އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އެ މަގާމުން އިސްތިއުފާ ދެއްވަމުން އެމްއެމްއޭއަށާއި ރައީސުލްޖުމުހޫރިއްޔާއަށް ފޮނުއްވެވި ސިޓީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތުގެ ނުރައްކާތެރިކަން ވަނީ ހާމަވެފައެވެ.
ގައުމުގެ އިގްތިސާދީ ކަންކަމަށްވުރެ އަޅުގަނޑުމެން އެންމެނަށްވެސް އަބަދުވެސް އިސްކުރެވެނީ ސިޔާސީ ޑްރާމާތަކަށް ކަމުގައިވާހިނދުވެސް، މިއަދުގެ އިޤްތިޞާދީ ޙާލަތަކީ ހަމަ އެންމެންގެ ސަމާލުކަމަށް ގެނެސް، ނަޒަރު ހުއްޓުވުން މަޖުބޫރެ ޙާލަތެކެވެ.
އިގްތިސާދީ ހާލަތު
ފަލްކާއަށް އޮބިއޮންނަ ވުރެއްވުރެ ބަރުކޮށްގެން ކަނޑުދުއްވަން ނުކުތް އޮޑި، ލުއިކުރަން މަޖްބޫރުވެފައިވާކަން، 2024 ނިމުމުއިރު އަޅުގަނޑުމެން އެންމެނަށް ވަނީ ޔަގީން ކުރެވިފައެވެ.
މި އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ހިމަނާފައިވީނަމަވެސް، އެފިޔަވަޅުތައް ތަރުތީބުކޮށްފަނީ، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓާރުގެ ތެރެއަށެވެ. ފަތުރުވެރިކަމުގެ ހައި-ސީޒަންގެ، ރެކޯޑް އަދަދުތަކުން ލިބިދެވޭނޭ އާމްދަނީއަށް ބަލައި، އެހާތަނާއި ހަމައަށް ތެލީ ފޫކަހައިގެން ހިފެހެއްޓުމަށް ވިސްނައިގެންނެވެ.
ނަމަވެސް މީރާގެ ހިސާބުތަކުން ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ފެބްރުއަރީ ނިމުނުއިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 2024 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު ޖުމްލަ 480 މިލިއަން ރުފިޔާ ދަށްވެފައެވެ. ހަމަ މިއާއެކު މި މުއްދަތުގައި ލިބުނު އިންކަމް ޓެކްސް ވަނީ 17.28 ޕަސެންޓު ދަށްވެފައެވެ.
މިހިނގާ މާރިޗު މަހުގެ 6 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީ އިން ނެރުނު 'ފިސްކަލް އަޕްޑޭޓް' ރިޕޯޓު ބުނާގޮތުން އަންދާޒާ ކުރިވަރަށް އާމްދަނީ ނުލިބިއޮތް އިރުމެ، މުސާރައާއި އުޖޫރައިގެ ޚަރަދަށް 225 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ.
ސޯޝަލް މީޑިއާގައި އާއްމުން ދައްކާ ވާހަކަތަކާއި އަދި މަގުމަތީގެ ޙަރަކާތްތަކުން އާސަންދަ އާއި ސަބްސިޑީސްގެ ޚަރަދުތައް ވަރަށް ބޮޑުތަނުން އުނިކޮށްފައިވާނޭ ކަމުގައި ޔަގީން ކުރެވުނުނަމަވެސް، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު މި އަހަރު އާސަންދަ އާއި ސަބްސިޑީގެ ހަރަދުތަކަށް 48.1 މިލިއަން ރުފިޔާ ވަނީ އިތުރަށް ހޭދަކޮށްފައިވެއެވެ.
އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ޚަރަދުތައް 1.1 ބިލިއަން ރުފިޔާއިން މަދުކުރުމުގެ ސަބަބުން ޖުމުލަ ހަރަދުތައް މަދުކުރުމުގެ ނަތީޖާއެއްގެ ގޮތުން 2 ބިލިޔަން ރުފިޔާއާ ގާތްކުރާ ބިލުތަކަށް ފައިސާ ނުލިބި ހުރެ، ކުދި އަމިއްލަ ވަރަށް ގިނަ ވިޔަފާރިތައް ވަނީ ވަނީ ތޮއްޓަށް ބީހިފައެވެ.
މިލިއަނުން ލިބެންޖެހޭ ބިލުތަކަށްފައިސާ ނުލިބި ދިގުލައިގެން ދިޔުމުގެ ސަބަބުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓާތަކާ ތަކާއި ބޭރާއި އެތެރޭގެ ކުންފުނިތަކުން ދަނީ ހިދުމަތްތައް ހަނިކޮށް، އުނިކުރަމުންނެވެ.
