ރިޔާސީ އިންތިޚާބަށް ބާކީ ފަސް ދުވަސް އޮތް އިރު، ވޯޓު ލާނެ ވަކި ކެންޑިޑޭޓަކު ނުނިންމާ ތިބި މީހުންނަށް ރޭގެ ބަހުސް ވަރަށް މުހިއްމެވެ. އެއީ، ރާއްޖޭގައި ބޭއްވުނު ތިންވަނަ ރިޔާސީ ބަހުސެވެ. އަދި، މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން އެއް ފަހަރާ ބައިވެރިވި ބަހުސް ވެސް މެއެވެ.
ވޯޓުލާން ތިން ހަފުތާއަށް ވެފައި އޮއްވައި ރާއްޖޭގެ ތިންކް ޓޭންކެއް ކަމަށްވާ ބާނި ސެންޓަރުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 282،672 މީހުންގެ ތެރެއިން 58 އިންސައްތަ މީހުން ތިބީ ވޯޓު ލާނެ ކެންޑިޑޭޓަކު ނުނިންމައެވެ. ވޯޓު ލާނެ ވަކި ކެންޑިޑޭޓަކު ނިންމައި، ގޮތް ކަނޑައަޅައިގެން ތިބީ މަދު ބައެކެވެ.
އެ ހިސާބުތަކަށް ބަލާއިރު، ރޭގެ ބަހުސަކީ ވަރަށް މުހިއްމު ބަހުސެކެވެ. އަށް ކެންޑިޑޭޓުންގެ ސިޔާސަތުތަކާއި ވައުދުތައް މިނެ ކިރާލަން ލިބުނު ރަނުގެ ފުރުސަތެކެވެ.
ޢުމަރު ނަސީރު
މުޅި ބަހުސްގައި ވެސް އެންމެ ސާފުކޮށް، އެންމެ ސާދާކޮށް ސީދަލަށް އެއްޗެހި ވިދާޅުވީ އުމަރެވެ. މިއީ އަމިއްލަ ގޮތުން ވާދަކުރައްވާ ޢުމަރުގެ ދެވަނަ އިންތިޚާބެވެ. އޭނާ އެންމެ ފުރަތަމަ ވާދަކުރެއްވީ 2008 ވަނަ އަހަރުގެ ރިޔާސީ ރޭހުގައެވެ. އޭރު ވެސް، މިހާރު ވެސް ޢުމަރު ހުންނެވީ އެ ސާބިތުކަމުގައެވެ.
އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ކަނޑާލާފައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ސީދާ ބައްލަވާފައި އެ ކޮށްލެއްވި ތުހުމަތުތަކެވެ.
"މަނިކުފާނު ތިޔަ ކެމްޕޭން ކުރައްވަނީ އިންޑިއާގެ ފައިސާއިން އިނގޭތޯ!،" އިންޑިއާގެ ނުފޫޒާ ގުޅޭ ސުވާލަށް ޖަވާބު ދެއްވަމުން އުމަރު، ރައީސަށް އަތް ދިއްކޮށްލައްވާފައި ތުހުމަތު ކުރެއްވިއެވެ. އެކަމަކު، ރައީސް ޞާލިޙް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެއްވެސް ފައިސާއެއް ބޭރުގެ ގައުމަކުން ނުލިބޭ ކަމަށެވެ.
އޭނާ ދެން ވިދާޅުވީ، އަބަދު ވެސް ވިދާޅުވަމުން އަންނަ ވާހަކަފުޅުތަކެވެ.
