ހައްތަހައި ވެސް އެއީ ހިތްތަކުގެ ރައީސުންނެވެ. މި ދެކޭ ޑިމޮކްރަސީ އައުމުގެ ކުރީގައި ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ރަސްރަސްކަލުންނަށް ވުރެ ލޯތްބާއި އިހްތިރާމާއި ގަދަރު ލިބިވަޑައިގެން އުޅުއްވި ބޭފުޅެކެވެ. ޑިމޮކްރަސީއަށް ކުރި ހިޖުރައަށް ފަހު އެ ލޯތްބާއި އިހްތިރާމު ލިބިވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެކަމަކު، ފަހުން މިހާރު އެކަކަށް އެންމެ ގިނަ މީހުންގެ ލޯތްބާއި އިހްތިރާމު ލިބިވަޑައިގަންނަވާނެ ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ދައްކަން މިއުޅެނީ އެ ލޯތްބާއި ގަދަރު ފަނޑުވެ، ސިޔާސީ ނިކަމެތިކަމަށް އެ ބޭފުޅުންގެ ކުރެއްވި ދަތުރުގެ ވާހަކައެވެ.
ކޯޓު ފަޓުލޫނު ލާފައި، މޮޅު ބޫޓަށް އަރައިގެން ކޮހިނޫރު އަނގޮޓި އަޅައިގެން ސިޔާސީ ދާއިރާގައި ބޭބޭފުޅުން އެ އުޅުއްވަނީ ބާރުވެރިކަމުގެ ބޭނުމުގައެވެ. އެއީ، ދެބަސްނުވެވޭނެ ހަގީގަތެކެވެ. ކޮންމެ ބޭފުޅެއްގެ ވެސް އުންމީދެއް، އަދި މަގުސަދެއް އޮންނާނެއެވެ. އެ ހަގީގަތް ވަރަށް ސާފުކޮށް ފެނިއްޖެއެވެ. ބޭބެ ނަގާފައި ކޮއްކޮއަށް ދިނަސް، އަދި އެންމެ ގާތް އެކުވެރިޔާއަށް ދިނަސް، ވެރިކަމުގެ އާރާއި ބާރު ލިބުމަށް ފަހު، ދެން އޮންނާނީ އެ ބާރުވެރިކަން ދެމެހެއްޓުމުގެ މަސައްކަތެވެ. ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވެސް ވެރިކަމުގެ ރާހަތާއި ލައްޒަތް ލިބިވަޑައިގަތް އެއްވެސް ބޭފުޅަކު ދެވަނަ ފަހަރަށް އެކަން އެދިގެން ނުނިކުންނަވާ، ގޭގައި ނުހުންނަވައެވެ.
އުމުރުފުޅުން 85 އަހަރުގައި މައުމޫން ވެސް އަދިވެސް އެ އުޅުއްވަނީ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ރިޔާސީ ރޭހަށް ނެރުއްވައިގެންނެވެ. އަމިއްލަ ވެރިކަމުގައި މުޅި ރާއްޖޭން 5 ޕަސެންޓް ލިބިވަޑައިގެން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް މި ފަހަރު ވެސް ހުންނެވީ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައެވެ. ތިން ބަލިން ބަލިވުމުން ވެސް އެކަން ގަބޫލުނުކުރައްވައި، ނަޝީދު ވެސް އަދިވެސް އެ އުޅުއްވަނީ ބާރުވެރިކަމުގެ ފަހައެވެ. ޖަލުގެ ތޭރިތަކު ތެރޭގައި އިންނަވައިގެން ވެސް، ޔާމީން ވެސް ބޭނުންފުޅުވީ ވާދަކޮށްލައިށެވެ.
މުއިއްޒުގެ ވެރިކަމެއްގައި ޔާމީން
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްފައިވާކަމުގެ ތުހުމަތުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މަޑުޖެހިފައި އޮތުމުން، އެ މަނިކުފާނަށް މި ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެކަން ސުޕްރީމް ކޯޓުން ނިންމިއިރު، ޕީއެންސީން އޮތީ ސެނެޓުގައި ޕްރައިމަރީއެއް ބާއްވައި، ޑރ. މުހައްމަދު މުއިއްޒަށް ޓިކެޓު އަރުވައިފައެވެ.
