ހަތަރު ހާހެއްހައި މީހުން ދިރިއުޅުނު ރ. އަތޮޅު ކަނދޮޅުދޫ އޭރު ގުނައިލެވެނީ އެ އަތޮޅުގެ އެހެން ރަށްތަކާ އަޅައިބަލާއިރު އެންމެ ތަނަވަސް އަދި އިގްތިޞާދީ ގޮތުން އެންމެ ފުދުންތެރި ރަށްތަކުގެ ތެރޭގައެވެ.
ކައިރީގައި މަސްކަނޑެއް އޮތުމުގެ ބޮޑު ނަސީބާއެެކު، އެ ރަށުގައި މަސްވެރިން އެހައި ގިނައެވެ. މަސްވެރި މަސައްކަތްތައް ފުޅާ ދާއިރާއެއްގައި އައީ ކުރަމުންނެވެ. އަމިއްލަ ފިހާރަތައް ހިންގާ ވިޔަފާރިވެރިންނާއި، އޮޑިވެރީން ރަށުގައި ގިނައެވެ.
ވިޔަފާރީކޮށް ލިބޭ އެތައް ލައްކައެއްގެ ފައިސާއާއި، އަމިއްލަ ބޭނުމަށް ފޮރުވާ އެތައް ހާހެއްގެ ފައިސާ އެއް ބަޔަކު ފޮރުވަނީ އެނދު ދަށުގައެވެ. އަނެއް ބަޔަކު ލަނީ ބާލީސް ދަށަށެވެ.
އޭގެ ތެރެއިން އެކަކީ، މިހާރު އުމުރުން 76 އަހަރުގެ އިބްރާހިމް ބުޝްރީއެވެ. ރަށުގެ މަތީ ފެންވަރުގެ އާއިލާއަކަށް ނިސްބަތްވާ ބުޝްރީއަކީ އޭރު އޮޑިވެރިއެކެވެ. ރަށާއި އަތޮޅުގައި ވެސް އިޖްތިމާއީ ކަންކަން ހިންގުމުގައި އުޅުއްވި އިސް ބޭފުޅެކެވެ. ބުޝްރީ ބުނި ގޮތުގައި ރައްޔިތުން އެދޭ ކަމެއްގައި އޭނާ ނޫނެކޭ ނުބުނާނެއެވެ.
"ކޮންމެއަކަސް އަޅުގަނޑު ގޭ ކައިރީ ހުންނަ ކުއްޖަކު ބުނެފި، ބުޝްރީބޭއޭ އުޅެންވީ ނޫންހޭ ފާނަ ދޯންޏެއް ގަންނަން. ފާނައަށް ދާނެ ދޯންޏެއް. އަޅުގަނޑު ބުނެފިން އިރާދަކުރެއްވިއްޔާ ތިކަން ކޮށްދީފާނަމޭ. ކިޔައިފައި އަޅުގަނޑު އުނގޫފާރަށް ގޮސް 70،000 ރުފިޔާ، އަދި އެހެން މީހެއްގެ ވާހަކައެއް ނޫން، މި ބުޝްރީބޭގެ 70،000 ރުފިޔާ ނަގައިފައި ގެނެސް ގޭގެ އަލަމާރި ތެރޭ އޮންނާނީ ބާއްވައިފައި،" ބުޝްރީ ބުންޏެވެ.
ރައްކާތެރިކަމާއެކު ފޮރުވައިފައި ބާއްވަން، މި 70،000 ރުފިޔާ އޭނާ އަލަމާރިއަށް ލީ އޭރު ހައްޖުވެރިން އަންނައިރު ގެންނަ ކުނަލެއްގެ ތެރެއަށް ލައި ރަނގަޅަަށް އޮޅައިލައިފައެވެ.
ހިތުލައިގެން ހުރީ ވީހާ ވެސް އަވަހަކަށް އެ ދޯނި ގަންނާށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޯމަތީ އޮތް ދުވަސްވަރު ކަމުން، ދޯނި ގަންނަން އުޅުމުގެ ކުރިން، އެ ރަށު އިސްމާއީލް ޒަކަރިއްޔާގެ ކެމްޕޭން ދަތުރެއްގައި ބުޝްރީއަށް ފުރަން ޖެހިއްޖެއެވެ.
"އިސްމާއީލް ޒަކަރިއްޔާއަށް މަސައްކަތްކޮށްދޭން ވެގެން ރ. އަތޮޅުގައި ބުރު ޖަހަމުން ޖަހަމުން އައިސް މީދޫގައި އެ ރޭ އޮތީ. އެއްކަލަ ފައިސާ ހުންނާނެ ގޭ އަލަމާރީގައި،" އޭނާ ބުންޏެވެ.
