ސަވާބާއި ދަރުމައިން ފުރިގެންވާ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ތިމާމެންގެ އަވައްޓެރިންނަށް ޖެއްސީ ދުއްތުރާލެވެ. ގޭތެރެ ޒީނަތްތެރިކޮށް، ސާފުކޮށް ނިންމާލުމަށް ފަހު ކުނިތައް އުކާލީ އިންތިހާއަށް ބާރުބޮޑު މާލޭގެ މަގުތަކަށެވެ. ރޯދަ ފެށެންވީއިރު މާލޭގެ ތޮއްޖެހިފައިވާ މަގުތައް އިތުރަށް ތޮއްޖެއްސީ އެ ކުނި ފަރުބަދަތަކުގެ ސަބަބުންނެވެ. ގޮދަޑިތަކާއި ސޯފާސެޓާއި ފާހާނާ ތަށިތަކާއި އެހެން ކުނި ބުންޏެވެ. ތިމާގެ ގޭތެރެއިން އެ އެއްޗެހި ނެރެވުނީމައި ތިމާއަށް ވަރިހަމަވީއެވެ. ދެން އެހެން މީހުންނަށް ކިތަންމެ ބޮޑު އުނދަގުލެއް ޖެހުނަސް އެ މީހުންނަށް ހެވެ. މިއީ ބައެއް ދިވެހީންގެ އުޅުން ހުރި ގޮތެވެ.
އަޅުގަނޑުމެން ގިނަ ދިވެހިންނަށް ސިންގަޕޫރު ވަރަށް ކަމުދެއެވެ. ރާއްޖެ ފަދަ ކުޑަ، އަދި މާ ބޮޑު ގުދުރަތީ ވަސީލަތެއް ނެތް އެ ގައުމު ތަރައްގީވި ގޮތަށް އާބާދީ މަދު މި ގައުމު ތަރައްގީވާން ބޭނުންވެއެވެ. އަދި ސިންގަޕޫރު ގިނަ ކަންކަމުގައި މިސާލު ދައްކައެވެ. ނަމަވެސް ގިނަ ދިވެހީންތަކެއްގެ އުޅުންހުރީ އެ ތަހުޒީބީ ގައުމުތަކުގެ އުޅުމާ ސީދާ އިދިކޮޅަށެވެ.
އެކަމުގެ އެއް ހެއްކަކީ ރޯދަޔަށް ވެގެން މާލެއަށް މި ހަދާލި ގޮތެވެ. މިއީ ނާތަހުޒީބުގެ އިންތިހާއެވެ. މާލޭ ސިޓީ ކައުންސިލުން ބުނާގޮތުގައި ވޭތުވެދިޔަ 17 ދުވަހުގެ ތެރޭގައި މާލެތެރެއިން 263.5 ޓަނުގެ ކުނި ވަނީ ނަގައި އުކާލައިފައެވެ. މިއީ 25 ފޫޓްގެ 10.54 ކޮންޓެއިނަރުގެ ކުންޏެވެ. މަގުތަކަށް ކުނި އެޅުމަކީ ބައެއް ބިދޭސީން ވެސް ހިމެނޭ ގޮތަށް ބައެއް ދިވެހީން މާ ކުރާ ހިތްވާ ކަމެއް ކަހަލައެވެ. ބޯލާ ދަޅާއި ސިނގިރޭޓާއި މިހެންގޮސް ބޭނުން ކުރުމަށް ފަހު ގިނަ އެއްޗެހި މަގު މައްޗަށް އެއްލާ ލުމަކީ ބައެއް ދިވެހިންނަށް އެއްވެސް ކަމެއް ނޫނެވެ.
ކަރު ކެހެމުން ކެހެމުން މަގު މައްޗަށް ނުކުމެ ކުޅު ޖެހުމާއި މަގަށް ބަޓަރު ފޮޅުމާއި ޑަސްބިން ކޮތަޅު މަގަށް އެއްލާލުން ފަދަ އެތައް ނާތަހުޒީބީ އަމަލެއް އެބަ ހިންގައެވެ. މިކަންކަމުގެ ސަބަބުން އެތައް ބަލިތަކެއް ފެތުރެން މަގުފަހިވާއިރު ބައެއް މީހުން އެކަންކަމަށް ފަރުވާލެއް ނެތީއެވެ. ތިމާއަށް ވީމަ ވީއެވެ. އެހެން މީހުންނާ މެދު ވިސްނާލުމެއް ނެތީއެވެ.
