މިއަދު ވެސް އެ ވާހަކަތައް ދައްކަން އުނދަގުލެވެ. އެ ހަނދާންތައް އާކުރަން ބޭނުމެއް ނޫނެވެ. އަލްވަދާއު ކިޔައި ފަހު ފަހަރު ސަލާން ވެސް ކޮށްލަން ފުރުސަތެއް ނުދީ، ލޯބިވާ އެތައް ބަޔަކު ދުނިޔެ ދޫކޮށް ދިޔައެވެ. އެތައް ބައެއްގެ ގޯތިގެދޮރު ގެއްލުނެވެ. އެތައް ރަށެއްގެ ރައްޔިތުން ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތި ހާލުގައި ޖެހުނެވެ. މުޅި ހަޔާތުގެ އެތައް ކަމެއް ލޯ ކުރިމަތީ އޮޔާ ދިޔައެވެ.
އެއަށް ފަހު މުޅި ރާއްޖެ އޮތީ ބިރުވެރިކަމުގެ ތެރޭގައެވެ. މީހުންގެ ހަޅޭކާއި ރުއިމުގެ އަޑެވެ. ހާސްކަމާއި ހިތާމައިގެ ކުލަތަކެވެ.
މިއީ މީގެ 20 އަހަރު ކުރިން ޑިސެމްބަރު 26، 2004 ގައި އެރި ސުނާމީގައި ރާއްޖޭގެ ހާލަތެވެ. މި ކަންކަން އެންމެ ގާތުން ފެނި ރައްޔިތުންނާ އެންމެ ގާތުން މަަސައްކަތްކުރި އެކަކީ އޭރު ސިފައިންގޭގައި މަސައްކަތްކުރި ލާންސް ކޯޕްރަލް ހިސާން ހަސަނެވެ. ރަށްރަށުން މާލެގެނައި މީހުން ހޭހަންކުރަމުން، ރަށްރަށަށް ބޭނުންވާ ޒަރޫރީ ތަކެތި ފޮނުވަމުން، ރަށްރަށަށް ގުޅައި އެ ރަށެއްގެ ހާލު އޮޅުންފިލުވައި، މި ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް ހަމަ އޭނާއެވެ.
މިއީ އޭނާއަށް ވެސް ހިތާމަވެރި ތަޖުރިބާއެކެވެ. ނަމަވެސް، މިއީ އުމުރުން އެންމެ 16 އަހަރުގައި ސިފައިންގެއަށް ވަތް ހިސާންގެ މުޅި ހަޔާތް ބަދަލުކޮށްލި ތަފާތު ތަޖުރިބާއެއް ވެސްމެއެވެ.
އެންޑީއެމްސީ އުފައްދައި މަސައްކަތް ފަށައިގަތުން
ރާއްޖެއަށް ސުނާމީ އެރުމާ އެކު ސުނާމީގައި ގެއްލުން ލިބުނު ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން, ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ކޮމިޝަން (އެންޑީއެމްސީ) އުފެއްދީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގަރާރަކުންނެވެ.
"އޭރު އެކުލަވައިލެވުނީ ވަޒީރުންގެ ޓާސްކްފޯހެއް. އެކިއެކި ރޯލުތައް އެކި ބޭފުޅުންނަށް އެސައިން ކުރައްވާފައި. މުޅި އޮޕަރޭޝަންގެ ލީޑު އޭރުގައި ހަވާލުކުރީ އެމްއެންޑީއެފާ. އޭރުގެ ނެޝަނަލް ސެކިއުރިޓީ ސާވިސަސްއާ،" އެމްއެންޑީއެފްގެ ފަރާތުން މި މަސައްކަތާ ހަވާލުވެ ހުރީ ހިސާނެވެ.
ލަސްތަކެއް ނުކޮށް މި ކޮމިޝަންގެ މަސައްކަތް ފެށީ އިސްކަންދަރު ސްކޫލުގައެވެ. ހިސާނަށް ޖެހުނީ ރަށްރަށަށް ގުޅައި އެ ރަށްރަށުގެ ހާލު ބަލާށެވެ.
މަސައްކަތް ފަށައިގަތުމަށް ވެސް އޭނާ ކުރަން ޖެހުނީ ފަސޭހަކަމެއް ނޫނެވެ. އެންމެ ފުރަތަމަ ޓާސްކަކީ ރަށްރަށަށް ގުޅައި އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބެލުމެވެ. ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކުރުމެވެ.
