އަރާ ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް އެއާޕޯޓެއް އަޅުއްވައި ދެއްވުމުގެ ވައުދެވެ. ދެ ރަށް ދޭތެރޭގައި ފަސް މިނެޓްގެ ދަތުރެއް ކުރަން ނުޖެހުނަސް ދެ ރަށުގައި ދެ އެއާޕޯޓް ހިންގާނެ ވާހަކައެވެ. އެއާޕޯޓް އޮތް ރަށެއްނަމަ އެ ރަށެއްގެ އެއާޕޯޓް ބޮޑު ކޮށްދިނުމުގެ ވައުދެވެ. މިހެން ގޮސް ކަނޑައަކަށް ފަހު ކަނޑައެކެވެ. ވައުދަކަށް ފަހު ވައުދެކެވެ. މިއީ މި ފަހުން ރާއްޖެ ދުށް ހުރިހާ ރައީސުން މިއަދާ ހަމައަށް އަމަލު ކުރައްވަމުން އައި ގޮތެވެ. ވޯޓު ހޯދުމަށާއި ސިޔާސީ ބާރުވެރިކަން ހޯއްދެވުމަށް ވާން ނުޖެހޭ އެތައް ވައުދެއް ވަނީއެވެ. ކުރަން ނުޖެހޭ އެތައް ހަރަދެއް ކުރަނީއެވެ. އާބާދީ އެހާ މަދު މި ގައުމު މި ދަތި ހާލަތުގައި މި އޮތް ސަބަބަކީ މިއީއެވެ. ހިތާމައަކީ އެއް ރައީސަކު ހައްދަވާ ގޯސް އަނެއް ރައީސަކު ވެސް ހައްދަވަމުން ދާތީއެވެ.
ދުނިޔޭގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ވުރެ ރާއްޖޭގެ އާބާދީ ކުޑައެވެ. މިހާ ކުޑަ އާބާދީއެއް އޮތް ގައުމަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތައް މި ގައުމުގައި އެބަހުއްޓެވެ. ދިވެހިންގެ އާބާދީއަށް ވުރެ އެތައް ގުނައެއް އިތުރަށް ކޮންމެ އަހަރަކު ޓޫރިސްޓުން ރާއްޖެ އައިސް އެތައް ހޭދައެއް މިގައުމުގައި އެބަކުރެއެވެ. ނަމަވެސް ގައުމު އޮތީ ދަރައިފައެވެ. ދިވެހި ދައުލަތުގެ ޖުމުލަ ދަރަނި މިހާރު ހުރީ 124 ބިލިއަން ރުފިޔާގައެވެ. އެއީ, ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 100 ޕަސެންޓަށް ވުރެން އިތުރު އަދަދެކެވެ. ކޮންމެ އަހަރަކު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ބޮޑެވެ. އެތައް މިލިއަން ޑޮލަރެއް އާމްދަނީގެ ގޮތުގައި ކޮންމެ މަހަކު ލިބޭ މި ގައުމުގެ ރައްޔިތުންނަށް ހަމައަގުގައި ޑޮލަރެއް ގަންނާކަށް ނުލިބެއެވެ. ގިނަ ރައްޔިތުންނަށް އެކަށޭނަ ބޯހިޔާވަހިކަމެއް ނުލިބޭތާ ގިނަ އަދަދެއްގެ ރައްޔިތުންނަށް އަސާސީ ބައެއް ހިދުމަތްތައް އަދިވެސް ވަނީ ފޯރުނުކޮށްދެވިއެވެ. މިހެންގޮސް އެތައް ކަމެކެވެ.