ކުނި އެޅުން އެކަންޏެއް ނޫނެވެ. ގިނަ ކަންކަމުގައި ބައެއް ދިވެހީންގެ ހުރީ ބޮޑު ވަރިހަމަ އުސޫލެވެ. އޭގެ އަނެއް މިސާލަކީ ނުގަވައިދުން ޕާކު ކުރުމެވެ. ޕާކު ކުރާނެ ޖާގަ ހެދެންދެން ސްޓިކާ ޖެހުމާއި ޓޯ ކުރުން މި ފަހުން ފުލުހުން ހުއްޓާލިއެވެ. އެއާއެކު މަގުތައް ބޮއްސުންލައިގެން ދިޔައީ ގިނަ ދިވެހީންގެ ނުރަނގަޅު އަހުލާގުގެ ސަބަބުންނެވެ. ހިނގާބިނގާވެ އުޅުމަށް ދަތިވާ ގޮތަށް މަގުތައް ފުރާލީއެވެ. ނުގަވައިދުން ޕާކު ނުކުރާނީ ކޮންތާކު ހެއްޔެވެ. އެފަދަ އުޅަނދުތައް ޓޯ ކުރާ ޓޯޔާޑަށް ދަތިވާނެހެން ވެސް ވެހިކަލްތަކުން ފުރާލީއެވެ. ނަރެއްހާތަން ދޫކޮށްލުމުން ކެނބެއްހާތަން ދަމައިގަތީއެވެ. އެންމެ ފަހުން ފުލުހުން ޖެހުނީ ލުއި އަނބުރާ ގެންގޮސް ފިޔަވަޅު އަޅަން ފަށާށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން މަގުތަކުގައި ހަދާފައި ހުންނަ ޕާކިން ޒޯންތަކުން ވެސް އެފަދަ މީހުންނަށް ފުރުސަތު ލިބެނީ މަދު ފަހަރެއްގައެވެ. ގޮތެއްފޮތެއް ނުބަލައި ޕާކު ކުރާ މީހުން އެ ޒޯންތައް ވެސް ފުރާލަނީއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން މަގުތަކަށް ވަދެ ނުކުމެ އުޅުމަށް ހަދާފައިވާ ރޭޕްތައް ކުރިމަތީ ވެސް ޕާކް ކުރަނީއެވެ. ޕާކިން ޒޯންތަކަށް ވަނުމަށް ޕޭމަންޓުން ތިރިކޮށް ހަދާފައި ހުންނަ ހިސާބުތައް ވެސް ބޭނުން ނުކުރެވޭ ގޮތަށް ޕާކު ކުރަނީއެވެ. މިހެންގޮސް ނާތަހުޒީބީ އެތައް ކަމެއް ވެހިކަލް ޕާކް ކުރުމުގެ ތެރެއިން ވެސް ދިވެހީންގެ ފުށުން ފެނެއެވެ.
ގޮތެއްފޮތެއް ނެތި މަގުތަކުގައި ދުއްވާ މީހުންނަށް ވެސް ބަލާށެވެ. އެ މީހުންގެ ފޮނި ބޮޑު ދުވެލީގެ ސަބަބުން ކުށެއް ނެތި މަގުތަކުގައި އުޅޭ އެތައް ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. ނަމަވެސް މިފަދަ ނުރައްކާތެރި ދުއްވުންތައް ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ. ބައެއް ސައިކަލްތަކާއި ކާރުތަކަށް ގެނެސްފައި ހުންނަ ބަދަލުތަކުގެ ސަބަބުން އެފަދަ އުޅަނދުތައް ދުއްވާފައި ދާއިރު ނަފުސާނީ ވާވަރުވެއެވެ. އެކަމަކު ތިމާގެ ގަދަކަން ދައްކަން ހަމަ އެކަމައިގެން ގިނަ ބަޔަކު އެ ދަނީ ކުރިއަށެވެ.
ބްރިޖާއި ހައިވޭއާއި މަގުތަކުގައި ވެސް ފަހަތުން އަންނަ މީހުންނަށް ކުރިއަށް ނުދެވޭނެހެން ސައިކަލްތައް އެކުއެކީގައި ބޮޑު ވާހަކައިގައި ދުއްވާފައި ދިއުމަކީ ވެސް ހަމަ އާއްމު ކަމެކެވެ. އެއްބަރިއަކަށް އެހެން ތިބެ ދުއްވުމަކީ ދެން ދުއްވާ މީހުންނަށް ކިތަންމެ ދަތިވާނެ ކަމަކަށް ވިޔަސް އެ މީހުންގެ ފަރުވާލެއް ނެތީއެވެ. ތިމާމެންނަށް ވީމައި އެ ވީއެވެ.