ކެމްޕޭން ދަތުރުގެ ތެރެއިން މީދޫގައި ހުއްޓައި، ޖެހިގެން އައި ދުވަހު ބުޝްރީއަށް އެ ރަށުން ފެނުނީ ވަރަށް ތަފާތު މަންޒަރުތަކެކެވެ.
އިވުނީ ރަށް އަޑިއަށް ދިޔަ ޚަބަރު
ބުޝްރީ ކިޔައިދިން ގޮތުގައި، މީދޫން ފެނުނީ، ފަޅު ތެރޭ ދިޔަގަނޑު ހިކި، ދޯނިތައް ވެލިގަނޑުޖެހި، އިރުކޮޅެއްފަހުން ބަނދަރު ތޮށި މައްޗާ ހަމައަށް ފެންގަނޑު އުފުލި، ރަށު ތެރެއަށް ފެން ވަތް ތަނެވެ. މާ ބޮޑު ކަމެއް ނުވާތީ އެހާ ބޮޑަށް އެ ކަމަކަށް ބުޝްރީ އަޅައެއް ނުލައެވެ.
އެ ކަމަކު އެ ދުވަހުގެ މެންދުރު ނަމާދަށްފަހު މިސްކިތުން ފޭބިތަނުން ބުޝްރީއަށް އިވުނީ ސިހުންކުރުވަނިވި ޚަބަރެކެވެ.
"އަޅުގަނޑު، މެންދުރު ނަމާދުކޮށްގެން މިސްކިތުން ފޭބި ތަނާ މީދޫ ރައްޔިތުން ހަޅޭއްލަވައިގަނެފި ކަނދޮޅުދޫ އަޑިއަށް ހިނގައްޖޭ. ދެން ވިސްނައިލަބަލަ މީދޫ ރައްޔިތުން އެކަމާ އަސަރުކޮށްގެން އެ ގޮވައިލީ، އަޅުގަނޑުމެންނަށް ވާނީ ކިހިނެއްތޯ،" ބުޝްރީ ބުންޏެވެ.
ބުޝްރީގެ މުޅި އާއިލާ ވެސް ތިބީ ކަނދޮޅުދޫގައެވެ. ވާނުވާއެއް އޭރު ނޭނގެއެވެ.
އެހެންވެ އެ ބިޔަ ބޮޑު ރާޅު ރަށަށް އެރި ޚަބަރު ލިބުމާއެކު އޭނާ އަވަސްވެގަތީ މީދޫ ދޯންޏަކަށް އަރައިގެން އަވަހަށް ކަނދޮޅުދޫއަށް ދެވޭތޯއެވެ. އެއާއެކު މީދޫއަށް ދިޔަ ޓީމުގެ ބަޔަކާއެކު އޭނާ ރަށަށް ފުރައިފިއެވެ.
މީދޫއަށް މާ ބޮޑު ރާޅެއް ނާރާތީ، ކަނދޮޅުދޫއަށް މާ ބޮޑު ކަމެއް ވެދާނޭ ބުޝްރީގެ ހިތަށް ވެސް ނާރައެެވެ.
ރަށަށް އާދެވުނުއިރު، މީހެއްގެ ހިލަމެއް ނެތެވެ. ގޮތް ހުސްވެފައި ހުއްޓައި އޭނާއަށް ޚަބަރު ލިބުނީ އެންމެން ތިބީ މިސްކިތުގައި ކަމެވެ. އެއާއެކު އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު، ބުޝްރީ ދެން ދިޔައީ ގޭގެ ހާލަތު ބަލާށެވެ.
އަމިއްލަ ދެ ގެއެއް ރަށުގައި ހުރިއިރު، އެއް ގެ ހުރީ ހުޅަނގު ފަރާތު ވާޓަރު ކައިރީގައެވެ. އަނެއް ގެ ހުރީ ރަށުގެ އިރުމަތީ ފަރާތުން މޫދާ އެހާ ކައިރީގައެވެ. އޭގެ ތެރެއިން އެއް ގޭގައި ހިންގަމުން އައީ ގުރުއާން ކުލާހެކެވެ.
"ކޮންމެ ގެއަކަށް ވެސް ހުރި ހަ ފޫޓަށް ރާޅު އަރައިފައި،" ބުޝްރީ ބުންޏެވެ.
ރާޅު އަރައި ފޭބިއިރު އަލަމާރި ވެސް ނެތް!
ރައްކާކުރި ފައިސާ ހުރި އަލަމާރި ވެސް ހުރީ އޭނާ ދިރިއުޅުނު ގޭގައެވެ. އަވަހަށް އެ ގޭގެ ހާލަތު ބަލަން، އެ ގެއަށް ދިޔައިރު، ވަންނާން ހުރި ދޮރު މަތި އޮތީ ބޮޑު، ބަރު ލަކުޑިގަނޑެއް ޖެހި، ބެދިފައެވެ.
