ހަމަ އެންމެ 382،751 ދިވެހީންނެވެ. ހަތަރު ލައްކަ ވެސް ހަމަނުވެއެވެ. މި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. ދުނިޔޭގެ ފެންވަރުގެ އެތަކެއް ރިސޯޓެއް އެބަ ހިންގައެވެ. އެތައް ބިލިއަނަރުންނަކާއި މިލިއަނަރުންނެއް ޗުއްޓީ ހޭދަ ކުރަނީ މި ރާއްޖޭގައެވެ. އެކަމަކު ދިވެހީންގެ ހާލަތަށް ބަލާށެވެ. ހަތަރު ލައްކަ ހަމަނުވާ މި އާބާދީގައި ބޯހިޔާވަހިކަމެއް ނެތެވެ. ގިނަ ދިވެހީންނަކީ ކުލީގެ އަޅުންނެވެ. ލިބޭ އެއްޗަކުން ހަރަދުތައް ބެލެހެއްޓެނީ މަދު އާއިލާއަކަށެވެ. ދެކޮޅު ނުޖެހުމުގެ ހާސްކަމުގައި މީހުން ހަފުސްވަނީއެވެ. ކުށްކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އާއިލީ މައްސަލަތައް އިންތިހާއަށް އިތުރެވެ. މުޅި ގައުމުގައި މާޔޫސްކަމެވެ.
އެއީ ދިވެހީންގެ ހާލަތެވެ. ފަތުރުވެރިކަމުގެ ގޮތުން މިހާ މަޝްހޫރު، ގައުމެއްގެ މިހާ ކުޑަ އާބާދީއެއް އުޅެނީ ވަރަށް ހާލުގައެވެ. ދުނިޔޭގެ ބައެއް ކުންފުނިތަކުގައި ރާއްޖޭގެ އާބާދީއަށް ވުރެން އެތައް ގުނައެއް އިތުރަށް މުވައްޒަފުން ވެސް ތިބެއެވެ. އެ ކުންފުނިތަކުން އެ އެންމެނަށް މުސާރަ ދީގެން ހިންގަނީއެވެ. ނަމަވެސް މި ރާއްޖެއަށް އެކަށީގެންވާ ކުރިއެރުމެއް ނާދެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖެ ހިންގުމާ ހަވާލުވި ސިޔާސީ ބޭފުޅުންގެ އިހުލާސްތެރިކަމެއް ނެތީތީއެވެ.
މިހާތަނަށް ރާއްޖޭގައި ދިގު ވެރިކަންތައް ކުރެއްވި ބޭފުޅުންނާއި ކުރު ވެރިކަންތައް ކުރެއްވި ބޭފުޅުން ވެސް ރާއްޔިތުންނަށް ވިސްނައިދިނީ ރާއްޖެއަކީ ވަސީލަތް މަދު ގައުމެއް ކަމެވެ. ނަމަވެސް އެއީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫނެވެ. ވަސީލަތް މަދު ނަމަ އެ ސިޔާސީ ބޭބޭފުޅުން އެ މަގާމުތަކުގައި ބޭނުން ހިފައިގެން އެހާ ބޮޑު ތަނަވަސްކަމެއް ނުހޯދޭނެތާއެވެ. މި ވަރުގެ ކުޑަ އާބާދީއެއް މެނޭޖު ކުރަން ބަލާއިރު ރާއްޖޭގައި ވަސީލަތް އެބަހުއްޓެވެ. ނެތިގެން މިއުޅެނީ އިހުލާސްތެރިކަމެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަން ހަވާލު ކުރާނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބަށް ކުޑަތަން ވެފައިވާއިރު އެ ރޭހުގައި އަށް ބޭފުޅަކު އެބަ ވާދަ ކުރައްވައެވެ. މިއީ ވައުދުވާ މޫސުމެވެ. ވައުދުތައް އެބަ އޮހެއެވެ. ރައްޔިތުން ގޮތެއް ނިންމަން ވާނީ ވަރަށް ވިސްނާފައެވެ. އެ ކެންޑިޑޭޓަކީ ގިނަ ދިވެހިން މިހާރު މިއުޅޭ ދަތި ހާލުން ސަލާމަތް ކުރެވޭނެ ބޭފުޅަކަށް ވާން ޖެހެއެވެ. އެ ބޭފުޅަކު ވާންވީ ލީ ކުއާން ޔޫ އަކަށެވެ.