"އަޅުގަނޑު އިސްލާމީ ޝަރީއަތުގައި ހިފާނަން،" އޭނާ ވިދާޅުވަމުން ގެންދަވާ އިސްލާމީ ޝަރީއަތާއި ސިޔާސީ ނިޒާމުގެ މައްސަލަތަކުގެ ސުވާލަށް ޖަވާބުދެއްވަމުން އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ މައްސަލަތައް ހައްލުކުރަން، ޔޫރަޕުން އިމްޕޯޓް ކުރި މޮޑެލްތައް ބަދަލުކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަން ޖެހޭ ކަމަށެވެ. އަދި، ކޮރަޕްޝަނާއި މީހުން މެރުން ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރަން އިސްލާމީ ޝަރީއަތުގައި ހިފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާންމުންނަށް އެންމެ ކަމުދިޔައީ، ކޮލިޓީ ދަށް ބޭސްތައް ރާއްޖެ ގެނައުމާ ބެހޭ ސުވާލަށް ރައީސް ދެއްވި ޖަވާބަށް އުމަރު ދެއްވި ރައްދެވެ. އެ ފަހަރު ވެސް ކަނޑާލާފައި، ރައީސަށް އިނގިލި ދިއްކުރައްވާ ވިދާޅުވީ "20 މިލިއަން ރުފިޔާ ސަލާމަތް ވީއިރު، ކިތައް މީހުންތޯ މަރުވިތޯ ވެސް ބަލައިލަން ޖެހޭ" ކަމަށެވެ.
ހަސަން ޒަމީލް
ޒަމީލަކީ ކާކުކަން ގިނަ މީހުންނަށް އެނގުނީ އިންތިޚާބަށް ނުކުތުމުންނެވެ. ރޭގެ ބަހުސްގައި ވެސް އޭނާއަށް މާ ބޮޑު ސަމާލުކަމެއް ނުލިބެއެވެ. ގިނަ މީހުންނަށް އެއީ "ސީރިއަސް ކޮންޓެންޑާ"އެއް ނޫނެވެ.
އޭނާއަކީ ކުރިން ސަރުކާރުތަކުގައި މަސައްކަތް ކުރި ބޭފުޅެކެވެ. މި ސަރުކާރުގައި ހުންނެވީ ޑިފެންސް މިނިސްޓްރީގެ ނައިބަކަށެވެ. އިސްތިއުފާ ދެއްވީ ވެރިކަމަށް ކުރިމަތި ލުމަށެވެ. ބަހުސްގައި އެ ސުވާލު ކުރުމުން، ޒަމީލް ވިދާޅުވީ ސަރުކާރުތަކުގައި ކަންތައް ކުރައްވާ ގޮތް ގޯސްކަން އެނގިލެއްވީ ސަރުކާރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތީމާ ކަމަށެވެ.
"ކޮންމެ މީހަކަށް ވެސް ދުވަސްކޮޅަކު ތަނެއްގައި މަސައްކަތްކުރެވި ބަޔަކު ކަންތައްތައް ކުރާ ގޮތް ފެނި ތަޖުރިބާއެއް ލިބުނީމަ އެނގޭނީ ދެެއްތޯ ކަންކަން ދަނީ ގޯސްކޮށްކަން،" އޭނާ ވިދާޅުވިއެވެ.
މާ ތަފާތު ސިޔާސަތުތަކެއް ޒަމީލް ނުގެންގުޅުއްވައެވެ. އަދި، އެހާ ސާބިތުކަމާ އެކު އެ ވާހަކަތައް ވިދާޅެއް ވެސް ނުވެއެވެ. މަޑުމައިތިރިކޮށް ވާހަކަދައްކަވައި ޒަމީލްގެ ކިބައިން ރިޔާސީ އިންތިޚާބެއްގެ ސީރިއަސް ކަމެއް ނުފެނެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް ޞާލިޙަކީ އާންމުކޮށް އެހާ ވާހަކަދެއްކުންތެރި ބޭފުޅެއް ނޫނެވެ. މިދިޔަ ރިޔާސީ ބަހުސްގައި ބައިވެރިވެނުލައްވައެވެ. ބަހަށް ވުރެ ބޮޑަށް އަމަލު ގިނަ ކުރައްވާ ބޭފުޅެކެވެ. އެކަމަކު، ރޭގެ ބަހުސްގައި ގިނަ ބަޔަކަށް އެ މަނިކުފާނު ވެސް ފެނިގެންދިޔައީ ވަރަށް ހުށިޔާރުކޮށްނެވެ.
