MTCC
Ooredoo

މި އިންތިޚާބަކީ ނުފޫޒު ފޯރުވައިގެން ކުރިއަށް ގެންދާ އެތެރެ ނުފެންނަ އިންތިޚާބެއް: ގާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް --- ފޮޓޯ/ ވަގުތު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ ސަރުކާރުގެ ނުފޫޒާއި ބާރު އިންތިހާއަށް ފޯރުވާފައިވާ އިންތިޚާބެއްކަމާއި އެއީ އެތެރެ ނުފެންނަ އިންތިޚާބެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ooredoo

ގާސިމް މިހެން ވިދާޅުވީ، މިރޭ ބޭއްވި ރިޔާސީ ބަހުސްގައި ފަހު ބަސް ބުނުމަށް ފުރުސަތު ދިނުމުންނެވެ. އޭނާ ވަނީ ބަހުސްގައި ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބިކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އޭނާ ވިދާޅުވީ މި ސަރުކާރުން ގާނޫނު އަސާސީއާ ޚިލާފު ވެފައި ވާކަމަށެވެ. އަދި ގާނޫނުގައި ބަޔާންކުރާ ގޮތުން ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީއަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުން ނިންމާ ގޮތެއްގެ މަތިންކަމަށް ގާސިމް ވިދާޅުވިއެވެ.

"އެހެންވީމަ މި ސަރުކާރު ބޮޑު ތަނުން ގާނޫނު އަސާސީއާ ޚިލާފުވެފައި ވާކަމަށް އަޅުގަނޑަށް ކަނޑައެޅިގެން ގަބޫލު ކުރެވޭތީ އަޅުގަނޑު މިގޮތަށް ނުކުމެ މި މަސައްކަތް ކުރަނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވެރިކަމެއްގައި ރާއްޖޭގެ ދަރަނި އަދާކުރުމަށް ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވާ ގާސިމް ވިދާޅުވީ، 2026ވަނަ އަހަރު ދައްކަންޖެހޭ ދަރަނީގެ ތެރެއިން 600 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ހޯއްދަވާނެ ކަމަށެވެ. އަދި ޓެކްސްގެ ނިޒާމު ބަދަލުކޮށް އާމްދަނީ އިތުރުކުރުމުގެ މަގު ފަހި ކުރާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް --- ފޮޓޯ/ ވަގުތު

ގާސިމްގެ ވާހަކަފުޅުގައި އޭނާ ވަނީ ވަރަށް ބޮޑަށް އާސަންދައިގެ ނިޒާމަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން އާސަންދައިގެ ދަށުން މިހާރު ލިބޭ އެހީއަކީ ބޭސް ދިނުމާއި ރާއްޖޭން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ހޮސްޕިޓަލުގެ ބިލް ދައްކައިދިނުން ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފެން ކުރިމަތިވާކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަން ހާމަނައިޒްކޮށް އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން އެކަން ހަމަޖެއްސޭނެ އުސޫލުތަކެއް ކަނޑައަޅާ ހުރިހާ އެންމެންނަސް ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައި ދޭނަން،" ގާސިމް ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ތަންފީޒު ކުރާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިބްރާހިމް ނާސިރު ވެސް ގެންގުޅުއްވި ޚާރިޖީ ސިޔާސަތު ކަމަށެވެ.

"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގައި އޮންނާނީ ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތު. އެންމެ ފުރަތަމައަށް ވެސް ދެވަނައަށް ވެސް ތިންވަނައަށް ވެސް. އޭގެ މާނައަކީ އިގްތިޞާދީ ކަންކަމުގައި ވެސް އިޖްތިމާއީ ކަންކަމުގައި ވެސް ދާޚިލީ ކަންކަމުގައި ވެސް،" ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ގާސިމްގެ ވެރިކަމެއްގައި އުމުރުން ދުވަސްވީ މީހުނަށް ދޭ 5000/- ރުފިޔާ 7000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ވެސް ގާސިމް ވަނީ ވައުދުވެ ވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމް މިހާރު ވަނީ ވެރިކަން ކުރުމުގައި ފެއިލްވެފައި ކަމަށެވެ.