"އޭރު އަޅުގަނޑުމެން އަތުގައި އޮތް ޓޯކީތަކެއް. އެ ޓޯކީތަކުން ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތައް ފަދަ ތަންތަނަށް ކަނެކްޓު ކުރެވޭ. ބައެއް ސިފައިންގެ މަރުކަޒުތަކަށް ވެސް ކަނެކްޓުކުރެވޭ. އެހެންވީމާ އެއް އޮފީހުން އަނެއް އޮފީހަށް މެސެޖު ފޮނުވައިގެން އެ ކަހަލަ ގޮތަކަށް މައުލޫމާތު ހޯދަމުން އައީ،" އެ ދުވަހުގެ ހަނދާންތައް އާކުރަމުން އޭނާ ކިޔައިދިނެވެ.
ހިސާން އެންމެ ހަނދާން ވަނީ މ. ކޮޅުފުށީގެ ހާލަތު ބަލަން އެ ރަށަށް ގުޅައި ދެކެވުނު ވާހަކަތަކެވެ. އެ ވާހަކަތައް އަދިވެސް ވަނީ އޭނާގެ ހިތުގައި ބިންވަޅު ނެގިފައެވެ. އެއީ، ދުވަހަކު ވެސް ހަނދާނުން ނުފިލާނެ ވާހަކަތަކެކެވެ.
"އަޅުގަނޑު ހަނދާންހުރޭ އެ ރަށުން ވާހަކަދެއްކި މީހާ ހަމަ ތުރުތުރު އަޅާފައި ދެތިން ވާހަކައެއް ބުނެވުނީ. އެއަށްވުރެ ބޮޑަށް ވާހަކަދެއްކޭ ހާލަތެއްގައެއް ނޫން އޭނާ ހުރީ. އެ ރަށުން ގިނަ ބަޔަކު ނިޔާވެފައިވާ ކަމާއި، މީހުން ވަޅުލެވޭނެ ގޮތެއް ނެތްކަމާއި، ވާރޭ ވެހޭކަމާއި، ބޯނެ ފެންފޮދެއް ނެތް ކަމާއި މުޅި ރަށުގެ ރައްޔިތުން އެއްކޮށް ތިބީ އޮޑި ދޯނި ފަހަރަށް އަރާކަމަށް ބުނީ. ރަށުގައި އެއްވެސް މީހެއް ނެއްކަމަށް ބުނީ. ނިޔާވި މީހުން ބައިތިއްބާފައި ތިބީ ސްކޫލުގައޭ،"
ދެން ފެށީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް
ރަށްރަށުގެ މައުލޫމާތު އެއްކުރުމަށް ފަހު ދެން ހިސާން ކުރަން ޖެހުނު މަސައްކަތަކީ ލިބުނު އެހީތަކާ ހަވާލުވެ އެ ތަކެތި ތަރުތީބު ކުރުމުގެ މަސައްކަތެވެ. އެހީ ލިބުނީ ހެޔޮ އެދޭ ފަރާތްތަކުންނާއި ވިޔަފާރިވެރިންގެ ފަރާތުންނެވެ. މި ތަކެތި ފުރަތަމަ ބެހެއްޓީ އިސްކަންދަރު ސްކޫލުގެ ހޯލުގައެވެ. ނަމަވެސް، އެ ހޯލު ފުރިގެން ތަކެތި ދެން ވައްދަން ޖެހުނީ އަމީނިއްޔާ ސްކޫލުގެ ހޯލަށެވެ.
"އޭރު އިންނާނެ އިސްކަންދަރު ސްކޫލުގެ އެތެރެއިން އަމީނިއްޔާ ސްކޫލަށް ވަދެވޭގޮތަށް ދޮރެއް ކަނޑާފައި. އެހެންވީމާ އެ ދިމާލުން އަމީނިއްޔާ ސްކޫލުގެ ހޯލަށް އެއްޗެހި ވައްދަން ފެށީ، އޭރު އެ ދުވަހު މެންދަންވެއްޖެ،" އޭނާ ކިޔައިދިނެވެ.
ނަމަވެސް، އެ ދުވަހު މެންދުރެއްހާއިރު އެންމެ ބޭނުންވާ މީހުންނަށް ވަނީ އެހީ ފޯރުކޮށްދޭން ފެށިފައެވެ. މި މަސައްކަތުގައި އެންޑީއެމްސީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ރަށްތައް އެތުރިފައިވާ ގޮތެވެ.