އެކަމަކު، ދެން ފެނުނު މަންޒަރުތަކުން ވަރަށް ސާފުކޮށް ފެނުނު ހަގީގަތަކީ ޔާމީނަށް މުއިއްޒު ކަމުނުދިޔަ ކަމެވެ. އެ ނޫން އެހެން ގޮތެއް ނެތި، ބަންދުވުމުން ވެސް މުއިއްޒަށް ތާއީދު ކުރައްވަން ދެކޮޅު ހެއްދެވިއެވެ. އަދި، އެ މަނިކުފާނަށް ލިބިވަޑައިގަންނަވަނީ ނުހައްގު އަނިޔާ ކަމަށް ގަބޫލުކުރައްވާނަމަ، އިންތިޚާބު ބޮއިކޮޓު ކޮށްދޭން އެދުނެވެ. ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ދެން އަރައި، ވިދާޅުވާން ފެށީ މުއިއްޒަކީ ވޯސްޓް ކޭސް ކަމަށެވެ.
ފަހު ރޭ ވެސް ޕީޕީއެމްގެ ލީޑާޝިޕުން ޔާމީނާ އެކު މަޝްވަރާތައް ކުރަމުން ދިޔައެވެ. ތަކުރާރުކޮށް އެހުމުން ވެސް އޭރު އެ މަނިކުފާނުގެ ޖަވާބަކަށް ވެގެންދިޔައީ އިންތިޚާބު ބޮއިކޮޓު ކުރުމެވެ.
އެކަމަކު، ޔާމީންގެ އެންގެވުމަށް ޕީޕީއެމްގެ އާންމު މެންބަރުން ވެސް ނުރުހުނެވެ. ޕާޓީ އޮފީސް ބޭރުގައި އާންމު މެންބަރުން ހަރުއަޑުން ގޮވަމުން ދިޔައީ، "ޕާޓީ މަގުމަތި ކޮށްނުލައި،" އިންތިޚާބު ބޮއިކޮޓު ނުކުރުމަށެވެ. ޔާމީން ނުރުހުނަސް، އާންމު މެންބަރުން ބޭނުންވީ އިންތިޚާބުގައި ވާދަ ކުރާށެވެ. އިތުރު ފަސް އަހަރު "މަގުމަތީގައި" ނުތިބެވޭނެތީއެވެ.
މުއިއްޒަށް ތާއީދުކުރައްވަން ޔާމީން ނިންމެވީ، އެ މަނިކުފާނުގެ ނުގަބޫލުގައި ފޯމު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނުގައި މުއިއްޒު އިންނަވަނިކޮށެވެ. މުއިއްޒަށް ތާއީދުނުކޮށް، ޔާމީނަށް ވަފާތެރި މެންބަރުން ވެސް ހިމޭނުން ތިއްބެވީ ނުރުހިގެނެވެ. ދަތުރުގެ އެ ހިސާބުން ވެސް، ދެ ބޭފުޅުންގެ ދެމެދުގައި އުފެދޭނެ ދެބަސްވުމާއި އަރައިރުން ވަރަށް ރީތިކޮށް ތިލަވެލި ކަހަލައެވެ.
އެކުގައި ތިބެވިދާނެ؟
ގާޒީއަކު ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުން، މިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަ ނުކުރެއްވޭނެކަން ޔަގީންވުމުން، އެ މަނިކުފާނަށް ވެސް ޕާޓީ މަގުމަތިވިޔަ ނުދިނުމަށްޓަކައި އެ ނޫން ނަމެއް ދައްކަން މަޖުބޫރުވިއެވެ.
ޔާމީނާ ތަފާތަށް، އެ ފަހަރު ނަޝީދު އިހްތިޔާރު ކުރެއްވީއެވެ. އެ މަނިކުފާނަށް އެންމެ ވަފާތެރިވާނެ ބޭފުޅެއް ކަމަށް ދެކި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ޓިކެޓު އެރުވީއެވެ.
އެ މަނިކުފާނަށް ޓިކެޓު އަރުވަން ބޭއްވި "އުކުޅަހު ކޮންގްރެސް"ގައި އެ މަނިކުފާނު ވިދާޅުވީ ވެސް އެހެންނެވެ. ނަޝީދުގެ ބޮލަށް ނާރާނެ ކަމަށާއި އެމްޑީޕީ ލީޑަރަކަށް އަބަދު ވެސް ވާނީ ނަޝީދު ކަމަށެވެ. އަދި، އެންމެ ދެކެން ބޭނުންފުޅުވަނީ ވީހާ ވެސް އަވަހަށް ނަޝީދު އެނބުރި ގައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވެސް އެ ދުވަހު ރައީސް ޞާލިޙް ވިދާޅުވިއެވެ.