މިއީ މި ކުޑަ ގައުމަށް އެކަށޭނަ ހާލަތެއް ނޫނެވެ. މިއީ ދިވެހިން އުޅެން ޖެހޭ ހާލަތެއް ވެސް ނޫނެވެ. ނަމަވެސް މި ހާލަތުގައި އުޅެން ޖެހިފައި މިވަނީ ޒަމާނުންސުރެ ސިޔާސީ ބޭފުޅުން ކުރަމުން އައި ދެކޮޅު ނުޖެހޭ ކަންކަމުގެ ސަބަބުންނެވެ. ލޯނު ނަގައިގެން ފައިސާ ނުލިބޭ ކަންކަން އިންތިހާއަށް ކުރުމުގެ ނަތީޖާއެވެ. އާމްދަނީ ހޯދަން ހަރަދު ކުރުމުގެ ބަދަލުގައި އާމްދަނީ ނުލިބޭ ކަންކަން ކުރުމުގެ ނަތީޖާއެވެ. އެ ކަންކަން ރައީސުން ކުރައްވަނީ އެ ބޭފުޅުންގެ ސިޔާސީ ކުރިމަގަށްޓަކައެވެ. އިންތިޚާބުތައް ކާމިޔާބުކުރުމުގެ ބޭނުމުގައި ރައްޔިތުންގެ ވޯޓް ހޯދުމަށެވެ. ގިނަ ދުވަހު މަގާމުގައި ހުރުމުގެ ބޭނުމުގައެވެ. ނަމަވެސް މި ގޮތަށް ގައުމު ކުރިއަށް ދާންވެއްޖެނަމަ ވެއްޓޭނެ އަނދަވަޅު ވަރަށް ބޮޑެވެ. މި ގައުމު ހިންދެމިލަން ބޭނުންނަމަ އެއް ރައީސަކު މިކަންކަން ކުރުން ހުއްޓާލަން ޖެހެއެވެ.
އަމާޒެއް، މިސްރާބެއް އޮންނަން ޖެހޭ
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކާއި ބާރު ސުޕީޑުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުން އެންމެ އާއްމުކޮށް ކުރާ އެއް ކަމަކީ ގައުމީ ތަރައްގީގެ ޕްލޭނެއް ގެންގުޅުމެވެ. އެ ގައުމުތައް ތަރައްގީ ކުރަނީ ހިސާބު ޖަހައި ޕްލޭން ކޮށްގެންނެވެ. މިސާލަކަށް ސައުދީއަރަބިއްޔާ ބަލާށެވެ. މުޅިން ތެލަށް ބަރޯސާވެފައިވާ އިގްތިސާދެއް އޮތް އެ ގައުމުގައި އަދިވެސް ރަނގަޅު ތެޔޮ ރިޒާވެއް އެބައޮތެވެ. ނަމަވެސް ދުނިޔެއަށް އަންނަ ބަދަލުތަކުގެ ސަބަބުން އިގުތިސާދީ އެހެން ހަރަކާތްތަކުގެ މުހިންމުކަން ފާހަގަވެ، މާސިންގާ ޕްލޭނެއްގެ ދަށުން ޓޫރިޒަމް ކުރިއަރުވަން އެ ގައުމުން އެ ވަނީ ފަށައިފައެވެ. ފަސްސަތޭކަ ބިލިއަން ޑޮލަރުގެ ނިއޯމް ޕްރޮޖެކްޓަކީ އޭގެ މިސާލެކެވެ. ދުބާއީއާއި ސިންގަޕޫރަށް ބެލި ނަމަވެސް އެ ގައުމުތައް މިހާރު އެ ދެކޭ ތަރައްގީއާ ހަމައަށް އާދެވުނީ ވެސް އަދި އެ ތަރައްގީ ފުޅާ ކުރަމުން އެ ދަނީ ވެސް ރަނގަޅަށް އަގުމަގު ކުރެވިފައިވާ ޕްލޭނެއްގެ ދަށުންނެވެ.
އަޅުގަނޑުމެންގެ ރާއްޖެއަށް ބަލާއިރު ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވާއިރު މުޅި ޕްލޭން އެއްކޮށް ބަދަލުވެއެވެ. އެއް ސަރުކާރުން ކުރާ ބައެއް ކަންކަން އަނެއް ސަރުކާރަކުން ކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ ކިތަންމެ ބޮޑު ހޭދައެއް ކޮށްފައި އޮތް ކަމެއް ނަމަވެސް ހުއްޓާލަނީއެވެ. ދިގު ރާސްތާ ޕްލޭނެއް ނެތުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މިސްރާބު އެކިއިރު ދުއްވަނީ އެކި ދިމާލަށެވެ. ނަތީޖާއަކީ މާ ބޮޑު ކުރިއެރުމެއް ނުލިބުމެވެ.
