ރޯދަމަހުގެ ހަވީރު ގަޑީގައި މ. މުލަކުގެ ކޮންމެ ގެއެއްގެ ދޮށުން ވެސް ފެންނަނީ އަލިފާންގަނޑެކެވެ. ނުވަތަ އަލިފާން ގަނޑެއް ރޯކުރަން ބަޔަކު އުޅޭ މަންޒަރެވެ. ރޯދަ ވީއްލާ ގަޑިއަށް ކޮންމެ ގެއެއްގައި ވެސް އެއްގޮތަކަށް ކަންކަން ކުރާނީ ވަކި ސަބަބެއް އޮތީމައެވެ. ނުވަތަ އަލިފާންގަނޑު ބޭނުންކޮށްގެން އެކައްޗެއް ތައްޔާރުކުރާތީއެވެ.
ދިވެހީންގެ ތެރޭގައި ވެސް ތަފާތު ގޮތްތަކަށް ކާބޯތަކެތި ތައްޔާރުކުރެއެވެ. އެ އުސޫލުން ކާބޯތަކެތި ތައްޔާރުކުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި އަދިވެސް އޮވެއެވެ. އެހެން ތައްޔާރުކުރާ ކާބޯތަކެއްޗަށް ކިޔާ ނަން ވެސް ރީތިވެފައި ޚާއްސައެވެ. މިފަހަރު މިކިޔައިދެނީ މުލަކު މީހުންގެ ޒަމާންވީ، އައްސިއްޔޯގެ ވާހަކެވެ.
އައްސިއްޔޯއަކީ ކޯއްޗެއް؟
އައްސިއްޔޯއަކީ ފަރުމަހާއި ކާއްޓާއި ކިހައް ހިމަނައިގެން ތައްޔާރު ކުރާ ކެއުމެކެވެ. މި ކެއުމުގެ ޚާއްސަ އެއް ކަމަކީ މިއީ ރޮށި ނުވަތަ ބަތާ އެއްކޮށް ކާ އެއްޗަކަށް ނުވުމެވެ. އާންމުކޮށް، މުލަކުގައި އައްސިއްޔޯ ތައްޔާރުކުރަނީ ހަންޖާއި ގިނިމަހާއި މާނިއާމަސް ފަދަ ބާވަތްތައް ބޭނުންކޮށްގެނެވެ. ނަމަވެސް، އެހާ ބޮޑެތި މަހެއް ބޭނުމެއް ނުކުރެއެވެ. ގިނަ ފަހަރަށް މުލަކު މީހުން ބޭނުންކުރަނީ ތާޒާކޮށް ބާނާފައި ހުންނަ މެދު ސައިޒެއްގެ މަހެކެވެ. އަދި، މިއީ ހަމައެކަނި ރޯދަ ވީއްލާ ގަޑިއަށް ޚާއްސަ 'ލުއި' ކެއުމެއް ކަމަށް މުލަކު މީހުން ބުނެއެވެ.

އައްސިއްޔޯ ހަދަން މަހުގައި ޅިޔައަޅަނީ ---
މުލަކަށް އުފަން މޫސާ އިބްރާހީމް ބުނީ، އައްސިއްޔޯ ހަދަން ފެށި ތާރީޚު ވެސް ބުނަން ނޭނގޭ ކަމަށެވެ. އެއީ އެހާ ކުރީ ޒަމާނުން ފެށިގެން ތައްޔާރުކުރަން ފެށި އެއްޗަކަށް ވާތީއެވެ. އައްސިއްޔޯގެ ޚާއްސަވާ އަނެއް ކަމަކީ، މިއީ ރޯދަ ވީއްލާގަޑީގައި ކައިގެން މީހާއަށް އުނދަގޫ ނުވާ ކެއުމަކަށް ވާތީއެވެ.
"އެންމެން އެއްތަނަކަށް އައިސް އެ ކާން އުޅޭނީ. އެ ކާއިރުގައި އަނެއްހެން ހެދިކާއަށް ވުރެ ބަނޑަށް މާ ރަނގަޅު ކަމަށް ފެންނަނީ. މިހާރު މި ކައިގެން ބަނޑަކަށް ބުރައެއް ނުވާނެ. ނުލާހިކު ރީތިކޮށް ބަނޑު ހުންނާނީ. އަނެއްކޮޅުން ފާހާނައަށް ދާކަށް އުނދަގުލެއް ނުވާނެ. އައްސިޔޯއަކީ މީހާއަށް ތާޒާކަން އަންނަ އެއްޗެއް. ނުލާހިކު ރީތިކޮށް މީހާއަށް އަރާމުކޮށް ދުނިޔޭގައި އުޅެވޭ އެއްޗެއް އައްސިޔޯއަކީ،" އައްސިޔޯގެ ފައިދާތައް މޫސާ އިބްރާހީމް ކިޔައިދިނެވެ.

