ހަރުފަތަކަށް ފަހު، ހަރުފަތަކުން މުއިއްޒު ރައީސް ކަމަށް!

ދެހާސް އެކާވީސް ވަނަ އަހަރެވެ. ޑރ. މުޙައްމަދު މުއިއްޒަކީ އޭރު މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމުން ވާދަ ކުރައްވާ ކެންޑިޑޭޓެވެ. އެ ކަވަރޭޖަށް މުއިއްޒުގެ އިންޓަވިއޫއެއް ނެގުމަށް އަޅުގަނޑު، މުއިއްޒުގެ ގެކޮޅު ދިމްޔާތަށް ގޮސް އިންޓަވިއޫއަށް ފަހު މުއިއްޒާ ވާހަކަ ދައްކާލަން މަޑުކޮށްލީމެވެ. އަޅުގަނޑު މުޅިންހެން ކަންބޮޑުވުން ފާޅުކުރީ ރާއްޖެފަދަ މުޅި ދުނިޔެއަށް މަޝްހޫރު ގައުމެއްގައި ގިނަ ރައްޔިތުންތަކެއް އަދިވެސް އުޅެން ޖެހިފައިވާ ނިކަމެތި ހާލަތާ ބެހޭ ގޮތުންނެވެ. ވެރިކަންތައް ބަދަލުވި ނަމަވެސް ހަގީގީ ތަރައްގީ ރާއްޖެއަށް ނާންނާތީ ކަންބޮޑުވުން ފާޅުކުރީމެވެ. އެކަމުގެ ހައްލު މުއިއްޒު ވިދާޅުވެދެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލު ކުރެވޭނީ ގައުމު ދެކެ ވަރަށް ލޯބިވާ ހަރުދަނާ ބޭފުޅަކު ވެރިކަމަށް ވަޑައިގެން ކަމަށެވެ.

އެހެން އެ މަނިކުފާނު ވިދާޅުވިތާ ދެ އަހަރު ފަހުން މިއަދު އެ އިންތިޚާބުވީ ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށެވެ. ލައްކަ ތަޖުރިބާ އާއި އެންމެ މަތީ ތައުލީމާ އެކުއެވެ. ދިވެހި ރާއްޖޭގެ އެންމެ އިސް މަގާމަށް މުއިއްޒު ވަޑައިގެންނެވީ ވަރަށް ޝައުގުވެރި މަގަކުންނެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ހުރަސް ކުރެއްވުމަށް ފަހުގައެވެ.

މުޅި ދުނިޔޭގެ ފެކްޓްރީގެ ގޮތުގައި މަޝްހޫރުވެފައިވާ ވަރުގަދަ އިގްތިސާދެއް ކަމަށްވާ ޗައިނާގައި އެ ގައުމުގެ ވެރިޔާގެ މަގާމަށް އާދެވެނީ ވަކި މަގާމުތަކެއް އަދާ ކުރައްވާފައެވެ. އެންމެ ދަށުން ފެށިގެން އެންމެ މަތީ މަގާމަށް އާދެވެނީ އެކި ފެންވަރުގައި ތަޖުރިބާތައް ހޯއްދަވައިގެންނެވެ. އެއީ، ގައުމެއް ލީޑުކުރަން ހުންނަވާ ބޭފުޅެއްގެ ގާބިލްކަން ޔަގީން ކުރުމަށެވެ. ރާއްޖޭގައި އެފަދަ އުސޫލެއް ހަދާފައި ނެތް ނަމަވެސް މުއިއްޒު ރައީސް ކަމަށް އެ ވަޑައިގަތީ އެފަދަ މަގަކުންނެވެ.

ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ފަހު ކެމްޕޭން ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އިންތިޚާބުވި ފުރަތަމަ ޕީއެޗްޑީ ރައީސް

މިއަދުގެ ޖީލަށް ވެސް ރާއްޖޭގައި އެތައް ބޭފުޅުންނެއް ވެރިކަން ކުރެއްވިތަން ފެނިގެން ގޮސްފިއެވެ. އެއީ، ވެސް ގާބިލް ބޭފުޅުންތަކެކެވެ. އެ ބޭފުޅުންނާއި މުއިއްޒުގެ އެންމެ ބޮޑު ތަފާތަކީ ތައުލީމީ ގޮތުން ހޯއްދަވާފައިވާ ކާމިޔާބީތަކެވެ. އެގޮތުން މުއިއްޒު ވެގެން ގޮސްފައި މި ވަނީ ފުރަތަމަ އިންތިޚާބީ ޕީއެޗްޑީ ރައީސަށެވެ. ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސްކަމަށް ވަޑައިގެންނެވި މުޙައްމަދު ވަހީދު ހަސަން މަނިކް ވެސް ވަނީ ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައީސް އިސްތިއުފާ ދެއްވުމުން ނައިބު ރައީސްގެ ހައިސިއްޔަތުންނެވެ. އެހެންކަމުން މުއިއްޒު މި ވަނީ މި ރިކޯޑް ގާއިމު ކުރައްވާފައެވެ.