އެންމެ ބޮޑަށް "ކްރޮސް ފަޔާ"އެއް ދިޔައީ އެ މަނިކުފާނާއި ޢުމަރާ ދެމެދެވެ. ޢުމަރުގެ ތުހުމަތުތަކަށް ރައީސް ވަގުތުން ރައްދުދެއްވިއެވެ. ސީދާކޮށް، ސާފުކޮށް ވިދާޅުވިއެވެ. އެއްވެސް އެއްބަސްވުމެއްގައި ގައުމުގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
"މިލިޓަރީ މަސައްކަތެއް ކުރަން، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް ނެތް. ކުރިއަކު ވެސް ނެތް. މިހާރަކު ވެސް ނެތް،" ސާފުކޮށް ވިދާޅުވިއެވެ.
ދެން ވެސް އެ މަނިކުފާނަށް ކެންޑިޑޭޓުން ކުރެއްވި ތުހުމަތަކީ ބޭރުގެ ގައުމުތަކުން ކެމްޕޭނަށް ފައިސާ ދޭ ކަމަށެވެ. އެކަމަކު، އެ ސުވާލަށް ވެސް ރައީސް ޖަވާބު ދެއްވިއެވެ. ވިދާޅުވީ، އިންޑިއާ އެކަނި ނޫން ކަމަށާއި ބޭރުގެ އެއްވެސް ގައުމަކުން އެ މަނިކުފާނުގެ ކެމްޕޭނަށް ޚަރަދު ނުކުރާ ކަމަށެވެ.
"އެެއްވެސް ބޭރު ގައުމަކުން އެއްވެސް ފައިސާއެއް އަޅުގަނޑުމެންނަކަށް ނުލިބޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ގިނަ މީހުންނަށް ރައީސް ކަމުދިޔައީ ދެން ތިބި ކެންޑިޑޭޓުން ފަދައިން ރައްދު ދިނުމުގެ ބަދަލުގައި، މަޑުމައިތިރި ކަމާ އެކު ސާފުކޮށް ޖަވާބު ދެއްވީމައެވެ. ބޭބޭފުޅުންނަށް ތުހުމަތުތައް ކުރެއްވުމުގެ ބަދަލުގައި މި ފަސް އަހަރު އެ މަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅާއި އަދި، ކުރިއަށް އޮތް ދައުރުގައި ކުރައްވަން ވިސްނަވާ ކަންތައްތައް ކިޔައިދެއްވީމައެވެ.
ޑރ. މުހައްމަދު މުއިއްޒު
މުއިއްޒަކީ އެންމެ ދަތި މަގަކުން ޓިކެޓާ ހަމައަށް ވަޑައިގެންނެވި ކެންޑިޑޭޓެވެ. ފަހު ވަގުތާ ޖެހެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީގެ އުންމީދުގައި އޮތް ޕީޕީއެމް/ޕީއެންސީން އޭނާއަށް ޓިކެޓު އެރުވީ ވެސް އިތުރު ގޮތެއް ނެތި ކޮޅު ބެދުނު ހިސާބުންނެވެ. އެކަމަކު، އެ ދުވަހުން ފެށިގެން އޭނާ ގެންދަވަނީ "ފުލް ސްޕީޑުގައި" ކެމްޕޭން ކުރައްވަމުންނެވެ.
މުއިއްޒަކީ ވެސް ސާފުކޮށް، ސީދަލަށް އެއްޗެހި ވިދާޅުވާ ބޭފުޅެކެވެ. މަޑުމައިތިރި ނަމަވެސް، ހަރުކޮށް ބަސް ވިދާޅުވާ ބޭފުޅެކެވެ. އާންމުންނަށް އެ ކަން ކަމުދިޔައެވެ.
