މި ސަރުކާރުގައި އެ މަނިކުފާނުގެ އާއިލާގެ އެއްވެސް ބޭފުޅަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ ކުންފުންޏަކުން ވެސް ވަޒީފާ ދެއްވައިފައިިނުވާނެކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ ކަމެއް ނުކުރައްވާނެކަމަށް ދެވަަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި އެ މަނިކުފާނަށް އަމާޒުކުރެވުނު އެއް ސުވާލަކީ އާއިލީ ވެރިވެރިކަމާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަތުމުން ސަރުކާރުގެ ގިނަ މަގާމުތަކެއް އާއިލާގެ ބޭފުޅުންނަށް ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮއްކޯފުޅު ފާތިމަތު މުޙައްމަދު ޞާލިޙް، ރައީސްގެ ސެކެޓްރީއަކަށް ހުންނެވުމާއި ޅިޔަނު މުޙައްމަދު ހަމީދަށް ޕޮލިސް ކޮމިޝަނާކަން ދެއްވުމާއި އޭގެ އިތުރުން އެހެން ބޭފުޅުންތަކަކަށް މަގާމުތައް ދެއްވި ކަމަށް ސުވާލުގައި ވެއެވެ.
ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާއިލާގެ އެއްވެސް މީހަކަށް ވަަޒީފާ ދީފައި ނުވާނެ ކަމަށެވެ.
ފުލުސް ކޮމިޝަނަރުކަމުގައި ހުންނެވި މުހައްމަދު ހަމީދަށް މަގާމު ލިބުނު ގޮތާމެދު އާންމުން އުފައްދާ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ހަމީދަށް ވަޒީފާ ދިނުމަށް ހުކުމް ކުރީ ސުޕްރީމް ކޯޓުން ކަމަށެވެ.
އެގޮތުން އެ ހުކުމް ކޮށްފައިވަނީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހެވެ.
ދެން މަގާމުތަކުގައި ތިއްބެވީ ރައްޔިތުންގެ ކުރިމައްޗަށް އަރައި އިންތިޚާބުތަކުން ކާމިޔާބުވެ މަގާމު ހޯއްދަވައިގެން ތިބި ބޭފުޅުންކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދާއި، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، އެ ނޫން ވެސް މެމްބަރުންނަކީ އިންތިޚާބީ މަގާމު ކާމިޔާބުކޮށް މަގާމުގައި ތިބި މެމްބަރުންކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑާ ދޭތެރޭ ތި ވިދާޅުވީ ވަރަށް އިހާނެތި ބަހެއް އަޅުގަނޑު ދެކޭ ގޮތުގައި،" ބަހުސްގެ މޮޑަރޭޓަރުގެ ވާހަކައަށް ނިސްބަތްކުރައްވައި ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައީސް އޮފީހުގައި މަސައްކަތްކުރައްވާ އެ މަނިކުފާނުގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ޞާލިހް (ފާތޭ)އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން އެ އޮފީހުގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެެވެ.
އެއީ ސަރުކާރު ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރައްވާ، ސަރުކާރުގައި ތިބެންޖެހޭ ތަޖުރިބީ ހާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުންކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެ ކަމަނާ މަގާމުން ވަކި ނުކުރެއްވި ސަބަބު ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެއްވެސް މީހަކު އެ ގޮތަށް ވަކިކޮށްފައެއް ނޯންނާނެ. އަޅުގަނޑުގެ ސަރުކާރަކު އަޅުގަނޑުގެ އާއިލާ މީހަކަށް ވަޒީފާ ދީފައެއް އަދިއެއް ނުހުންނާނެ. އަދި ނުވެސް ދޭނަން ކުރިއަށް އޮތް ތަނުގައި ވެސް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ އެ މަނިކުފާނަށް އަމާޒުކުރެވުނު ސުވާލުތަކަށް މުހިންމު ޖަވާބުތަކެއް ދެއްވައިފައެވެ.
