ސުނާމީއިން ލިބުނު ފިލާވަޅުން, މެޓް އޮފީސް އެންމެ ފައްކާވެފައި!

މީގެ 20 އަހަރު ކުރިން، ޑިސެމްބަރު 26، 2004ގައި މި ކުޑަކުޑަ ދިވެހިރާއްޖެ ކުރިމަތިލާން ޖެހުނީ ދުވަހަކުވެސް އެކަމަކަށްޓަކައި ދިވެހީން ތައްޔާރުވެ އޮތް ކަމަކާއެއް ނޫނެވެ. އެފަދަ ބިރުވެރިކަމެއް މި ރާއްޖެއިން އޭގެ ކުރިން ތަޖުރިބާ ކޮށްފައެއް ވެސް ނުވެއެވެ. އެއީ މި ރާއްޖެ ދުށް އެންމެ ބިރުވެރި، ނާމާން ކާރިސާއެވެ. އެކަމުގެ އެއްވެސް މައުލޫމާތެއް ވެސް ނޭނގެނީއެވެ. އަދި ކަމުގެ ނުރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެއްވެސް ވަސީލަތެއް ވެސް ނެތީއެވެ.

އިންޑޮނޭޝިއާގެ ސުމަތުރާއަށް އެ ދުވަހުގެ ހެނދުނު, 9.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުން އުފެދުނު ސުނާމީ ރާއްޖެއާ ހަމައަށް ފޯރީ, އެ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 9:20 ކަންހާއިރުއެވެ. ރާއްޖޭގެ އެތައް ރަށަކަށް ބޮޑެތި ރާޅުތައް އަރައި ލިބުނު ގެއްލުމުގައި 82 މީހުން މަރުވެ، 26 މީހުން ވަނީ ގެއްލިފައިވެއެވެ. އެތައް ބުރަ މަސައްކަތަކުން ބިނާކުރި ގެދޮރާއި ހޯދި މުދާތައް ވަނީ ނެތިގެންގޮސްފައެވެ. ސުނާމީގެ އަސަރު ދުނިޔޭގެ އެތައް ގައުމަކަށް ކުރިއިރު، އެންމެ ބޮޑުވަރުވީ ގައުމުތަކުގެ ތެރޭގައި މި ރާއްޖެ ހިމެނެއެވެ. އެ ދުވަހު ރާއްޖޭގެ 191 ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވެއެވެ. ބައެއް ރަށްރަށަށް ރާޅު އަރައި އަނެއް ކޮޅުން ފައިބައިގެން ދިޔައީ މުޅި ރަށް ދޮވެލާފައެވެ.

މާލެއަށް ސުނާމީ އަރަން ފެށުން: ރާއްޖެއަށް ސުނާމީ އަރަން ފެށީ ހެނދުނު 9:20 ހާއިރު -- ފޮޓޯ/ އެލް ހިލަރ

ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ އުސޫލުން ސުނާމީ ފަދަ ގުދުރަތީ ކާރިސާއަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ ފުރަތަމަ އެއް ފިޔަވަޅަކީ ދުރާލާ އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރެވިފައި ހުރުމެވެ. މިއީ ސުނާމީގެ ކާރިސާއިން ދިވެހީންނަށް ލިބުނު އެންމެ ބޮޑު ފިލާވަޅެވެ.

އުންމީދުނުކުރާ އައު ތަޖުރިބާއެއް

ބިންހެލުމުގެ އެ އަސަރު އެ ދުވަހު އެންމެ ފުރަތަމަ އިހުސާސް ކުރެވުނު އެކަކީ, މޫސުމާ ބެހޭ ގައުމީ އިދާރާގައި މަސައްކަތް ކުރައްވާތާ 28 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ, މީޓިއޮރޮލޮޖިކަލް ޓެކްނިޝަން މުހައްމަދު ރުމެއިޒްއެވެ. އޭނާއަށް އެކަން ފާހަގަވީ އެރޭ ފަތިހުއެވެ. އިންޑޮނޭޝިއާއަށް ބިންހެލުން އައީ އެ ގައުމުގެ ގަޑިން 7:58 ހާއިރުއެވެ. އެއީ ރާއްޖޭގެ ގަޑިން ފަތިހު 5:58 އެކެވެ.

