ޑރ. މުއިއްޒު ދަތުރު ކުރަން އޮތީ ގަދަ ކަނޑެއް!

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު: އެ މަނިކުފާނަށް އޮތީ ގަދަ ކަނޑެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެނަށް ވެސް އެނގޭ، އަދި އެއްބަސްވެވޭ އެއް ކަމެއް އެބައޮތެވެ. އެއީ، ދިވެހިން މިހާރު ދިރިއުޅެމުން އަންނަނީ ހައްގު މިންވަރު ލިބިގެން ނޫން ކަމެވެ. ދިވެހިންގެ އާބާދީ އަދި ހަތަރު ލައްކައަށް ނާރާއިރު އެއީ ދުނިޔޭގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ވުރެ ވެސް ކުޑަ އާބާދީއެކެވެ. ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި މަހުޖަނުންނަށް ރާއްޖެ ފެންނައިރު މި ގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް އަސާސީ ހިދުމަތްތައް ނުލިބެއެވެ. އެންމެ ބޮޑީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެއާ ގުޅިފައިވާ އެތައް މައްސަލައެކެވެ.

ދަތި، ދަރަނިވެރި ދިރިއުޅުމެއް އުޅެމުން އަންނަ ދިވެހިން އެ ނޫން ދިރިއުޅުމެއް ފެނޭތޯ ކޮންމެ ފަސް އަހަރަކުން ވެރިކަން އެބަ ބަދަލުކުރެއެވެ. މި މަހުގެ 17 ވަނަ ދުވަހު ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެލައްވާއިރު އެ މަނިކުފާނާ ގިނަ ބައެއްގެ އުއްމީދުތައް ވަނީ ގުޅިފައެވެ. ދިވެހިންގެ ހާލަތު ބަދަލުކޮށް، ހައްގު މިންވަރު ލިބޭނެ ދުވަހަކަށް ދިވެހިން ތިބީ ކެތްމަދުވެފައެވެ. މި ކަންކަން ކުރަން މުއިއްޒު ނުކުންނަވާއިރު ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް އެ މަނިކުފާނަށް ވަރަށް ގޮންޖެހުން ބޮޑެވެ. އޭގެ ތެރެއިން މައިގަނޑު ގޮންޖެހުންތަކަށް ބަލައިލާނަމެވެ.

އިންޑިއާ މައްސަލަ

ވެރިކަމުގެ އާރާއި ބާރުގައި ހުންނެވި، އަދި ރާއްޖޭގައި މިހާތަނަށް އެހެން ބޭފުޅަކު ކޮށްފައިނުވާވަރުގެ އަގުބޮޑު ކެމްޕެއިނެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރެއްވިއެވެ. ވޯޓު ހޯއްދެވުމަށް ވަޒީފާ ދިނުމާއި ފައިސާގެ ގޮތުން ވެސް ކުރެއްވީ ވަރަށް އަގުބޮޑު ކެމްޕެއިނެކެވެ. ނަމަވެސް މުއިއްޒު އެ ކަންކަމުގެ މައްޗަށް ކުރި ހޯއްދެވީ ރައީސް ޞާލިޙްގެ ސަރުކާރުން ހައްދަވާފައި ހުރި ގޯސްތައް ފެންމަތި ކޮށްގެންނެވެ. އޭގެ ތެރެއިން މިހާރުގެ ސަރުކާރަށް އެންމެ ގެއްލުންވީ އެއް ކަމަކީ އިންޑިއާ މައްސަލައެވެ. އެއީ އިދިކޮޅުގެ ކާލާމަންނައެވެ. އަދި، ސަރުކާރުގެ ބަލިފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާ ސަފީރާ އެކު -- ފޮޓޯ/ އެލީޒް

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް އިދިކޮޅުން މެދުކެނޑުމެއް ނެތި ދައްކަމުން އައި ވާހަކަތަކާއި ވެރިކަން ދީފިނަމަ އެ ސިފައިން ރާއްޖެއިން ބާލާނެ ކަމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދަކީ އެ މަނިކުފާނަށް ގިނަ އަދަދަކަށް ވޯޓު ލިބުނު ސަބަބެކެވެ. އެހެންކަމުން މި ވައުދު ފުއްދުމަކީ އެ މަނިކުފާނު ކޮންމެހެން ވެސް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ.