ލައްކަ ތަޖުރިބާތަކާއެކު މީގެ 100އެއްހާ ދުވަސް ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ގައުމީ ތަރައްގީގެ ތަފުސީލީ ޕްލޭނެއް ހެއްދެވުމުގެ މަސައްކަތް ގައުމީ ފެންވަރެއްގައި ފެއްޓެވުމެވެ. އެއަށްފަހު އެ ޕްލޭންގެ ދަށުން ގައުމު ތަރައްގީކުރުން ކުރިއަށް ގެންދިއުމެވެ.
ނަމަވެސް ކުރިއަށް މަޖިލިސް އިންތިޚާބު ކުރިއަށްއޮތްއިރު މިހާރު އެ މަނިކުފާނު ކުރައްވަމުން އެ ގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން ފެންނަނީ އެ މަންޒަރެއް ނޫނެވެ. އެހެން ރައީސުންނެކޭ އެއްގޮތަށް ބޮޑެތި ވައުދުތައް ވަމުން އަންނަ މަންޒަރެވެ. ކައިރިކައިރީގައި އެއާޕޯޓްތައް އެޅުންފަތަ އެތައް ކަމެކެވެ. ކުދިކުދި ރަށްތަކުގައި ވެސް އެތައް މިލިއަން ރުފިޔާގެ ފައިސާ ނުލިބޭ ޕްރޮޖެކްޓްތައް ހިންގާނެކަމުގެ ވައުދުވުމެވެ.
ނޯ ބުނަން ދަސްކުރަން ޖެހޭ
ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެންމެ މުހިންމީ އިގްތިސާދީގޮތުން ދެކޮޅު ޖެހުމެވެ. ރައްޔިތުން އަދި ކިތަންމެ އެދުނަސް އެކަމަކީ އިގުތިސާދީ ގޮތުން ދެކޮޅު ނުޖެހޭ ކަމެއްނަމަ އެކަން ކުރެވެން ނެތް ވާހަކަ ވިދާޅުވުމުގެ ގާބިލުކަން ސިޔާސީ ބޭފުޅުންގެ ހުންނަން އެބަޖެހެއެވެ. އާބާދީ މަދު އަދި އިގުތިސާދީ ހަރަކާތްތައް ނެތް ތަންތަނުގައި އެއާޕޯޓް އެޅުމަކީ މާލީގޮތުން ބުރައަކަށް ނޫނީ ނުވާނެއެވެ. އެހެންކަމުން އެ ހަގީގަތް ރައްޔިތުންގެ ގާތުގައި ވިދާޅުވެވެން ޖެހެއެވެ.
ރައްޔިތުން ރުއްސަން ކުރާ ދެކޮޅު ނުޖެހޭ ކަންކަމުގެ ސަބަބުން ލިބޭ ބޮޑު ގެއްލުމުގެ އެއް މިސާލަކީ މަސްވެރިންނަށް ފައިސާ ނުދެވޭ ހިސާބަށް ދިއުމެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން މަސްވެރިންނަށް ހަމައަގު ހޯދައި ދޭން ސިޔާސީ ބޭފުޅުން ވައުދުތައް ވާން ފެއްޓެވިއެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ކަނޑުމަސް ވިއްކޭއަގަށް ވުރެ ބޮޑު އަގެއް މަސްވެރިންނަށް ދޭން ސިޔާސީ ބޭފުޅުން ވައުދުވެ އެ ކަން ތަންފީޒުކުރަން ފެށިއެވެ.
މިއީ ކިހިނެއް ކުރެވޭނެ ކަމެއްތޯއެވެ؟ މިއަދު މިފްކޯ އެ އޮތް ހާލަތުގެ ހަގީގީ ސަބަބަކީ އެއީއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވީމައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް، ސިޔާސީ ބޭނުމަށް މަހުގެ އަގު ބޮޑު ކުރުމުން މި ފަހުން އެ އުފެދުނު ހަމަ ނުޖެހުންތަކަށް ބައްލަވާށެވެ.
ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ވެސް ހަމަ އެގޮތެވެ. ރާއްޖެ ތަރައްގީ ކުރެވެން އޮތީ ކޮންމެ ސިފައެއްގައި ނަމަވެސް އާބާދީ އެއް ފަސްކޮށްގެން ސިޔާސީ ހުރިހާ ބޭފުޅުންނަށް ވެސް އެނގެއެވެ. ނަމަވެސް ވޯޓްގެ ބޭނުމަށް ކުދިކުދި ރަށްތަކުގައި އެތައް މިލިއަން ރުފިޔާއެއްގެ ޕްރޮޖެކްޓްތައް ހިންގަނީއެވެ. މުސްތަގުބަލެއް ނެތްކަން އެނގޭއިރު ވެސް ލޯނު ނަގައިގެން ވެސް އެތައް މިލިއަނެއް ހޭދަ ކުރަނީއެވެ. މިކަމުގެ ހިތި ނަތީޖާ ފެންނައިރު ވެސް ހުއްޓާކަށް ނޫޅެއެވެ. މިކަން ހުއްޓުވުމަށް ކޮންމެ ވެސް ރައީސަކު ގުރުބާންވާން އެބަޖެހެއެވެ.
ބޭކާރު ހަރަދާއި ނާއިންސާފު
ލީ ކުއާން ޔޫއަކީ ސިންގަޕޫރު ތަރައްގީ ކުރެއްވި ބާނީއެވެ. އެ ބޭފުޅާ އެ ގައުމުގެ ވެރިކަން ކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގައި ވެރިކަން ކުރެއްވިހާ ދުވަހެވެ. އެ ގައުމަށް މިނިވަންކަން ވެސް ލިބުނީ ރާއްޖެއާ ދާދި އެކީގައި ކަހަލަ ގޮތަކަށެވެ. ތަފާތަކީ ލީ ކުއާން ޔޫ ސިންގަޕޫރަށް ގެނައި ބޮޑު ބަދަލެވެ. އެކަން ލީ ކުއާން ޔޫ ކުރެއްވީ އެއްބަޔަކަށް ހަރުކަށި ކަމަށް ފެނުނު އަނެއް ބަޔަކަށް ހަރުދަނާ ކަމަށް ފެނުނު ފިޔަވަޅުތަކެއް އަޅުއްވައިގެންނެވެ.
ރާއްޖެއަށް ބަލާއިރު ލިބޭއެއްޗަކާއި ކުރަންޖެހޭ ހަރަދު ދެކޮޅު ނުޖެހޭއިރު ކުރާ ބޭކާރު ހަރަދު އިންތިހާއަށް އިތުރެވެ. މިނިވަން މުއައްސަސާތަކުގެ ނަމުގައި ބޭކާރު އެތައް އިދާރާއެއް އެބަ ހިންގައެވެ. ބްރޮޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި މިހެން ގޮސް އެއްކޮށްގެން ހިންގެން އޮތް އެތައް ތަނެއް ވަކިވަކި ކޮށްގެން ބޮޑު ހޭދަ އެބަކުރެއެވެ. ލާމަރުކަޒީ ނިޒާމުގެ ނަމުގައި ފައިދާއެއް ނުވާ އެތައް ބަޔަކަށް މުސާރަތައް އެބަދެއެވެ. ނިޒާމު ދެކޮޅެއް ނުޖެހެއެވެ. ކުރުގޮތަކަށް ބުނާނަމަ އިނގިރޭސި ވިލާތްފަދަ ގައުމުތަކުގައި ހިންގާ ކޮންމެ މުއައްސަސާއަކަށް މި ކުޑަ ގައުމުގައި މުއައްސަސާއެއް އެބަ ހިންގައެވެ. މިއީ ދެކޮޅު ނުޖެހޭ ކަމެއްކަން އެނގިހުރު މިކަންކަން އިސްލާހުނުކޮށް، ހަމަ މި އިސްރާފު ހަރަދުތައް ކުރަނީއެވެ. މިކަން ހުއްޓުވުމަށް ރައީސަކު ގުރުބާން ވާން ޖެހެއެވެ.
