މަންޑޭލާ އުޅުއްވީ ހަމަ މިހެންތަ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ގްރެފިކްސް

އެތައް ބައެއްގެ ބުރަ މަސައްކަތާއި ގުރުބާނީތަކުން ރާއްޖެއަށް ގެނައި އިސްލާހީ ބަދަލުތަކުގެ ރީތި ނަން އެ ހޯއްދެވި ގޮތަކަށް ހޯއްދެވި ބޭފުޅަކީ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނަކީ އިސްލާހަށް މަސައްކަތް ނުކުރައްވާ ނުވަތަ ގުރުބާންތަކެއް ނުވާ ބޭފުޅެކޭ ނުދަންނަވަމެވެ. ރާއްޖެއަށް ބަސްބުނުމާއި ސިޔާސީ މިނިވަންކަން ގެނައުމަށް ނަޝީދު ވަރަށް މަސައްކަތް ކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކު އެ މަނިކުފާނު ސިފަ ކުރަމުން އައީ ޑިމޮކްރަސީގެ ބައްޕަގެ ގޮތުގައެވެ. ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސްގެ ގޮތުގައެވެ. އަދި ދެކުނު އެފްރިކާގައި އޮތް ނަސްލީ ތަފާތުކުރުންތައް ނިމުމަކަށް ގެންނެވި، އަދި ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި 27 އަހަރު ޖަލުގައި ހޭދަ ކުރެއްވި ނެލްސަން މަންޑޭލާގެ ލަގަބުން ނަން ދިނެވެ.

ދެކުނު އެފްރިކާގެ ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވި ފުރަތަމަ ރައީސްގެ ހައިސިއްޔަތުން މަންޑޭލާ ހުންނެވީ ގާނޫނު އަސާސީ ދެމެހެއްޓެވުމުގެ މަސައްކަތުގައެވެ. ރިޔާސީ ބާރުތަކުގެ ލިމިޓޭޝަންތަކަށް އިހުތިރާމް ކުރައްވައި، ޑިމޮކްރެޓިކް އޮނިގަނޑުގެ ތެރެއިން މަސައްކަތް ކުރައްވައި، މުސްތަގުބަލުގެ ލީޑަރުންނަށް ނަމޫނާ ދެއްކެވިއެވެ. މެޖޯރިޓީއަށް ތަބާވެވަޑައިގެންނެވިއެވެ. ހަމަނުޖެހުންތަކަށް ފުރުސަތު ނުދެއްވައި ވޯޓުން ނިންމާ ނިންމުންތަކަށް އިހުތިރާމު ކުރެއްވިއެވެ. ރައީސްކަމުގައި ގިނަ ދައުރު ތިބުމަށް ގިނަ ލީޑަރުން މަސައްކަތް ކުރައްވާއިރު، މަންޑޭލާ ވަނީ އެއް ދައުރަކަށް ފަހު އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވައިފައެވެ. މި ނިންމުމުން ހާމަވީ ޑިމޮކްރެޓިކް ހަމަތަކަށް އިހުތިރާމް ކުރުމާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލީޑާޝިޕް ބަދަލުކުރުމަށް އިސްކަން ދެއްވި މިންވަރެވެ.

ސުވާލަކީ ނަޝީދަކީ ހަމަ އެ ފެންވަރުގެ ޑިމޮކްރެޓިކް ބޭފުޅެއްތޯއެވެ؟

https://sun.mv/166867

ވޯޓަށް ފިލުން، ހުތުރު ކަމެއް

މާޒީގެ ވާހަކަ ފަހަށް ބާއްވާފައި މިހާރު އެ ހިނގާ ކަންކަމަށް ބަލަމާތޯއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ފާސްވާން ބޭނުންވަނީ 43 މެމްބަރުންގެ ތާއީދެވެ. ނަޝީދަށް ތާއީދު ނެތް ކަމަށް އަދި އެ މަނިކުފާނު މަޖިލީހުގެ ރައީސްކަމުން ވަކި ކުރުމަށް 49 މެމްބަރުން ސޮއިކޮށް މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފައެވެ. އެހެންކަމުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަކީ ނަޝީދު މަޖިލީހުގެ ރައީސްކަމުގައި އެ ހުންނަވަނީ މަޖިލީހުގެ އަގުލަބިއްޔަތުގެ ތާއީދު ނެތި ކަމެވެ. މިހާ ބޮޑު އަގުލަބިއްޔަތަކުން ނޫނެކޭ ބުނީމައި ރީތި ގޮތަކީ އިސްތިއުފާ ދެއްވައި މަގާމުން ވަކިވުމެވެ.

ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ/ މަޖިލިސް

ނަމަވެސް އެކަން ނުކުރައްވާތާ ނަޝީދު އަމަލު ކުރައްވަމުން އެ ގެންދަވަނީ ވަރަށް ހުދުމުހުތާރު ގޮތަކަށެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓް ނެގިޔަ ނުދެއްވަނީއެވެ. ސީދާ ކަނޑައެޅިގެން ވޯޓަށް ފިއްލަވަނީއެވެ. އެކި ފަހަރު ކުޅުއްވަނީ އެކި ޑްރާމާއެވެ.

ނަޝީދު ވަކިކުރަން މިހާރު ހުށަހަޅުއްވާފައިވާ މައްސަލައިގައި ވޯޓާ ހިސާބަށް ނުގޮސް އެމަނިކުފާން ފުރަތަމަ ހުއްޓުވީ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މެދުވެރިކޮށެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާއެއްގެ ރިޔާސަތުގައި އިންނަވަން ވާނީ މަޖިލީހުގެ ނައިބު ރައީސެވެ. ނައިބު ރައީސް ނެތް ހާލަތުގައި އަމަލު ކުރާނެ ގޮތެއް ގަވާއިދަކު ނެތެވެ. އެހެންވެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމުން އީވާ ގެންދެވީ މަޖިލީހަށް ސަލާމް ވިދާޅުވަމުންނެވެ. ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާ ކަމަށެވެ. އޭރުވެސް އެމްޑީޕީން ބުނަމުން ދިޔައީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ދެން ރިޔާސަތާ ހަވާލުވެވަޑައިގެންނެވޭ ފަސް ބޭފުޅުންގެ ތެރެއިން ބޭފުޅަކު ރިޔާސަތުގައި އިންނަވައި މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އިދާރީ މުވައްޒަފުން ވެސް އެ ފުރުސަތެއް ނުދެއްވިއެވެ. އެންމެ ފަހުން އެމްޑީޕީއިން މި މައްސަލައިގައި ދިޔައީ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް ކޯޓުން މައްސަލަ ނިންމީ އެމްޑީޕީ ކޮޅަށެވެ. މިދިޔަ ހަފުތާގައި އިއްވި ހުކުމުން އެނގުނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވާފައި އޮތީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެ ހުކުމާ ގުޅިގެން ނަޝީދު ވަނީ، ގަރާރުގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ގަރާރުގެ މަސައްކަތް ފަސް ދުވަހަށް ހުއްޓުވިއްޖެ ކަމަށާއި، އިންތިޚާބީ ރައީސް ހުވާ ކުރައްވަންދެން ވެސް ހިފެހެއްޓޭނެ ކަމަށް އެ މަނިކުފާނު ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފައެވެ.

https://sun.mv/184410

ނަޝީދު ވަކި ކުރުމުގެ މައްސަލަ މިއަދަށް އެޖެންޑާ ކުރުމުން ފެއްޓެވީ އިތުރު ޑްރާމާއެކެވެ. މިއަދުވެސް އީވާ މަޖިލީހަށް ސަލާމް ވިދާޅުވިއެވެ. އެއާއެކު ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ ނަޝީދުގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ޖަލްސާ ފެއްޓެވުމާއެކު ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ނަޝީދު ވަކި ކުރަން ހުށަހަޅާފައި އޮތީ ފުރިހަމަ ނުވާ ގަރާރެއް ކަމަށެވެ. އެ ގަރާރުގައި ދީބާޖާއެއް ނެތް ކަމަށެވެ. އެއާއެކު މަޖިލިސް ހޫނުވިއެވެ.