އިންޑިއާއަށް ބަލާއިރު އެއީ ރާއްޖޭގެ އެންމެ ޒަމާންވީ އެކުވެރިޔާއެވެ. އަދި، އެންމެ އަވައްޓެރި ގައުމެވެ. އެ ގައުމާ ގުޅުން ގޯސްވެއްޖެ ނަމަ ރާއްޖެއަށް ލިބޭނެ ގެއްލުން ވަރަށް ބޮޑެވެ. ބޭސްފަރުވާއާއި ކާބޯތަކެތީގެ އިތުރުން އިޤުތިޞާދީ އަދި އިޖުތިމާއީ އެތައް ކަމެއްގައި ދިވެހިން ބަރޯސާވެފައިވަނީ އިންޑިއާއަށެވެ. އެ ގައުމުން ދިވެހިންނަށް ވިސާ ދިނުން ދަތިކޮށްލައި ކޮންމެ ފަހަރަކު އެމްބަސީ ދޮށުގައި ހަދާ ބޮޑު ކިޔޫއިން ވެސް އެ ކަން އެނގޭނެއެވެ. އަދި، އިންޑިއާއާ ރާއްޖޭގެ ގުޅުން ގޯސްވެއްޖެނަމަ އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެކެވެ.

އެހެންކަމުން އެ ގައުމުގެ ސިފައިން ރާއްޖޭން ބޭލުމަށް މަސައްކަތް ކުރަން ޖެހޭނީ ވަރަށް ފަރުވާތެރިކަމާ އެކުއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު އެކަން ކުރައްވާނީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިންނެވެ. ހުވާ ކުރެއްވުމަށް ފަހު އިންޑިއާގެ ސަފީރާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވެސް އެ ކަމަށް އެދިވަޑައިގެންފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު މުޅިން ގަޑުބަޑުކޮށްލި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުން ފެށުނު ކަމެކެވެ. އޭގެ ފަހުން އައި ވެރިކަންތަކުގައި އެ ގައުމުގެ ސިފައިން ރާއްޖޭން ފޮނުވައިލުމަށް މަސައްކަތް ކުރިއެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އެ ގައުމުގެ ސިފައިން ރާއްޖޭން ދިއުމަށް އެންގިއެވެ. ނަމަވެސް އެ އެންގުމަށް އެ ގައުމުން އިޖާބައެއް އޭރަކު ވެސް ނުދިނެވެ.

އަނެއްކޮޅުން ބައިނަލްއަޤުވާމީ މީޑިއާއިން މުއިއްޒު ސިފަ ކުރަނީ "ޕްރޯ ޗައިނާ" ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން އިންޑިއާއާއި ޗައިނާގެ ޒަމާންވީ ވާދަވެރިކަމުގެ ތެރެއިން ވެސް ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.

އެހެންކަމުން މިއީ ކުޑަ ކަމަކަށް ނުވާނެއެވެ. ނަމަވެސް މިކަން ނުކޮށްފިނަމަ މުއިއްޒަށް އޮންނަ އިތުބާރު ގެއްލޭނެއެވެ. އެހެންކަމުން އެކަން ނުކޮށެއް ވެސް ނުވާނެއެވެ.

ގައުމު ދަރާފައި

ލޯނު ނަގަން ވާނީ ފައިސާ ލިބޭ ކަމެއް ކުރުމަށެވެ. ނޫނިއްޔާ އެ ލޯން ދެއްކޭނެ ގޮތެއް ނުވެ، ދަރާނީއެވެ. މި ގައުމަށް ވެފައި މިއޮތީ އެހެންނެވެ. ފައިސާ ނުލިބޭ ކަންކަމަށް ލޯނުން ކުރާ ހޭދަ މާ ބޮޑީއެވެ. ލޯނު ނަގައިގެން މުސާރަ ދެނީއެވެ. ލޯނު ނަގައިގެން ފައިސާ ނުލިބޭ މަޝްރޫތައް ހިންގަނީއެވެ. މިފަދަ އެތައް ކަމަކާ ހުރެ މި ކުޑަ ރާއްޖެ މި ވަނީ ވަރަށް ބޮޑަށް ދަރައިފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އަންނަ އަހަރު ދައުލަތުގެ ދަރަނި 129 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