އޭނާއަށް އަމާޒު ކުރެވުނު އެންމެ ހޫނު ސުވާލަކީ މިދިޔަ ސަރުކާރުގެ "އަނިޔާވެރިކަމާ" ގުޅޭ ގޮތުންނެވެ. ޔާމީންގެ ސަރުކާރުގައި ޖަލުގައި ތިއްބެވި ބޭބޭފުޅުން އެ ޕޯޑިއަމްގައި ވެސް ތިއްބެވިއެވެ. ކެންޑިޑޭޓުންގެ ތެރޭގައި ވެސް ގިނައީ އެ ވެރިކަމުގެ ކޮންމެ ވެސް ހިސާބެއްގައި ޖަލަށް ވަޑައިގެންނެވި ބޭބޭފުޅުންނެވެ. އެ ބޭފުޅުންނަށް ލިބުނީ "އަނިޔާ" ނޫން ކަމަށާއި ޖަލަށް ލާފައިވަނީ ޝަރުޢީ ނިޒާމުގެ ތެރެއިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެއްވެސް ބޭފުޅަކު ގާނޫނާ ހިލާފަށް ރައީސް ޔާމީންގެ ވެރިކަމުގައި ބަންދު ކުރެވިފައެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ބަހުސްގައި މުއިއްޒު ވެސް ފާހަގަކުރެވުނީ ރައްދު ދެއްވުމާއި ޖަޒުބާތުތަކުން އެއްކިބާވެ، ސިޔާސަތުތަކުގެ ވާހަކަ ދެއްކެވި ތަނެވެ. އަދި، ދުރުދުރުން ނޫޅެ، ސާފުކޮށް ކަން ކުރައްވާނެ ގޮތް ވިދާޅުވާތީ އާންމުންނަށް ކަމުދިޔައެވެ.
"އެ މަނިކުފާނަކީ [ޔާމީނަކީ] މައުސޫމް ބޭފުޅެއް. އެހެންވީމަ އެ މަނިކުފާނު މިނިވަންވެގެން އަންނާނެ ސިޔާސީ ނުފޫޒު ނުކުމެގެން އަންނަ ދުވަހު. އެ ދުވަހަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އިތުބާރާއި ތާއިދާ އެކު އަޅުގަނޑަށް ޕީޕީއެމް/ޕީއެންސީ ވެރިކަމާ ހަވާލުވާ ދުވަސް. އިރާދަކުރެއްވިއްޔާ އެ މަނިކުފާނު މިނިވަންވާނެ،" މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޞާލިޙާ ޖެހިގެން ހުންނަވާ އޭނާ ވިދާޅުވީ، ޔާމީން އޮންނެވީ ކަނޑައެޅިގެން ސިޔާސީ ހުކުމެއްގައި ކަމަށެވެ. އެ ތުހުމަތުތައް ރައީސް ދޮގު ކުރެއްވުމުން، ދެން ވެސް ވިދާޅުވީ އެފަދައިންނެވެ.
އެކަމަކު، އޭނާގެ ވެރިކަމެއްގައި ކުރީގެ ރައީސުންނަށް އަނިޔާވެރިވުމާއި މިހާރު އޮތް ބަދަލު ހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އަނިޔާވެރިކަން ނައްތާލައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި، ޤުރުއާނުގެ އާޔަތާއި މާނަ ވިދާޅުވެ، މުއިއްޒު ވިދާޅުވީ އޭނާ ވާނީ ޢަދުލުވެރި ވެރިއަކަށް ކަމަށެވެ.
"އޭރުން އެއީ ކޮންމެ މީހެއް ކުރި ކުށެއް ވިޔަސް ކުށަށް އަދަބު ދެވޭނީ. މީހާއަކަށް ނޫން. އެ މީހާއަށް ބަލާފައި އެއީ ވަކި މީހެއް ވެގެންނެއް ނޫން. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހަކަށް ވިޔަސް އެ މީހާއަށް އަަދަބު ލިބެން ޖެހެންޏާ އެ އޮންނަ އުސޫލުން އަދަބު ލިބޭނެ،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް
މި އިންތިޚާބުގައި އެންމެ ބޮޑަށް ކުށް ބަސްތައް ވިދާޅުވެވުނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމަށެވެ. އެކަމަކު، ރޭގެ ބަހުސްގައި އޭނާ ވެސް ފެނުނީ ވަރަށް ހުށިޔާރު ކަމާ އެކު ޖަވާބު ދެއްވި ތަނެވެ. ހާއްސަކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ރައްދުދެއްވައި، ފާޑު ވިދާޅުވިއެވެ.
