ތެލާއި ފެނުގެ ކޯލިޝަން: ހަމަ 23 ދުވަސްތަ؟

ގާސިމް އިބްރާހީމާއި ރައީސް މުޙައްމަދު ނަޝީދު-- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

ކިތަންމެ ގަޔާވެގެން އެކުގައި އުޅެން އުޅުނު ނަމަވެސް ދެ ވިސްނުމެއްގެ އަދި ދެ މިސްރާބެއްގެ ދެ މީހަކަށް އެކުގައި މާ ގިނަ ދުވަހު އުޅެވޭނެ ގޮތެއް ނޯންނާއެވެ. އެކަމުގެ ހެއްކަކަށް ހަމައެކަނި ފުދެނީ ފެމެލީ ކޯޓްގެ ތަފާސްހިސާބެއް ނޫނެވެ. ދިވެހިރާއްޖޭގެ ވެރިކަން ހޯދުމަށް މިހާތަނަށް އެކުލަވާލި ގިނަ ކޯލިޝަންތަކަކީ ވެސް އެކަމުގެ ހެއްކެކެވެ. އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ބެލި ނަމަވެސް ފެންނަނީ އެ މަންޒަރެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައި ދިނުމުގެ ދަތުރުގައި ނަޝީދާއި ގާސިމަކީ މުހިންމު ދެބައިވެރިންނެވެ. ނަޝީދަށް 2008ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުނީ ގާސިމްގެ ބޮޑު ތާއީދަކާ އެކުއެވެ. އެ ފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް މައުމޫނާއި ނަޝީދަށް ފުރުސަތު ލިބުމުން ގާސިމް އެރުއްވީ ނަޝީދު ފަޅިއަށެވެ. ކޯލިޝަން ހައްދަވައި ނަޝީދުގެ އުއްމީދީ ވެރިކަމުގެ ފުރަތަމަ ހޯމް މިނިސްޓަރަކީ ގާސިމެވެ. ނަމަވެސް އެ ގުޅުމަށްވީ އެންމެ 23 ދުވަހެވެ. ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ގާސިމް އިސްތިއުފާ ދެއްވާ ސަރުކާރާ ފެޔަށް ޖެހިވަޑައިގަތެވެ. ހަމަ އެންމެ މަހެއް ވެސް ނުވަނީހެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ - އަވަސް

މިއަދު ގާސިމަށް ވެރިކަން ހޯދައިދެއްވުމަށް ފޫގަޅުއްވައިގެން ހުންނެވި ނަޝީދުގެ އަމަލުތަކަށް ބަލާއިރު އިހުލާސްތެރިކަމެއް ނެތްކަން ވަރަށް ސާފެވެ. ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތާއި މަޖިލީހުގެ ރައީސްގެ މުސާރައާ އެކު ނަޝީދަށް މަހެއްގެ މައްޗަށް ދިވެހި ރައްޔިތުންގެ ފައިސާއިން 160125 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ އާންމު 22 ދިވެހީންގެ މަހު މުސާރައެވެ. މިހާ ބޮޑު އިނާޔަތެއް ލިބިވަޑައިގަންނަވާ ބޭފުޅަކު ހަމަގައިމު ވެސް އަމަލު ކުރައްވަން ވާނީ ގައުމަށް އެންމެ ފައިދާ ހުރިގޮތަށެވެ. ނަމަވެސް ކަން ވާތަން ފެންނަނީ އެގޮތަކަށް ނޫނެވެ.

ނަޝީދުގެ މައްސަލަ ވަރަށް ސާފެވެ. ރައީސް މައުމޫންގެ ދިގު ވެރިކަމަށް ފާޑު ވިދާޅުވި މަނިކުފާނަށް ކަމުނުގޮސްގެން އުޅެނީ އެ މަނިކުފާން އެމްޑީޕީގައި ކުރަމުން އައި ރަސްކަން ނިމުމަކަށް އައުމެވެ. ހަމައެހެންމެ ބޮޑު ވަޒީރުކަން ދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ދެކޮޅު ހެއްދެވުމެވެ. އެމްޑީޕީ އުފެއްދީއްސުރެއް މިވީ 17 އަހަރުގެ ތެރޭގައި އެ ޕާޓީ ހިންގަމުން އައީ ނަޝީދު ބޭނުންފުޅު ގޮތަކަށެވެ. އެ މަނިކުފާން ކިރިޔާ ވެސް ހިތްހަމަނުޖެހޭ ބޭފުޅެއްނަމަ ޖެހެނީ ޕާޓީ ދޫކޮށް ދާށެވެ. އެ ޕާޓީގެ ރައީސްކަން ކުރެއްވި އިބްރާހީމް އިސްމާއިލް (އިބްރާ) އާއި ޑރ. މުޙައްމަދު މުނައްވަރާއި ޑރ. އިބްރާހީމް ދީދީ އާއި ޗެއާޕާސަން ރީކޯ މޫސާ މަނިކަށް ޖެހިވަޑައިގަތީ އެ ދަތުރެވެ. އެތެރެއިންނާއި ބޭރުން ފިއްތުންތައް ކުރިމަތި ކުރުވިއެވެ. ޒާތީކޮށް ދިމާކޮށް މަގާމު އަތުލިއެވެ.