މިހެންގޮސް ލިޔަން ވެއްޖެއްޔާ ކިތަންމެ ކަމެއް އެބަހުއްޓެވެ. އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ އައިފޯން ގިނަ ގައުމަކަށް މި ރާއްޖެ ވެދާނެއެވެ. ނަމަވެސް ބައެއް ދިވެހީން ތަހުޒީބެއް ނޫނެވެ. އަހުލާގޭ މިކިޔާ އެއްޗެއް ކުޑަކޮށް ވެސް ނެތީއެވެ. ހަމައެއް ލަމައެއް ވެސް ނެތީއެވެ. ގިނަ ކަންކަން ހުންނަނީ ބޮޑު ވަރިހަމައިގައެވެ.
މި ހިސާބަށް ގައުމެއްގެ ހާލަތު ދިއުން މިއީ ކުޑަ ކަމެއް ނޫނެވެ. ދުރުރާސްތާ ޕްލޭންތަކެއް ހަދައި މި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަން ޖެހެއެވެ. މާ ބޮޑަށް ދޫ ދެވޭތީ ކަންކަން ބޮއްސުންލާނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހެއެވެ. މަގުތަކަށް ކުނި އެޅުމާއި ނުގަވައިދުން ޕާކް ކުރުމުގެ އިތުރުން ބާރަށް ދުއްވުމާއި ޓްރެފިކް އުސޫލުތަކާ ހިލާފުވާނަމަ ބޮޑެތި ޖޫރިމަނާތައް ވެސް ކުރަންވީއެވެ. އެވަރުން ނުހުއްޓުވޭނަމަ ޖަލު އަދަބު ވެސް ދޭންވީއެވެ. ނޫނީ ކަންކަން ދާނީ ދުވަހަކުން ދުވަހެއް ގޯހަށެވެ. ސިންގަޕޫރު އެ ފެންވަރުގައި އެ ހިފެހެއްޓެނީ މޫނަކަށް ކަނދުރާއަކަށް ނުބަލައި ގާނޫނު ތަންފީޒު ކުރާތީއެވެ.
އަހުލާގީ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު މިއީ ތައުލީމީ ނިޒާމުގެ ތެރެއިން ވެސް ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމެކެވެ. ދުރޫސުލްއަހުލާގު ކިޔެވި ޖީލު މިހާރުގެ ޖީލަށް ވުރެ ރަނގަޅުނަމަ ތައުލީމީ ނިޒާމު ބަދަލު ކުރަން ވެސް އެބަޖެހެއެވެ. ދުވަހަކަށް ވުރެ ދުވަހެއް މީހުންގެ އަހުލާގު ދަށްވާނަމަ ދިރާސާތައްކޮށް އެ ސަބަބުތައް ދެނެގަންނަން ޖެހެއެވެ. އެއަށް ފަހު ހައްލުކުރަން މަސައްކަތް ކުރަން ޖެހެއެވެ.
މުޅި އާބާދީއަށް ލިޔަން ކިޔަން އެނގުނަސް އަދި ޑިގުރީއާއި މާސްޓާސް ނަގައިގެން ތިބި މީހުން ކިތަންމެ ގިނަޔަސް އަހުލާގެއް ނެތިއްޔާ ގައުމެއްގެ ހާލަތު ރަނގަޅުނުވާނެ ކަމުގެ އެއް މިސާލަކީ މި ކުޑަކުޑަ ދިވެހި ރާއްޖެއެވެ. އަތު ޖެހުނުތާކަށް ކުނި އެޅުމާއި އުސޫލެއް ގަވައިދެއް ބެލުމެއް ނެތި އުޅުމަކީ ތިމާމެންގެ ގަދަކަން ކަމަށް ގަބޫލު ކުރުމަކީ ދެރަ ކަމެކެވެ. އެކަމަކު އެއީ މި ގައުމުގެ ބައެއް ރައްޔިތުންގެ ހާލެތެވެ. މިސާލަކަށް ސިންގަޕޫރު ބަލާއިރު އުޅުންހުރީ އެއާ އިދިކޮޅަށެވެ.