"[މި އިންތިޚާބަކީ] ވަރަށް ސަރުކާރުގެ ނުފޫޒާއި ބާރު ފޯރުވައިގެން ކުރިއަށްގެންދާ، އެތެރެ ނުފެންނަ އިންތިޚާބެއް." އޭނާ ތުހުމަތު ކުރެއްވިއެވެ.
ފަހު ދުވަހާ ޖެހެންދެން ސަރުކާރުގައި ހުންނެވި އަދި، އަދިވެސް އެ މަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކެބިނެޓުގައި އިންނަވަނިކޮށް ގާސިމް އެހާ ފާޅުގައި ސަރުކާރަށް ނުރުހުންވެ، ހައްދަވާފައިވާ ގޯސްތަކުގެ ވާހަކަ ދެއްކެވުމުން ބައެއް ބޭފުޅުންނަށް އެކަން ކަމުދިޔައެވެ. އަނެއްބައި ބޭފުޅުންނަށް ވީ ގޯހަކަށެވެ.
އެކަމަކު، ސިޔާސަތުތަކާ މެނިފެސްޓޯގެ ސުވާލުތަކަށް މާ ތަފުސީލީ ޖަވާބެއް އެ މަނިކުފާނަކަށް ނޭރުވުނެވެ. ބޮޑަށް ވިދާޅުވަމުން ގެންދެވީ ތަފުސީލީ ގޮތެއްގައި އެ ސުވާލުތަކުގެ ޖަވާބު މެނިފެސްޓޯގައި އޮންނާނެ ކަމަށެވެ. ސިޔާސަތުތައް ކިޔައިދެއްވުމުގެ ބަދަލުގައި ގާސިމް ގެންދެވީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުންނެވެ. ހާއްސަކޮށް، ސަރުކާރުން ހައްދަވާފައިވާ ގޯސްތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވިއެވެ.
"އެހެންވީމަ މި ސަރުކާރު ބޮޑު ތަނުން ގާނޫނު އަސާސީއާ ޚިލާފުވެފައި ވާކަމަށް އަޅުގަނޑަށް ކަނޑައެޅިގެން ގަބޫލު ކުރެވޭތީ އަޅުގަނޑު މިގޮތަށް ނުކުމެ މި މަސައްކަތް ކުރަނީ،" ގާސިމް ވިދާޅުވިއެވެ.
އާންމުކޮށް، ބަހުސްތަކަށް އެހާ ހުށިޔާރު ނޫން ގާސިމްގެ މިއީ ތިންވަނަ ބަހުސެވެ. މިދިޔަ 2008، 2013 އަދި މި އަހަރު ވެސް އޭނާ ރިޔާސީ ރޭހަށް ނުކުންނެވިއެވެ. އެ ތަޖުރިބާގެ އަލީގައި މި ބަހުސްގައި ގާސިމް ވަރަށް ހުށިޔާރެވެ. އެ ކަން ވެގެންދިޔައީ ޖޭޕީގެ ސަޕޯޓަރުންނަށް ލިބުނު ހިތްވަރަކަށެވެ.
އަހުމަދު ފާރިސް މައުމޫން
މުޅި ބަހުސްގައި ވެސް އެންމެ ސާދާކޮށް، އެންމެ ސީދަލަށް، ސިޔާސަތުތަކާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ހައްލަށް ވާހަކަދެއްކެވީ ފާރިސްއެވެ.
ބަހުސް ނިމުނުއިރު، އެންމެ ގިނަ ބަޔަކަށް ކަމުދިޔައީ ވެސް ފާރިސްގެ ވާހަކަފުޅުތަކެވެ. އޭނާ ދެއްކެވި، ވާހަކަތަކާއި ސިޔާސަތުތައް ގިނަ ބަޔަކަށް ކަމުދިޔައެވެ. އަދި، އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް ވަރަށް ގިނަ ބަޔަކު ގެންދެވީ އޭނާއަށް ތައުރީފު ކުރައްވަމުންނެވެ.