"އެރޭ ނައިޓް ޑިއުޓީގަ އަޅުގަނޑާ އެހެން ދެ މުވައްޒަފަކާ ތިބި. ދެން އޭރު ފަތިހު ފަހެއް ޖަހާއިރު ހަދާނެ އޮބްޒަވޭޝަންއެއް. އެ އޮބްޒަވޭޝަން ހަދަން ތިއްބާ ފުރަތަމަ ކޮމްޕިއުޓަރުތައް ތެޅެން ފެށި. ދެން ކޮންމެ މީހަކު ވެސް އެކަކު އަނެކެއްގެ މޫނަށް މި ބަލާލި. ދެން ދުވަހަކު ވެސް ނުވާ ކަމެއްވީމަ," ރުމެއިޒް އެ ދުވަހުގެ ހަނދާންތައް އައުކުރައްވާ ވިދާޅުވިއެވެ.

"ހީވަނީ ހަމަ ތުރުތުރުއަޅާހެން. ދެން ފުރަތަމަ ހީކުރީ މިތަނުގަ ވެހިކަލް ދުއްވާއިރު ވެސް އެކަހަލަ ވައިބްރޭޝަނެއް ހުރޭ. އެކަމަކު އެއާ ތަފާތު. ދެން އެނގިއްޖެ އެކަހަލަ ކަމެއް ނޫންކަން. ބިންހެލުމެއްގެ އަސަރުކަން. އެ ހިސާބުން ފެށިގެން އަޅުގަނޑުމެންގެ ވެރިންނަށް މައުލޫމާތު ދޭން މަސައްކަތްކުރިން،" ރުމެއިޒް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ގުޅަން މަސައްކަތްކުރެއްވީ، މެޓް އޮފީހަށް 44 އަހަރު ޚިދުމަތް ކުރެއްވި ކުރީގެ ޑިރެކްޓާ މީޓިއޮރޮލޮޖީ އަބްދުލް މުހުސިން ރާމިޒަށެވެ. އޭރު ބައެއް އާއްމުންނަށް ވެސް އާދަޔާ ހިލާފު ކަމެއް ފާހަގަ ވެގެން ގުޅަން ފަށައިފިއެވެ.

މެޓް އޮފީސް -- ސަން ފޮޓޯ

"އޭރު މުޅި ޕަބްލިކް ޕެނިކްވެ، ބައިވަރު ކޯލުތައް އާދޭ. ދެން އަޅުގަނޑު އިށީނީ އެ ކޯލުތައް ނަގަންވެގެން އެކަމަށް ޚާއްސަވެގެން. ދެން އޭރު އަސްލުގަ އަޅުގަނޑުމެންނަށް ވެސް ސުނާމީއާ، ބިންހެލުމާ މިކަހަލަ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެންގެ ނެތް. އެކަހަލަ އެއްވެސް މަސައްކަތެއް އޭރު ނުވަސްކުރޭ މިތާކު. އެއްވެސް ތަޖުރިބާއެއް ވެސް ނެތް،" ރުމެއިޒް ވިދާޅުވިއެވެ.

އާއްމުން ކިތަންމެ ވަރަކަށް ގުޅިނަމަވެސް ދޭނެ ޖަވާބެއް ނެތެވެ. އަސްލު ކަން ވެގެން އުޅޭގޮތް މެޓް އޮފީހަށް ވެސް ތަފްސީލާއެކު އެނގިފައި ނުވާތީއެވެ.