އިލްމީ މަތީ ހަރުފަތް ކަމަށްވާ ޕީއެޗްޑީ، މުއިއްޒު ހާސިލްކުރެއްވީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޔުނިވާސިޓީ އޮފް ލީޑްސްއިންނެވެ. ޔުނިވާސިޓީ އޮފް ލަންޑަން އިން ސްޓްރަކްޗަރަލް އިންޖިނިއަރިންގްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލު ކުރައްވާފައިވާއިރު މުއިއްޒު ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

މުއިއްޒު އެންމެ މަތީ ތައުލީމް ހާސިލު ކުރައްވާފައި އެ ވަނީ ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީއަކުންނެވެ. އެ މަނިކުފާނު ޕީއެޗްޑީ ހާސިލް ކުރެއްވި ސިވިލް އިންޖިނިއަރިންގެ ދާއިރާއަކީ ބްރިޖާއި ހައިވޭއާއި ނަރުދަމާ ނިޒާމާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ފަދަ އާންމުންނަށް ހިދުމަތް ދޭ ސްޓްރަކްޗަރަލް މަސައްކަތްތައް ޑިޒައިންކޮށް ހިންގުމުގެ ޕްރޮފެޝަނެވެ.

ޑރ. މުޙައްމަދު މުއިއްޒު ކެމްޕެއިނުގައި ތުއްތު ކުއްޖަކު އުރައިގެން-- ފޮޓޯ: މުއިއްޒު ކެމްޕެއިން ޓީމް

ހިންގުމުގެ އެތައް ތަޖުރިބާއެއް

މަތީ ތައުލީމުގެ އިތުރުން މުއިއްޒުގެ އަނެއް ހާއްސަ ސިފައަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު މެދުނުކެނޑި ހައުސިން މިނިސްޓަރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތުމެވެ. ގިނަ ބަޔަކަށް މުއިއްޒު އެނގިގެން ދިޔައީ ޑރ. ވަހީދުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހިސާބުންނެވެ. އޭގެ ފަހުން އެ ސަރުކާރުގެ ދެ އަހަރާއި ދެން އުފެދުނު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ކުރެއްވީ މުއިއްޒެވެ. މެދުނުކެނޑި ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު މުއިއްޒު ފާހަގަ ވެގެންގޮސްފައިވަނީ އެންމެ ހީވާގި ވަޒީރުންގެ ތެރޭގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތައް ކަމަށްވާ، ސިނަމާލޭ ބްރިޖާއި ހަތް ހާސް ފްލެޓާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ އިތުރުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރެއްވުމާއި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތަކީ ވެސް ސީދާ މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރައްވާފައިވާ ކަންކަމެވެ.

މާލެއާއި ރަށްރަށުގައި ހިންގެވި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ވެސް ސީދާ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގެވީ ކުރު މުއްދަތެއްގައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކަކަށް ހިތްފަސޭހަކަމެއް ގެނެސްދިން މައިޒާންތަކާއި ޕާކްތައް ހެއްދެވިއެވެ. މާލޭގެ މަގެއްގައި ފުރަތަމަ ފަހަރަށް ތާރުއަޅައި މަގުތަކަށް އެ ތަރައްގީ ވެސް ގެންނެވީ މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

އިދިކޮޅު ލީޑަރު ޔާމީން މިނިވަންކުރަން ގޮވައިލައި އިދިކޮޅުން މަގުތަކަށް --- ސަންފޮޓޯ/ ނާއިލް ހުސައިން

މީގެ އިތުރުން ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް، ސަލްޓަންޕާކް މުޅިން އާ ފަރުމާއަކަށް ބަދަލުކުރައްވައި ޒަމާނީ ކުރެއްވީ މުއިއްޒެވެ. ރައީސް ޔާމީންގެ ސަރުކާރުގައި މާލޭގައި އަލަށް އިންޑަސްޓްރިއަލް ވިލެޖެއް ހައްދަވައި ހަތަރު ހެކްޓަރުގެ ބިމެއް އިތުރުކުރެއްވިއެވެ. އަދި އިތުރު ހިތްހަމަ ޖެހުން ގެނައުމަށްޓަކައި ރަށްރަށުގެ ގޮޑުދޮށްފަދަ ރަސްފަންނެއް މާލޭގައި ހެއްދެވިއެވެ. މީގެ އިތުރުން މުއިއްޒުގެ ލީޑާޝިޕްގެ ދަށުން ރަށްރަށުގެ ބަނދަރާއި ކުޅިވަރު ދަނޑުތަކުގެ އިތުރުން އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއުއެއް ހިންގެވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވަޑައިގެން ކުރިން ނުކުރާފަދަ އެތައް ޕްރޮޖެކްޓެއް މި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މުއިއްޒު ވަނީ ހިންގަވާފައެވެ. އެ ސިޓީ ކައުންސިލްގެ ހައިބަތު މިވަނީ މިހާރު ބޮޑު ކޮށްފައެވެ.

އެހެންކަމުން މުއިއްޒަކީ ހިންގުންތެރި އަދި ހީވާގީ ބޭފުޅެއްކަން ޔަގީނެވެ.

ސިޔާސީ ގޮތުން ވެސް އެތައް ތަޖުރިބާއެއް

ރާއްޖޭގައި އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވާ ކަމެކެވެ. ހިންގުމުގެ ދާއިރާގެ ތަޖުރިބާ ރަނގަޅު ނަމަވެސް ސިޔާސީ މައިދާނުގައި ހިފަހައްޓާ ނުލެވެނީ ސިޔާސީ މާހައުލަށް މާ ފަރިތަ ނުވީމައެވެ. މުއިއްޒަށް ބަލާއިރު އެމަނިކުފާން ސިޔާސީ މައިދާނުގައި ވެސް ވަރަށް ހުޝިޔާރެވެ.

ރަސްމީކޮށް މުއިއްޒު ސިޔާސީ މައިދާނަށް ނުކުންނެވީ އަދާލަތު ޕާޓީންނެވެ. އެއަށް ފަހު އެ ޕާޓީ ދޫކުރައްވައި ދެން ގުޅިވަޑައިގަތީ އެމްޑީއޭއާއެވެ. އެ ޕާޓީގެ ނައިބު ލީޑަރުކަން ކުރެއްވިއެވެ. އެއަށްފަހު ދެން ގުޅިވަޑައިގަތީ ޕީޕީއެމާއެވެ. އެ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވިއެވެ. އެއަށް ފަހު މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެ ކޯލިޝަނުން ކެންޑިޑޭޓެއް ނެރޭނީ ޕީއެންސީއިން ކަމަށް ނިންމި ދުވަހު މުއިއްޒު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެއަށްފަހު އެ ދުވަހު އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ބޭއްވި ސިއްރު ވޯޓް ކާމިޔާބު ކުރެއްވީ މުއިއްޒެވެ.

މުއިއްޒު ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވިއިރު ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތަށް އެދި އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ. އެހެންކަމުން ޕީޕީއެމްގެ ޕްލޭން އޭއަކީ ރައީސް ޔާމީން އިންތިޚާބުގައި ވާދަ ކުރެއްވުމެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ ފުރުސަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެއާއެކު ރައީސް ޔާމީން އެދިލެއްވީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. ހަމައެއާ އެކު ދެން ޕީޕީއެމްގެ ތެރޭގައި ވާހަކަ ދެކެވުނީ ޕީޕީއެމްއިން އިތުރު ކެންޑިޑޭޓެއް ނެރޭ ވާހަކައެވެ. އެހެންކަމުން މުއިއްޒަށް ފުރުސަތު ނުލިބޭނެ ވާހަކަ އެކި ގޮތްގޮތުން ދެކެވުނެވެ. ނަމަވެސް އެ ސިޔާސީ ކުޅިއަށް މުއިއްޒު ވަރަށް ކުޅަދާނައެވެ. އެންމެ ފަހުން ޓިކެޓް ޔަގީން ކުރައްވައި އިލެކްޝަންސްއަށް ފޯމް ހުށަހެޅުއްވިއެވެ. އެއާއެކު ދެބަސްވެފައިވާ މުޅި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އެއްގަލަކަށް އަރައި މުއިއްޒާއެކު މަސައްކަތް ފެއްޓެވިއެވެ. މި ގޭމުން މުއިއްޒު ކާމިޔާބު ހޯއްދެވީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.

