ރާއްޖޭގެ ކަންކަން އިސްލާހުކުރުމަކީ ކުދިކުދި ބަދަލުތަކެއް ގެނެސްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ބޮޑެތި އިންގިލާބީ ބަދަލުތަކެއް ބޭނުންވާ ކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ރޭ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި، ރިޔާސީ ބަހުސް ނިންމާލެެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން ފާރިސް ވަނީ އޭނާގެ ތަސައްވުރު ހުލާސާކޮށްދެއްވާފައެވެ.
އޭނާ ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށްޓަކައި، ރައްޔިތުންގެ ވޯޓަކުން ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭނެއް ބޭނުންވާ ކަމަށެވެ.
"ރާއްޖެ އިސްލާހުކުރެވޭކަށް ނެތް ކުދިކުދި ބަދަލުތަކެއް ގެނެސްގެނެއް، ކުދިކުދި އިސްލާހުތަކެއް ގެނެސްގެނެއް، ކުދިކުދި އެތިކޮޅު ހިލޭ ދީގެނެއް ނޫނީ ހިލޭ ދޭ އެއްޗެހިތަކެެއް އިތުރުކޮށްގެނެއް," ފާރިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ސިޔާސަތު ވާންޖެހޭނީ އެންމެންގެ ޚިޔާލު ހޯދައި، ބަހުސްކޮށްގެން އެކުލަވާލާ ޕްލޭނަކަށް ކަމަށެވެ. އަދި އޭނާގެ ވެރިކަމެެއްގެ ފުރަތަމަ ދެ އަހަރު ދުވަސްތެރޭ އެފަދަ ޕްލޭނެއް އެކުލަވާލައްވާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ ދައުލަތުގެ މުއައްސަސާތައް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކޮށް، މިނިވަން މުއައްސަސާތައް މިނިވަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ މީހުންގެ މައްޗަށް އިސްކުރަންވީ ރައްޔިތުން
ބަހުސްގެ ތެރެއިން، ކުރީގެ ރައީސުން ހައްޔަރު ކުރުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ފާރިސް ވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި ނުފޫޒުތަކެއް އެބަހުރި ކަމަށާއި، އެކަމުގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމަށް މީހުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އެއާއެކު، އޭނާ ވިދާޅުވީ އެފަދަ ވާހަކަތަކަށް ވުރެ، ރައްޔިތުންނާ ގުޅޭ މައްސަލަތައް ބަހުސަށް މުހިއްމު ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ މި ކޮން ވާހަކައެއްތޯ؟އަޅުގަނޑުމެން އައިސް މި ރިޔާސީ އިންތިހާބެއްގައި ޑިބޭޓް މި ކުރަނީ، މި އަޅުގަނޑުމެންގެ ސިޔާސީ މީހުންގެ ވާހަކައެއް ނޫން" އޭނާ ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތައް ހުރި ކަމުގައި ވީނަމަވެސް، އެފަދަ ކަންކަމަކީ އިސްކަން ދޭންޖެހޭ ކަންކަން ނޫން ކަމަށެވެ.
ބޭރު ސިފައިން ފައިބަން އަންގާ، ނުފައިބައިފިނަމަ އެއީ ހަނގުރާމަ
ޚާރިޖީ ގުޅުންތަކާއި، ގައުމީ ސަލާމަތުގެ ސުވާލަށް ޖަވާބުދެއްވަމުން ފާރިސް ވިދާޅުވީ، ރާއްޖޭގައި ބޭރު އަސްކަރިއްޔާއެއް ހަނގުރާމައިގެ ބޭނުމަށް ނޫން ނަމަވެސް ތިބޭނަމަ، މަޖިލީހުން ފާސްކޮށްގެން ނޫނީ ނުތިބެވޭނެ ކަމަށެވެ.
އެފަދަ ބަޔަކު ތިބިނަމަ، ރީތިކޮށް ފައިބަން އެމީހުންގެ ކައިރީގައި އޭނާގެ ސަރުކާރެއްގައި ބުނާނެ ކަމަށެވެ.
"އެއްވެސް ބަޔަކު ފައިބަން ބުނެގެން، ނުފައިބައިފިނަމަ، އެއީ އެކްޓް އޮފް ވޯ އެއް [ހަނގުރާމައިގެ އަމަލެއް]. މިފަދަ ކަމެއް ތާރީޚުގައި ހިނގާފައިވާނަމަ، އެކަން އެބަޖެހޭ އަޅުގަނޑުމެންގެ ލީޑަރުން ރިޕޯޓުކުރަން ޔޫއެންގެ ސެކިއުރިޓީ ކައުންސިިލަށް" ފާރިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ނުނަގާ ތިބުމަކީ ލީޑާޝިޕް ބަލިކަށިވުން ކަމަށެވެ.
ފާރިސް ވިދާޅުވީ ޚާރިޖީ ގުޅުންތަކުގައި، އިންޑިއާ، ޗައިނާގެ ދެކޮޅުވެރިކަމަށް ވުރެ ދުރަށް ވިސްނަންޖެހޭ ކަމަށެވެ. އަދި، ދުނިޔޭގެ އުތުރާއި، ދެކުނުގެ ނަޒަރުން ބަލަން ޖެހޭ ކަމަށެވެ.
ވަކި ގައުމަކަށް ގޮސް ހުސްވާނެ ޚާރިޖީ ސިޔާސަތެއް ބައްޓަން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްރާއީލް ފިޔަވާ ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހިކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑުމެން ދިވެހިންނަށް ރަނގަޅު ގޮތެއް ނޫން ބޭރު ގައުމުތަކުގެ ދިދަ ހިފައިގެން އުޅުމަކީ" ފާރިސް ވިދާޅުވިއެވެ.