"ޕާޓީގެ ލީޑަރަކީ މިހާރު ވެސް އަދި 2018 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ރައީސް މުހައްމަދު ނަޝީދު،" ރައީސް ޞާލިޙް އެ ދުވަހު ވިދާޅުވިއެވެ.
"ދެކެން ބޭނުންވާ، އެންމެ އުފާވާނެ ދުވަހަކީ ރައީސް މުހައްމަދު ނަޝީދު އަޅުގަނޑުމެންގެ ވެރިއެއްގެ ގޮތުގައި މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާ ވީހާ ވެސް އަވަހަކަށް ހަވާލުވެގެން ދާނެ ދުވަސް،"
މިއަދު އެ ދެ ބޭފުޅުން ތިއްބެވި ހިސާބާއި، ޖެހިވަޑައިގެން މައްސަލަތައް ތަކުރާރު ކުރާކަށް ނުޖެހެއެވެ. އެ ތިއްބެވީ ދެ ޕާޓީގައެވެ. ނަޝީދު އެ ހުންނެވީ ރައީސާ އިދިކޮޅަށް ނުކުންނަވައެވެ. އިދިކޮޅު ޕާޓީތަކަށް ވުރެ ބޮޑަށް ރައީސަށް ފާޑު ވިދާޅުވަނީ ނަޝީދެވެ.
މުއިއްޒުގެ ވެރިކަމެއްގައި ޔާމީނަށް ވެސް އޮތީ އެ ދަތުރެވެ. އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯއެވޭނެއެވެ. ދިގު 30 އަހަރު ވެރިކަން ކުރެއްވި މައުމޫނަށް ވެސް ޖެހިވަޑައިގަތީ އެ ދަތުރެވެ. ކޮއްކޯފުޅު ޔާމީން ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނުގެ ހިޔަނީގައެވެ. މައުމޫނަށް އޮތް ތާއީދާއި ލޯބި ބޭނުންފުޅު ކުރައްވައިގެން ވެރިކަމަށް ވަޑައިގެން ދެބެއިންގެ މެދުގައި ވެސް ކުނި ޖެހުނީއެވެ.
މައުމޫނަށް އޮތް ލޯތްބާއި އިހްތިރާމް ގެއްލި، އެ ސަޕޯޓަރުން އިހްތިޔާރު ކުރެއްވީ ޔާމީނެވެ. ޔާމީނާ އެކު މައުމޫންގެ ކުލަ ފަނޑުވީއެވެ. ރައީސް ޞާލިޙާ އެކު ނަޝީދުގެ އަލި ވެސް ފަނޑުވިހެންނެވެ. ޔާމީންގެ ހިޔަނީގައި މުއިއްޒު ވެރިކަމަށް ވަޑައިގެން ނަމަވެސް، ކަންތައް ވެގެންދާނީ އެފަދައިންނެވެ. ދެ ރައީސުންނެއް އެއް ފިކުރެއްގައި ނުތިބޭނެއެވެ. ދެ ބޭފުޅުންގެ ހިޔާލު އެއްގޮތް ނުވާނެކަން އެއީ މާޒީން ފެންނާން އޮތް ހިތި ހަގީގަތެވެ.
މުއިއްޒުގެ މައްޗަށް ޔާމީނަށް ގަދަވެވިދާނެ؟
މުއިއްޒުގެ ކެމްޕޭންގައި މިހާރު މުޅި ޕީޕީއެމް އޮތީ އެކައްޗެއް ކިޔައިގެންނެވެ. މި ވަގުތު، އެ ނޫން އެއްވެސް ގޮތެއް ނެތީމައެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، މައުމޫނާއި ނަޝީދަށް ވެގެންދިޔަ ގޮތް ޔާމީނަށް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިސާލަކަށް ދެއްކެވީ، އާރެއް ބާރެއް ނެތި، ޑރ. ވަހީދު ކުރެއްވި ވެރިކަމެވެ.