"އެހެންވީމަ މިހާރު ރައްޔިތުން ވިސްނާ ވަޑައިގަންނަވަންވީ ރަނގަޅު ކެންޑިޑޭޓަކާ މެދުގަ. ކަންތައްތައް ކުރުން ގާބިލްކަން ހުރި ކެޕޭސިޓީ ހުރި މިދެންނެވި ގޮތަށް އެހީތެރިކަން ވެސް ދެވިދާނެ މީހަކަށް ވޯޓުލުން މީ މުހިންމު ކަމަކީ،" ބަހުސް ނިންމަލައްވަމުން ގާސިމް ވިދާޅުވިއެވެ.

Redstar
comment ކޮމެންޓް

comment ކޮމެންޓުދޯ

2 year 7 month ago

ގްރާންޓަކީ ނިދަން އޮށޯންނަމުން ހިތައް ގެނެސްފަ އަނެއް ދުވަހު ހެނދުނު ކޮޓަރި ދޮރުކައިރީގަ އަތުރާލާފަ ލިބެން ހުންނަ އެއްޗިއްސެއް ނޫން. ކިތައްމެ ލުއިކޮށް ބުނެލިޔަސް، އެ ގުރާންޓެއް ހޯދަނީ ކޮންތާކުން ކިހިނެއް؟ އަނެއްކާވެސް އިންޑިޔާއަށް ވިކޭނީ؟؟

comment ަޒްމީ

2 year 7 month ago

ގައުމު އެދެނީ ގާސިމްގެ ތަޖުރިބާއާއި ހިންގުންތެެރިކަން ހުރި ސަރުކާރެއް ގެނެސްދިނުމަށް. ރާއްޖޭގަ އޮތް އެންމެ ބޮޑު ދެޕާޓީވެސް ވަނީ ހެޔޮވެރިކަމެއް ކުރުމުގައި ފެއިލްވެފަ. އެމްޑީޕީއިން ދިވެހިންގެ މަންފާއާއި މަސަލަހަތަށްވުރެ އަބަދުވެސް އިސްކުރަނީ ބޭރުމީހުންގެ މަސްލަހަތު. ޕީޕީއެމްގެ ދުވަސްވަރު ކަރަޕްޝަނުން އުތުރިއަރައިގެން ގައުމު ވަނީ އަލިފާން ފަރުބަދައެއްގޮވާހެން ގޮވާފަ. މި ދެޕާޓީވެސްވަނީ ބޮޑުތަނުން ރައްޔިތުންގެ ހައްގުތަށް ގެއްލުވާލާފަ އަދި ހަވާލުކުރި ޒިންމާގައި ކޮޅުފައިން ޖަހާފަ. ދެން މިމީހުންނަށް ވެރިކަން ދިނުމުގެ ބަދަލުގައި އައުވިސްނުމަކަށް ފުރުސަތުދޭންޖެހޭ. ޖުމްހޫރީ ޕާޓީއޮތީ މިއަޒުމުގައި ފާގަތި އައު ސަފްހާތަކެއް ރާއްޖޭގެ ރިޔާސީ ތާރީޚުގައި ލިޔުމަށް އަތުކުރިއޮޅާލާފަ.

comment ނަޒީ

2 year 7 month ago

600 މިލިޔަން ޑޮލަރުގެ ގުރާންޓު ހޯދަދޭން ވައުދު ވީ ގާސިމް އިބްރާހިމް. ރައްޔިތުންގެ ހިތުގެ އިހުސާސް ތިއީ އިނގޭތޯ އޮނަރަބަލް ގާސިމް އިބްރާހިމް. އަދި ކިރިޔާ އިނގޭތޯ މި ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކަށް މިވަރުގެ ވައުދެއް ކުރެވުނީ. ދެން ތިބި ކެންޑިޑޭޓުން ދައްކަނީ ކުޑަކުދިން ދައްކާކަހަލަ ކުޅޭ ކުޅޭ ވާހަކަ. ގާސިމް އަށް އެކަނި ހަގީގީ ބަސް އެބުނެވުނީ. މިފަހަރު ގާސިމް އިބްރާހީމްއަށް ވޯޓު ދެއްވައި އެންމެން އެކަތިގަނޑަކަށްވެ މި ދަރަނިން މިންޖުވަމާ އިންޝާﷲ ގާސިމް އިބްރާހިމްކަށް ކާމިޔާބު ލިބޭނެ މިފަހަރު. އަދި ދަރަނީގެ ދަންތުރައިން އިރާދަކުރެއްވިއްޔާ މި ލޮބުވެތި ގައުމު މިނިވަންކުރައްވާނެ