ކުޑަކުޑަ ސިންގަޕޫރު އެންމެ އުހަށް
ލީ ކުއާން ޔޫއަކީ ސިންގަޕޫރު ތަރައްގީ ކުރެއްވި ބާނީއެވެ. އެ ބޭފުޅާ އެ ގައުމުގެ ވެރިކަން ކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގައި ވެރިކަން ކުރެއްވިހާ ދުވަހެވެ. އެ ގައުމަށް މިނިވަންކަން ވެސް ލިބުނީ ރާއްޖެއާ ދާދި އެކީގައި ކަހަލަ ގޮތަކަށެވެ. ތަފާތަކީ ލީ ކުއާން ޔޫ ސިންގަޕޫރަށް ގެނައި ބޮޑު ބަދަލެވެ. ރާއްޖެ ތަރައްގީ ކުރުމަށް މި ކަމުން އިބުރަތް ހާސިލް ކުރަން ޖެހެއެވެ.
ލީ ކުއާން ޔޫ ވަނީ 31 އަހަރުގެ ދިގު މުއްދަތެއްގައި ސިންގަޕޫރުގެ ބާރުގަދަ ވެރިއެއްގެ ގޮތުގައި ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެގޮތުން އޭނާ ސިންގަޕޫރުގެ ވެރިއެއްގެ ގޮތުގައި 1990 ވަނަ އަހަރާ ހަމައަށް ހޭދަކުރެއްވި އިރު، އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ، މަދިރި އުފެދޭ ޗަސް ބިމެއްގެ ގޮތުގައި އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު އޮތް ސިންގަޕޫރު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފައިނޭންޝަލް ސެންޓަރަށް ހައްދަވައިފައެވެ. ސިންގަޕޫރު، އާދައިގެ ކުޑަކުޑަ ބަނދަރެއްގެ ގޮތުގައި އޮއްވައި، ދުނިޔޭގެ އެންމެ މުއްސަނދި އަދި ކުރިއަރާފައިވާ ވިޔަފާރީގެ "ހަބަކަށް" ބަދަލުކުރެއްވީ ލީ ކުއާން ޔޫއެވެ. ވަސީލަތް މަދު، ކުޑަކުޑަ ސިންގަޕޫރު މުޅި ދުނިޔޭގެ ނިސްބަތުން ކުރިއަރާފައިވާ ގައުމަކަށް އެ ބޭފުޅާ ހެއްދެވީ، އިހުލާސްތެރި އަދި ހިންގުންތެރި ކަމުގެ ސަބަބުންނެވެ.
ލީ ކުއާން ޔޫގެ ފާހަގަކޮށްލެވޭ ސިޔާސަތުތަކުގެ ތެރޭގައި، ކޮރަޕްޝަން މަދުކުރުމާއި، ބޭރުގެ އިންވެސްޓްމަންޓުތައް އޮޅުކުރުމަށް ގެންގުޅުއްވި ޓެކްސް ރޭޓް ކުޑަކުރުމުގެ ސިޔާސަތާއި، ފުރިހަމަ ސްކޫލް ސިސްޓަމާއި، އަމާން މަގުތަކެއް ބިނާކުރުން ހިމެނެއެވެ.
