ރާއްޖޭގެ ކޯޓުތަކަށް ރައީސް އޮފީހުން "އަތްބޭނުން" ހުއްޓުމާއެކު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޭޓް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވާސިޓީއާއި ޕީއެސްއެމްއާ ގުޅިގެން ސަންގު ޓީވީއިން ގެނެސްދިން ރިޔާސީ ބަހުސްގައި އެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަދި ބަހުސްގެ މޮޑަރޭޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވަނީ ރައީސް ޔާމީނާމެދު ކަންތައްކުރައްވާނެ ގޮތާމެދު މުއިއްޒަށް ސުވާލު އަމާޒުކުރައްވައިފައެވެ.
"ސިޔާސީ ޕާޓީތަކުން ރާއްޖޭގެ ވެރިކަން ކުރަން ފެށުނުތާނގައި ތަކުރާރުވާ އެއްކަމެއް އެބައޮތް. ރައީސް ޔާމީން ވަޑައިގެން ރައީސް މައުމޫން އެކަހެރިކުރެއްވި. ރައީސް ޞާލިޙް ވަޑައިގެން ރައީސް. މިއަދު ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލެއް ޑރ. މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނަށް ވާނީ ކިހިނެއްތޯ؟" މުއިއްޒަށް އަމާޒުކުރެވުނު ސުވާލުގައި އަސްވާޑު އެއްސެވިއެވެ.
މީގެ އިތުރުން، މުއިއްޒުގެ ވެރިކަމެއްގައި ޔާމީން ޖަލުގައި އޮންނާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނާކަމަށާއި ރިޔާސީ ޓިކެޓަކީ ވެސް ވަގަށް ނެގި އެއްޗެއްކަަމަށް ތުހުމަތުކުރައްވާކަމަށް ސުވާލުގެ ތަފްސީލުގައި އަސްވާޑް ވިދާޅުވިއެވެ.
މި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރާއެކު އޭނާއަށް ވެރިކަން ހަވާލުކުރާ ދުވަހަކީ ރައީސް އޮފީހުން ކޯޓުތަކަށް "އަތްބޭނުން" ނިމުމަކަށް އަންނާނެ ދުވަސްކަމަށެވެ.
އެ ދުވަހުން ރައީސް ޔާމީން މިނިވަންވާނެކަމަށާއި އެމަނިކުފާނު ހުންނެވީ ސިޔާސީ ނުފޫޒާއެކު ނުހައްގު ހުކުމެއް ކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.
"އެމަނިކުފާނަކީ މައުސޫމް ބޭފުޅެއް. އެހެންވީމަ އެ މަނިކުފާނު މިނިވަންވެގެން އަންނާނެ ސިޔާސީ ނުފޫޒު ނުކުމެގެން އަންނަ ދުވަހު. އެ ދުވަހަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އިތުބާރާއި ތާއިދާއެކު އަޅުގަނޑަށް ޕީޕީއެމް ޕީއެންސީ ވެރިކަމާ ހަވާލުވާ ދުވަސް. އިރާދަކުރެއްވިއްޔާ އެމަނިކުފާނު މިނިވަންވާނެ،" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާއަށް ޓިކެޓް ހަވާލުކުރެއްވީ ފުރިހަމަ އިތުބާރާއި ތާއީދާއެކު ރައީސް ޔާމީންކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މި ބަހުސްގައި ވަނީ ވެރިކަމަށް ވަޑައިގެންނެވުމުން، ސިޔާސީ ވާދަވެރިން ޖަލަށްލުމުގެ އާދައެއް ފެށިފައިވާކަމަށާއި ކެންޑިޑޭޓުންނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ސިޔާސީ ވާދަވެރިންނާމެދު ކަންތައްކުރައްވާނެ ގޮތަކާމެދު ވެސް ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން، މުއިއްޒު ވިދާޅުވީ މި ގައުމުގައި ހިނގަނީ ރާއްޖޭގެ ގާނޫނު އަސާސީކަމަށާއި އޭގަައި އޮންނަނީ މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ ގޮތަށް ކަންތައް ކުރުމަށް ކަމަށެވެ.
ގުރުއާނުގެ އާޔަތެއް ވިދާޅުވެ، އެ އާޔަތުގެ މާނަ ވެސް މުއިއްޒު ވިދާޅުވެދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގުރުއާނުގައި އޮތީ މީސްތަކުންގެ މެދުގައި ހުކުމް ކުރާއިރު އަދުލުވެރިކަމާއެކު ހުކުމްކުރުމަށެވެ.
"އެހެންވީމަ އެ އަދުލުވެރިކަން އަޅުގަނޑުމެންގެ ވެރިކަމެއްގައި ފެންނާނީ. އެއީ ރައީސުލްޖުމްހޫރިއްޔާކަމަށް ވިޔަސް އާންމު ރައްޔިތެއް ވިޔަސް ތަފާތެއް ނޯންނާނެ. ކުށެއް ކޮށްފިއްޔާ އެ އޮންނަ ހަމަތަކުން ގާނޫނު އަސާސީގައި އޮންނަ ގޮތަށް އެ ކަން ކުރިއަށް ދާނީ،" މުއިއްޒު ވިދާޅުވިއެވެ.
"ރާއްޖޭގައި ބަދަލުހިފުމުގެ ރޫހު ނިމުމަކަށް އަންނާނެ. އަނިޔާވެރިކަން، މިހާރު މި ފެންނަ އަނިޔާވެރިކަން ނިމުމަކަށް އަންނާނެ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހަމަޖެހުމުގެ ނޭވައެއް ލެވޭނެ،"
އޭނާ ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކޮށް އެ ދާއިރާއަށް ނުފޫޒުފޯރުވުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އަދި އިންސާފުވެރި ޝަރުއީ ދާއިރާއެއް މުއިއްޒުގެ ވެރިކަމެއްގައި ފެންނާނެކަމަށް ވެސް ވިދާޅުވިއެވެ.
"އޭރުން އެއީ ކޮންމެ މީހެއް ކުރި ކުށެއް ވިޔަސް ކުށަށް އަދަބު ދެވޭނީ. މީހާއަކަށް ނޫން. އެ މީހާއަށް ބަލާފައި އެއީ ވަކި މީހެއް ވެގެންނެއް ނޫން. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހަކަށް ވިޔަސް އެ މީހާއަށް އަަދަބު ލިބެން ޖެހެންޔާ އެ އޮންނަ އުސޫލުން އަދަބު ލިބޭނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ޖަވާބާއެކު އަސްވާޑް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ސިޔާސީ އެތައް ބަޔަކު ޖަލަށް ލައިފައިވާ ކަމަށާއި އެ ބޭފުޅުން ޖަލަށް ލެވުނީ ހައްގުންތޯ ސުވާލު އުފެދޭ ކަމަށެވެ.
އެ ސުވާލަށް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެސް ބޭފުޅަކު ގާނޫނާއި ގަވައިދާ ޚިލާފަށް ބަންދުކޮށް އަދަބު ދެވިފައި ނުވާނެ ކަމަށެވެ. އަދި ގާނޫނީ އުސޫލުތަކުގެ ތެރެއިން ޝަރީއަތްކޮށް ޝަރުއީ ދާއިރާއިން ނޫނީ އެއްވެސް ކަމެއް ކޮށްފައިވާ ތަން އޭރުގައި ނުފެންނާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.