"އަޅުގަނޑަށް ޔަގީން ދިހަ މީހުންނަށް ވެސް އެ [ލަކުނޑިގަނޑު] ހަލުވައިނުލެވޭނެކަން. އެ ވަރުގެ ބޮޑު ލަކުނޑިގަނޑެއް އެއީ. ދެން ކިހިނެއް އަޅުގަނޑު ގެއަށް ވަންނާނީ. ނުވަދެވޭނެއެއްނު. ދެން އަޅުގަނޑު އަނެއް ދުވަހު ފުރައިގެން އުނގޫފާރަށް ދިޔައީ،"
އެހެންވެ ބުޝްރީއަށް އެ އަލަމާރިއަށް ވީ ގޮތެއް އެ ދުވަހު ނޭނގެއެވެ.
އޭގެ ފަހުން، ސުނާމީއަށް ގާތްގަނޑަކަށް ހަ މަސްފަހުން، ކަނދޮޅުދޫއަށް ލިބުނު ގެއްލުންތައް ބެލުމަށާއި، ސަރުކާރުން ރައްޔިތުންނަށް ބަހަން ދިން ފައިސާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތް ބުޝްރީއާ ހަވާލުކުރެވުނެވެ. އަމިއްލަ އެއްޗެއް އެ ރަށުން ގެންދަން ބޭނުންވާ މީހަކު ހުރިނަމަ އެ ރަށަށް ގޮސް އެ ނެގުމުގެ ކަންކަން ހަމަޖެއްސުމުގެ އިސް ޒިންމާ ވެސް ބުޝްރީއާ ހަވާލުކުރިއެވެ.
އެ މަސައްކަތަށް، ސުނާމީގެ ހަ މަސް ފަހުން ބުޝްރީ އަނެއްކާ ވެސް ކަނދޮޅުދޫއަށް ދިޔައެވެ. މިއީ އޭނާއަށް އަލުން އެ ރަށުގައި ހުރި އޭނާގެ ގެއަށް ދާން ލިބުނު ފުރުސަތެެވެ. އެހެންވެ އެ ފަހަރު ގޮސް ގޭ ތެރެއަށް ވަދެ ބަލައިލީ އަލަމާރި ހުންނާނެ ކަމަށް ވިސްނައިގެންނެވެ. އެކަމަކު އަލަމާރި ވެސް ފެންނަން ނެތްކަމަށް އޭނާ ބުންޏެވެ.
"ހަ މަސް ފަހުން މި އައީ. އައިސް ބެލިއިރު އަލަމާރި ވެސް ނެތް. ދެން އެ ކަން އެ ދިޔައީތާ. އަދި އަޅުގަނޑަށްވުރެ މާ ތަނަވަސް މީހުން، މި ބުނީ ވިޔަފާރިތަކާ އެއްޗެހި އޮތް މީހުން ވެސް އެބަތިބި ނޫންތޯ. އެ މީހުންގެ މުދާ ވެސް، އެއްކަލަ ބުނާހެން ހަމަ ދެ ގަޑިއިރު ނުވެ ނޫންތޯ އެ މީހުންގެ މުދާ ގެއްލިގެން އެ ދިޔައީ،" އޭނާ ބުންޏެވެ.
ސުނާމީގެ ބިޔަ ރާޅު އަރައި އެ ފުށްމިފުށަށް ޖަހައިލީ ހަމައެކަނި ރަށެއް ނޫނެވެ. ކަނދޮޅުދޫ މީހުންގެ ހިންމަތާއެކު ބިނާކުރި ދިރިއުޅުން ވެސް ފުށުން ޖަހައިލީއެވެ. ރަށުން މީހުން ފައިބައިގެންދިޔައިރު އަތުގައި، ލައިގެން ހުރި ހެދުން ނޫން އެހެން އެއްވެސް އެއްޗެއް ނުގެންދެވުނެވެ.
އިތުރު އެއްޗެއް ގެންދާނެ ޚިޔާލު ވެސް ނެތެވެ. އެންމެން ވެސް ބެލީ އެ ބިރުވެރިކަމުން ސަލާމަތްވާން އެރުނު ދޯންޏަކަށް އަރައިގެން ކަނދޮޅުދޫން ފުރޭތޯއެވެ.
ސަރުކާރުން އެތައް ހުށަހެޅުމެއް؛ އެކަމަކު ރަށް ދޫކުރާނެ އެކަކު ވެސް ނުވި
ކަނދޮޅުދޫ ރައްޔިތުން އެ ރަށުގައި ދިރިއުޅުނީ އެ ރަށުގެ ވެށީގެ ނާޒުކުކަމާއި، ރަށުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެންނެވެ. ހުޅަނގުގައި ނަމަ ހަތަރު ފަރާތުން ބޮޑު ރާޅު އަޅައެވެ. ގޯތި ދެވޭނެ އެންމެ ބޮޑަށް ގޯތި ދީފައިހުރިއިރު ދެން އެ ބިމުގައި އިތުރު ޖާގައެއް ނެތެވެ. އުފެދިފައި އޮތީ ތޮއްޖެހުން ބޮޑު މާހައުލެކެވެ.