މޫސާ އިބްރާހީމް މަސް ފިހުމުގައި ހަރަކާތްތެރިވަނީ ----
އައްސިއްޔޯ ތައްޔާރުކުރުމުގެ މަސައްކަތުގައި ކާބަފައިންގެ ޒަމާނުން ފެށިގެން ހަރަކާތްތެރިވަމުން އަންނަނީ ފިރިހެނުންނެވެ.
އައްސިއްޔޯ ތައްޔާރުކުރާ ގޮތް!
ފުރަތަމަ މަސްތައް ހުޅުނބު ޖަހާލުމަށް ފަހު ސާފުކޮށް، މަސްތައް ކަނޑައި، ޅިޔަ އަޅާނީއެވެ. ދެން، މަސް ފިހުމަށް ބޭނުންކުރާނެ އުލެއް ފަންތޮށިގަނޑަކުން ތައްޔާރުކޮށް، އާންމުކޮށް މަސް ފިހަން ބޭނުންކުރާހެން ލޮނުމިރުސް ގަނޑެއް ތައްޔާރުކުރާނީއެވެ. އެއަށްފަހު، ތައްޔާރުކުރި ލޮނުމިރުސް ގަނޑުތެރެއަށް ސޯޔާސޯސް އަޅައި، މަސްތަކުގައި މިރުސް ލާނީއެވެ.

އައްސިއްޔޯއަށް ތައްޔާރުކުރާ މަހުގައި ލޮނު މިރުސް ލަނީ ---
ދެން މަހަށް އޫޖަހައި، ހަރުކޮށްލާނީއެވެ. އޫޖަހާއިރު ވެސް މަސްގަނޑުތެރޭ އޫ ހިފެހެއްޓުމަށް މަހުގެ އަނގައިގެން ލައްވައިގެން ނިގުލާ ދިމާލުން އޫ ނެރުން މުހިންމެވެ. ދެން، ނާށި ބޭނުންކޮގެން މަސް ފިހުމަށް ބޭނުންވާނެ އަލިފާންގަނޑު ތައްޔާރުކުރާނީއެވެ. އެހާއިރަށް މަސް އޮންނާނީ ރަނގަޅަށް ރަހަތައް ހެޔޮވަރުވެފައެވެ. މިޒަމާނުގެ ގޮތަށް ބުނާނަމަ، މެރިނޭޓުވެފައެވެ.
ނާށި އަންދައި، ނިމި އަލިފާން އަނގުރަށް ވުމުން އެހެރީ މަސް ފިހަން ލާން ތައްޔާރުވެފައެވެ. ދެން، އަލިފާން އަނގުރުގައި ރަނގަޅަށް ރޯ ފިލަން ދެން މަސް ފިހާނީއެވެ.

މަސް ފިހަން ބޭނުންކުރާ އަލިފާން ގަނޑު ތައްޔާރުކުރަން ނާށީ އަތުރަނީ ----
ފިހުނު މަހާއެކު، ކާން ކާށްޓާއި ކިހައް ތައްޔާރުކުރާ ޚާއްސަ ގޮތެއް އޮވެއެވެ.
އެއީ، ކާށި ހުންނާނީ ކާން ފަސޭހަވާނެހެން އުކުރާފައެވެ. ކިހައް ތައްޔާރު ކުރުމަށް ފުރަތަމަ ޖެހޭނީ އޭގެ ހިލަތޮށި ދުއްވާލާށެވެ. އެއަށްފަހު، ރީތިކޮށް ކާން ހެޔޮވަރުވަރަކަށް ކޮށައިލުމުން ނިމުނީއެވެ. އެކަމަކު، މި ދެ ބާވަތް ވެސް ކޮށާނީ ކާން ކައިރިވުމުންނެވެ.
މިހާރު ހުންނާނީ އައްސިއްޔޯ ތައްޔާރުވެފައެވެ.

އަލިފާން އަނގުރުގައި މަސް ފިހަނީ -----
މިއީ މުލަކު ރައްޔިތުންގެ ރޯދައަށް ޚާއްސަ ޒަމާންވީ ކެއުމެއް!
މި ކެއުމަކީ ރަށުގެ ޝަރަފަކަށް މިހާރު ވަނީ ވެފައެވެ. އެގޮތުން، ކޮންމެ ގެއެއްގައި ރޯދަ ވީއްލުމުގެ ސުފުރާމަތި ފަޅުފިލުވާލަނީ އައްސިއްޔޯ ހިމަނައިގެންނެވެ.
އައްސިއްޔޯއަކީ މުލަކު ރައްޔިތުންނަށް ޚާއްސަ ނަމެއް ކަމަށް ފަޚުރުވެރިކަމާއެކު، އެރަށު މުހައްމަދު ރަޝާދު ބުންޏެވެ.
"މިރަށުގައި ނޫޅޭނެ އެއްވެސް ގެއެއްގައި މަސް ފިހެފައި އެ ނަހަދާ ގެއެއް. ރޯދަ މަހަށް ހަމަ ހަދާނީ. މިހާރު އަހަރެންގެ އުމުރުން ވެސް 80 އަހަރުވީއިރުގައި. އޭގެކުރީން ވެސް ގައިމު މި ރަށުގައި ހަދާ އެއްޗެއް މިއީ."

މީހަކު އައްސިއްޔޯ ކަނީ ----
މި ކެއުން، އަތޮޅުގެ އެހެން ރަށްރަށަށް ވެސް ވަނީ ފުޅާވެފައެވެ. އެގޮތުން، ނާލާފުށި މީހުން މިއަށް ކިޔަނީ "އަކިރިގަނޑު" އެވެ.
މުލަކު މީހުންނަށް ރޯދަ ވީއްލުމެއް ފުރިހަމަ ވަނީ، އެރަށުގެ ޒަމާންވީ އައްސިއްޔޯ ހިމަނައިގެންނެވެ. މިފަދަ ކާބޯތަކެތި ޒަމާންތަކަށް ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހެއެވެ.