަކެއް އަދާ ކުރައްވާފައެވެ. އެންމެ ދަށުން ފެށިގެން އެންމެ މަތީ މަގާމަށް އާދެވެނީ އެކި ފެންވަރުގައި ތަޖުރިބާތައް ހޯއްދަވައިގެންނެވެ. އެއީ، ގައުމެއް ލީޑުކުރަން ހުންނަވާ ބޭފުޅެއްގެ ގާބިލްކަން ޔަގީން ކުރުމަށެވެ. ރާއްޖޭގައި އެފަދަ އުސޫލެއް ހަދާފައި ނެތް ނަމަވެސް މުއިއްޒު ރައީސް ކަމަށް އެ ވަޑައިގަތީ އެފަދަ މަގަކުންނެވެ.

https://sun.mv/182621

އިލްމީ މަތީ ހަރުފަތް ކަމަށްވާ ޕީއެޗްޑީ، މުއިއްޒު ހާސިލްކުރެއްވީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޔުނިވާސިޓީ އޮފް ލީޑްސްއިންނެވެ. ޔުނިވާސިޓީ އޮފް ލަންޑަން އިން ސްޓްރަކްޗަރަލް އިންޖިނިއަރިންގްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލު ކުރައްވާފައިވާއިރު މުއިއްޒު ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

މުއިއްޒު އެންމެ މަތީ ތައުލީމް ހާސިލު ކުރައްވާފައި އެ ވަނީ ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީއަކުންނެވެ. އެ މަނިކުފާނު ޕީއެޗްޑީ ހާސިލް ކުރެއްވި ސިވިލް އިންޖިނިއަރިންގެ ދާއިރާއަކީ ބްރިޖާއި ހައިވޭއާއި ނަރުދަމާ ނިޒާމާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ފަދަ އާންމުންނަށް ހިދުމަތް ދޭ ސްޓްރަކްޗަރަލް މަސައްކަތްތައް ޑިޒައިންކޮށް ހިންގުމުގެ ޕްރޮފެޝަނެވެ.

މަތީ ތައުލީމުގެ އިތުރުން މުއިއްޒުގެ އަނެއް ހާއްސަ ސިފައަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު މެދުނުކެނޑި ހައުސިން މިނިސްޓަރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތުމެވެ. ގިނަ ބަޔަކަށް މުއިއްޒު އެނގުނީ ޑރ. ވަހީދުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހިސާބުންނެވެ. އޭގެ ފަހުން އެ ސަރުކާރުގެ ދެ އަހަރާއި ދެން އުފެދުނު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ކުރެއްވީ މުއިއްޒެވެ. މެދުނުކެނޑި ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު މުއިއްޒު ފާހަގަ ވެގެންގޮސްފައިވަނީ އެންމެ ހީވާގި ވަޒީރުންގެ ތެރޭގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތައް ކަމަށްވާ، ސިނަމާލޭ ބްރިޖާއި ހަތް ހާސް ފްލެޓާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ އިތުރުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރެއްވުމާއި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތަކީ ވެސް ސީދާ މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރައްވާފައިވާ ކަންކަމެވެ.

ސިޔާސީ ގޮތުން ވެސް މުއިއްޒަކީ ކުޅަދާނަ ބޭފުޅެކެވެ. ހަތް އަހަރު މިނިސްޓަރު ކަމުގައި ހުންނެވުމާއި އެމްޑީޕީއިން ރަސްކަން ކުރަމުން ދިޔަ މާލޭގެ މޭޔަރުކަން ސަރުކާރު ނެތި ހޯއްދެވޭނީ ގާބިލް ބޭފުޅަކަށެވެ. ޔާމީން ބޮއިކޮޓް ކުރަން އަންގާފައިވާ އިންތިޚާބެއް މުޅި ޕާޓީ ހޯއްދަވައިގެން ކާމިޔާބު ކުރެއްވޭނީވެސް ސިޔާސީ ގޮތުން ވަރަށް ތޫނު ފިލި ވީމައެވެ. އެހެންކަމުން މި ދަނޑަށް އެމަނިކުފާން ވަރަށް ކުޅަދާނެއެވެ.

ކޮންމެއަކަސް ދިވެހިން މިއަދު މި ކުރިމަތި ލަނީ އާ ޒައާމަތަކާއެވެ. މި ފެށޭވެރިކަމަށް ބަލާއިރު ކައްޕިއަކަށް އެ ހުންނެވީ ތަޖުރިބާކާރު ބޭފުޅެކެވެ. ނަމަވެސް އެމަނިފާނަށް އޮތީ ބޮޑު ޒިންމާއެކެވެ. އެންމެ ބޮޑު ކަމަކީ މާޔޫސް ވެފައިވާ ދިވެހިންގެ ހިތްތަކަށް ތަސައްލީއެއް ހޯއްދަވައި ދެއްވުމެވެ. އެކަން ވާނީ ދިވެހިންނަށް ހައްގު މިންވަރު ހޯއްދަވައި ދެއްވައިގެންނެވެ.

comment ކޮމެންޓް