"މުހުސިން ދެންނެވީ [އާއްމުންނަށް] ދަންނަވާށޭ ބޭރު ގައުމުތަކުން މައުލޫމާތު ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދޭނޭ. މައުލޫމާތު ބަލަމުންނޭ މިދަނީ. ދެން ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ފަހުން މުހުސިން ގުޅުއްވާފަ ވިދާޅުވީ އެއްވެސް ތަނަކަށް ނުގުޅެއޭ. ލަންކާއަށް ވެސް ގުޅަން މަސައްކަތް ކުރީމޭ. މެލޭޝިއާ ކޮންމެވެސް ތަނަކަށް ވެސް ގުޅަން މަސައްކަތް ކުރީމޭ. އެއްވެސް ތަނަކުން ފޯނެއް ނުނަގައޭ،" ރުމެއިޒް ވިދާޅުވިއެވެ.

އެހާ ހިސާބުން ދެން އެނގުނީ ވަރަށް ބޮޑު ގޯހެއް ވެއްޖެކަމެވެ. އޭގެ ފަހުން އެއްވެސް ވަރަކަށް މައުލޫމާތު ނުލިބެއެވެ. ރަށުތެރޭގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވުނު ނަމަވެސް ހަގީގަތުގައި ވެގެން އުޅޭ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ.

"އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ފޯރުކޮށެއް ނުދެވޭ ހަގީގަތުގައި. ވަސީލަތެއް ވެސް ނެތުމާ، ބޭރު ގައުމުތަކަށް ނުގުޅުމާ، އެހެން ހުއްޓާ ފުރަތަމަ އަޑު އިވުނީ ލަންކާ ރޭޑިއޯއިން އެ ގައުމަށް ސުނާމީ ހިޓްކޮށްފި ވާހަކަ. ދެން އެނގިއްޖެ ރާއްޖެއަށް ވެސް ފޯރާނެކަން،" ރުމެއިޒް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް އަޅުގަނޑު ހަނދާން ވަނީ ތިން ގަޑިއިރާ، 25 ހަކަށް މިނެޓު ނެގި އެކަމަށް. އެ ބިންހެލުން އައި ވަގުތުން ފެށިގެން ރާއްޖެއާ ހަމައަށް ފޯރަން،"

ޑިއުޓީ ނިންމާލުމަށްފަހު އެނބުރި ހުޅުލެއިން މާލެ ގޮސް މަގުތައް ބަލައިލުމަށް ނުކުތުމުން ރުމެއިޒަށް ފެނުނީ ލޮނުގަނޑާއެކު ގާތަކާއި މަސްތައް ވެސް މަގުމައްޗަށް އަރާފައިވާ ތަނެވެ.

"އަސްލު އަޅުގަނޑަކަށް އަނެއްހެން ފާހަގައެއް ނުކުރެވޭ އެހާ ބިރުވެރިކަމެއް އަނެއްހެން މީހުންގެ ހުރި ކަމެއް. އެ ވީ ގޮތަކީ އަރުވާފަ އެ ދަމައިގަތް ގޮތަށް ދެވަނަ ފަހަރަކަށް ނާރާ މާލެއަކަށް،" ރުމެއިޒް ކިޔައިދިނެވެ.

މެޓް އޮފީހުގެ ސިސްމޮލޮޖިސްޓް އިބްރާހީމް ހުމެއިދު ސަންއާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހަށް އެ ދުވަހު ދިމާވި އެންމެ ބޮޑު އެއް ޗެލެންޖަކީ، ސުނާމީއާ ގުޅޭ މައުލޫމާތު ހޯދުމަށް ކުރިމަތިވި ދަތިތަކާއި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ ދުރާލާ ނުރައްކަލުގެ ރަނގަބީލު އެޅުމަށް ނުކުޅެދުމެވެ. މެޓް އޮފީހުގެ ސިސްމޮލޮޖިސްޓް އިބްރާހީމް ހުމެއިދު ވިދާޅުވީ ސުނާމީއަކީ އޭރު ވަރަށް އައު ތަޖުރިބާއެއް ކަމަށާއި އޭރު ރާއްޖެ އޮތީ އެކަމަށް އެއްވެސް ވަރަކަށް ތައްޔާރުވެފައެއް ނޫން ކަމަށެވެ.