"އަޅުގަނޑުގެ އުމުރުން މިހާރު 76. އަޅުގަނޑުމެން ބޮޑުވިއިރުގައި ވެސް ކަނދޮޅުދޫގައި ނީންނާނެ އަލުން ގެއެއް އަޅާނެ ބިންކޮޅެއް. އެހެން ނަމަވެސް އަޅުގަނޑުމެން ކަނދޮޅުދޫ ދޫކޮށްލާ ހިތެއް ނުވޭ،" ބުޝްރީ ބުންޏެވެ.
މި ކަންކަން މިހެން ހުރުމުން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ކަނދޮޅުދޫ ރައްޔިތުންނަށް ހުށަހެޅުއްވީ، ރައްޔިތުން އެދުނު ކޮންމެ ކަމެއް ކޮށްދޭ ގޮތަށް ނަމަވެސް އެހެން ރަށަކަށް ހިޖުރަކުރަން އެއްބަސްވެދާނެތޯއެވެ.
އެގޮތުން، ބުޝްރީ ބުނި ގޮތުގައި، މައުމޫން، ކަނދޮޅުދޫ ރައްޔިތުން އެދޭ އެހެން ކޮންމެ ރަށަކަށް ބަދަލުވުމަށް ހުއްދަ ވެސް ދެއްވިއެވެ. އަދި ސަރުކާރުގެ ޚަރަދުގައި އެ ތަނެއްގައި ގެދޮރު އަޅައިދޭނެ ކަމަށް މައުމޫން ވިދާޅުވިކަމަށް ވެސް ބުޝްރީ ބުންޏެވެ.
ނަމަވެސް ހަމަ އެއްގޮތަކަށް ވެސް އެ ރައްޔިތުން ކަނދޮޅުދޫ ދޫކޮށްފައި ދާން އެއްބަސްނުވިއެވެ.
އެއީ ބުޝްރީ ބުނި ގޮތުގައި ފަސޭހަ ތަކެއް ވެސް ހުރުމުންނެވެ. ރަށްކައިރީ އޮތީ ކޮންމެ މޫސުމެއްގައި ވެސް ތިޔާގި މަސް ކަނޑެކެވެ. ރަށުގެ ހަތަރު ފަރާތުން އޮޑިދޯނި ފަހަރު ގާތް ވެސް ކޮށްލެވެއެވެ. އެއާއެކީ އެ ފަސްގަނޑަށް ދެވިފައި އޮތް ލޯތްބެވެ.
ކަނދޮޅުދޫއަކީ ފަޚުރެއް، އަދިވެސް މިހުރީ ދާން
ކަނދޮޅުދޫއާއި ދިރިއުޅުން ބަދަލުކޮށްލި ހިތްދަތި ހަނދާންތަކެއް ހުރި ނަމަވެސް، ބުޝްރީ އަދިވެސް ހުރީ ދިރިއުޅެން ނޫނަސް، ކަނދޮޅުދޫއަށް ގޮސް ރަށް ބަލައިލަން ފުރުސަތެއް ލިބިއްޖެނަމަ އެ ކަން ކުރާށެވެ.
ސުނާމީއަށްފަހު، ހަ މަސް ފަހުން ރަށަށް ދެވުނުއިރު ވެސް، ވީރާނާވެފައި އޮތް ބިމަކުން، އޭނާއަށް ލިބުނު ހިތްހަމަޖެހުމަކީ، އެ ފަސްގަނޑުގައި ފައިޖެހުމާއެކު އާވި، އެ ރަށު ރައްޔިތުން ބިނާކުރި ވަރުގަދަ ދިރިއުޅުމުގެ އުފާވެރި ހަނދާންތަކެވެ.
އެހެންވެ މިއަދު ވެސް ކަނދޮޅުދޫއާމެދު ބުޝްރީ ވަރަށް ފަޚުރުވެރިވެއެވެ.
ހަމައެކަނި ބުޝްރީއެއް ނޫނެވެ. ކަނދޮޅުދޫއަށް ނިސްބަތްވާ ހަމަ ކޮންމެ މީހަކު ވެސް އެ ރަށުގައި އެ މީހުން ވޭތުކުރި އުފާވެރި ދިރިއުޅުމުގެ ހަނދާންތައް އާ ކުރަނީ ފަޚުރުވެރިކަމާ އެކުގައެވެ.