ޕީޕީއެމާއި ނަޝީދުގެ ގުޅުން: ގައުމަށް އުފަލެއް އެބައޮތްތަ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު މި ފަހުން ގާސިމް އިބްރާހީމަށް ދެއްކެވީ ބޮޑު ހުވަފެނެކެވެ. މިއީ ގާސިމް ވެރިކަމަށް ވަޑައިގަންނަވަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ވިދާޅުވެއެވެ. އެއާ އެކު ގާސިމަށް ސަރުކާރު ގޯސްވެ، ނަޝީދަށް ތައުރީފު އޮއްސާލެއްވިއެވެ. ގާސިމްގެ ރީތި، ސަން އައިލެންޑް ރިސޯޓްގައި ދެ ބޭފުޅުންގެ ވަށައިގެން އުޅުއްވާ ބޭފުޅުންނާ އެކު އެތައް ވަގުތެއް ހޭދަކުރެއްވިއެވެ. ހުދު ކޮތަރުން ފެށިގެން އެތައް ކަމެއް ހިއްސާ ކުރެއްވިއެވެ.

އޭރު ވެސް އަޅުގަނޑު ލިޔުނީމެވެ. ނަޝީދާއި ގާސިމަކީ ސިޔާސީ ގޮތުން ތެލާ ފެނެވެ. އެ އެކެއް ނުވާނެއެވެ. އެގޮތަށް ހިސާބު ޖަހަން އެނގުނީ އަޅުގަނޑު މާ މޮޅުވެގެންނެއް ނޫނެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތާއި ދެ ބޭފުޅުންގެ މިޒާޖާއި ސިޔާސީ ވިސްނުމާ މެދު ވިސްނާލުމުން އެކަން ވާނީ އެހެންކަން ހަމަ ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހައިން ވިސްނޭނެތީއެވެ. އެންމެ ފަހުން ގާސިމް ވެރިކަމަށް ނެރެން ނިންމުމަށް ފަހު ނަޝީދު އެ ބޭފުޅާއާ ދުރަށް ޖެހިވަޑައިގެންފިއެވެ. ގުޅުން ގޯސްވެއްޖެއެވެ.

ގާސިމް މިހާރު ވިދާޅުވާ ގޮތުން ނަމަ ނަޝީދަށް އެ މަނިކުފާން ނޫން ބޭފުޅަކު ވެރިކަން ކުރަން ކަމަކު ނުދާނެއެވެ.

https://sun.mv/178224

ނަޝީދާއި ޕީޕީއެމް: މުޅިން ދެ ވިސްނުމެއް

މިހާރު ނަޝީދުގެ އަމާޒު ހުރީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާ އެކު ސިޔާސީ މަސައްކަތް ކުރެއްވުމަށެވެ. މަޝްވަރާތައް ފައްޓަވައިފިއެވެ. އެކުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވައި ނޫސްވެރިންނާ ދިމާކުރުން ފަދަ ކަންކަން އެކުގައި ކުރައްވަން ފައްޓަވައިފިއެވެ. އަޑުތައް އިވޭ ގޮތުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދެ ޕާޓީން ވަކިން ވާދަ ކުރުމަށް ފަހު ދެވަނަ ބުރުގައި އެއް ކޯލިޝަނަށް އެރުމުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.

ސުވާލަކީ މި ދެ ފިކުރަނީ އެކުގައި މަސައްކަތް ކުރެވިދާނެ ދެ ފިކުރު ތޯއެވެ؟ އަދި، މި ދެ ފިކުރު ގުޅުމުން ގައުމަށް އޮތީ ހަމަޖެހުން ތޯއެވެ؟

ފުރަތަމަ ކަމަކަށް ބަލާއިރު ޕީޕީއެމްގެ އާއްމު މެންބަރުންނަކީ ޑީއާރުޕީ ޒަމާނުއްސުރެއް ނަޝީދު ނޫން އެހެން ގޮތަކަށް ތާއީދު ކުރާ މީހުންނެވެ. ވެރިކަމަށް ވަޑައިގަތުމަށް ވެސް ކޮށްދޭނެ ކަންކަމަށް ވުރެން ރައްޔިތުންނަށް ޕީޕީއެމުން އޭރު ވެސް ވިސްނައި ދިނީ ނަޝީދު ނޫން ގޮތެއް ގައުމަށް މުހިންމު ކަމެވެ. ޕީޕީއެމްގެ އާއްމު އެތައް ހާސް މެންބަރުންނަށް ނަޝީދުގެ ދީނީ އަދި ޤައުމީ ވިސްނުން ކަމަކު ނުދެއެވެ. ނަޝީދުގެ އިސްތަށިފުޅުގައި "ލާދީނީ" ޓެގު އެޅުއްވީ ޕީޕީއެމް ފިކުރުންނެވެ. އަދި، ނަޝީދުގެ ވަށައިގެން އެނބުރޭ ބޭފުޅުން މިއޮއްހައި ދުވަހު ޕީޕީއެމް ސިފަ ކުރަމުން އައީ "ވަގުންގެ" ގޮތުގައެވެ. ރައީސް އަބްދުﷲ ޔާމީނުން ފެށިގެން ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުންނަށް ވެސް އެ ލޭބަލް އެޅުވިއެވެ. ޔާމީން ޖަލަށް ލެއްވުމަށް އެންމެ ފޯރި ނެންގެވީ އެ ބޭފުޅުންނެވެ. އެ ދެ ފިކުރުން ކިޔަމުން އައި ލަވަ ބަދަލުވީ ކުއްލިއަކަށެވެ.