ރިޔާސަތުގައި އިންނެވި، ނަޝީދުގެ އަރިސްބޭފުޅެއްކަމަށްވާ އަފީފު އެއީ ނިޒާމީ ނުކުތާއެއްތޯ ނުވަތަ ނޫންތޯ ގޮތެއް ނުނިންމަވައި ނިޒާމީ ނުކުތާއަށް އިތުރު މެމްބަރުންނަށް ފުރުސަތު ދެއްވިއެވެ. އެމްޑީޕީގެ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވަމުން ގެންދެވީ މަޖިލީހަށް އެ މައްސަލަ ބަލައި ގަނެ، ދޭން ޖެހޭ ނޯޓިސް ނަޝީދާއި މެމްބަރުންނަށް ދީފައިވުމަކީ، އެ ޕާޓީއިން ގަރާރު ހުށަހެޅީ ގަވާއިދާ އެއްގޮތަށް ކަމުގެ ހެއްކެއް ކަމަށެވެ. އަދި މީގެ ކުރިން ހުށަހަޅާފައި ވަނީ ގަރާރެއް ނޫން ކަމަށް ޑިމޮކްރެޓްސްއިން އެންމެ ފަހަރަކު ވެސް ބުނެފައެއް ނުވެއެވެ.

އެހެންކަމުން މިއީ އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ކުޅޭ ޑްރާމާއެއްކަން ވަރަށް ސާފެވެ. އެންމެ ފަހުން ޖަލްސާ ހޫނުވެފައި ވަނިކޮށް ރިޔާސަތުގައި އިންނެވި އަފީފް ވަނީ އަލީ އާޒިމްގެ ނިޒާމީ ނުކުތާ ބަލައިގަނެ ގަރާރު ސައްހަ ނޫން ކަމަށް ނިންމައިފައެވެ. މަޖިލީހުގެ މެޖޯރިޓީއިން މައްސަލަ ކުރިއަށް ގެންދަން އާދޭސް ކުރަމުން ދަނިކޮށް ވޯޓަށް ނާހައި ޖަލްސާ ނިންމާލީއެވެ.

ނަމަވެސް ދެން އަނެއްކާވެސް ކުއްލިއަކަށް ފެނިގެން ދިޔައީ މިއަދު މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކުރިތަނެވެ. މިފަހަރު ރިޔާސަތުގައި އިންނެވީ މިއަދުގެ ޖަލްސާއަށް ސަލާމް ވިދާޅުވި ނަޝީދުގެ ކޮއްކޯފުޅު އީވާއެވެ. އެކަމަނާ ޖަލްސާ ފެއްޓެވުމަށްފަހު ވިދާޅުވީ އެ ގަރާރަކީ ކުރިން ރިޔާސަތުގައި އިންނެވި ބޭފުޅަކު ބަލައި ނުގަންނަން ނިންމާފައިވާ ގަރާރަކަށް ވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެން ވިދާޅުވެ ޖަލްސާ ނިންމަވާލެއްވީއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން: ސަން ގްރެފިކްސް-- އިބްރާހީމް ފަހީމް

އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަޝީދު އެ ގެންދަވަނީ އެމަނިކުފާންގެ މައްޗަށް އިތުބާރު ނެތި މަގާމުގައި ދެމި ހުރުމަށް މަސައްކަތް ކުރައްވަމުންނެވެ. މިއީ ހަމަ ޑިމޮކްރަސީގެ ބާނީއިން ކަން ކުރާ ގޮތްތޯއެވެ؟

މާޒީގައި ވެސް މިފަދަ އެތައް ކަމެއް

ވިދާޅުވާ ބަހާއި އަމަލާ ދިމާނުވުމަކީ ނަޝީދަށް އާ ކަމެއް ނޫނެވެ. ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދިނުމާއެކު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ވެސް ވިދާޅުވީ ވެރިކަން ބޭނުންފުޅު ނުވާ ކަމަށެވެ. އެކަމަކު އެމްޑީޕީގެ ހުރިހާ ކަމެއް އަމިއްލަ ކޮންޓްރޯލްގެ ތެރެއަށް ގެންނަވައި މުޅިން މަގުކޮއްޓެވީ ވެރިކަމާ ދިމާލަށެވެ. ހުދުމުހުތާރު ވެގެން މައުމޫނަށް ފާޑު ވިދާޅުވިއިރު މުޅި އެމްޑީޕީ ޒަމާނުންސުރެއް ނަޝީދު ކޮންޓްރޯލް ކުރެއްވި ގޮތަކީ ހިނި އަންނަ ޒާތުގެ ކަންކަމެވެ.