"ރާއްޖެ އިސްލާހުކުރެވޭކަށް ނެތް ކުދިކުދި ބަދަލުތަކެއް ގެނެސްގެނެއް، ކުދިކުދި އިސްލާހުތަކެއް ގެނެސްގެނެއް، ކުދިކުދި އެތިކޮޅު ހިލޭ ދީގެނެއް ނޫނީ ހިލޭ ދޭ އެއްޗެހިތަކެެއް އިތުރުކޮށްގެނެއް," އޭނާ ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ، ކުދިކުދި ބަދަލުތަކަކުން ގައުމު އިސްލާހެއް ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ އެންމެންނަށް އިއްތިފާގުވެވޭ، ގައުމީ ދުރުރާސްތާ ޕްލޭނެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު ވެސް އެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
އޭނާގެ މަޑުމައިތިރި ކަމާއި ސާދާކަން ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. މަޑުމައިތިރިކޮށް ހުންނަވައިފާ، ދޭތެރެއަކުން ދިމާލަށް ސީދަލަށް އެ ވިދާޅުވާ ބަސްކޮޅުތައް ގިނަ ބަޔަކަށް ވަރަށް ފައްކަލެވެ. ބަހުސަށް ފަހު، މުޅި މީސްމީޑިއާގައި އޭނާގެ ވާހަކަދެކެވުނީ އެހެންވެއެވެ. މި ބަހުސުން އެންމެ ބޮޑު "ޕްލަސް ޕޮއިންޓެއް" ހޯއްދެވި އެއް ބޭފުޅަކީ ފާރިސްއެވެ.
"އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ މި ކޮން ވާހަކައެއްތޯ؟އަޅުގަނޑުމެން އައިސް މި ރިޔާސީ އިންތިހާބެއްގައި ޑިބޭޓް މި ކުރަނީ، މި އަޅުގަނޑުމެންގެ ސިޔާސީ މީހުންގެ ވާހަކައެއް ނޫން" އޭނާ ވިދާޅުވިއެވެ.
އިލްޔާސް ލަބީބު
ދަ ޑިމޮކްރެޓްސް އުފައްދަން ޖެހުނީ އިންތިޚާބަށް ދެ މަހަށް ވެފައި އޮއްވައެވެ. އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ފަޅާލާފައި ނުކުމެ، އެންމެ ފަހުން އިންތިޚާބަށް ނުކުންނެވި އެއް ބޭފުޅަކީ އިލްޔާސް ލަބީބެވެ. ދެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ނަމަވެސް އޭނާއަކީ އާންމުންގެ މެދުގައި އެހާ މަޝްހޫރު ބޭފުޅެއް ނޫނެވެ.
ރޭގެ ބަހުސްގައި ވެސް އިލްޔާސްގެ ހުރިހާ ޖަވާބެއްހެން، ފެއްޓެވީ ސަރުކާރަށް ރައްދު ދެމުންނެވެ. ސަރުކާރު ގޯސްކަން ކިޔައިދެއްވަމުންނެވެ.
އެކަމަކު، ރައްދު ދެއްވުމަށް ފަހު އޭނާ ދެން ވިދާޅުވެދެއްވި ހައްލުތައް ވަރަށް ބޮޑަށް ރައްޔިތުންނަށް ކަމުދިޔައެވެ. ސީދާކޮށް، ސިޔާސަތެއްގެ ވާހަކަ ދެއްކެވިއެވެ. ހައްލުތަކެއް ކިޔައިދެއްވިއެވެ. ހާއްސަކޮށް، ޒުވާނުންނާ ގުޅޭ ގިނަ ވާހަކަފުޅުތަކެއް އޭނާ ދެއްކެވިއެވެ.