"އެހެން ގައުމުތަކަކީ އެއްފަސްކޮށް އޮންނަ ގައުމުތައް ވީމާ އެއްގަމުން މަގުން އެ ގައުމުތަކަށް ވީހާވެސް އަވަހަށް ގެންދެވޭނެ ގޮތްތަކެއް ހުރި. އެކަމަކު ރާއްޖޭގައި އޮތީ ހަމައެކަނި ކަނޑު،" ރަށްރަށަށް މި ތަކެތި ބެހުމުގައި ބޭރު ގައުމުތަކުގެ މިލިޓަރީ އެހީ ކޯސްޓްގާޑަށް ލިބުންކަން ހިސާން ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކާ އެކު ވެސް ހިތްވަރު އެލުވައިލުމުގެ ވިސްނުން ސިކުނޑިއަށް ނުވަނީ ރައްޔިތުންގެ ހާލު ފެނިފައެވެ. ހިތުގައި އުފެދުނު އެއްބައިވަންތަކަމުގެ ޝުއޫރުން މި މަސައްކަތުގައި އެތައް ރެއަކާއި ދުވާލެއް ހިސާން ހޭދަކުރެއްވިއެވެ.
އެންޑީއެމްސީ، އެންޑީއެމްއޭއަށް، މިއަދު ކާރިސާތަކަށް ތައްޔާރު
ސުނާމީއަށް ފަހު 2025ވަނަ އަހަރާ ހަމައަށް އެ ކާރިސާއިން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް އެންޑީއެމްސީން ކުރިއެވެ. އެއަށް ފަހު ވިލުންވެރި މުޖުތަމައެއް ބިނާކޮށް، ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އުފެއްދިއެވެ.
މި އޮތޯރިޓީގެ މެންޑޭޓުގެ ތެރޭގައި ކާރިސަތަކުގެ ސަބަބުން ދިރިނޫޅެވޭ މިންވަރަށް ގެއްލުންވާ ގެތަކުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަމަށް، ރާއްޖެއާއި ރާއްޖޭން ބޭރުން އެހީ ހޯދުމުގެ މަސައްކަތް ކުރުމާއި ކާރިސާތަކުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.
އެގޮތުން، އަލިފާނުގެ ހާދިސާތައް އުދައިގެ ސަބަބުން ވާ ގެއްލުންތައް އަދި ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ފަދަ ގުދުރަތީ ހާދިސާތަކުގައި ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭން މިހާރު ނުކުންނަނީ އެންޑީއެމްއޭއިންނެވެ.
މި އޮތޯރިޓީގެ މަސައްކަތުގެ ތެރެއިން ރަށްރަށުގެ ނާޒުކުކަމާއި މިފަދަ ކާރިސާތަކުން ގެއްލުން ލިބޭނެ މިންވަރު ވަނީ ވަޒަންކުރެވިފައެވެ. ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް ވަނީ ދެނެގަނެވިފައެވެ.
"ރާއްޖެއަކީ ބިންތިރި ގައުމެއް. މޫސުމީ ބަދަލުތަކުގެ އަސަރު ވެސް ވަރަށް ބޮޑަށް ކުރާ ގައުމެއް. އެހެންވީމައި މިފަދަ ކަންކަމުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ ރިޕޯޓުތައް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުން،" ހިސާން ވިދާޅުވިއެވެ.
މި ތަޖުރިބާއިން ލިބުނީ ހިތްވަރު، ދެމިހުރީ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި
ބައެއް ރަށްރަށުގެ ގިނަ ބަޔަކު މާލެ ބަދަލުކޮށް ވަގުތީ ހިޔާތަކުގައި އުޅުނު ހާލާއި، މިފަދަ ބިރުވެރިކަމެއް ތަޖުރިބާކުރަން ޖެހުމުން ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތިކަން އަމިއްލަ ދެލޮލުން ހިސާން ވަނީ ދެކެފައެވެ.