https://sun.mv/162602

ނަޝީދު އެމްޑީޕީގައި ކުރައްވަމުން އައި ރަސްކަން ނިމުން ފެށުނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާ ހިސާބުންނެވެ. ހިޔާލު ތަފާތުވުމުގެ ސަބަބުން ނަޝީދު ބޭނުންފުޅުވީ ފައްޔާޒް އެމްޑީޕީއިން ވަކި ކުރުމަށެވެ. ނަމަވެސް އެކަމާ ސީދާ ދެކޮޅު ހެއްދެވީ ރައީސް ޞާލިޙެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒާ ދެކޮޅަށް ނަޝީދުގެ ފަރާތްޕުޅުން އިމްތިޔާޒް ފަހުމީ (އިންތި) ނެރުއްވައިގެން ކުރެއްވި މަސައްކަތް ވެސް ނަޝީދަށް ވީ ނާކާމިޔާބެވެ. ކުރައްވަމުން އައި ރަސްކަން ނިމުމަކާ ހަމަޔަކަށް އައީއެވެ. ދެން އެމަނިކުފާން ރައީސް ޞާލިޙާ ދެކޮޅަށް ނުކުންނެވީ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ އިންތިޚާބަށެވެ. ނަމަވެސް ބޮޑު ނަތީޖާއަކުން އެ އިންތިޚާބުގައި ނަޝީދު ކުރުމަތި ލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާއެވެ.

ދެން އެއާ އެކު ޑިމްކޮރަސީގެ ބައްޕަގެ ގޮތުގައި ސިފަ ކުރައްވާ ނަޝީދުގެ ކިބައިން ފެންނަން ފެށީ ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި އަމަލުތަކެކެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރެއްވިއެވެ. އަދި އުސޫލާ ހިލާފަށް ޕާޓީގެ ތެރޭގައި އަމިއްލަ ގޮތްޕެއް އުފެއްދެވިއެވެ. "ފިކުރެއްގެ ދިރުން" ނަމުގައި އުފެއްދެވި ގޮފިން މިހާރު ކުރައްވަމުން އަންނަ މަސައްކަތަކީ ޖޭޕީގެ ލީޑަރު ގާސިމާ އެކު ކޯލިޝަން ހެދުމުގެ މަސައްކަތެވެ. ޕާޓީގެ އުސޫލުތަކާއި ގަވާއިދުތައް ފުނޑާލައްވަނީއެވެ. މިއީ ޑިމޮކްރަސީގެ ކޮން އުސޫލެއްތޯއެވެ؟

https://sun.mv/175405

ގާސިމް ވެރިކަމަށް ގެންނަން ނަޝީދު ބޭނުންފުޅުވަނީ އެއްވެސް ގޮތަކަށް ރައްޔިތުންނާއި ނުވަތަ ގައުމާ ދޭތެރޭ ވިސްނުމަށް ފަހުގައެއް ނޫނެވެ. ނަޝީދުގެ ހުރިހާ ވެސް ވިސްނުމަކީ އެ މަނިކުފާންގެ ސިޔާސީ ކުރިމަގެވެ. އެ މަނިކުފާނަށް އެމްޑީޕީ އަލުން ކިރިޔާ ވެސް ލިބެން އޮތީ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙަށް ނާކާމިޔާބު ވުމުންނެވެ. އެހެންކަމުން ނަޝީދު ނުކުންނަވައި އެ ހުންނެވީ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ރައީސް އިންތިޙާބުން ބަލިކުރެއްވުމަށެވެ. އަމިއްލަ އެދުން ނޫން ކަމެއް އެކަމުގައި ނެތެވެ.