"މާލޭގެ ފަސް ކޮށި އެބައޮތް. މި ތަނުގައި އަޅުގަނޑުމެން ގާއިމްކުރާނަން 15 ބުރީގެ ފަސް ކޮންޑޮމީޑިއަމް. 13 ބުރި ހާއްސަކުރާނީ ކޮންޑޯތަކަށް. އެ ތަނުގައި 2،500 ފްލެޓް، 18 އަހަރުފުރޭ ކޮންމެ ކުއްޖަކަށް ފްލެޓެއް ދޭނަން،" އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގެދޮރު ބިނާ ކުރަން ބޭނުންވާ މީހުންނަށް އިކުއިޓީއެއް ނޫނީ ބޭނުންވާ މޯގޭޖެއް ދޭނެ މީހަކު ނެތިއްޔާ ސަރުކާރުން އެކަން ކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. އިލްޔާސަށް އެންމެ ބޮޑަށް އަމާޒުވާ ސުވާލަކީ އޭނާ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފަހަތުގައި އިތުރު ސަބަބެއް އޮތްތޯއެވެ. އެއަށް ސާފުކޮށް އިލްޔާސް ވިދާޅުވީ، އޭނާ ހުންނެވީ ދެވަނަ ބުރެއްގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އިންތިޚާބުގައި އަޅުގަނޑު މިއަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާކަމުގެ ހުވާ ކުރާނަން. އަޅުގަނޑުމެން މި ކުރަނީ ސިޔާސީ މަސައްކަތް. އަޅުގަނޑުމެން ފެށިއިރު ވެސް ތިބީ މޮޅުވެގެން،" އިލްޔާސް ވިދާޅުވިއެވެ.
ކުރިން މާ ބޮޑަށް އާންމުންނަށް ނޭނގުނު ނަމަވެސް، ބަހުސްގައި އިލްޔާސް ދެއްކެވި "ޝަހްސިއްޔަތު" އަދި ސިޔާސަތުތައް ގިނަ ބަޔަކަށް ކަމުދިޔައެވެ.
މުހައްމަދު ނާޒިމް
އެމްއެންޕީގެ ޓިކެޓުގައި ނުކުންނެވި ނާޒިމަކީ ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރޭގެ ބަހުސްގައި ވެސް އޭނާގެ ކިބައިން އެ ހަރުކަށިކަން ފެނިގެން ދިޔައެވެ. ވަރަށް ސީދަލަށް އޭނާ ކަންތައް ކުރައްވާނެ ގޮތްތަކެއް ވިދާޅުވިއެވެ. ހާއްސަކޮށް، ވަރަށް ގިނަ ކަންކަން ކުރައްވަން ވަރަށް "ސްޕެސިފިކް" ތާރީޚުތަކެއް ދެއްވިއެވެ.
އޭނާގެ ސިޔާސަތުތައް ވެސް ވަރަށް ތަފުސީލުކޮށް ކިޔައިދެއްވިއެވެ. އަދި، އެހެން ބޭފުޅުންނަށް ބަހުގެ ހަމަލާތައް ދެއްވުމުގެ ބަދަލުގައި ނާޒިމް ވެސް ވަނީ ވަރަށް ބޮޑަށް ސިޔާސަތުތަކުގެ ވާހަކަ ދައްކަވައިފައެވެ.
ނާޒިމަށް އެންމެ ބޮޑަށް ކުރެވޭ ތުހުމަތަށް އޭނާ ވަރަށް ތަފުސީލުކޮށް ރައްދުދެއްވިއެވެ. އެއީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓައިލަން "ބަޣާވާތެއް" ހިންގި ކަމުގެ ތުހުމަތެވެ. ނާޒިމް ވިދާޅުވީ، އެއީ ބަޣާވާތެއް ނޫން ކަމަށާއި އޭނާ ހަތެއް ފެބްރުއަރީ 2012 ވަނަ ދުވަހު އަދާކުރެއްވީ ގައުމީ ވާޖިބެއް ކަމަށެވެ.
"އަޅުގަނޑު އެ ދުވަހު ކުރީ ގައުމީ ވާޖިބެއް އެ ދުވަހުގެ ވެރިކަން ބަދަލު ވުމުގަ އެއްވެސް ވަރެއްގެ ޒިންމާއެއް އަޅުގަނޑު ނަގަން ނުޖެހޭނެ. އެ ދުވަހުގެ މައްސަލަ ތަހުގީގު ކޮށްފައި އޮތް ކޯނީ ރިޕޯޓުގައި ވެސް އަޅުގަނޑުގެ މައްސަލައެއް އޮތްކަމަކަށް ލިޔެވިފައެއް ނެތް،" ނާޒިމް ވިދާޅުވިއެވެ.