މި ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަށް ހުންނެވިއިރު ވަކި މުއްދަތެއްގައި ޔާމީން ޖަލަށް ލާނެ ކަމަށް ވިދާޅުވި ބޭފުޅުން މިއަދު މަގާމުން ވަކިކުރެއްވުމުން ޔާމީން ޖަލުގައި އޮންނަވަނީ ނުހައްގުން ކަމަށް ވިދާޅުވުމުން ރައްޔިތުން އެކަން ގަބޫލު ކުރާނެ ކަމަށް ވިސްނުމަކީ ގޯހެކެވެ. އަދި، އެއީ އިހުލާސްތެރިކަމާ އެކު ދައްކާ ވާހަކައެއްކަން ގަބޫލު ކުރާނެ ކަމަށް ވިސްނުމަކީ ވެސް ގޯހެކެވެ.

ދެން އޮތީ މި ދެ ފިކުރުގެ ހާރިޖީ ސިޔާސަތެވެ. ޒަމާނުންސުރެއް އެކިއެކި މަޖުބޫރީތަކުގެ ސަބަބުން ރާއްޖެ ތަރައްގީ ކުރަން ޖެހިފައި މިވަނީ އެހެން ގައުމުތަކަށް ބަރޯސާވެގެންނެވެ. ހަމަ އިސްކޮޅަށް ތެދުވުމުގެ ފުރުސަތެއް ނުލިބެއެވެ. މި ކަމުގައި ވެސް ނަޝީދާއި ޕީޕީއެމްގެ ފިކުރު މުޅިން ދިމާއިދިކޮޅެވެ. ނަޝީދަކީ އަވައްޓެރި އިންޑިއާއާ އަރިސް ބޭފުޅެކެވެ. އަދި، ދުނިޔޭގެ "ފެކްޓްރީ" ޗައިނާއާ ވަރަށް ދެކޮޅު ބޭފުޅެކެވެ. ރާއްޖެ ދަރަނީގެ ދަންތޫރައެއްގައި ޖައްސަނީ ކަމަށް ވިދާޅުވެ ފާޅުގައި ޗައިނާއަށް ފާޑުވިދާޅުވެއެވެ. ޕީޕީއެމަކީ ފާޅުގައި އިންޑިއާއާ ދެކޮޅު އަދި ޗައިނާއާ ހާރިޖީ ގުޅުން ގާތް ޕާޓީއެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގެވީ ޗައިނާއާ ގުޅިގެންނެވެ. އެހެންކަމުން މިއީ ވެސް މި ދެ ފިކުރު އެކުގައި މުސްތަގުބަލެއް ނެތް ކަމުގެ ބޮޑު ހެއްކެކެވެ.

ނަޝީދުގެ ބޭފުޅުން މިހާރު ވެސް ވިދާޅުވަނީ ޔާމީންގެ އެންގުމަށް ހިންގާ "އިންޑިއާ އައުޓް" ހަރަކާތަށް ތާއީދު ނުކުރާނެ ކަމަށާއި އެ ކަމުގައި ބައިވެރި ނުވާނެ ކަމަށެވެ. ޕީޕީއެމްއިން ބުނަނީ އެ ހަރަކާތް ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ. މިފަދަ އެތައް ކަމެއްގައި މި ދެ ފިކުރުގެ ހިޔާލު ވަރަށް ތަފާތެވެ.