ނަޝީދުގެ ބަހާއި އަމަލު ބަދަލުވީ ހަމަ ކުއްލިއަކަށެވެ. އެ މަނިކުފާނަށް މީގެ ކުރިން ކޯލިޝަން ކަމަކު ނުދެއެވެ. ރިޔާސީ ނިޒާމް އަދި މާ ކަމުނުދެއެވެ. މަހުޖަނުންނަށް ބައި އަޅައިގެން ވެރިކަން ކުރުން އަދި މާ ގޯހެވެ. މި ސަރުކާރާ ފެޔަށް ޖެހިވަޑައިގަތީ ކޯލިޝަން ގޯސް ކުރައްވައިފައެވެ. ކޯލިޝަންގެ ގުޅުމަކީ ވަރަށް އަގު ބޮޑު ގުޅުމެއް ކަމަށް ވިދާޅުވަމުންނެވެ. އެ ގުޅުމުގެ ސަބަބުން އެމްޑީޕީގެ ސިޔާސަތު ތަންފީޒު ނުކުރެވި، ސަރުކާރާއި ޕާޓީ ބަދުނާމުވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް ކުއްލިއަކަށް ނަޝީދަށް މި ހުރިހާ ކަމެއް ރަނގަޅު ވެއްޖެއެވެ. ގާސިމްގެ ފަހަތްޕުޅުން ދެވަނަ ސީޓަށް ވެސް ރުހިއްޖެއެވެ. ހަމަ އަމިއްލަ ސިޔާސީ އެދުމަށްޓަކައެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

އެކުގައި މަސައްކަތް ކުރަން ބަލާއިރު އެކުގައި ތިބި ޓީމުގެ ގުޅުން ރަނގަޅު ވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން "އޮނަރަބުލް ގާސިމް" ކަމަށް ވިދާޅުވި ނަމަވެސް ކައިރި މާޒީގައި ކަން އޮތީ އެގޮތަކަށް ނޫނެވެ. އެ ބޭފުޅުންނަށް އެއީ ބާޣީ ގާސިމެވެ. ސޭޓެވެ. ހިތް ނުފުރޭ ނުވަތަ ރަށެއް ފަޅެއް އަބަދު ވެސް ބޭނުންވާ މަހުޖަނެވެ. ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް އިސްވެ ހުންނެވި އަދާވާތްތެރިއެކެވެ. ނަޝީދުގެ އަރިސް ބޭފުޅުންނަކީ ގާސިމަށް މީގެ ކުރިން އިންތިޚާއަށް ފާޑުވިދާޅުވި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް މީގެ ކުރިން މަހުޖަނުން ކަމަކު ނުދެއެވެ. ކޯލިޝަނަށް ބައި އެޅުން ގޯހެވެ. މިއަދު ކުއްލިއަކަށް އެކަން ރަނގަޅުވީއެވެ.

ގާސިމަށް ބަލާއިރު އެ މަނިކުފާނަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ އެޑްވައިޒަރުންނާއި އެންވޯއީން ގިނަ ބޭފުޅާއެވެ. ލަފާ އަރުވާ ބޭފުޅުން އިންތިޚާއަށް ގިނައެވެ. އެ ލިސްޓަށް ބަލާއިރު ވެސް ނަޝީދުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅުންނެއް ނެތެވެ. މުޅިން ވެސް ގާސިމް އަރިހުގައި ތިއްބެވީ ސިޔާސީ ގޮތުން ނަޝީދާ ހިޔާލު ތަފާތުވުން ބޮޑު ބޭފުޅުންނެވެ. ކުރިން އެ ބޭފުޅުންގެ ނަޒަރުގައި ނަޝީދަކީ "ލާދީނީ" ބޭފުޅެކެވެ. ވެރިކަމަށް ކަމުދާ ބޭފުޅެއް ނޫނެވެ. މިއީ އެ ދެ ބޭފުޅުންނަށް މާގިނަ ދުވަހު އެކުގައި ނުތިބެއްވޭނެ ކަމުގެ ހެއްކެކެވެ.

ކިތަންމެ ބޭނުންވިޔަސް އެކުނުވާނެ އެއްޗެހި ހުންނާނެއެވެ. ތެލާއި ފެނާ އެއްގޮތަށެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި ނަޝީދާއި ގާސިމަކީ ސިޔާސީ ގޮތުން ތެލާއި ފެނެވެ. އެ ދެބޭފުޅުންގެ މަގުސަދާއި ވިސްނުމާއި އަމާޒުގައި ތަފާތުވުން އިންތިހާއަށް ބޮޑެވެ. އެހެންކަމުން އެކުގައި މާ ގިނަ ދުވަހު ތިބެވޭނެ މަންޒަރެއް ނުފެނެއެވެ. ކުރީ ފަހަރުވީ 23 ދުވަހެވެ. މިފަހަރު ކިތައް ދުވަސް ބާއެވެ؟

comment ކޮމެންޓް