ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަކަށް ދާނެ އެއް ބޭފުޅަކީ އޭނާކަން ޔަގީންވާ ކަމަށް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީން ދެއްކި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި، މޮޑެރޭޓަރު އަދި އެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ބަދަލުގައި އިލްޔާސަށް ޓިކެޓް ދިނުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ކުރައްވާފައެވެ.
އަސްވާޑް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ފަހުން އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި ނަޝީދު ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމަށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މީހުން ބުނަމުން އައި ކަމަށެވެ. ނަމަވެސް ފަހުން ނަޝީދު ވަނީ އާ ޖީލަކަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެ، ފަހަތަށް ޖެހިވަޑައިގެންފައިކަން އަސްވާޑް ފާހަގަކުރެއްވިއެވެ.
"ގިނަ ބަޔަކު އެބަ ބުނޭ ޑިމޮކްރެޓްސްގެ ޓިކެޓް މަނިކުފާނަށް ދެއްވީ ރައީސް ނަޝީދު އިންތިޚާބުގެ ގަދަ ދޭއްގައި ނުހިމެނި، އެމަނިކުފާނުގެ ސިޔާސީ ކުރިމަގަށް ގެއްލުމެއް ލިބިދާނެތީ، ނަޝީދުގެ ސިޔާސީ ކުރިމަގަށް ޓަކައި މަނިކުފާނު ގުރުބާން ކޮށްލަނީ ކަމަށް. އެގޮތަށް ފާހަގަވޭތޯ؟" އަސްވާޑް އެއްސެވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިލްޔާސް ވިދާޅުވީ އޭނާ މިހާރު ވެސް ހުންނެވީ އިންތިޚާބުގެ "ދެވަނަ ބުރުގައި" ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އިންތިޚާބުގައި އަޅުގަނޑު މިއަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާކަމުގެ ހުވާ ކުރާނަން. އަޅުގަނޑުމެން މި ކުރަނީ ސިޔާސީ މަސައްކަތް. އަޅުގަނޑުމެން ފެށިއިރު ވެސް ތިބީ މޮޅުވެގެން،" އިލްޔާސް ވިދާޅުވިއެވެ.
މި ސުވާލަށް ޖަވާބުދެއްވާ އިލްޔާސް އެއްވެސް ވަރަކަށް ނަޝީދުގެ ވާހަކަ ދައްކަވާފައެއް ނުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު، އެ ޕާޓީއިން ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން ނުކުތީ އެމްޑީޕީގެ އަސާސްތަކާ އެއްގޮތަށް ޕާޓީ ނުހިނގާކަމަށް ބުނެއެވެ. އޭގެ ފަހުން ދަ ޑިމޮކްރެޓްސް ޕާޓީ ރެޖިސްޓްރީ ކުރުމަށް ފަހު، ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ހަމައެކަނި އިލްޔާސެވެ. އެ ޕާޓީން ދެން ބޭއްވި ފެންނަ ނުފެންނަ ވޯޓު އޭނާ ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި 3،203 މީހުންގެ 94 ޕަސެންޓް ވޯޓް ހޯއްދަވައިގެންނެވެ.
ބޯހިޔާވަހިކަމަށް ބޭނުންވަނީ 'އަވަސް' ހައްލެއް
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިލްޔާސް ވަނީ މި ސަރުކާރުން ގޯތި ދޫކުރާ ގޮތަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެއްކޮށް ހިއްކާ ނުނިމޭ ގިރާވަރު ފަޅާއި ގުޅީފަޅުގައި ގެ އެޅުމަށް ރައްޔިތުން އެތައް ދުވަހަކަށް އިންތިޒާރުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލޭގެ ފަސް ކޮށި އެބައޮތް. މިތަނުގަ އަޅުގަނޑުމެން ގާއިމްކުރާނަން 15 ބުރީގެ ފަސް ކޮންޑޮމީޑިއަމް. 13 ބުރި ހާއްސަކުރާނީ ކޮންޑޯތަކަށް. އެތަނުގަ 2،500 ފްލެޓް، 18 އަހަރުފުރޭ ކޮންމެ ކުއްޖަކަށް ފްލެޓެއް ދޭނަން،" އިލްޔާސް ވިދާޅުވިއެވެ.
"ބޯހިޔާވަހިކަމުގައި މިއަދުން މިއަދަށް ހައްލު ބޭނުންވޭ. އަޅުގަނޑު މި ބުނަނީ ކޮންޑޯތަކެއް އަޅާފަ 18 މަސްދުވަސް ތެރޭ އެ ތަނުގަ މީހުން އުޅެވޭނެ ގޮތް ހަދާދޭނަމޭ. ފަސް ހާސް އާއިލާ އެތަނަށް ވައްދަން."
އިލްޔާސް ވިދާޅުވީ، ގެދޮރު ބިނާ ކުރަން ބޭނުންވާ މީހުންނަށް އިކުއިޓީއެއް ނޫނީ ބޭނުންވާ މޯގޭޖެއް ދޭނެ މީހަކު ނެތިއްޔާ ސަރުކާރުން އެކަން ކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މުހިންމީ ރައްޔިތު މީހާއަށް ބޯހިޔާވަހިކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކޮށްދޭނަން،" އިލްޔާސް ވިދާޅުވިއެވެ.
"ސަރުކާރުން އެންމެ ބޭއިންސާފުން ކޮށްދީފައިވާ ކަމަކީ އާސަންދައަށް ސަލާމްޖެހުން މަޖުބޫރުކޮށްފަ އޮތް އޮތުން"
"އާސަންދައަށް ރައްޔިތަކު އެދޭނަމަ ސިޔާސީ 10 ނުވަތަ 12 މީހުންނަށް ނުގުޅާ އާސަންދަ ހަމަނުޖެހޭ މީހަކު މިތާކު ނެތޭ،" އިލްޔާސް ވިދާޅުވިއެވެ.
އޭނާގެ ސަރުކާރެއްގައި އާސަންދަ ނިޒާމަކީ ވަރުގަދަ އިންޝުއަރެންސް ނިޒާމަކަށް ހަދައި، ބޭސްފަރުވާ ހޯދަން އެއްވެސް މީހަކަށް ގުޅަން ނުޖެހި، އެމީހަކު އަމިއްލައަށް ގޮސް ބޭސް ކުރެވޭނެ ނިޒާމަކަށް އެ ނިޒާމު ބަދަލުކޮށްދޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
"ހޮސްޕިޓަލުތަކުގެ، ޑޮކްޓަރުންގެ، ނަރުހުންގެ ފެންވަރު ރަނގަޅުކުރަން އެބަޖެހޭ. އެކަން އަޅުގަނޑުމެން ކުރާނަން. ސިއްހީ ދާއިރާގެ މުސާރަ އެއޮތީ ވަރަށް ގޯސްކޮށް ކަނޑައަޅާފަ. އެކަން އަޅުގަނޑުމެން އިސްލާހުކޮށް ހަމަހަމަވާގޮތަށް އެކަން އިސްލާހުކުރާނަން،" އިލްޔާސް ވިދާޅުވިއެވެ.