"ސުނާމީގެ ފަހުން ތިން މަސް ވީއިރު ވެސް ރަށްރަށަށް އޭޝިއާ ސަރަހައްދުން ސުނާމީގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ލައްގަމުން ދިޔަ. އެ މީހުން ލައިގެން ތިބި ހެދުމުން އެއީ އަންހެނެއްތޯ ފިރިހެނެއްތޯ ޔަގީންކުރާ ހާލަތުގައި ތިބި މީހުން އަޅުގަނޑު ދެކުނިން،"
ސުނާމީގައި ގެއްލުން ލިބުނު ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެ ރަށްރަށަށް ލިބުނު ގެއްލުންތައް ވެސް އޭނާ ބެލިއެވެ. މި ހާދިސާގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުން ބަދަލުވެފައިވާ މިންވަރާއި ގެއްލުންތަކުން އަރައިގަންނަން ކުރެވޭނެ މަސައްކަތްތައް އޭނާ ދިރާސާކުރިއެވެ. އޭނާއަށް އިހުސާސްވީ މިފަދަ ދަތި ހާލަކުން ރައްޔިތުން އަރައިގަތުމަށް އެހީގެ އަތެއް ބޭނުންވާ ކަމެވެ.
ސުނާމީގައި ކުއްލި އެހީ ދިނުމަށް އުފެއްދި ޓާސްކްފޯހުގައި އެމްއެންޑީއެފްގެ ފަރާތުން ހިސާން ވަނީ 2011 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރައްވާފައެވެ. އަދި، 2011ވަނަ އަހަރު ސިފައިންގެއިން ވަކިވެ އޭނާ އެންޑީއެމްސީގެ ޕްރޮޖެކްޓް ޑައިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތެވެ.
އޭގެ ފަހުން އެ ކޯޕަރޭޝަން އެންޑީއެމްއޭއަށް ބަދަލުވެ، މިއަދު އޭނާއަކީ އެ އޮތޯރިޓީގެ ސީއީއޯއެވެ.
ސިފައިންގޭގެ ވަޒީފާއަށް ހަގު އުމުރެއްގައި ބޮޑެތި ހުވަފެންތަކަކާ އެކު ވަނުމަށްފަހު އެ ވަޒީފާ ދޫކޮށްލައި، އިންސާނީ އެހީ ފޯރުކޮށްދޭ އޮތޯރިޓީއެއްގައި މަސައްކަތް ކުރުމަށް ހިސާން ނިންމީ އޭނާއަށް ސުނާމީގެ ސަބަބުން ލިބުނު ހިތްވަރުގެ ސަބަބުންނެވެ.
"އަޅުގަނޑަކީ އެއާ ޓްރެފިކިން، ރާޑާ ޓްރެއިނިން ކޯސް ހަދައިގެން އެމްއެންޑީއެފްގައި މަަސައްކަތްކުރި މީހެއް. އެކަމަކު މި މަސައްކަތުން ކުރިއަށް ދާން ނިންމީ ސުނާމީގެ އެ ތަޖުރިބާގެ ސަބަބުން. އެ ތަޖުރިބާ ކުރެވުނީމާ އަޅުގަނޑު ބޭނުންވީ އިންސާނީ އެހީ ފޯރުކޮށްދިނުމުން ކުރިއަށްދާން،"
ހިތްދަތި، ގަބޫލުކުރަން ދަތި އެތައް މަންޒަރެއް ފެނުނު ނަމަވެސް، މި މަސައްކަތުގައި ފަސް ނުޖެހި ދެމިހުރެވުނީ ހިސާންގެ އެމްއެންޑީއެފްގައި ހޭދަކުރި މުއްދަތުގައި ލިބިފައިވާ ތަޖުރިބާގެ ސަބަބުން ކަމަށް އޭނާ ގަބޫލުކުރެއެވެ.
"ސިފައިންގެ ގޭގައި ކުރެވުނު މަސައްކަތާ އެ ލިބުނު ތަޖުރިބާގެ ސަބަބުން ހެން ހީވަނީ ގިވްއަޕް ނުކޮށް މިކަންމި ކުރެވެނީ. އަޅުގަނޑަށް ލިބިފައި ހުރި ތަޖުރިބާގެ އޭންގަލްއިން އަޅުގަނޑަށް ވިސްނެނީ،"
އޭނާ ހުރީ އަދިވެސް މި މަސައްކަތް ދޫކޮށް ގެއަށް ދާ ފިކުރަކު ނޫނެވެ. ހިސާން ހުރީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ސަފުގެ އެންމެ ކުރީގައި ބޮޑު އުންމީދަކާ އެކު އަތުކުރި އޮޅައިލައިގެންނެވެ. މިހާރު އެއީ އެންޑީއެމްއޭގެ ސީއީއޯއެވެ.