ހަމަ މިއާއެކު، ހިސާބުކުޅަ، ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި ބަޖެޓު ސަޕޯޓާއި ހިލޭ އެހީ މިހާތަނަށް ވުޖޫދު ނުވުމަކީ ނުތަނަވަސްކަން އިތުރުވާ ސަބަބެކެވެ.
ޓޫރިޒަމުން ލިބޭ ޑޮލަރު ބާޒާރަށް ގެނައުމަށޭ ބުނެ، ސިނާއަތުގެ ބައިވެރިވުމާއި، މަޝަވަރާގެ ބޭރުން، ކެތްތެރި ކަމެއްނެތި އެޅި އަވަސް ފިޔަވަޅުތަކުގެ ނަތީޖާ ނުފެނި، ބާޒާރުގައި ޑޮަލަރުގެ ހަމައަގުތަކަށް ހެޔޮ ބަދަލެއް ވަނީ ނުގެނެވިފައެވެ.
ޖީ.އެސް.ޓީއަކީ ގައުމެއްގެ އިގްތިސާދީ ހަރަކާތްތައް މިނެކިރުމަށް އެންނެ އެކަށޭނެ މިންގަނޑުކަމުގައި ވާހިނދު، 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓާރ އިން ފެށިގެން ޖުމްލަ ޖީ.އެސް.ޓީ. ވަނީ ކުރީއަހަރުގެ ނިސްބަތުން ދަށްވާންފަށާފައެވެެ. މިހިނގާ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިއަލަށް ދައުލަތަށް ޖީ.އެސް.ޓީ ލިބިފައިވަނީ 2024 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 63.6 މިލިއަން ރުފިޔާ މަދުންނެވެ. އެހެންކަމުން ޤައުމުގެ އިޤްތިޞާދީ އިންޖީނުގެ އިސްޕީޑާމެދު މިއަދުވަނީ ކަންބޮޑުވުން އިތުރުވާން ފަށާފައެވެ.
އާޓިކަލް IV ގެ މަޝްވަރާތަކަށް ފަހު މިއަހަރުވެސް އައި.އެމް.އެފް އިން ވަނީ ޚަރަދުތައް ކުޑަކުރުމަށް އިންޒާރުތައް ތަކުރާރުކޮށްފައެވެ. ނަމަވެސް އެހެން އަހަރުކާއި ތަފާތުކޮށް، 'ބޭންކް-ސޮވްރިން ނެކްސަސް' ގެ ސަބަބުން މުޅި ނިޒާމަށް މެދުވެރިވެދާނެ ނުރައްކާތެރިކަމުގެ ރަނގަބީލު އައި.އެމް.އެފުން ފުރަތަމަ ފަހަރަށް ވަނީ އަޅާފައެވެ. އައި.އެމް.އެފްގެ 'ބޭންކް-ސޮވްރިން ނެކްސަސް' މި ބަހުން ދޭހަވަނީ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި ބޭންކު ތަކުން ނަގާފައިވާ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ހުރި ނުރައްކާތެރި ކަމުގެ ވާހަކައެވެ.
ޤައުމުގެ އިޤްތިޞާދުގައި ފައިސާ 'އުފަންކުރުމަށް' ފަރުމާކުރަމުން ގެންދިޔަ 'ދިޔަ' ނުހިފެހެއްޓޭ، ނުރައްކާތެރި ރޭވުންތަކުން ދައްކުވައިދެނީ އައި.އެމް.އެފްގެ އިންޒާރުތަކަށް މިއަހަރުވެސް ދެމުން ދަނީ ބީރުކަންފަތެއްކަމެވެ.
ނަޒަރުހުއްޓިފައިވާ ސިލްސިލާ ސިޔާސީ ޑްރާމާ
އިޤްތިޞާދީ އޮޑި ފަރާއި ގާތްވަމުން އަންނަހިނދު ރައްޔަތުންގެ ކަޅި ހުއްޓިފައިވަނީ، ރޭވުންތެރިކަމާއެކު ސިޔާސީ ޕާޓީތަކުގެ ބޮޑުން ކުޅެމުން ގެންދާ، ސިލްސިލާ ސިޔާސީ ޑްރާމާތަކަށެވެ.