"މުއިއްޒަކީ ޕީއެންސީގެ ކެންޑިޑޭޓު. ޕީޕީއެމްގެ މެންބަރެއް ނޫން. ހަމަ ގައިމު ވެސް ޕީޕީއެމެއް ނުއަތުލެވޭނެ. އެ ޔަގީންކަން އެބައޮތް،"
"މުއިއްޒަށް ކުރައްވަން ޖެހިވަޑައިގަންނަވާނީ ވަހީދު ކުރެއްވި ކަހަލަ ވެރިކަމެއް. ރައީސް ޔާމީނެއް ނުދެއްވާނެ ޕަވާ ގެއްލޭނެ ޗާންސެއް. ހަމަ ގައިމު ވެސް މަޖިލީހުގެ ކޮންޓްރޯލް ނަންގަވާނެ. އަދި، ޕީޕީއެމަށް މުއިއްޒު އަޔަކަ ވެސް ނުދޭނެ. އަނެއްކާ، ސަރުކާރުގައި ވެސް ހަމަ އަތްގަދަ ކުރާނެ. އެއަށް ވުރެ ޕޮލިޓިކަލީ ސްމާޓް ވާނެ ރައީސް ޔާމީން،"
ފަހަރުގައި އެއީ ތެދަކަށް ވެސް ވެދާނެއެވެ. އަދި، އެހެން ވެގެން ވެސް ގޮސްދާނެއެވެ. އެކަމަކު، ވަހީދުގެ ވެރިކަމަކީ ރައްޔިތުން ހޮވި ވެރިކަމެއް ނޫނެވެ. އެއީ، ނަޝީދު އިސްތިއުފާ ދެއްވުމުގެ ސަބަބުން އުފެދުނު ވެރިކަމެކެވެ. ސިޔާސީ ގޮތުން މާ ބޮޑު ބާރުވެރިކަމެއް، އަދި ތާއީދެއް ވެސް އޭރަކު ވަހީދަކަށް ނެތެވެ. އެމްޑީޕީން ކެނޑިނޭޅި ގޮވަމުން ދިޔަ "ބަޤާވާތް"ގެ ހަޅޭކުން، ސަރުކާރު އޮތީ ބަލިކަށިވެފައެވެ.
އެކަމަކު، އިންތިޚާބަކުން ވަޑައިގަންނަވާ ރައީސެއްގެ ވެރިކަން ތަފާތުވާނެއެވެ. އާރާއި ބާރު ލިބިވަޑައިގަންނަވާނެއެވެ. އެހެންވެ، ބާރުވެރިކަމަށް ކުރާ ހަނގުރާމައެއްގައި ވެރިކަމުގައި ހުންނެވި ބޭފުޅެއް ބަލި ކުރެއްވުން ވަރަށް ދަތި ވާނެއެވެ.
އިންތިޚާބު ބޮއިކޮޓު ކުރަން ޔާމީން އެންގެވި އެންގެވުން، އިދިކޮޅުގެ އާންމު މެންބަރުންނަށް ކަމުނުދިޔުމުން ވެސް ދޭހަވީ އެ ކަމެވެ. އާންމު މެންބަރުންނަށް ވެސް ވެރިކަމުގައި ތިބުން މާ މުހިއްމެވެ.
ސުވާލަކީ މުއިއްޒުގެ ވެރިކަމެއްގައި ވެސް އާންމު މެންބަރުން ޔާމީން އިހްތިޔާރު ކޮށްފާނެތޯއެވެ. ޔާމީނާ އެކު އިދިކޮޅުގައި ތިބެން ވަރިހަމަ ވެދާނެތޯއެވެ. ފެންނަ މަންޒަރާއި މާޒީގެ ހިތި ހަގީގަތުން އެއީ ނާދިރު ކަމެކެވެ. ގާތީ، ޔާމީންގެ ހިޔަނީގައި ވެރިކަމަށް ވަޑައިގެންފި ނަމަ، މުއިއްޒުގެ ހިޔަނިން، ޔާމީންގެ ތާއީދު ފަނޑުވުމެވެ. ޔާމީނަށް ވެސް ޖެހިވަޑައިގަންނަވާތީ ފެންނަނީ މާޒީގައި މައުމޫނާއި ނަޝީދަށް ޖެހިވަޑައިގެން ދަތުރެވެ. ޕީޕީއެމުން ވެސް ދެން ދައްކަން ޖެހޭނީ އާ މޫނެކެވެ.