ގައުމު ކުރިއަށް ދެވޭނީ ހިންގަން ގާބިލް މީހުން ތިބެގެންނެވެ. ސިންގަޕޫރާއި ޖަޕާން ތަރައްގީ ކުރުމަށް ވެސް އެންމެ އިސްކަން ދިނީ އިންސާނީ ވަސީލަތް ހަރުދަނާ ކުރުމަށެވެ. މި ގައުމުގައި ވެސް ކިޔަވައިގެން ތިބި މީހުން އެބަ ތިއްބެވެ. ނަމަވެސް އިސް މަގާމުތައް ގިނައިން ލިބެނީ ގާބިލުކަމެއް، މާ ބޮޑު ތައުލީމެއް ނެތް، މަގު މަތީ އެކްޓްވިސްޓުންނަށެވެ. ހުތުރު ބަހުން ޓްވީޓް ލިޔެ ޒުވާބު ކުރާ މީހުންނަށެވެ. ޕްރޮޑަކްޓިވް ކަމެއް ނުކޮށް އަރާރުން ވުމުގައި އުމުރުގެ ބޮޑު ބައެއް ހޭދަ ކޮށްފައިވާ މީހުންނަށެވެ. މިކަންކަން ހަމަ ކޮންމެ ވެރިކަމެއްގައި ވެސް ކުރަމުން އަންނަނީ އެގޮތަށެވެ.
ސިންގަޕޫރުގެ ވާހަކަ ދައްކާއިރު އެ ގައުމުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ފިޔަވަޅުތައް ފާހަގަ ކޮށްލަން ޖެހެއެވެ. އެއީ، ވެސް އެ ގައުމު ތަރައްގީގައި މިހާ ކުރިއެރި އެއް ސަބަބެވެ. އެކަމަކު އަޅުގަނޑުމެން ރާއްޖޭގައި ކޮރަޕްޝަން މި އޮތީ އަތުހިފާ ކާ ހިސާބުގައެވެ. މަގުމަތިން ޓްރެފިކް ޕޮލިހުންނަށް ރިޝްވަތު ދީގެން ސަލާމަތްވުން އެހެން ހުރިހާ ކޮރަޕްޝަންގެ އަމަލެއް އެބަ ހިންގައެވެ. މަޖިލީހުގެ މެންބަރުކަމާއި އެހެން ސިޔާސީ ނުފޫޒުތައް ބޭނުންކޮށްގެން ހައިރާންވާފަދަ ނުހައްގު މުއްސަނދިކަން ހޯދަނީ ފާޅުގައެވެ. ތިމާގެ ޕާޓީ މީހާ ވީމާ ފިޔަވަޅު އަޅާކަށް ވެރިންނަކަށް ނުކެރެއެވެ. މިކަން ނިމުމަކަށް ގެންނަން ރައީސަކު ގުރުބާން ވާންޖެހެއެވެ.
ރާއްޖޭގައި ހުރި މައްސަލަތަކުގެ ވާހަކަ މިހެން ގޮސް ދެ ފޮތެއްގައި ވެސް ނުލިޔެވޭހާ ގިނައެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކާއި އެކަމުގެ ހައްލު ވެރިންނަށް އެނގިލައްވައެވެ. ނަމަވެސް ވޯޓާއި މަގާމު ބޭނުމުގައި އެ ހަގީގަތާ ކުރިމަތި ލައްވަން ބޭނުންފުޅު ނުވަނީއެވެ. އޭގެ ހިތި ނަތީޖާއަކީ މި ގައުމު މިއޮތް ހާލަތެވެ. މިކަން ހައްލު ކުރެވެން އޮތީ ގުރުބާނީތަކެއް ވެގެންނެވެ. އެއް ވެރިއަކު އެ ގުރުވާން އެބަ ވާން ޖެހެއެވެ.