"ބިން ލިބުމާ ދެކޮޅު ހަދަނީ މާލޭގެ ރައްޔިތުންނަށް ބޭއިންސާފު އެދޭތީ"
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. ޚާއްސަކޮށް މާލެއަށް އެ މައްސަލަ މާ ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެ ކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރީ މި ސަރުކާރުން އެކަނިކަމަށް ރައީސް ވިދާޅުވިއެވެ. ގުޅީފަޅާއި ހުޅުމާލެއާއި، ގިރާވަރު ފަޅުން ބިން ދޫކުރުމަކީ 'އެއްވެސް ހާލެއްގައި މައްސަލައެއް ނޫން'ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު 19،000އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބިން ދެވިިއްޖެކަމަށާއި 13،000އާ ގާތްކުރާ އަދަދަކަށް މީހުންނަށް ފްލެޓް ކަށަވަރު ކޮށްދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެދިފައިތިބި ހުރިހާ އެންމެނަށް ބޯހިޔާވަހިކަން ދީފައި ނޫނިއްޔާ އަޅުގަނޑުމެންގެ މި މަޝްރޫއެއް ނުހުއްޓާނަން،" ރައީސް ވިދާޅުވިއެވެ.
"އެ ކަމާ ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅުންނަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ ރައްޔިތުންނަށް ވަރަށް ވަރަށް ވަރަށް ބޭއިންސާފުކޮށް ވާހަކަދައްކަަވާ ބޭފުޅުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ކަމަށް ދާއިމީ ހައްލެއް ގެނެސްދޭނީ އެ މަނިކުފާނުގެ ވެރިކަމެއްގައި ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ގުޅީފަޅު ބިން ހިއްކި މީހުންނަށް ފައިސާ ނުދިން ތަނުގައި، އެ ތަނުން ކުރީގެ އެމްޑީޕީ ސަރުކާރުން ގޯތި ދީފައި ހުރި މީހުން އަތުން ބިން އަތުލައި ބަދަލު ވެސް ނުދޭ ކަމަށެވެ.
އެ ބަދަލު ދީ ފައިސާ ދައްކަން ޖެހުނީ މި ސަރުކާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ކަން ވެސް ހައްލުކުރަން ޖެހުނީ އަޅުގަނޑުމެންނަށް. ދެން ކިހިނެއްތޯ އެ ބޭފުޅުން ގުޅީފަޅުން ގޯތި ދޭނީ. ބޯހިޔާވަހިކަން ދޭނީ. ގިރާވަރު ހިއްކާނީ ކިހިނެއްތޯ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން، ނޮވެމްބަރުގެ ތެރޭ ގިރާވަރު ފަޅުން ބޭނުންވާ މިންވަރަށް ބިން ހިއްކޭނެ ކަމަށެވެ. އަދި ގޯތި ލިބުނު އެންމެނަށް ގޯތި ލިބޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އާދެ އިރާދަކުރެއްވިއްޔާ އެ ކަންކޮށް ނިންމައިފައި އަޅުގަނޑުމެން މަސައްކަތް ހުއްޓައިލާނީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ގިރާވަރު ފަޅުންނާއި ހުޅުމާލެއިންނާއި ގުޅީފަޅުން ގޯތި ދެނީ މާލޭގެ ރައްޔިތުންނަށް އެކަނިކަމަށެވެ. އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދޭ އެއްޗެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ މުޅި މާލޭ ސަރަަހައްދު ތޮއްޖެއްސުވުން ނޫން ކަމަށެވެ.
މީގެ ކުރިން މާލޭގެ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ނުލިބުނީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން އެ ފަދަ މަޝްރޫތައް މާލޭގައި ހިންގުމުންކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި އަތޮޅު ތެރޭގައި އާބަން ސެންޓަރުތަކެއް ތަރައްގީކޮށް އެ ސަރަހައްދުތައް ތަރައްގީކުރުމުގެ ސިޔާސަތު ގެންގުޅުއްވާކަމަށް ރައީސް ވިދާޅުވިއެެވެ.
"ލ. އަތޮޅުގައި އެބަކުރަން. އައްޑޫގައި އެބަކުރަން. ކުޅުދުއްފުއްޓަށް ބަދަލު އެބަ ގެނެވޭ. ތިނަދުއަށް ބަދަލު އެބަގެނެވޭ، ވިލިގިއްޔަށް އެބަ ގެނެވޭ. މި ކަހަލަ އެތައް ސެންޓަރުތަކެއް އެބަ އުފައްދަން،" ރައީސް ވިދާޅުވިއެވެ.
ބަސް ކިޔާނީ އަޅުގަނޑުމެން، ގެންގުޅޭނީ އިސް އުފުލޭނެ ޚާރިޖީ ސިޔާސަތެއް،"
ރައީސް ވިދާޅުވީ މިހާރު ވެސް ޚާރިޖީ ސިޔާސަތު ބައްޓަން ކުރަމުން އައިސްފައިވާނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ކުރިއަރުވައި، ތިމާވެށި ހިމާޔަތްކުރުމަށް ބާރު އަޅައި ގައުމުތަކާއެކު ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ގުޅުން ބައްޓަންކުރާނީ އެ މަގުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ދައުރުގައި 180 އަށްވުރެ ގިނަ ގައުމާއެކު ގުޅުން ބަދަހިކުރެވިފައިވާ ކަމަަށެވެ. އަށްޑިހަ އަށްވުރެ ގިނަ ގައުމަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ މަގުފަހިކުރެވިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަރަބި ގައުމުތަކާ ގުޅުން ކަނޑައިލައިފައި އޮތް އޮތުން ބަދަލުކުރެވިއްޖެ. ކޮމަން ވެލްތަށް އަލުން ރުޖޫއަވެވިއްޖެ. ޔޫރަޕިއަން ޔޫނިއަންއާ ވަރަށް ގާތް ގުޅުމެއް އުފެދިއްޖެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު ވެސް އިނގިރޭސިވިލާތާއެކު ފްރީޓްރޭޑް އެގްރިމަންޓެއްގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ މިގޮތަށް. އަދި އިސް އުފުލޭ ޚާރިޖީ ސިޔާސަތެއްގެ ގޮތުގައި އަޅުގަނޑުމެން އޮންނާނީ. ބަސް ކިޔާނެ ބަޔަކީ އަޅުގަނޑުުމެން،" ރައީސް ވިދާޅުވިއެވެ.
ޗައިނާއާއެކު އޮތް ގުޅުން ހީނަރުކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ ޗައިނާއާއެކު ވެސް ގުޅުން ރަނގަޅު ކަމަށެވެ. އެގޮތުން އަދިވެސް ގިނަ ޕްރޮޖެކްޓުތަކަށް ޗައިނާގެ އެހީ ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޗައިނާއާއެކީ އޮތް ގުޅުން ވަރަށް ރަނގަޅު،"
"އަޅުގަނޑުމެންގެ ސިޔާސަތަކީ އިންޑިއާ ފަސްޓް، ވަން ޗައިނާ ޕޮލިސީ އެއީ ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަށް އޮންނަ ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭރު އެއްވެސް ގައުމެއްގެ ސިފައިން އަސްކަރީ މަސައްކަތެއް ކުރާކަށް އެއްވެސް އިރަކު ނެތް ކަމަށެވެ.
ނަމަވެސް އެކި އެއްބަސްވުންތަކުގެ ދަށުން ލަންކާ، އެމެރިކާ، އިނގިރޭސިިވިލާތް، ޗައިނާ، އަދި މި ނޫން ވެސް އެކި ގައުމުތަކުން އަންނަ ކަމަށެވެ.
"އެ އުސޫލުން އެކި ފަހަރު އެކްސަސައިޒްކުރަން ބޭރުގެ ގައުމުތަކުގެ ސިފައިން ނާދެއެކޭ އަޅުގަނޑު ނުދަންނަވާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ބޭރު ގައުމަކުން ރައީސްގެ ކެމްޕޭނަށް ފައިސާ ދީފައިނުވާ ކަމަށެވެ.
"އުތުރު ތިލަފަޅަކީ ދިވެހީންގެ މިލްކެއް، އިންޑިއާ ސިފައިން ނުތިބޭނެ"
ރައީސް ވިދާޅުވީ އިތުރު ތިލަފަޅު އެގްރިމަންޓު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށެވެ. އޭގައި މައްސަލައެއް އޮތްނަމަ އެ ކަމެއް ހާމަކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ހާމަނުކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއިން އެއްވެސް އެގްރިމަންޓެއްގައި ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ކަހަލަ ކަމެއް ނޯންނާނެ. އަޅުގަނޑު މި ދެންނެވިހެން އުތުރު ތިލަފަޅަކީ ރާއްޖޭގެ މިލްކެއް. އެއީ އިންޑިއާގެ ހިލޭ އެހީގައި ހަަދައިދޭ ތަނެއް،" ރައީސް ވިދާޅުވިއެވެ.