"...2004ގަ ސުނާމީ އައިއިރު، ދުރާލާ އިންޒާރު ދޭނެ ނިޒާމެއް ރާއްޖޭގަ ގާއިމުވެފައެއް ނެތް. އެހެންވީމަ އެއީ ކުއްލިއަކަށް ދިމާވި ބޮޑު ހާދިސާއެއްގެ ގޮތުގަ މެޓް އޮފީހަށް ވެސް ފާހަގަވެފަ މިއޮތީ،" އޭރު މެޓް އޮފީހުގެ ހާލަތު ބަޔާންކޮށްދެއްވާ ހުމެއިދު ވިދާޅުވިއެވެ.

އޭރުގެ ޕެސިފިކް ސުނާމީ ސެންޓަރުން ސުނާމީއާ ގުޅޭ ބުލެޓިންތައް ލިބެން ހުރި ނަމަވެސް އެއީ ރާއްޖޭގެ ސަރަހައްދަށް މައުލޫމާތު ފޯރުކޮށްދޭ ބަޔަކަށް ނުވުމުން 2004ވަނަ އަަހަރު އެހާ ބާރުގަދަ ސުނާމީއެއް އެރިއިރު ކުރިއާލާ މައުލޫމާތު ރާއްޖެއަށް ލިބިފައެއް ނުވެއެވެ.

"އެހެންކަމުން މެޓް އޮފީހުން 2004ގެ ސުނާމީއާ ގުޅިގެން އިންޒާރެއް ނުވަތަ އެނޫންވެސް މައުލޫމާތެއް ރައްޔިތުންނަކަށް ވެސް ފޯރުކޮށްދީފައެއް ނުވޭ. އެހެންކަމުން 2004ގެ ސުނާމީއަކީ އެކަމަށް އެއްވެސް ވަރަކަށް ތައްޔާރުނުވެ ތިއްބައި އަދި އެއްވެސް ވަސީލަތެއް ނެތްއިރު އައި ސުނާމީއެއްގެ ގޮތުގައި ފާހަގަކުރެވެނީ،" ހުމެއިދު ވިދާޅުވިއެވެ.

ނުރައްކަލަށް ރާއްޖެ ލޯ ހުޅުވައިދިން ކާރިސާއެއް

ސަރަޙައްދީ ގޮތުން ދިވެހިރާއްޖެ މި އޮންނަނީ އާންމުގޮތެއްގައި ބިންހެލުންތައް އެހާ ގިނައިން އަންނަ ސަރަޙައްދެއްގައެއް ނޫނެވެ. އަދި މި ސަރަޙައްދަށް ބިންހެލުމެއް އައިނަމަވެސް، ރާއްޖެއަށް ސުނާމީއެއް އެރުމުގެ ފުރުސަތު ކުޑައިރު، އެކަމާ މެދު އޭރު ވިސްނާފައެއް ވެސް ނެތެވެ. އެހެންކަމުން 2004ގެ ސުނާމީއަކީ ދިވެހިރާއްޖެ އެކަހަލަ ކަމަކަށް ލޯ ހުޅުވައިދިން ހާދިސާއެއް ކަމަށް ހުމެއިދު ވިދާޅުވިއެވެ.