ކުރިމަތިވެފައިވާ އިގްތިސާދީ ހިރާސްތައް އުފަންކުރުވާ، ބޭރުކަނޑަށް ދަމާ އުދޮއިގައި އޮޑިޖެއްސި އިއްޔެގެ މާލިމީން، މިއަދު އަވަސްވެގަންނަނީ އަނެކާގެ ބޮލުގައި އިލްޒާމް އެޅުވުމަށެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތައް ތަރުޖަމާ ކުރެވެނީ، ނަގާފައިވާ ވިލާގަނޑުގެ ކެރީގެ ވާރެޔާއި ވައިގައި، އަދުގެ ސިޔާސީން އެއްވެސް މިންވަރަަކަށް ނުޖެހޭނޭ ކަމުގައި އެމީހުން ޤަބޫލުކުރާކަމަށެވެ.
މަސް ދަޅު ބަހާ، ކަރަންޓު ބިލް ޑިސްކައުންޓް ކޮށް، އެދުނަސް ނޭދުނަސް، އިތުރު ސަބްސިޑީތައް ދަނީ ހަދިޔާ ކުރަމުންނެވެ. ދުނިޔޭގެ ކޮންމެ ޤައުމަކުން ބޭނުން ކޮންމެ ފަރުވާއެއް ލިބޭނޭ އިންޝުއަރަންސް ހަމަޖެއްސުމަކީ މިއަދުގެ މަޖިލިސް މެންބަރުންނަށް އެންމެ މުހިންމު މަސައްކަތަށް ވެފައިވާ ހިނދު، ސިޓީ ކައުންސިލު އަވަސްވެ ގަންނަނީ މިޔުޒިކް ކުޅޭނޭ ސްޓޭޖެއް އެޅުމަށެވެ. އަމިއްލަ ވިޔާފާރީތަކަށް ފުރުސަތެއް ނޯންނާނެ ބީދައިން، މިނިސްޓްރީތަކުން ގެންދަނީ، އަމިއްލަ ފައިމަތީގައި ކޮށްޅަށް ހުންނާނޭ ހަކަތަ ނެތް ސަރުކާރު ކުންފުނިތަކުގެ ބޮލުގައި ކޮންޓްރެކްޓް އަޅުވައި ސުރުޚީއަޅާށެވެ.
ޚުލާޞާކޮށް، އާމްދަނީ ދަށްވެ، ބޭރުގެ ހިލޭ އެހީއާއި އުމްރާނީ މަޝްރޫއުތައް ތިލަނުވެ، ޕްރައިވެޓް ސެކްޓަރއަށް ދައްކަންޖެހޭ ބިލްތައް ފުނިޖެހި، ޖުމްލަކޮށް އިގްތިސާދީ ހަރަކާތްތައް މޯޅިވަމުން ހީނަރުވަމުންދާ މިދަނޑިވަޅުގައި، މުސާރަތަކާއި، އިނާޔަތްތަކާއި ރައްޔިތުންނަށް ދޭ ހިލޭއެހީތައް ދަނީ އިތުރު ކުރަމުންނެވެ.
ކުލަބޮކިތައް ނިވާ، ރަތްދޫލަ ގުދަންކުރުމުގެ ވަގުތު އަތުވެއްޖެއެވެ. އޮޑީގެ ރިޔާ ފަސްކަނިކޮށް، ދަތުރުވެރިންގެ ހަށިރައްކަލާއި އޮޑީގެ ސަލާމަތަށް އިސްކަންދިނުމަށް އަވަސްވެ ގަތުމުގެ ވަގުތު ޖެހިއްޖެއެވެ. ބޯމަތިވެފައިމިވާ އިގްތިސާދީ ތޫފާނުގައި ޖެހިއްޖެނަމަ ވަކި، ފަރުދަކު ބާކީނުވެ، ކެރީގެ އަސަރު އެންމެނަށް ކުރާނެއެވެ.
ސިލްސިލާ ސިޔާސީ ޑްރާމާތައް މެދުކަނޑާލާ، އެންމެން އެކީގައި ފަލީގައި ހިފައިފިނަމަ، މަރާމާތު ނުކުރެވޭ ވަރުގެ ގެއްލުމެއް ފަށަނަށް ލިބުމުގެ ކުރިން. އަމާން ބަދަރަކަށް އަދިވެސް އޮޑި ގެންދެވިދާނެއެވެ
ނޯޓް: މިއީ 'މޯލްޑިވްސް އިކޮނިމީ ޑޮޓް އެމް.ވީ' ޖާރނަލްގައި އާތިފް ޝަކޫރު 24 މާރިޗުގައި ލިޔުއްވާފައިވާ ލިޔުއްވުމެއް، އޭނާގެ އިޒްނައާ އެކު އަމިއްލަ ފަރާތަކުން ކުރައްވާފައިވާ ތަރުޖަމާއެކެވެ. އަސްލު އިނގިރޭސި ލިޔުން، މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.