ދެން އޮތީ އިންތިޚާބުތައް ކާމިޔާބު ކުރުމުގެ މާޒީއެވެ. މީގެ ކުރިއަށް ބަލާއިރު ޕީޕީއެމްގެ ތާރީހުގައި އެ ޕާޓީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ރައީސް ޔާމީން 2013ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުންކަން ޔަގީނެވެ. އެއަށް ފަހު 2014 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރިއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން އެފަދަ ކާމިޔާބީތަކެއް ޕީޕީއެމްއަކަށް ނުހޯދެއެވެ. މުޅިން ވެސް އައީ ބަލިވަމުންނެވެ.

އެ ހާލަތުގައި ޕީޕީއެމް އޮށްވައި ހީވެސް ނުކުރާހާ ބޮޑު ކާމިޔާބެއް މުއިއްޒު ހޯއްދަވައި ދެއްވިއެވެ. ދެހާސް އެކާވީސް ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަން މުއިއްޒު، އެމްޑީޕީއާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ހޯއްދެވިއިރު އެއީ ޕީޕީއެމްއަށް ވަރަށް ތާރީހީ ކާމިޔާބީއެކެވެ. އޭގެ ކުރިން މާލެއަކީ އެމްޑީޕީން ރަސްކަން ކުރަމުން ދިޔަ ސިޓީއެކެވެ. އެމްޑީޕީގެ ވެރިކަން އޮވެ، ރައީސް ޞާލިޙާއި ރައީސް ނަޝީދު އެކުގައި ނުކުންނަވައި ކެމްޕެއިން ކުރައްވަނިކޮށް މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ ގިނަ މަސައްކަތްތަކެއް ކުރައްވައިގެންނެވެ. ނަތީޖާތައް ދައްކާ ގޮތުން 61.32 ޕަސެންޓް މުއިއްޒު ހޯއްދެވިއިރު އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުލް ސައްތާރަށް ލިބިފައިވަނީ 36.97 އިންސައްތަ ވޯޓެވެ. މިއީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނަތީޖާއެކެވެ. މުއިއްޒު ސިޔާސީ ކެރިއަރަށް ބޮޑު ކުރިއެރުމެއް އައިސް މިއަދު ރައީސް ކަމަށް އިންތިޚާބު ވުމުގައި އެ ކާމިޔާބީ ބޮޑު ދައުރެއް އަދާ ކުރެއެވެ.

އެއަށް ފަހު މިދިޔަ މަހުގެ ނުވައެއްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، އަށް ކެންޑިޑޭޓަކަށް ވޯޓު ބައިބައިވެފައި ވަނިކޮށް މުއިއްޒު ވަނީ އެއް ލައްކަށްވުރެ ގިނަ ވޯޓު ކާމިޔާބުކުރައްވާފައެވެ. އެއީ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވުރެ 15،000 އިތުރު ވޯޓާ އެކު، ގިނަ ބަޔަކު ހައިރާން ކުރުވި ނަތީޖާއެކެވެ.

މީގެ ދެ އަހަރު ކުރިން އަޅުގަނޑު ގާތު މުއިއްޒު ވިދާޅުވި ވާހަކަ ވަރަށް ރަނގަޅަށް އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އެއީ މި ގައުމަށް ގައުމުދެކެ އިންތިހާއަށް ލޯބިވާ އަދި ހަރުދަނާ ބޭފުޅަކު އައުމުން ކަންކަން ހަމަޖެހޭނެ ވާހަކައެވެ. މިކަން މުއިއްޒު މާ ބޮޑަށް ހަނދާން ހުންނާނެކަން ޔަގީނެވެ. ގިނަ ވައުދުތަކަކާ އެކު މުއިއްޒު ރައީސް ކަމަށް އެ ވަޑައިގަތީ އެ ތަފާތު ދައްކަވަންކަމަށް ޔަގީނެވެ. އަދި، އެ މަނިކުފާން ރައީސް ކަމަށް މި ވަޑައިގަތީ އެކަން އަސްލު އޮންނަން ވާނެ ގޮތަށް ފަހަރަކު ހަރުފަތަކުންނެވެ. އެހެންކަމުން އެންމެ މަތީ ތައުލީމާއި ތަޖުރިބާގެ އަލީގައި ގައުމަށް ބޮޑު ބަދަލެއް ގެނެވޭނެ ބޭފުޅަކަށް އެމަނިކުފާން ވުމަކީ ދިވެހީންގެ އުއްމީދެވެ.

comment ކޮމެންޓް