"ރާއްޖޭގެ ސަރަޙައްދުގަ ބާރުގަދަ ބިންހެލުމަކާ ގުޅިގެން ސުނާމީއެއް އުފެދުނަސް، ރާއްޖެއަށް ވެސް އެ ސުނާމީ އައުމުގެ ފުރުސަތު އޮތްކަން މި ސުނާމީން އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅަކީ. އަދި ދިވެހިރާއްޖެއަކީ ޚާއްސަގޮތެއްގައި ބިންގަނޑު ތިރި ގައުމަކަށްވެފައި މިކަހަލަ ރާޅެއް އަތުވެއްޖެއްޔާ ރާއްޖެއަށް ކުރާ އަސަރު ބޮޑުވާނެކަން މީގެން އަޅުގަނޑުމެންނަށް ފާހަގަވީ،" ހުމެއިދު ވިދާޅުވީ އެ ކާރިސާއިން ލިބިދިން ފިލާވަޅުތަކުގެ ވާހަކައެވެ.

"...ވުމާއެކު އެފަދަ ހާދިސާތަކަށް ކުރިއާލާ ތައްޔާރުވާންޖެހޭކަން، ދުރާލާ އިންޒާރުދޭންޖެހޭކަން އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ފިލާވަޅަކީ ހަގީގަތުގައި،"

ސުނާމީއަށް ފަހު މެޓް އޮފީހާ ހަވާލުކުރީ އިތުރު ޒިންމާއެކެވެ. އެއީ ބިންހެލުމާއި ސުނާމީ މޮނިޓާކުރުމުގެ މަސައްކަތްތަކެވެ.

އެގޮތުން ޖެހިގެން އައި އަހަރު 2005 ވަނަ އަހަރު އެ މަސައްކަތްކުރުމަށްޓަކައި އެކިއެކި ވަސީލަތްތައް ގާއިމުކުރިއެވެ. އެންމެ ފުރަތަމަ ވެސް ކުރަން ފެށި މަސައްކަތަކީ ކެލިފޯނިއާ އިންޓެގްރޭޓެޑް ސިސްމިކް ނެޓްވޯކެއް ގާއިމުކުރުން ކަމަށާއި އޭގެ ސަބަބުން ދުނިޔޭގެ ކޮންމެ ހިސާބަކަށް އަންނަ ބިންހެލުމެއް ވެސް ސިސްޓަމްގެ އެހީގައި ދެނެގަނެވޭ ކަމަށް ހުމެއިދު ވިދާޅުވިއެވެ. ހަމައެއާއެކު 'ރިއަލް ޓައިމް އާތުކުއޭކް މޮނިޓަރިން ސިސްޓަމެއް' އެ އޮފީހުން ވަނީ ގާއިމުކޮށްފައެވެ.

"މީތި ގުޅާލެވިފަ މި އިންނަނީ ޔޫއެސް ޖިއޮލޮޖިކަލް ސާވޭއާ. އެތަނުން ލިބޭ މައުލޫމާތު ސިސްޓަމްގެ އެހީގަ އަޅުގަނޑުމެންނަށް ލިބޭ. އޭގެ އެހީގަ ފޯރުކޮށްދެނީ ބިންހެލުމާ ގުޅޭ މައުލޫމާތު. އޭގެ އިތުރުން މި ސިސްޓަމުން ފެނިގެންދޭ ދުނިޔޭގެ އެކި ހިސާބުތަކުގަ ގާއިމުކޮށްފައިވާ ދިޔަވަރަށް އަންނަ ބަދަލުތަކުގެ މައުލޫމާތު. ސިސްޓަމް ތައްޔާރުކުރެވިފައި ވަނީ ވަކި ވަރަކަށް ވުރެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖިއްޔާ ސިސްޓަމް އަމިއްލައަށްވެސް އެލާމް އަޅާ ގޮތަށް،" ހުމެއިދު ވިދާޅުވިއެވެ.

އެހެންކަމުން ކުރިން ނޭނގިތިއްބާ ރާއްޖެއަށް ސުނާމީ އެރިނަމަވެސް މިހާރު އެފަދަ ހާދިސާތަކުގެ މައުލޫމާތު ކުރިއާލާ އެނގޭނެއެވެ. މެޓް އޮފީހުން ތިބީ އެވަރަށް ތައްޔާރުވެގެންނެވެ.