އެމްޑީޕީގެ ތެރެއިން ކުރިއަރަން މަސައްކަތްކުރި ބޭބޭފުޅުންނަށް ޖެހުނު ދަތުރު ހަނދާން ކޮށްލަން މިއީ ރަނގަޅު ދަނޑިވަޅެކެވެ. އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ފުރަތަމަ ރައީސަކަށް ހޮވިވަޑައިގެންނެވީ އިބްރާހީމް އިސްމާއީލް (އިބްރާ)އެވެ. އޭނާއަށް އެ މަގާމުގައި ހުންނެވުނީ އެންމެ 132 ދުވަހުއެވެ. ދެން ރައީސްކަމާއި ހަވާލުވި ޑރ. މުހައްމަދު މުނައްވަރަށް އެމަގާމުގައި ހުންނެވުނީ 437 ދުވަހުއެވެ. ތަފާތު ފިއްތުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުން ވެސް އިސްތިއުފާދެއްވީއެވެ.

ދެން އެ މަގާމާ ހަވާލުވެވަޑައިގަތީ ޑރ. އިބްރާހިމް ދީދީ (ޑީޑީ)އެވެ. އޭނާއަށް އެމަގާމުގައި ހުންނެވުނީ އެއް އަހަރު ދުވަހުއެވެ. ކުއްލި ގޮތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކުން އިތުބާރު ނެތް ކަމަށް ފާސްކޮށް ޑީޑީ އެމްޑީޕީގެ ރައީސް ކަމުން ވަކި ކުރީއެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިއުލާން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެހެން ސަބަބުތަކެއް ދައްކައި އޭނާ ވެސް ޕާޓީން ވަކި ކުރީއެވެ. އެ ހަތަރު ބޭފުޅުންނަށް ވެސް ޖެހުނީ އެއް ދަތުރެކެވެ. ހަމަ ޖެހުނީ ޕާޓީއާ ދުރަށް ވަޑައިގަންނަވާށެވެ. ސަބަބަކީ ކޮބާތޯއެވެ؟

އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާފައިވާ ބޭފުޅުން އެކަން އަންގައި ފޮނުވި ސިޓީތަކުގައި މުޅިންހެން ވިދާޅުވެފައި ވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ޕާޓީގެ ތެރޭގައި ހިނގާ ޑިމޮކްރެޓިކް ނޫން ނުފޫޒުތަކުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން މަސައްކަތް ކުރެވެން ނެތުމާއެކު އެ މަގާމުގައި އެ ބޭފުޅަކު ދެމިހުންނެވުމަކީ އަދި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަކީ ޒަމީރު ގަބޫލުކުރެއްވޭ ކަމަކަށް ނުވާތީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވައި މެންބަރުކަމުން ވަކިވެވަޑައިގަތީ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ނަޝީދު ބޭނުންވާ ގޮތަކަށް ކަންތައް ކުރާ، ނަޝީދުގެ ބަސް އަހާ، ނަޝީދުގެ ޕަޕެޓެއް ކަމަށް ވެއްޖިއްޔާ އެ މަގާމު އަދާކުރެވިދާނެ. ނަޝީދާ ހިޔާލު ތަފާތުވާ އަމިއްލަ ހިޔާލެއް ގެންގުޅޭ މީހަކަށް އެކަން ފުރިހަމައަށް އަދާ ކުރެއްވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ކުރިން ވިދާޅުވެފައިވެއެވެ.

އެތައް ގޮތަކުން ވެސް މަސައްކަތް ކުރައްވައިގެން ނަޝީދަށް ބަލި ނުކުރެއްވުނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއީލެވެ. ބާރު ދަށްވާން ފެށުމުން ދެން ނުކުންނެވީ އަމިއްލަފުޅު ޕާޓީ ހިންގަމުން އަންނަ ސަރުކާރާ ދެކޮޅަށެވެ.