ބަޣާވާތް ކުރިކަމަށް ހަމައެކަނި އޭނާއަށް ތުހުމަތު ކުރި ނަމަވެސް އޭނާއާ އެއްކޮށް އެ ދުވަހުގެ މަސައްކަތުގައި އިތުރު މީހުން އުޅުންކަން ވެސް ނާޒިމް ވަނީ ފާހަގަ ކުރައްވައިފައެވެ.
"ޒިންމާ ނަގަންޖެހޭނަމަ، އެ ދުވަހު އަޅުގަނޑާ އެއްވަރަށް ޒިންމާ ނަންގަވަން ޖެހޭ ދެ ބޭފުޅުން ތިއްބަވާނެ. އެއީ އޭރުގެ އުއްތަމަ ފަނޑިޔާރު [އަޙްމަދު ފާއިޒް ޙުސައިން] އާއި އޭރުގެ މަޖިލީހުގެ ރައީސް [އަބްދުﷲ ޝާހިދު]." އ އޭނާ ވިދާޅުވިއެވެ.
ސީދަލަށް ހަރުކޮށް އެއްޗެހި ވިދާޅުވާތީ ބައެއް ބޭފުޅުންނަށް ނާޒިމް ކަމުދިޔައެވެ. އަނެއްބައި ބޭފުޅުންނަށް އެހާ ހަރުކޮށް އެއްޗެހި ވިދާޅުވީ އެހާ ކަމަކު ނުދިޔައެވެ.
ބަހުސްގެ އަސަރު ވޯޓަށް ކުރާނެ؟
ބަހުސަށް ދިޔައިރު ވޯޓުލާ އާބާދީގެ ބޮޑު މެޖޯރިޓީއެއް އޮތީ ވަކި ގޮތެއް ނުނިންމައެވެ. ޑިމޮކްރަސީއެއްގައި ބަހުސަކީ ވަރަށް މުހިއްމު ސިޔާސީ ހަރަކާތެކެވެ. ކެންޑިޑޭޓުންގެ ސިޔާސަތުތަކާ މެދު ބަހުސްކޮށް، އެކަކު އަނެކަކަށް އެ ސިޔާސަތުތައް އަޅައި ކިޔުމުގެ ބޭނުމުގައެވެ.
އެކަމަކު، ރޭގެ ބަހުސްގައި މުހިއްމު ގިނަ ސުވާލުތަކެއް އުންޏެވެ. ގިނަ މީހުންނަށް ބަހުސްގެ މޮޑަރޭޓަރު ވެސް ކަމަކު ނުދެއެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ނަން ވެސް ނުގަނެއެވެ. މި ސަރުކާރުގައި ހިނގި ހިޔާނާތްތަކުގެ ނަން ވެސް ނުގަނެއެވެ. ކޮވިޑުގެ ވާހަކަ ވެސް ނާދެއެވެ.
ހަގީގަތުގައި އެ މައްސަލަތައް ދިމާވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ބަހުސް ނުބާއްވާ ގޮތަކަށް ރާއްޖޭގައި އެކަން ކުރާތީއެވެ.
ތަހުޒީބު ގައުމުތަކުގައި ބަހުސް ބާއްވަނީ މިނިވަން ކޮމިޝަނަކުންނެވެ. ސިޔާސީ ޕާޓީތަކާއި އިލްމީ ޖަމިއްޔާތަކުގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުން ބަހުސްގެ ކަންކަން ކުރިއަށް ގެންދަނީ ވަރަށް ދުރާލާ ތައްޔާރު ވެގެންނެވެ. ބޮޑަށް ދައްކަނީ ސިޔާސަތުތަކާ ގުޅޭ ވާހަކަތަކެވެ.
މިހާރު ސުވާލަކީ ރޭގެ ބަހުސަށް ދިޔައިރު، ވަކި ކެންޑިޑޭޓެއް ނުނިންމާ ތިބި 58 އިންސައްތަ ރައްޔިތުންގެ ތެރެއިން ކިތައް އިންސައްތަ މީހުން މިހާރު ވޯޓު ލާނެ ކެންޑިޑޭޓެއް ނިންމައިފިތޯއެވެ.