މެޓް އޮފީހުގައި މޫސުން ލަފާކުރުމަށް ބޭނުންކުރާ ވަސީލަތެއް -- ސަން ފޮޓޯ

މައުލޫމާތު ފޯރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް

ސުނާމީ އެރި ދުވަހު މި ވަނީ ކޮންކަމެއްކަން ނޭނގި ގިނަ މީހުން ވާނުވާއެއްގެ ތެރެއަށް ދިޔައެވެ. އަދި މުއައްސަސާތަކުގެ މެދުގައި ވެސް ގުޅުންތައް ކެނޑިގެންދިޔައެވެ.

ސުނާމީއަށް ފަހު ކަމާ ބެހޭ މުހިންމު މުއައްސަސާތަކުގެ މެދުގައި މުއާސަލާތުކުރުން ރަނގަޅުކުރުމަށްޓަަކައި ހޮޓްލައިންތަކެއް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ހޮޓްލައިންސްތައް ގާއިމުކުރެވިގެން ދިޔައީ:

  • ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)
  • މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)
  • މޯލްޑިވްސް ޕޮލިސް ސާވިސަސް
  • ދައުލަތުގެ މީޑިއާ- ރޭޑިއޯ ޗެނަލް
  • ދައުލަތުގެ މީޑިއާ- ޓީވީ ޗެނަލް

އެއަށްފަހު 2006 ވަނަ އަހަރުގެ މެދު ތެރޭގައި އިންޑިއާ، އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާގައި ރީޖަނަލް ސުނާމީ ވޮޗްތަކެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ސަބަބުން ވެސް ސަރަޙައްދު މޮނިޓާކުރުމަށް އިތުރު ހަރުދަނާކަމެއް ލިބިގެންދިޔައެވެ. އޭގެފަހުން 2007 ވަނަ އަހަރުގެ ފަހުކޮޅު ސިސްމޯ މީޓަރުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކުރިއެވެ.

"މިއީ ޖަކާޓާގަ އިންނަ މައި ހަބާ ގުޅާލެވިފައި އިންނަ ސިސްޓަމެއް ސެޓެލައިޓް ލިންކަކުން. މާނައަކީ ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ބިންހެލުމެއް އަޔަސް އެ ސިސްޓަމްގެ އެހީގައި ދިވެހިރާއްޖެއަށް އެ މައުލޫމާތު ވަގުތުން ވަގުތަށް އެބަ ލިބޭ،" ހުމެއިދު ވިދާޅުވިއެވެ.

އެއަށްފަހު 2008 ވަނަ އަހަރު މައުލޫމާތު ފޯރުކޮށްދިނުމަށް ސިސްކޮމް ކިޔާ ސިސްޓަމެއް ގާއިމުކުރިއެވެ. އެ ސިސްޓަމުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް އަންނަ ބިންހެލުމުގެ މައުލޫމާތު ވަގުތުން ވަގުތަށް ލިބޭނެއެވެ. ހުމެއިދު ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ނިންމާލައި 2011 ވަނަ އަހަރުގެ އޭޕްރިލް މަސްތެރޭ ސުނާމީގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭން ވަނީ ފަށައިފައެވެ.

"އަޅުގަނޑުމެންނަށް އެބަ އިނދޭ ވަރަށް ބޮޑު ގުޅުމެއް މި ސަރަހައްދުގެ މައުލޫމާތު ފޯރުކޮށްދޭ ސެންޓަރުތަކަށް. ދެން އެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ އެބަ ގްލޯބަލް ޓެލެކޮމިއުނިކޭޝަންގެ އެހީގައާއި، އެސްއެމްއެސް އެއްގެ އެހީގައާއި، އީމެއިލްގެ އެހީގައާއި، އޭގެ އިތުރުން އާރްއެސް ފީޑުގެ ގޮތުގައާއި، އެކިއެކި މީޑިއާތަކުގެ އެހީގަ ވަގުތުން ވަގުތަށް މި މައުލުމާތު ލިބެމުންދޭ،" ހުމެއިދު ވިދާޅުވިއެވެ.