https://sun.mv/182871

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާރު ދައުލަތުގެ ދަރަނި ހުރީ 108 ބިލިއަން ރުފިޔާގައެވެ. އެއީ، 59 ބިލިއަން ރުފިޔާގެ އެތެރޭގެ ދަރަންޏާއި 49 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަންޏެވެ. ގައުމަށް އޮތް އަނެއް ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހުމެވެ. އެހެން ދާއިރާތަކަށް އިންވެސްޓް ކުރެވިދާނެ ފައިސާ ދަރަނި ދެއްކުމަށް ހޭދަކުރުމަކީ ގައުމުގެ އިގްތިސާދީ ކުރިއެރުމާއި ތަރައްގީއަށް ހުރަސްއެޅޭ ކަންކަމެވެ.

ދެ ހާސް ސައްބީސްވަނަ އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ، 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑެއް ދެއްކުމަށް 2021ވަނަ އަހަރު ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ އިތުރުން 100 މިލިއަން ޑޮލަރުގެ ބޮންޑެކެވެ.

މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުން ގެރެންޓީ ދީފައިވާ ދަރަންޏާ އެކު، ޖުމްލަ 1.07 ބިލިއަން ޑޮލަރަށް އެ އަހަރު އަނބުރާ ދައްކަން ޖެހޭ ފައިސާގެ އަދަދު އަރައެވެ.

ވޯލްޑު ބޭންކުން ބުނާ ގޮތުގައި ދައުލަތުގެ ދަރަނީގެ ތެރެއިން، 2026ވަނަ އަހަރު ގިނަ އަދަދެއް އަނބުރާ ދައްކަން ޖެހުމުގެ ސަބަބުން، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދަށް އަންނަ އިތުރު ޝޮކެއް ބަރުދާސްތު ކުރުމުގެ ގާބިލުކަން ވަނީ މި ގައުމަށް ކުޑަވެފައެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަނީ ގިނަ ވައުދުތަކަކާ އެކުއެވެ. އެ ވައުދުތައް ފުއްދެވުމަށް ވަރަށް ފައިސާ ބޭނުންވެއެވެ. ކޮންމެ ގޮތެއް ވިޔަސް ވައުދުތައް ފުއްދަން އެހާ ވަރަކަށް ހިލޭ އެހީއެއް ނުލިބޭނެއެވެ. ޖެހޭނީ ލޯނު ނަގާށެވެ. ލޯނު ނަގަން ބަލާއިރު މިހާރު ދަރާފައިވާ ދަރަނި ބޮޑުވުމުގެ ސަބަބުން ވަރަށް ދަތިތަކާ ކުރިމަތިވާނެއެވެ. އެހެންކަމުން މިއީ ވެސް މުއިއްޒު ކުރިމަތިލާން ޖެހޭ ބޮޑު އިމްތިހާނެކެވެ.

ޔާމީންގެ ވާދަވެރިކަން

ގޭބަންދަށް ބަދަލު ކުރުމާ އެކު ކުޑަދޮރުން ބޯ ދިއްކުރައްވައިގެން އޮންނަވައި ޔާމީން އެ ފެއްޓެވީ ރާއްޖޭގެ ކުރީގެ އެހެން ރައީސުން ވެސް ފެއްޓެވި ދަތުރެވެ. އަދި ސިއްހީ ކަންކަމަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ދިނުމުން ސިޔާސީ އެއްވުންތައް ބާއްވައި ވެސް ފެއްޓެވީ އެ މަސައްކަތެވެ. މުއިއްޒަށް ވެރިކަން ލިބިލެއްވީ ޔާމީންގެ ފޮޓޯފުޅު ދައްކަވައިގެންކަން ހަނދާން ކޮށްދެއްވުމެވެ. ހަގީގީ ލީޑަރަކީ އެ މަނިކުފާނު ކަމަށް ދެއްކުމެވެ. މިއީ ރާއްޖޭގައި އާ ކަމެއް ނޫނެވެ.