އިގްތިސާދީ ހަބަކަށް ސިންގަޕޫރު ހެއްދެވުމާ އެކު ލީ ކުއާން ޔޫ އިސްކަން ދެއްވީ ތައުލީމާއި ހިއުމަން ކެޕިޓަލް ތަރައްގީ ކުރުމަށެވެ. އޭނާ އުފެއްދެވީ ސައިންސާއި ޓެކްނޮލޮޖީއާއި އިނގިރޭސި ބަހަށް ފަރިތަވުމަށް ބާރުއަޅާ ތައުލީމީ ނިޒާމެކެވެ. ތަޢުލީމަށް ދެއްވި މި ސަމާލުކަމުގެ ސަބަބުން މަލްޓިނޭޝަނަލް ކޯޕަރޭޝަންތައް ޝައުޤުވެރިވެ، ޤައުމުގެ އިޤްތިޞާދީ ތަފާތުކުރުމަށް އެހީތެރިވެދިން ހުނަރުވެރި ވަޒީފާގެ ބާރެއް އުފެދުނެވެ.
ލީ ކުއާން ޔޫ ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމާއި ތޮއްޖެހުން ހައްލު ކުރައްވާފައެވެ. ހައުސިން ޑިވެލޮޕްމަންޓް ބޯޑު (އެޗްޑީބީ) އުފެއްދީ ސިންގަޕޫރުގެ ރައްޔިތުންނަށް އަގުހެޔޮ އަދި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދީ، އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި އިޖުތިމާއީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށެވެ. އެއާ އެކު ދަތި ދިރިއުޅުމަކުން ހަމަ ނޭވާ ލެވޭ ބަޔަކަށް އެ ގައުމުގެ ރައްޔިތުން ބަދަލުވިއެވެ.
ލީ ކުއާން ޔޫ ވަނީ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށާއި ހަމަޖެހުން ކަށަވަރު ކުރުމަށްޓަކައި ގާނޫނީ ގޮތުން ހަރުކަށި ވެރިކަމުގެ ނިޒާމެއް ގާއިމް ކުރައްވާފައެވެ. އޭނާގެ ވެރިކަމުގައި ކޮރަޕްޝަނާއި، އޯގަނައިޒްޑް ކްރައިމްއާއި، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ޤާނޫނުތައް ތަންފީޒުކޮށް، ދުނިޔޭގެ އެންމެ ކޮރަޕްޝަން މަދު އަދި އަމާން ގައުމަކަށް ސިންގަޕޫރު ހެއްދެވިއެވެ.
ލީ ކުއާން ޔޫ މަޝްހޫރުވެފައިވަނީ ދިގު މުއްދަތުގެ ތަސައްވުރާއި ޕްލޭނިންގެ ސަބަބުންނެވެ. އެ ބޭފުޅާގެ ސަރުކާރުން ފޯކަސް ކުރެއްވީ ދެމެހެއްޓެނިވި ތަރައްގީއަށް، ސިޔާސަތުތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރާނެ އަސަރަށް ވަރަށް ފަރުވާތެރިކަމާ އެކު ވިސްނައިގެންނެވެ.
ބޮޑުވަޒީރު ކަމުގައި ލީ ކުއާން ޔޫ ހުންނެވި ދުވަސްވަރު އޭނާ ގެންގުޅުއްވި ހަރުކަށި ސިޔާސަތުގެ ސަބަބުން، ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވިއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރައްވައި، ސިޔާސީ ވާދަވެރިން ޖަލަށްލައި، އަދި ނޫސްވެރީންނާ ދެކޮޅަށް ކޯޓުގައި ޝަރީއަތްތައް ހިންގަވައި ހެއްދެވި، ލީ ވިދާޅުވެފައި ވަނީ، ތަފާތު ދަރިކޮޅުތަކާއި ގިނަ ދީންތަކުގެ މީހުން އުޅޭ ގައުމަކަށް ހަމަޖެހުން ހޯދައިދިނުމަށް އެފަދަ ހަރުކަށި ސިޔާސަތުތަކެއް ބޭނުންވާނެ ކަމަށެވެ.