ދެން އޮތް ވަސީލަތަކީ ސެޓެލައިޓެވެ. މޫސުމީ ކަންތައްތައް މޮނިޓާކުރުމަށް ސެޓެލައިޓް މެދުވެރިކޮށް ވަރަށް ގިނަ މައުލުމާތު ލިބުނު ނަމަވެސް ސުނާމީގެ ކަންކަން ބެލުމުގައި ސެޓެލައިޓްގެ ދައުރު ކުޑައެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ސެޓެލައިޓް ބޭނުންކުރާ ކަމަށް ހުމެއިދު ވިދާޅުވިއެވެ.

މިގެ އިތުރުން ސުނާމީގެ ހާލަތުގަ އަމަލުކުރާނެ އެސްއޯޕީތަކެއް ވެސް ތައްޔާރުކޮށްފައި ވާނެ ކަމަށާއި އެއަށް ބިނާކޮށް އެކިއެކި އިންޒާރުތައް ވަގުތުން ވަގުތަށް ނެރޭނެ ކަމަށް ވެސް ހުމެއިދު ވިދާޅުވިއެވެ.

"...މިސާލަކަށް ކަނޑުމަތީ އުފެދޭ ލޯންގް ވޭވްސް ސެޓެލައިޓްގެ އެހީގަ ދެނެގަނެވޭ. ސުނާމީއާ ބިންހެލުން އައުމަށްފަހު އޭގެ ފަހަށް ކުރެވޭ މަސައްކަތްތަކުގައި، ބިމަށް އައިސްހުރި ބަދަލުތައް ދެނެގަތުމާއި، އެފަދަ މައުލޫމާތު ސެޓެލައިޓް މެދުވެރިކޮށް ލިބިދޭ،" ހުމެއިދު ވިދާޅުވިއެވެ.

ހުމެއިދު ވިދާޅުވީ ސުނާމީގެ ތަޖުރިބާއަށް ފަހު 20 އަހަރުތެރޭ ސުނާމީ މޮނިޓާކުރުމާއި، ދުރާލާ އިންޒާރު ދެވޭނެ ނިޒާމަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ ޒަމާނީ ސިސްޓަމްތައް މެޓް އޮފީހުގައި މިހާރު ގާއިމުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއާ އަޅާ ބަލާއިރު މިހާރު މިއޮތީ ވަރަށް ބޮޑު ކުރިއެރުމެއް އައިސްފަ. އަޅުގަނޑުމެންގެ ގާބިލިއްޔަތުކަން އެބަހުއްޓޭ ސުނާމީ މޮނިޓާކުރުމާ ބިންހެލުން މޮނިޓާކުރުމުގައި،" ހުމެއިދު ވިދާޅުވިއެވެ.

ބިރުވެރި އެ ތަޖުރިބާއަށް 20 އަހަރު ފުރުނުއިރު އެންމެ ބޮޑު ބަދަލެއް އައިސްފައިވާ ތަނަކީ މެޓް އޮފީސްކަން ޔަގީނެވެ. ކުރިން ވިއްސާރައާއި ވައިގެ ކަންކަން މޮނީޓާ ކުރަމުންދިޔަ އެ އިދާރާގައި މިއަދު އެންމެ ފަހުގެ ޓެކްނޮލޮޖީ ހުރީ ގާއިމް ކޮށްފައެވެ. ގުދުރަތީ ބޮޑު ކާރިސާއެއް ކުރިއާލާ ދެނެގަނެވޭނެ ގޮތްތައް ހުރީ ހަމަޖެހިފައެވެ. މިއީ 20 އަހަރު ކުރިން އެރި ސުނާމީއިން ލިބިގަނެވުނު ރަނގަޅު ފިލާވަޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް