ތަރައްގީއައިގެން އުޅުނަ ދޭން ވެއްޖެ!

މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަބަދުވެސް އެއް ބޭފުޅަކު ވެރިކަމަށް ގެނެސް އަނެއް ބޭފުޅަކު ވެރިކަމުން ބޭލުމުގައެވެ. ވެރިކަމުގައި ހުރި ބޭފުޅާއަށް ހިތުހުރި އެއްޗެއް ގޮވުމުގައެވެ. ވައްކަމާއި އެހެނިހެން ބަދުނާމުތައް އަޅުވައި މަގާމުން ބޭލުމުގައެވެ. ދެން އަނެއްކާ އާ ބޭފުޅަކު ވެރިކަމަށް ގެނެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ބޭފުޅަކަށް ވެސް ހަމަ ކުރިން ކަންތައް ކުރި ގޮތަށް ކަންތައް ކުރުމެވެ. ސޯޝަލް މީޑިއާއާއި ޓެބްލޮއިޑް ނޫސްތައް ހަދައިގެން އިންތިހާއަށް ދޮގުތައް ފަތުރައި އެކަކު އަނެކަމާމެދު ނަފްރަތު އުފެއްދުމެވެ. ނޫނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ހިފުމާއި މިފަދަ ސިޔާސީ ހަލަބޮލިކަންތައްތަކެއްގެ ތެރޭގައި އުޅުމެވެ.

މިއީ ސިޔާސީ ޕާޓީތައް އުފައްދައިގެން މިވީ 18 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހީން އުޅުނު، އަދި އުޅެމުން އަންނަ ގޮތެވެ. އަބަދުވެސް ސިޔާސީ ގޮތުން ހަމަނުޖެހުމާއި ހާސްކަމުގެ ތެރޭގައެވެ. އެއީ ބައެއް ސިޔާސީ ލީޑަރުން މާ އުޅޭހިތްވާ ގޮތެކެވެ.

ރާއްޖެފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް ހުރިހާ ގޮތަކުން ވެސް ހަމަޖެހުން ވަރަށް މުހިންމެވެ. ސިޔާސީ ހަމަނުޖެހުން ނެތްނަމަ ސަރުކާރުތަކުގެ ވެރިންގެ ފޯކަސް ތަރައްގީ ކުރުމަށް ގެއްލެއެވެ. އަބަދު ސިޔާސީ ކަމެއް ހަމަޖައްސަން އޭރަކު ތިއްބަވާ ވެރިންގެ ހަކަތަ ބޭނުން ކުރަން ޖެހޭނަމަ ހަގީގަތުގައި ވެސް އެހެން މަސައްކަތްތައް އޮންނާނީ މަޑުޖެހިފައެވެ. ރާއްޖެ ކުރަމުން މިއަންނަ ތަޖުރިބާއަކީ މިއީއެވެ.

ރައީސް މުހައްމަދު ނަޝީދު: ބަރުލަމާނީ ނިޒާމެއް ގެންނަން އެމަނިކުފާން ކުރައްވާ މަސައްކަތާ އެހެން ހުރިހާ ލީޑަރުން ދެކޮޅު-- ސަން ގްރެފިކްސް: އަލީ ޝާހީން

އެންމެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް މިރާއްޖެއަކީ ބޭރުގެ މީހުންނަށް ސުވަރުގެއެވެ. އެތައް ހާސް ޑޮލަރެއް ރެއެއްގެ މައްޗަށް ހޭދަކޮށްގެން އެ މީހުން މި ގައުމުގައި ހިތް އުފާ ކުރަމުން އެދަނީ އެކަން ހަމަ އެކަށީގެންވާތީއެވެ. ނަމަވެސް މި ގައުމުގެ ހަގީގީ ގިނަ ރަށްވެހިންނަށް އެ އުފަލެއް ނުލިބެއެވެ. މުޅި ރާއްޖޭގައި ވެސް ގިނައީ ރަނގަޅު ބޯހިޔާވަހިކަމެއް ނެތް މީހުންނެވެ. ލިބޭ މުސާރައާއި ހަރަދުތަކާ ދެކޮޅު ނުޖެހޭ މީހުންނެވެ. ހައްގު މަސައްކަތުން ދިރިއުޅެން ވެއްޖެނަމަ ގިނަ މީހުންނަށް އޮތީ ދަރަނިވެރިވުމުގެ ހާސްކަމެވެ. އަސާސީ ހައްގުތައްކަމަށްވާ ފެނާއި ނަރުދަމާގެ ހިދުމަތް ވެސް އާބާދީގެ ބޮޑު ބަޔަކަށް ކިރިޔާ އެ ލިބެންފެށީ މިވެރިކަމާ ހަމައިންނެވެ. ރަށްރަށަށް އޮތީ އަޅާނުލެވިއެވެ. އެކަށީގެންވާ ސިއްހީ ފަރުވާއެއް އަދިވެސް ވެރިރަށް މާލޭގައެއް ވެސް ނެތެވެ. ދެން ރަށްރަށުގެ ހާލަތު ވިސްނަވާށެވެ. ސިއްހީ ބޮޑު މައްސަލައެއް ދިމާވެއްޖެނަމަ ރަށުން ޖެހެނީ މާލެ ގެންނާށެވެ. މާލެއިން ޖެހެނީ ބޭރަށް ފޮނުވާށެވެ. މިހެން ގޮސް އެތައް ކަމެކެވެ.

މިއީ އެންމެ ވަރި ގިނަ އެއް ގައުމެވެ. އާއިލީ މައްސަލަތަކުގެ އެތައް ކުދިންނެއް ބިކަވެއްޖެއެވެ. މާދަމާ ގައުމާ ހަވާލުވާން ތިބި އެތައް ކުދިންނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާތައް އެދަނީ ލިބެމުންނެވެ. އޭގެ ތެރެއިން ގިނަ ގޯނާތައް އެ ކުދިންނަށް ލިބެނީ އެންމެ ރައްކާތެރިކަން ލިބެން ޖެހޭ ގޭތެރެއިންނެވެ. ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކުން ގައުމުގެ މުހިންމު އިދާރާތަކުގެ މައްޗަށް ބާރުފޯރުވޭ ހިސާބަށް ކަންކަން މިއޮށް ދަނީއެވެ. އިންތިހާއަށް މާޔޫސްވުންފަދަ ނަފްސާނީ ބަލިތަކުގެ ވޭނުގައި އުޅެމުން އަންނަ މީހުން އެތައް ހާހެއް ހުރަސް ކޮށްފިއެވެ. އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި އަޅާލުމާއި ލޯބި ދިނުންފަދަ ސިފަތައް ނެތިދަނީއެވެ. ކޮރަޕްޝަނާއި ފަސާދައިން އެއްބަޔަކު ނުހައްގު މުއްސަނދިކަން ހޯދާއިރު ހައްގުގެ ގޮތުގައި އާމްދަނީ ހޯދަން އުޅޭ މީހުންނަށް ހުރަސްތައް މާ ގިނައީއެވެ.

މިއީ މި ކުޑަކުޑަ ގައުމުގެ އަދުގެ ހާލަތުގެ ކުޑަ މިންވަރެކެވެ. މި ހަގީގަތް މިވަރަށް ދުނިޔޭގެ އެހެން ގައުމެއްގެ އިލްމީ މީހަކަށް އެނގިއްޖެނަމަ ހައިރާންވެ އަންތަރީސް ވާނެކަން ޔަގީނެވެ. އެހެންވާނެ ސަބަބަކީ ދުނިޔޭގެ ފެންވަރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ވުރެން މި ރާއްޖޭގެ އާބާދީ ދެގުނަ ކުޑަވުމެވެ. އެ ކުންފުނިތަކުން އެތައް ބިލިއަން ރުފިޔާގެ އާމްދަނީ ހޯދައި ހިންގަމުން އެއަންނަނީ ސީއީއޯއެއްގެ ލީޑާޝިޕްގެ ދަށުންނެވެ. އެހެންކަމުން މިފަދަ ކުޑަ ގައުމެއް ރަނގަޅަށް ތަރައްގީ ކުރުމަކީ އިހުލާސްތެރިކަމެއް ހުރެއްޖެނަމަ ވަރަށް ފަސޭހަ ކަމެކެވެ.

https://sun.mv/180753

އެއީ އަޅުގަނޑުމެންގެ ހާލަތެވެ. ސުވާލަކީ މި ހާލަތުގައި އޮތް ގައުމެއް އަދިވެސް ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އަހަރުތައް ނަގާލަންވީތޯއެވެ؟ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މި ހިނގާ ކަންތައްތަކަށް ބެލިޔަސް ގައުމާ މެދު މާޔޫސްވުން ނޫން އިތުރު ކަމެއް ނުވެއެވެ. ރައީސް މުޙައްމަދު ނަޝީދުގެ ބޭނުންފުޅަށް އެކަނި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން އެވަނީ ހިފާފައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓްލި ދެލައްކައަށްވުރެން ގިނަ މީހުންގެ ތެރެއިން 15000 އެއްހާ ވޯޓް ލިބުނު ނަމަވެސް އެ އިންތިޚާބުގެ ތިން ވަނަ ލިބުނީ ނަޝީދުގެ ޑިމޮކްރެޓްސްއަށެވެ. އެހެންކަމުން ދެވަނަ ބުރެއް ކާމިޔާބު ކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ވެސް އެ 15000 ވޯޓް މުހިންމެވެ. އެހެންކަމުން އޭގެ ފައިދާ ނަގައި ނަޝީދު ބޭނުންފުޅުވާ ގޮތަށް ނިޒާމު ބަދަލު ކުރުމުގެ ވޯޓަކަށް ދާން އެވަނީ ހިފާފައެވެ. އެ ވޯޓްކޮޅުގެ ބޭނުމުގައި އެންމެ ބޮޑު ދެ ޕާޓީއަށް އެކަމަށް އާބަސް ބުނަން މިވަނީ މަޖުބޫރުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި ނިޒާމީ ވޯޓެއް ނަގާނަމަ 50 މިލިއަނެއްހާ ރުފިޔާ އެކަމަށް ހޭދަވާނެއެވެ. އެހާބޮޑު ހޭދައެއްކޮށްގެން ނިޒާމީ ވޯޓަކަށް ދާން ބަލާއިރު 15000 ވޯޓް ލިބިލެއްވި ރައީސް ނަޝީދު ފިޔަވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކަކުން ނިޒާމު ބަދަލު ކުރުމާ ދެކޮޅެވެ. އަދި ނިޒާމު ގޯސްވެގެން އާއްމުން ވެސް އުޅޭތަނެއް ނުފެނެއެވެ. ދެހާސް ހަތްވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ބޮޑު އަގުލަބިއްޔަތެއް ލިބުނީ ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. އެކަމަކު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މިފަހުން އެ ނޫން މަސައްކަތެއް ރައީސް ނަޝީދު ނުކުރައްވައެވެ. އެހެންވެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން މަޖިލީހަކަށް ނުދެއެވެ. އޭގެ ނަތީޖާއަކަށް ވަނީ ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމެވެ. ނުވަތަ ބޭއްވޭލެއް ލަސްވުމެވެ. ފާސްކުރަން ޖެހޭ މުހިންމު ބިލްތަކެއް ހުއްޓާ މުޅި މަޖިލިސް އެވަނީ ހުއްޓުމަކަށް އައިސްފައެވެ. ދިވެހީން މިހާރު އަބަދު އުޅެން މިޖެހެނީ މިފަދަ ކޮންމެ ވެސް ކަމެއްގެ ތެރޭގައެވެ.

ދުނިޔެ މަތީގެ ސުވަރުގެ ކަމަށް ބޭރު މީހުންނަށް މި ރާއްޖެ ވިއްކައިގެން އެ ފައިސާއިން ގައުމު ހިންގަމުން އަންނައިރު އެ ސުވަރުގޭގެ އިހުސާސް ދިވެހީންނަށް ވެސް ކުރެވެން އެބަޖެހެއެވެ. އެކަން ވާނީ މިހާރު ރާއްޖެ މިއޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންގޮސްގެންނެވެ. އެ ހިސާބަށް ދެވޭނީ ސިޔާސީ ހަމަޖެހުން އޮވެގެންނެވެ. ހަގީގަތުގައި ވެސް މި ޒަމާންވީ ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނަން އެބަޖެހެއެވެ. ތަރައްގީއައިގެން ކުރިއަށް ދިއުމުގެ ފުރުސަތު ދޭން އެބަޖެހެއެވެ. އަބަދު ސަމާލުކަން ހޯދަން ނުވަތަ ހަމަނުޖެހުމެއްގެ ތެރޭގައި އުޅެން އުޅޭ ލީޑަރުންގެ އެ އަމަލަށް ތާއީދު ކުރުން ހުއްޓާލަން ޖެހެއެވެ.

comment ކޮމެންޓް