އެއީ ޚުދުމުޚުތާރު ކަމާ ދެކޮޅު، ޑިމޮކްރަސީގެ ބައްޕަގެ ހާލަތެވެ. ވެރިކަމުގެ ލައްޒަތް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވާއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ވެސް ޖެހުނު އެންމެ ބޮޑު މައްސަލައަކީ ބޮޑު ވަޒީރުކަން ނުދެއްވުމެވެ. ބޮޑު ވަޒީރަކަށް ވާން ބޭނުންފުޅު ވާ ވާހަކަ ފާޅުގައި ރައީސް ޞާލިހުގެ އަރިހުގައި ވިދާޅުވިއެވެ.

އާއިލީ ވެރިކަމުގެ ސިފަތަކާ ދެކޮޅަށް ވާހަކަ ދެއްކެވި މަނިކުފާނަށް މަޖިލީހުގެ ނައިބު ރައީސްއަކަށް އެމަނިކުފާންގެ ދަށުން މަސައްކަތް ކުރައްވަން ކޮއްކޯފުޅު އީވާ ނޫން ބޭފުޅެއް އެ 65 މެމްބަރުންގެ ތެރެއިން ފެނިވަޑައެއް ނުގެންނެވިއެވެ. ހިތްތިރި ކަމަށް މަޝްހޫރު ރައީސަށް ހޮޓެލް ޖެންގައި، ދައުލަތުގެ މާލިއްޔަތުން ހަތް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހަރަދު ކޮށްގެން ހުރުން މައްސަލައަކަށް ނުވިއެވެ.

މައުމޫންގެ ޚުދުމުޚުތާރުކަމާއި އާއިލީވެރިކަމާއި އަނިޔާވެރިކަމުގެ އިތުރުން ނާއިންސާފުގެ ވާހަކަ ރައްޔިތުންގެ ތެރޭގައި ވިއްކައިގެން ވެރިކަމަށް ވަޑައިގެންނެވި، ޑިމޮކްރަސީގެ ބައްޕަގެ ފަރާތުން މިފެންނަނީ ޑިމޮކުރަސީގެ ސިފަތަކެއް ނޫނެވެ. އެއީ އެއް ރިޕޯޓެއްގައި ދެއްކޭ ވަރަށް ވުރެން ވެސް ގިނަ ވާހަކައެވެ. އެމަނިކުފާނުގެ ކުރު ވެރިކަމުގައި ވެސް މިފަދަ އެތައް ކަމެއް ކުރެއްވިއެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު އެކަހެރި ކުރުމާއި މުޅި ކެބިނެޓް އިސްތިއުފާ ދެއްވުން ފަދަ ލައްކަ ޑްރާމާތައް ކުޅުއްވިއެވެ. ނަތީޖާއަކަށްވީ ވެރިކަމުގެ މުއްދަތު ހަމަ ނުކޮށް އިސްތިއުފާން ދެއްވަން ޖެހުމެވެ.

ނަޝީދަކީ ޑިމޮކްރަސީގެ ބައްޕަ ނުވަތަ މަންޑޭލާ ފަދަ ބޭފުޅެކޭ ހަމަ ބުނެވިދާނެތޯއެވެ؟ އެ ސުވާލަށް އަޅުގަނޑު ދޭނެ ޖަވާބަކީ ނޫނެކެވެ. ހަމަ ބޮޑުކޮށް ނޫނެކެވެ. އަޅުގަނޑު ދެކޭގޮތުގައި ނަޝީދަކީ ޑިމޮކްރަޓިކް ހަމަތަކަށް އަމަލު ކުރައްވާ އަދި މެޖޯރިޓީއަށް ތަބާވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. މަޝްވަރާގެ އުސޫލަށް ވުރެ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް އެއީ އެންމެ މޮޅު ގޮތް ކަމަށް ގަބޫލު ކުރައްވާ ބޭފުޅެކެވެ. ކުރަން ނުވާވަރަށް ކަންކަމަށް "ރިއެކްޓް" ކުރައްވާ ބޭފުޅެކެވެ. އެހެން ކަމުން މަންޑޭލާގެ ނަމުން ނަޝީދަށް މުހާތަބު ކުރުމަކީ މަންޑޭލާއަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެއެވެ.

comment ކޮމެންޓް