މި ހަގީގަތްތައް މިހެން އޮއްވައި ޕީޕީއެމާއި ނަޝީދުގެ ޕާޓީން ގުޅިގެން އެކުލަވައިލާ ސަރުކާރުގެ މުސްތަގުބަލަކާ މެދު ވިސްނަވާށެވެ. ފުރަތަމަ ކަމަކަށް ނަޝީދަކީ އެހެން ބޭފުޅުންނާ ގުޅިގެން އުޅުއްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް އާއްމު މެންބަރުން އިންތިޚާބު ކުރި އިބްރާހީމް އިސްމާއިލް (އިބްރާ) އާއި ޑރ. މުޙައްމަދު މުނައްވަރާއި ޑރ. އިބްރާހިމްދީދީ (ޑރ. ޑީޑީ) ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެ ސަބަބާ ހުރެއެވެ. ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަން އެންމެ 23 ދުވަހުގެ ތެރޭގައި ރޫޅެން މެދުވެރިވީ ވެސް އެ ސަބަބާ ހުރެއެވެ. ހަމައެއާ އެކު ނަޝީދު އަމިއްލަފުޅަށް އައްޔަން ކުރެއްވި ނައިބު، ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކާ ވެސް މައްސަލަ ޖެހިވަޑައިގަތީއެވެ. އޭގެ ފަހުން މި ސަރުކާރުގައި ރައީސް ކަމަށް ވަޑައިގެންނެވި އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ވެސް މައްސަލަ ޖެހިވަޑައިގަތީއެވެ. މާޒީއަށް ބެލިނަމަވެސް މިފަދަ އެތައް ކަމެކެވެ. އެންމެ ފަހުން ގާސިމާއި ނަޝީދާ ދެބޭފުޅުންނާ ޖެހުނު މައްސަލަތަކަށް ވިސްނަވާށެވެ. މި ހުރިހާ ހަގީގަތް މިހެން އޮއްވައި ޕީޕީއެމާއި ނަޝީދު ގުޅިގެން ގެންނަ ސަރުކާރުގެ މުސްތަގުބަލަކާ މެދު ވިސްނަވާށެވެ.

އެފަދަ ސަރުކާރެއް ވެރިކަމަށް އަންނަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރު ކޯލިޝަން ތެރޭގައި މައްސަލަ ޖެހި ގައުމު އަނެއްކާ ސިޔާސީ ގޮތުން ހަލަބޮލި ވުމަކީ ގައުމަށް އޮތް ނުރައްކަލެކެވެ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް އަބަދު ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި އުޅެވޭކަށް ނެތެވެ. އޭގެ ސަބަބުން ގައުމީ ތަރައްގީ ހުއްޓޭތީއެވެ. އެހެންކަމުން ގައުމަށް މުހިންމީ ހަމަޖެހިގެން ވެރިކަން ކުރެވޭނެ ބައެކެވެ. އިރުއިރުކޮޅާ ވެރިކަން ބަދަލުވެ، ސަރުކާރު ތެރޭގައި ކޯޅުން ބޮޑުވުމަކީ މިފަދަ ގައުމަކަށް އުފުއްލޭވަރުގެ ބުރައެއް ނޫނެވެ.

ކަމެއް ކުރާއިރު އެކަމެއް ކުރާ ސަބަބު ވަރަށް މުހިންމެވެ. އިހުލާސްތެރިކަން އޮންނަން ޖެހެއެވެ. ޕީޕީއެމާއި ނަޝީދު ގުޅިވަޑައިގަންނަވާއިރު އެކަމުގެ ސަބަބަށް ވެސް ބަލަން ޖެހެއެވެ. ފެންނަ ގޮތުގައި ނަޝީދުގެ އޮތީ ހަމަ އެންމެ ބޭނުންފުޅެކެވެ. އެއީ، އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ރައީސް ޞާލިޙް ވެރިކަމުން ދުރުކުރެއްވުމެވެ. އެއީ، ޒަމާނުއްސުރެއް ނަޝީދު ރަސްކަން ކުރައްވަމުން ގެންދެވި އެމްޑީޕީ އަނބުރާ ހޯދުމަށާއި ވެރިކަމަށް ވަޑައިގަތުމަށެވެ. އެކަމަކު، ސުވާލަކީ އެންމެ ބޭފުޅެއްގެ ސިޔާސީ މުސްތަގުބަލަށްޓަކައި ގައުމު ގުރުބާންވާން ޖެހޭތޯއެވެ؟

މި ފަހަރު ވެސް މާބޮޑު ހިސާބެއް ޖަހާކަން ނުޖެހެއެވެ. ހަމަ ވިސްނުމަކުން ވިސްނުމުން މަންޒަރު ވަރަށް ސާފެވެ. އެއް ވިސްނުމެއްގައި އަދި އެއް މިސްރާބަކަށް މަސައްކަތް ކުރާ ބަޔަކަށް ނޫނީ އެކުގައި ނޫޅެވޭނެއެވެ. ވަކި ހިސާބަކުން ގުޅުން ގޯސްވެ ހަނގުރާމަ ފެށޭނެވެ. އަޅުގަނޑުގެ ޙިޔާލުގައި ޕީޕީއެމާއި ނަޝީދުގެ ގުޅުން ފެންނަނީ އެގޮތަށެވެ. ގުޅިގެން ވެރިކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން އެ ގުޅުމުން ގައުމަށް ވާނެ ފައިދާއެއް ނުފެނެއެވެ.

comment ކޮމެންޓް