ދިވެހީންނަށް އޮތީ ކޮން ޗޮއިސްއެއް؟
މި ފަހަރުގެ ރިޔާސީ ރޭހުގައި ވާދަ ކުރައްވާ ބޭފުޅުންގެ ތެރޭގައި ވަރަށް ގާބިލް ބޭފުޅުން އެބަތިއްބެވިއެވެ. މާޒީގައި ކަން ކުރައްވާފައިވާ ގޮތާއި މިހާރު ކަންކަން ކުރައްވަމުން އަންނަ ގޮތަށް ބެލިނަމަވެސް ހިންގުންތެރި، އަދި ރަނގަޅު ސިފަތަކެއް ހުރި ބޭފުޅުން އެބަތިއްބެވެ. އިންތިޚާބު ކާމިޔާބު ކުރެއްވިދާނެ ވަކިވަކި ބޭފުޅުންނަށް ބަލާލާނަމެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ބަލާއިރު އެ މަނިކުފާނަކީ އެކި ހިޔާލުތަކުގެ ގިނަ މީހުން ގޮވައިގެން އުޅެން ދަންނަ ލީޑަރެވެ. ހަމައެކަނި ކޯލިޝަން ދެމެހެއްޓުނު ލީޑަރެވެ. މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެބަ ހިންގައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަސާސީ ހިދުމަތްތައް ދިނުމެވެ. ނަރުދަމާއާއި ފެނާއި ކްލާސް ރޫމްތައް އެޅުންފަދައެވެ. އަޅާނުލެވި އޮތް ކުދިކުދި ރަށްތަކަށް ކަންކަން ކޮށްދެއްވީ އަތޮޅުތެރެއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައީސް ޞާލިހެވެ. ދެވަނަ ދައުރަކަށް އެމަނިކުފާން ނުކުންވައިގެން އެ ހުންނެވީ އިތުރު ތަސައްވަރުތަކާ އެކުއެވެ.
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަކީ ވެސް ވަރަށް ގާބިލު ބޭފުޅެކެވެ. މުއިއްޒު ޕީއެޗްޑީ ހާސިލްކުރެއްވީ ސިވިލް އިންޖިނިއަރިންގްގެ ދާއިރާއިން ޔުނިވާސިޓީ އޮފް ލީޑްސްއިންނެވެ. ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވައި ގިނަ ތަޖުރިބާތަކެއް ހޯދެއްވިއެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ ޕްރޮޖެކްޓްތައް ކަމަށްވާ، ސިނަމާލޭ ބްރިޖާއި ހަތް ހާސް ފްލެޓާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ އިތުރުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރެއްވުމަކީ ވެސް ސީދާ މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރައްވާފައިވާ ކަންކަމެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ބަލާއިރު އަމިއްލަ ވިޔަފާރީގައި އެ މަނިކުފާނަކީ ވަރަށް ކާމިޔާބު ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ތަނަވަސް ބޭފުޅުންގެ ލިސްޓުގެ ކުރިން ގާސިމް ޖާގަ ހޯއްދެވީ ބުރަ މަސައްކަތުންނެވެ. އެހެންކަމުން ހިންގުންތެރިއެއްތޯ އެއީ ސުވާލު ކުރެވޭނެ ކަމެއް ނޫނެވެ. ދައުލަތުގެ އިސް މަގާމުތަކެއް ވެސް ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސްކަން ދެ ފަހަރު ކުރެއްވުމާއި ފިނޭންސް މިނިސްޓަރުކަން ކުރެއްވުން ހިމެނެއެވެ. ގާސިމް ވެސް ރިޔާސީ ރޭހަށް ނުކުންނަވައިގެން އެ ހުންނެވީ ރާއްޖެ އެހެން ހަރުފަތަކަށް ގެންގޮސް ދޭނެ ކަމުގެ ވައުދާ އެކުއެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، މުޙައްމަދު ނާޒިމްގެ މާޒީއަށް ބަލާއިރު ފެންނަނީ އުފާވެރި މަންޒަރެވެ. ސިފައިންގޭގެ އިސް މަގާމުތަކެއް ފުރުއްވުމަށް ފަހު 2012 ވަނަ އަހަރު ޑިފެންސް މިނިސްޓަރަކަށް ވަޑައިގެންނެވިއެވެ. ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާދެއްވުމާ އެކު އުފެދުނު ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ނާޒިމް ކުރައްވައި ސަރުކާރު ލީޑް ކުރެއްވިއެވެ. އެއީ، ސިޔާސީ ގޮތުން އުނދަގޫ ދުވަސްތަކެކެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރުގެ ވަޒީރުކަން ކުރެއްވިއިރު ވެސް ނާޒިމް ފާހަގަ ވެގެން ގޮސްފައިވަނީ ވަރަށް ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ. ވަގުތީ ގޮތުން ވިޔަސް ހަވާލު ކުރާ ކޮންމެ އިދާރާއެއް ވަރަށް ފުރިހަމައަށް ހިންގަވައެވެ. ނާޒިމް ވެސް ރިޔާސީ ރޭހަށް ނުކުންނަވައިގެން އެ ހުންނެވީ އުއްމީދުގައެވެ.
ދެން ތިއްބެވި ކެންޑިޑޭޓުންނަށް ބަލާއިރު ވެސް ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ގާބިލް ބޭފުޅުން އެބަތިއްބެވެ. ނަމަވެސް މިހާރު ސިޔާސީ މަޝްރަހު އޮތް ހާލަތަށް ބަލާއިރު އެ ބޭފުޅުންނަކީ އިންތިޚާބުގައި މާ ބޮޑު ނަތީޖާއެއް ހޯދޭނެ ބޭފުޅުން ކަމަކަށް އަދި ނުފެނެއެވެ.
މިއީ ދިވެހީންނަށް ހައްގު މިންވަރެއް ނޫން
ދުނިޔެއަށް މަޝްހޫރު، މި ކުޑަ އާބާދީ ރާއްޖޭގައި އުޅެމުން މިދާ ދިރިއުޅުމަކީ އެއްގޮތަކަށް ވެސް ހައްގު މިންވަރެއް ނޫނެވެ. ހާލަތު ބަދަލު ކުރަންޖެހެއެވެ. ބޭރުގެ އެހީއާއި ލޯނަށް އާދޭސް ކުރަން ނުތިބެ ހަމަ އިސްކޮޅަށް ތެދުވާން ޖެހެއެވެ. އެކަން ވާން އޮތީ ތަސައްވަރެއް އޮތް ވެރިއަކު އައިސް ގެންނެވެ. ހަމައެކަނި އެއް ކަމެއްގެ މައްޗަށް އިގްތިސާދު ބަރޯސާވެގެން އޮތުމުގެ ބަދަލުގައި އިގްތިސާދު ޑައިވާސިފައި ކުރާނެ ބޭފުޅަކު ވެރިއަކަށް އައިސްގެންނެވެ. އިހުލާސްތެރިކަމާ އެކު ކަމެއް ކޮށްދޭން ބޭނުންވާ ވެރިއަކު ގެންނަން ޖެހެއެވެ.
ރިޔާސީ އިންތިޚާބުގައި ނުފޫޒާއި ރިޝްވަތަށް ނުހެއްލި ރައްޔިތުން ގޮތް ނިންމަން ޖެހެއެވެ. ގާބިލް ބޭފުޅާ ވެރިކަމަށް ގެންނަން ޖެހެއެވެ. ރާއްޖެ ތަރައްގީ ވާން އޮތީ އެގޮތަށެވެ. ކިރިޔާ ވެސް އިހުލާސްތެރިކަމެއް ހުރެއްޖެ ނަމަ ރާއްޖެއަށް ބޮޑު ބަދަލެއް ގެނެވޭނެއެވެ. ރާއްޖެއަށް ބޭނުންވަނީ ލީ ކުއާން ޔޫއެކެވެ.