https://sun.mv/181340

ދެހާސް ތޭރަވަނަ އަހަރު ޔާމީން ރައީސްކަމަށް ވަޑައިގެންނެވީ އެ މަނިކުފާނުގެ ބޭބޭފުޅު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފޮޓޯފުޅު ވަރަށް ބޮޑަށް ވިއްކައިގެންނެވެ. ނަމަވެސް ވެރިކަން ލިބުމާ އެކު ދެބެންގެ ގުޅުން ގޯސްވިއެވެ. ޔާމީން ވެރިކަން ކުރައްވައި، ބާރުގަދަވާތަން ބައްލަވަން މައުމޫނަށް ކެތެއް ނުކުރެއްވުނެވެ. މައުމޫން ވެސް ބޭނުންފުޅުވީ މަގުބޫލުކަން ކުޑަނުވެ ހުންނެވުމަށެވެ. އެހެންކަމުން ޔާމީނާ ދެކޮޅަށް އެކި ކަންކަން ފެއްޓެވިއެވެ. އެންމެ ފަހުން އެ ކަންކަން ބޮޑުވެ ކޮއްކޯފުޅުގެ ވެރިކަމުގައި އުމުރުން 80 އަހަރުގައި މައުމޫން ޖެހިވަޑައިގަތީ ޖަލަށް ވަޑައިގަންނަވާށެވެ. މި ކަންކަމަކީ ޔާމީނަށް ދެވަނަ ދައުރެއް ލިބުމަށް ވަރަށް ހުރަސް އެޅުނު ކަންކަމެވެ. އެހެންކަމުން މައުމޫން ވެގެން ދިޔައީ ޔާމީންގެ ސަރުކާރަށް ބޮޑު ޑެމޭޖަކަށެވެ.

މިހާރުގެ ސަރުކާރަށް ބަލާއިރު ރައީސް ޞާލިޙާއި ނަޝީދަކީ ތިމާގެ ނޫން ނަމަވެސް "ތިމާގެ" ދެ ބޭފުޅުންނެވެ. އުޅެ ބޮޑުވީ އެކުގައެވެ. ސިޔާސީ މަސައްކަތް ކުރެއްވީ އެކުގައެވެ. ނަމަވެސް ވެރިކަމާ ހަމައިން އެ ޒަމާންވީ ގުޅުން ގޯސްވިއެވެ. ރައީސް ޞާލިޙު ވެރިކަން ކުރައްވައި އެ މަނިކުފާނުގެ މަގުބޫލުކަން އިތުވާ މަންޒަރު ބަލާކަށް ނަޝީދަކަށް ވެސް ކެތެއް ނުކުރެވުނެވެ. ދައުރުގެ މެދުތެރެއިން ބޭނުންފުޅުވީ ނަޝީދު ބޮޑުވަޒީރަކަށް ވުމަށެވެ. އެ ކަމަށް ރައީސް ޞާލިޙް އާބަސް ވިދާޅުނުވުން ހުޅުގަނޑު ފަޅައިގެންދިޔައެވެ. މަޖިލީހުގެ ރައީސަކަށް ނަޝީދު ހުންނަވައި ސަރުކާރަށް ޖެއްސުންތައް ކުރިއެވެ. އެންމެ ފަހުން ގަދަހިފުމަށް ގޮސް ނަޝީދަށް އެ މަނިކުފާނު ރަސްކަން ކުރެއްވި އެމްޑީޕީ ވެސް ގެއްލުނީއެވެ. ނަމަވެސް ސިޔާސީ ގޮތުން މި ސަރުކާރަށާއި ރައީސް ޞާލިޙަށް ވެސް އެންމެ ގެއްލުން ދިން އެއް ބޭފުޅަކީ ނަޝީދެވެ.

ދެން މިއޮތީ ޔާމީނާއި މުއިއްޒުގެ ކުރިމަތިލުމެވެ. އަދި، ފެންނަ މަންޒަރުން މާ އަމާންކޮށް ދާނެ ކަމަކަށް ނުފެއެވެ. ކުރީގެ ރައީސުންގެ ތެރެއިން ވެސް މައުމޫނާއި ނަޝީދާ އަޅާބަލާއިރު ޔާމީނަކީ ވަރަށް ތަފާތު މިޒާޖެއްގެ، ވަރަށް ހަރު ބޭފުޅެކެވެ. އެހެންކަމުން ގުޅުން ގޯސްވެއްޖެނަމަ، ކަންކަން ރީތި ގޮތަކަށް ދާނެ ކަމަކަށް ނުފެނެއެވެ. ކޮންމެ ގޮތެއް ވިޔަސް މަންޒަރު ގެއްލެން ޔާމީން ވެސް ބޭނުންފުޅެއް ނުވާނެއެވެ. ސިޔާސީ މުސްތަގުބަލް ބޭނުންފުޅު ވާނެއެވެ. އެކަން ކުރައްވަން ކުރާ ކަންކަމުގެ ސަބަބުން ގުޅުމަށް ބުރޫއަރާނެއެވެ. ސިޔާސީ ފިތުނައިގެ ތެރެއިންނެވެ. އެހެންކަމުން ޔާމީނަކީ ވެސް މުއިއްޒަށް ބޮޑު ޗެލެންޖެއްގެ ގޮތުގައި ފެނެއެވެ.

މަޖިލީހުގެ މެޖޯރިޓީ ނެތުން

ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތްނަމަ ވެސް އެއްބާރުން އަނެއް ބާރަށް "ޖެއްސުން" ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. ނަޝީދުގެ ވެރިކަމަށް ބެލި ނަމަވެސް އެކަން ސާފުވާނެއެވެ. އެ މަނިކުފާނުގެ ވެރިކަމަށް މަޖިލީހުގެ މެޖޯރިޓީ ނުލިބި މަޖިލިސް ހޯދީ އޭރުގެ އިދިކޮޅު ޑީއާރުޕީންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ބައެއް މިނިސްޓަރުންނަށް ރުހުން ނުލިބުން ފަދަ އެތައް ދައްޗަކާ އޭރުގެ އެމްޑީޕީ ސަރުކާރަށް ކުރިމަތިވުމެވެ.

މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި ތިބީ އެންމެ 10 މެންބަރުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. ދެން ތިބި މެންބަރުން ވެސް މިނިސްޓަރުކަމާ ހަވާލުވުން ވަރަށް ގާތެވެ. އެހެންކަމުން މަޖިލީހުން އިދިކޮޅުގެ ބާރު ގެއްލޭނެއެވެ. އެމްޑީޕީން މިހާރު ވެސް އެ ގެންދަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިމޭނަމަ މުއިއްޒުގެ ހުވާ ގަބޫލުނުކުރާނެ ކަމާއި ކެބިނެޓަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު ދެމުންނެވެ.

އާ ދައުރަކަށް މަޖިލީހުގެ މެންބަރުން ހޮވަން އަދި ހައެއްކަ މަސް އޮތްއިރު މިއީ މުއިއްޒުގެ ސަރުކާރަށް ކުރިމަތިވާނެ ދައްޗެކެވެ.

މި ހުރިހާ ސަބަބުތަކާ އަދި އިތުރު ކަންތައްތަކުގެ ސަބަބުން ވެސް މުއިއްޒަށް އޮތީ ގަދަ ކަނޑެއްގައި ކުރަން ޖެހޭ ދަތުރެކެވެ. ރާއްޖޭގެ މިސްރާބު ބަދަލުކޮށް، ރަނގަޅު ކުރަން ޖެހޭ ކަންކަން ގިނައިރު އެ ކަންކަން ކުރަން ހުރި ގޮންޖެހުންތައް އަދި މާ ގިނައެވެ. ނަމަވެސް މޮޅު ކެޕްޓަނަކީ މަޑު ކަނޑެއްގައި ދުއްވާ މަންޒިލަށް ވާސިލްވާ މީހާއެއް ނޫނެވެ. ކެޕްޓަންގެ ކުޅަދާނަކަށް ފެންނާނީ ގަދަ ކަނޑެއްގައި ދުއްވުމުންނެވެ. މުއިއްޒާ މެދު ކުރާ އުއްމީދު ބޮޑެވެ.

comment ކޮމެންޓް